ކ. މާލެ
|
29 ފެބްރުއަރީ 2024 | ބުރާސްފަތި 07:35
އެމްޑީޕީގެ 4 ވަނަ ދައުރުގެ ނުވަ ވަނަ ޤައުމީ މަޖިލީހުގެ ޖަލްސާގެ ތެރެއިން
އެމްޑީޕީގެ 4 ވަނަ ދައުރުގެ ނުވަ ވަނަ ޤައުމީ މަޖިލީހުގެ ޖަލްސާގެ ތެރެއިން
އެމްޑީޕީ
ކަނޑުގެ މައްސަލަ
ކަނޑުގެ މައްސަލައިގައި ލަފާދިން ޚަބީރުންނާއި ތައްޔާރުކުރި ލިޔުން ހާމަކުރުމަށް އެމްޑީޕީން ގޮވާލައިފި
 
އެޓަރނީ ޖެނެރަލްގެ އޮފީހުން ނެރުނު ނޫސް ބަޔާނުން އެ މައްސަލަ އިސްތިއުނާފުކުރެވޭނެކަން ނުވަތަ ނުކުރެވޭނެކަންވެސް ސާފުނުވޭ
 
ހަމައެކަނި ފެންނަނީ ސިޔާސީގޮތުން ނެރެފައިވާ ދިވެހި ބަހުން އޮތް ނޫސްބަޔާނެއްކަމަށް އެމްޑީޕީން ބުނޭ

ކަނޑުގެ މައްސަލައިގައި ސަރުކާރަށް ލަފާދިން “ޚަބީރުން” ގެ މަޢުލޫމާތާއި، އެ ފަރާތްތަކުން ތައްޔާރުކުރި ލިޔުން، އޮތްގޮތަށް، އުނި އިތުރަކާނުލައި، ރައްޔިތުންނަށް ހާމަކުރުމަށް އެމްޑީޕީން ގޮވާލައިފިއެވެ.

އެމްޑީޕީން މިހެން ގޮވާލާފައިވަނީ ދިވެހިރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން މައްސަލައިގައި އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ އިން ނިންމާފައިވާ ނިންމުން ދިރާސާކުރުމަށް މިހާތަނަށް ކުރެވިފައިވާ މަސައްކަތާއި ގުޅޭގޮތުން ބަންޑާރަނައިބުގެ އޮފީހުން ނެރެފައިވާ ނޫސްބަޔާނާ ގުޅިގެންނެވެ. ބަޔާން ފަށަމުން އެމްޑީޕީން ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ މަގުޗާޓުގައި، އިންޓަރނޭޝަނަލް ޓްރައިބުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގެ ނިންމުން އިސްތިޢުނާފުކުރުމަށް ހިމަނާފައިވާއިރު، އެ 14 ހަފުތާ ހަމަވިފަހުން 26 ފެބުރުވަރީ 2024 ގައި އެ މައްސަލައާ ގުޅޭގޮތުން އެޓަރނީ ޖެނެރަލްގެ އޮފީހުން ނެރުނު ނޫސް ބަޔާނުން އެ މައްސަލަ އިސްތިއުނާފުކުރެވޭނެކަން ނުވަތަ ނުކުރެވޭނެކަންވެސް ސާފުނުވާކަމަށެވެ.

އެ ނޫސް ބަޔާނުން, މިހާރުގެ ސަރުކާރުން ކުރަމުންގެންދާ މަސައްކަތަކީ، ވެރިކަމަށް އައުމަށް ކުރި ކެމްޕޭނުގެ ތެރޭގައި ރާއްޖޭގެ ކަނޑުން ބައެއް ގެއްލުނުކަމަށް ސިފާވާގޮތަށް ކެނޑިނޭޅި ދައްކަމުންދިޔަ ވާހަކަތަކަކީ ދޮގުވާހަކަތަކެއްކަމާ އަދިވެސް ސަރުކާރުން އެދަނީ ރައްޔިތުންނަށް އޮޅުވާލަމުންކަން ސާފުކޮށް އެނގޭކަމަށެވެ.

