ކ. މާލެ
|
18 ފެބްރުއަރީ 2024 | އާދީއްތަ 17:37
‎ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާގެ ރައީސް އަދި ފަސްޓް ލޭޑީއާއެކު
‎ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާގެ ރައީސް އަދި ފަސްޓް ލޭޑީއާއެކު
ރައީސް އޮފީސް
ޗައިނާ-ރާއްޖޭގެ ފްރީ ޓްރޭޑް އެއްބަސްވުން
ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއި ކުރުމަކީ ކިހާ ނުރައްކާ ކަމެއް ކަން އެނގޭތަ؟
 
ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހެދުމަކީ، އެގައުމުގެ މައްޗަށް ރާއްޖެ ވަރަށް ބޮޑަށް ބަރޯސާ ވާނެ ކަމެއް
 
މި އެއްބަސްވުމާއެކު ރާއްޖޭގައި އިންތިހާއަށް ދަތިވެފައި އޮތް ބޭރު ފައިސާ އިތުރަށް ތަދު އެއްޗަކަށް ވާނެ
 
އެހެން ނަމަވެސް އެނގޭހައިވެސް ކަމަކީ، ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލަން އަދުގެ ސަރުކާރުން، ކުރިޔަށް އޮތް ދުވަސްތަކުގައި ފިޔަވަޅުތަކެއް އަޅާނެ ކަން

ލަފާ ކުރަންވެސް ދަތި ސިޔާސީ އޮއެވަރެއްގައި ޖެހިފައި އޮތް ދިވެހި ރާއްޖޭގެ ދަޢުލަތުގެ ވެރިކަން ހިންގުމުގެ އެންމެ މަތީ ބާރަށް، ރައްޔިތުންގެ ނިންމުމުން ގެނައި ބޮޑު ބަދަލާއެކު އަނެއްކާވެސް ގަދަވާން ފެށި އަޑަކީ، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ގުޅުންތައް، އޭގެ އެންމެ އިންތިހާއަށް ބަދަހި ކުރާ ކަމުގެ އަޑެވެ. އަނެއްކާވެސް އޭ މި ދެންނެވީ، މީގެ ކުރިންވެސް އެފަދަ އޮއެވަރެއްގައި މި ޤައުމު ޖެހިފައި އޮތަތީއެވެ. ފެންނަމުން ދަނީވެސް ހަމަ އެފަދަ މަންޒަރުތަކެވެ. ޗައިނާއާއި ރާއްޖޭގެ ގުޅުންތައް، ތާރީޚު ނުދެކޭ މިންވަރަކަށް ބަދަހި ކުރުމަށް، ޤާނޫނީ އޮނިގަނޑުގައި ހުރި ހުރަސްތައް ނައްތާލުމަށް މަސައްކަތް ކުރަމުން ނުދެއެކޭ ނުދެންނެވޭނެއެވެ.

ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ޤައުމުގެ މަޤާމަށް ފައި ވިއްދައިގެން އޮތް ޗައިނާއާއި ރާއްޖޭގެ ގުޅުންތައް ބަދަހި ކުރުމުގެ މޭރުމުން ވިސްނާއިރު، އެންމެ ފޯރީގައި ކުރިއަށް ދަނީ މިނިވަން ވިޔަފާރީއެއްގެ އެއްބަސްވުން އެކުލަވާލުމުގެ މަސައްކަތެވެ. ޒާތެއްގެ ގޮތަކަށް މިނިވަން ވިޔަފާރީއެއްގެ އެއްބަސްވުން އެކުލަވާލެވޭ އިރު، އެފަދަ އެއްބަސްވުމަކީ، ފައިބި ސަރުކާރުން ސިފަކޮށްފައި ވާ ގޮތުގައި، އެއް ފަރާތަކަށް ބުރަވާ އެއްބަސްވުމެކެވެ. އެފަދަ އެއްބަސްވުމެއްގެ ސަބަބުން، ރާއްޖެ ފަދަ ކުޑަ އިޤްތިޞާދެއް އޮންނަ ޤައުމަކަށް، އިޤްތިޞާދީ ގޮތުން ކުރާނެ މާ ބޮޑު ފައިދާއެއް ނުއޮންނާނެ ކަމަށް ވެސް، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ވަނީ ބުނެފައެވެ.

 18566 ބިލިއަން އެމެރިކާ ޑޮލަރާއެކު ދުނިޔޭގެ ނިސްބަތުންވެސް 2 ވަނައަށް އެންމެ ވަރުގަދަ އިޤްތިޞާދުގެ މަޤާމުގައި އޮތް ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމާއެކު، ރާއްޖެ ފަދަ އިމްޕޯޓް މުދަލަށް އިންތިހާއަށް ބަރޯސާވެފައި އޮތް ޤައުމަކަށް، ޗައިނާއިން އެތެރެ ކުރާ މުދާ އިންތިހާއަށް އިތުރުވާނެއެވެ. ޗައިނާގެ މައްޗަށް ބަރޯސާ ވާ މިންވަރު އިތުރު ވާނެއެވެ. ޗައިނާއަކީ އެ ޤައުމުގެ "ދަރަނި ދަންތުރަ"އައިގައި ޤައުމުތައް ޖައްސާ ކަމުގެ ޓެގު އެޅުވިފައި އޮތް ޤައުމެއްކަން ހަނދާނުގައި ބެހެއްޓުން ބުއްދިވެރިއެވެ.