28 އެޕްރީލް 2023 ގައި އިޓްލޮސް އިން ކޮށްފައިވާ ޙުކުމާ ގުޅޭގޮތުން އެ ދުވަހުން ފެށިގެން އޭރުގެ އިދިކޮޅު ފަރާތްތަކުން ދައްކަމުން ގެންދިޔަ ވާހަކަތަކުގައި އެއްވެސް ބުރަދަނެއް ހުރިކަން ދައްކުވައިދޭ ކަމެއް އެ ޙުކުމުގެ ފަހުން 10 މަސްދުވަސް މިހާރު ފާއިތުވެފައިވާއިރުވެސް ދެއްކިފައެއް ނެތެވެ. ނޫސްބަޔާނުން އެނގޭގޮތުން ކުރެވުނުހާވެސް ކަމަކީ، “ކަމާބެހޭ ތަޖުރިބާކާރުން” ކަމަށްބުނާ، އެއީ ކޮންބައެއްކަން ނޭނގޭ ބަޔެއްގެ ޤާނޫނީ ލަފާ ހޯދުމެވެ.ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ (އަންކްލޮސް)ގެ އާޓިކަލް 296 އަށް ބަލާއިރު، އެ މުޢާހަދާގެ ދަށުން އިޚްތިޞާޞް ލިބިފައިވާ ކޯޓަކުން ނުވަތަ ޓްރައިބިއުނަލަކުން ނިންމާ ނިންމުމަކީ މައްސަލައިގައި ހިމެނޭ ޤައުމުތަކުގެ މައްޗަށް އަމަލުކުރުން ލާޒިމް ނިހާއީ، “final and binding” ނިންމުންތަކެކެވެ. އިޓްލޮސްއަކީ އަންކްލޮސް ގެ ދަށުން އުފައްދާފައިވާ ޓްރައިބިއުނަލަކަށްވާއިރު، އިޓްލޮސްގެ ނިންމުން އިތުރަށް އިސްތިޢުނާފެއް ނުކުރެވޭނެކަމަށާއި، އެ ނިންމުމަށް ދިވެހިރާއްޖެއިން އަމަލުކުރުން ލާޒިމުކަމަށް ރައީސް ޞާލިޙްގެ ސަރުކާރުން އަބަދުވެސް ގެންދިޔައީ ބުނަމުންނެވެ. އަންކްލޮސް އަކީ 7 ސެޕްޓެންބަރު 2000 ގައި ރާއްޖެއިން ބައިވެރިވެފައިވާ މުޢާހަދާއެއްކަމުން، އެ މުޢާހަދާއަށް ޢަމަލުކުރުމަކީ ދައުލަތުގެ މައްޗަށް ލާޒިމުކަމެކެވެ.

މައްސަލައިގެ ފުރަތަމަ މަރުޙަލާތަކުގައި ރައީސް ޞާލިޙްގެ ސަރުކާރުން ޢަމަލުކުރީ “ވަރަށް ޒިންމާދާރުކަން ކުޑަގޮތަކަށް” ކަމަށް ނޫސް ބަޔާނުގައި ބުނާއިރު، އަދި ނެގެންހުރި ގިނަ ދިފާޢުތަކެއް ނަގާފައިނުވާކަމަށް ބުނާއިރު، މައްސަލައިގެ ނޯޓިސް ސަރުކާރަށް ލިބުމުން ސަރުކާރުން ވަނީ ކަމާގުޅޭ ބައިނަލްއަޤްވާމީ ތަޖުރިބާކާރުންގެ ޓީމެއް އެކުލަވާލާފައެވެ. އަދި އެ ޓީމުގެ ލަފާގެ މަތިން، ދިވެހި ސަރުކާރުން ވަނީ، އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު ޗާގޮސްއާ ގުޅޭގޮތުން އޮތް މައްސަލަތައް ހައްލުވުމުގެ ކުރިން މި މައްސަލަ އިޓްލޮސްއަށް ބެލިދާނެކަމަށް ނުފެންނަ ކަމަށް ބަޔާންކޮށް 18 ޑިސެންބަރު 2019 ގައި އިޖުރާއީ ކަންކަން ހުށަހަޅާފައެވެ. އިޖުރާޢީ ގޮތުން ދިވެހިރާއްޖެއިން ފާހަގަކުރި ކަންކަމާ ގުޅޭގޮތުން އަޑުއެހުންތައް ބޭއްވުމަށްފަހު، 28 ޖަނަވަރީ 2021 ގައި އިޓްލޮސް އިން ނިންމާފައިވަނީ މޮރިޝަސްއިން ހުށަހަޅާފައިވާ މައްސަލައަކީ މައުޟޫޢީ ގޮތުން ބެލޭނެ މައްސަލައެއްކަމަށެވެ. މާނައަކީ، ޗާގޮސްގެ ކަނޑުގެ ސަރަޙައްދާ ގުޅޭގޮތުން މައްސަލަ ހުށަހެޅުމުގެ ޙައްޤު މޮރިޝަސްއަށް ލިބިގެންވާކަމަށެވެ. މި ނިންމުމަކީ، ރާއްޖެއިން ޢަމަލުކުރުން ލާޒިމު، އިސްތިއުނާފީ މަރުޙަލާއެއްގެ ތެރެއިން އިސްތިއުނާފުކުރުމުގެ ފުރުޞަތު ނެތް، ބައިނަލްއަޤްވާމީ ކޯޓެއްގެ ނިންމުމެކެވެ. ނަތީޖާއަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދާއި މޮރިޝަސްގެ ކަނޑުގެ ސަރަޙައްދުގެ ފުށުއަރާ ބަޔާ ބެހޭގޮތުން މައްސަލަ މަޢުޟޫޢީގޮތުން އިޓްލޮސްގައި ކުރިއަށް ގެންގޮސް ގޮތެއް ނިމިގެން ދިއުމެވެ.

އަދި 28 އެޕްރީލް 2023 ގައި އިޓްލޮސްއިން ކުރި ޙުކުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ދަށުން ހަމަޖެހޭ ޙުކުމެއް ނޫންކަމަށާއި، އެއީ އިޓްލޮސްއަށް ޤާނޫނީގޮތުން ނިންމޭނެ ނިންމުމެއްކަމާމެދު ސުވާލުއުފެދޭކަމަށް ނޫސްބަޔާނުގައި ބުނެފައިވަނީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށްގެނެއް ނޫނެވެ. އިޓްލޮސްއަކީ ބައިނަލްއަޤްވާމީ މުޢާހަދާއެއްގެ ދަށުން އުފައްދާފައިވާ، މައްސަލައިގައި ހިމެނޭ ޤައުމުތަކުގެ މައްޗަށް އަމަލުކުރުން ލާޒިމް ނިހާއީ ޙުކުމްތައް ކުރުމުގެ ބާރު ލިބިދީފައިވާ ޓްރައިބިއުނަލެކެވެ.

މައްސަލަ މަޢުޟޫޢީ ގޮތުން ބެލުމުގެ މަރުޙަލާގައި ދިވެހިރާއްޖެ ތަމްސީލުކުރުމަށްޓަކައި މި ދާއިރާއިން ފާހަގަކޮށްލެވޭ ތަޢުލީމާއި ތަޖުރިބާހުރި ބައިނަލްއަޤްވާމީ ވަކީލުންނާއި ހައިޑްރޯގްރަފީ އަދި ޖިއޮލޮޖީ ދާއިރާގެ ޚަބީރުންގެ މައްޗަށް އެކުލެވޭ ޓީމެއް ޢައްޔަނުކޮށް، ދިވެހިރާއްޖޭގެ ފަރާތުން ހުށަހެޅުންތައް ހުށަހަޅާފައިވާނީ ދިވެހިރާއްޖެއަށް އެންމެ ބޮޑު ސަރަޙައްދެއް ލިބޭނެފަދަ ގޮތަކަށް ދިވެހިރާއްޖޭގެ އެންމެ މަތީ މަޞްލަޙަތުތައް ޙިމާޔަތްކުރުމަށް އިސްކަން ދީގެންނެވެ. މި މައްސަލައިގައި ބައިނަލްއަޤްވާމީ ހަމަތަކުގެ މަތިން އިޓްލޮސްގައި ވާނީ އެންމެ ފުރިހަމައަށް ދިފާޢު ހުށަހަޅާފައެވެ.

ސަރުކާރު ތަމްސީލުކުރި ޓީމުގައި ހިމެނޭ ފަރާތްތަކާއި، ސަރުކާރުން ހުށަހެޅި ލިޔުންތަކާއި ދިފާޢުތަކާއި އަޑުއެހުމުގައި ދެއްކި ވާހަކަތަކަކީ އިޓްލޮސްގެ ވެބްސައިޓުން ފެންނަންހުރި ތަކެއްޗެވެ. އިޓްލޮސްގައި ހިނގި މައްސަލައިގެ ދެ މަރުޙަލާގެ އަޑުއެހުންތައްވެސް ގެންދިޔައީ ވަގުތުން ބްރޯޑްކާސްޓްކުރަމުންނެވެ. އަދި މައްސަލަ ހިނގަމުން ދިޔައިރާއި މައްސަލަ ނިމުމުން އޭރު އެޓަރނީ ޖެނެރަލްގެ އޮފީހުން ވަނީ ޢާންމުންނަށް ތަފްސީލީ މަޢުލޫމާތު ހާމަކޮށްފައެވެ. އެޓަރނީ ޖެނެރަލްގެ އޮފީހުގެ ވެބްސައިޓުގައި 23 އޮކްޓޫބަރު 2022 އަދި 25 މޭ 2023 ގައި ވަނީ ތަފްސީލީ މަޢުލޫމާތު ކަރުދާސް އާންމުކޮށްފައެވެ. އޭރު ހުރި ކަންބޮޑުވުންތަކަށް ޖަވާބުލިބޭގޮތަށް އިތުރު މަޢުލޫމާތުވެސް 2023 ގެ ކަރުދާހުގައި ވަނީ ހިމަނާފައެވެ.

ސަރުކާރުގެ ލީޑް ކައުންސެލް ޕްރޮފެސަރ ޕަޔަމް އަޚަވަން އަކީ ހާވާޑް ޔުނިވަރސިޓީން ކިޔަވާ ވިދާޅުވި އަދި އިންޓަނޭޝަނަލް ލޯގެ ޕްރޮފެސަރެކެވެ. ޕްރޮފެސަރ ޖޯން މާކް ތުވެނަން އަކީ އިންޓަރނޭޝަނަލް ލޯގެ ޕްރޮފެސަރެއްގެ އިތުރުން ހޭގް އެކެޑެމީ އޮފް އިންޓަރނޭޝަނަލް ލޯގެ ސެކްރެޓަރީ ޖެނެރަލެވެ. ޕްރޮފެސަރ މަކާން ބެންގ އަދި އިޖުރާއީ މަރުޙަލާގައި ލީޑް ކައުންސެލް ގެ ގޮތުގައި ޙަރަކާތްތެރިވި އެމެރިޓަސް ޕްރޮފެސަރ އެލަން ބޮއިލް (ނިޔާވެފައި) އަކީ އެ ދާއިރާގެ ޕްރޮފެސަރުންނެވެ. ޑޮކްޓަރ ނައޯމީ ހާޓް އާއި އޭމީ ސެންޑަރ އަކީ ކެމްބްރިޖް ޔުނިވަރސިޓީން ކިޔަވާވިދާޅުވި، އިނގިރޭސިވިލާތުގައި މަސައްކަތްކުރާ ވަކީލުންނެވެ. މި ދެ ވަކީލުންވަނީ، 26 ފެބްރުވަރީ 2024 ގައި އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ފަލަސްތީނުގެ ދިފާޢުގައި ރާއްޖެ ތަމްސީލުކޮށް ވާހަކަދައްކާފައިވެސްމެއެވެ. ޓެކްނިކަލް އެޑްވައިޒަރުންގެ ގޮތުގައި ހިމެނުނު ދެ ފަރާތަށް ބަލާއިރު، ޖޯން ބްރައުން އަކީ ލޯ އޮފް ދަ ސީ ދާއިރާގެ ފާހަގަކޮށްލެވޭ ޚަބީރެކެވެ. ޑޮކްޓަރ އެލައިން މަރފީއަކީ ޖިއޮލޮޖީ ދާއިރާގެ ޚަބީރެކެވެ. ރާއްޖެއިން 2010 ގައި ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފް އަށް ހުށަހެޅި ސަބްމިޝަން ތައްޔާރުކުރެއްވުމުގައިވެސް ޑޮކްޓަރ އެލައިން މަރފީ ޙަރަކާތްތެރިވިއެވެ. ރާއްޖޭގެ ޓީމުގައި ހިމެނުނު ފަރާތްތަކަކީ، މިފަދަ ގިނަގުނަ މައްސަލަތަކުގައި ބައިނަލްއަޤްވާމީ ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ޤައުމުތައް ތަމްސީލުކޮށް އަދި ލަފާދިނުމުގައި ޙަރަކާތްތެރިވެފައިވާ އަދި މިހާރުވެސް ޙަރަކާތްތެރިވަމުން ގެންދާ ފަރާތްތަކެކެވެ.

ކަންމިހެން އޮތްއިރު، އިޓްލޮސްގައި ރާއްޖެއިން ޢަމަލުކޮށްފައިވަނީ ޒިންމާދާރުކަން ކުޑަގޮތަކަށް ކަމަށް މިހާރުގެ ސަރުކާރުން ބުނާއިރު، އެފަދައިން ބުނާ ސަބަބެއް ބުނެދެވިފައެއް ނުވެއެވެ. އެފަދައިން ލަފާދިން “ޚަބީރުން” ނަކީ ކޮބައިކަމެއް ނޭނގޭކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ. އެ މީހުންގެ ތަޢުލީމާއި ތަޖުރިބާ ސާފެއް ނޫނެވެ. އެމީހުން ބުނި އެއްޗެއްވެސް މިހާރުގެ ސަރުކާރުން ހާމައެއް ނުކުރާކަމަށާއި ހަމައެކަނި ފެންނަނީ ސިޔާސީގޮތުން ނެރެފައިވާ ދިވެހި ބަހުން އޮތް ނޫސްބަޔާނެއްކަމަށް އެމްޑީޕީން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މަޖިލިސް ތެރެއިންނާއި ބޭރުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އެމްޑީޕީ ދެމިއޮންނާނެ: ޑީޑީ
ސާފު އަޣްލަބިއްޔަތު އެމްޑީޕީއަށް ލިބޭތަން ފެނޭ: ރައީސް ޞާލިހު
އަޑުއިވެމުންދަނީ އެންޓި ޑިފެކްޝަން ބިލު ތަސްދީގު ނުކުރަނީ އިންތިހާބަށްފަހު ސަރުކާރުން މެންބަރުން ގަންނަން ބޭނުންވާތީ ކަމަށް - ޞާލިހު
ވަޒީފާގެ ބިރު ދަނީ ވަރަށް ބޮޑަށް ދައްކަމުން، އިސްދޫން އެކަނިވެސް 100ށް ވުރެ ގިނަ މުވައްޒަފުން ވަކިކޮށްފި
މުއިއްޒުގެ އަތްޕުޅަށް ބާރުތައް ދިން ވަރަކަށް އިތުރަށް އެ ބާރުތައް މުށުތެރެއަށް ލައްވައި ބާރުކުރައްވަމުން ގެންދަވާނެ: ސާލިހު
ގައުމުގެ ވެރިޔާއާމެދު ފިޔަވަޅު އަޅަންޖެހޭ ހިސާބަށް ގައުމުގެ ހާލަތު ވަނީ ގޮސްފައި: ރައީސް ސާލިހު
ވަޒީފާގެ ބިރު ދައްކަމުންދާކަމަށާއި އިލެކްޝަންސް ކޮމިޝަނުން މިކަން ބެލުމަށް އެމްޑީޕީން ގޮވާލައިފި
ރައީސް ޔާމީންގެ ޝަރީއަތް ލަސްވާ ސަބަބު ބަލައިދިނުމަށް ޖޭއެސްސީއަށް ހުށަހަޅާނަން - އަސްލަމް