މިފަދަ ގޮތަކަށް ކަން އޮތް އިރު، ދިވެހި ދަޢުލަތުގެ 3 ބާރުގެ ތެރެއިން ޤާނޫނު ހެދުމުގެ ބާރުގެ އަޣުލަބިއްޔަތު އަދިވެސް އޮތީ، މިހާރުގެ އިދިކޮޅު އަދި ކުރީގައި ވެރިކަން ކުރި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ކަމުން، މިހާރުން މިހާރަށް، ރާއްޖެއާއި ޗައިނާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމުގެ ފުރުޞަތު، ވެރިކަން ހިންގުމުގެ ބާރަކަށް ނެތެވެ. ރާއްޖޭގެ އިޤްތިޞާދު ރައްކާތެރިކޮށް، ޙިމާޔަތް ކުރުމަށްޓަކައި، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ޢާންމު އިންތިޚާބަކީ މުހިންމު އިންތިޚާބަކަށް ވަނީ މި ދެންނެވި ސަބަބަށްޓަކައެވެ. "މިނިވަން" ވިޔަފާރީގެ އެއްބަސްވުމެއްގެ ދަންތުރައިން ޤައުމު ސަލާމަތް ކުރަންޖެހެއެވެ. އެހެން ނަމަވެސް، މިކަމަކީ "ކެމްޕޭން ވަޢުދުފުޅާ" ގުޅިފައި އޮތް ކަމެއް ކަމުން، ހަލުވި ދުވެލީގައި މި ކަންވެސް ކޮށް ނިންމާލުން ފިސާރި ގާތެވެ.

ޗައިނާގެ ރައީސް ޝީ ޖީންޕިންގް މޭސްތިރިކަމުގެ ދަށުން، ޗައިނާގެ މުށު ތެރޭގައި ދުނިޔެ ފިއްތާލުމަށް ތަންފީޒު ކުރަން ފެށި އެއް ސިޔާސަތަކީ، ތަރައްޤީގެ ކުލަތަކުން ގިރިޓީކޮށްފައި ވާ "ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް" ނުވަތަ ބީއާރްއައިއެވެ. 2014 ވަނަ އަހަރު ޗައިނާއިން ފެށި އެ މަޝްރޫޢަށް، ދިވެހި ދަޢުލަތުގެ ވެރިކަން ހިންގުމުގެ އެންމެ މަތީ ބާރުން ތަޢުރީފު ކުރެއްވިކަން އޮއްބާލެވޭކަށް ނެތެވެ. ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އަވަސް ގޮތަކަށް އެކުލަވާލުމަށް އަދުގެ ސަރުކާރުން އޮތީ ތައްޔާރަށް ކަމަށާ، އެއީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ވިޔަފާރީގެ ގުޅުންތަކުގެ "ރަމްޒެއް" ގެ ގޮތުގައިވެސް އެ ވެރިޔަކު ވިދާޅުވި ކަމަށް ވެއެވެ.

މިހާ ހިސާބަށް އާދެވުމުން، ދިވެހި ރާއްޖޭގެ ސިޔާސީ ޙަޔާތުގެ މާޒީއިން ހައެއްކަ އަހަރު ކުރިއަށް ޖެހިލާނަމެވެ. ދަންނަވަން މި އުޅެނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން، ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރި ވާހަކައެވެ. އެކަމެއް ކޮށްފައި އޮތީ ޤާނޫނީ ހުދޫދުން ބޭރުންނެވެ. ޤާނޫނު ހަދާ މަޖިލީހުގައި ވޯޓަށް އެހި އިރު، އިދިކޮޅު ގިނަ މެމްބަރުން ތަޅުމުގައި ނުވެސް ނެތެވެ. ޔާމީންގެ ސަރުކާރުން ސޮއި ކުރި އެއްބަސްވުން މަޑުޖައްސާލީ، ކުރީގެ ރައީސް ޞާލިޙްގެ ސަރުކާރުންނެވެ. ޙުއްޖަތަކަށް ވީ، ދިވެހި އިޤްތިޞާދީ މަސްލަޙަތަށް ނުރައްކާ ކުރިމަތި ކުރުވާ އެއްބަސްވުމަކަށް އެ އެއްބަސްވާކަމެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުން ނުވަތަ އެފްޓީއޭއަކީ މިފަދަ ފުރުޞަތެއްގައި މާ ތަފްސީލުކޮށް ބަޔާންކޮށްދެވޭ ވަރަށް ވުރެ މާ ފުޅާ ފަލްސަފާއެކެވެ. އެފްޓީއޭއަކީ މުދަލާއި ޚިދުމަތްތަކާއި އިންވެސްޓްމަންޓްގެ ވިޔަފާރީގެ އިތުރުން އިޤްތިޞާދީ އަދި ފަންނީ އެއްބާރުލުން ވެސް ހިމެނޭ ފުރިހަމަ ނުވަތަ "ވަށާޖެހޭ" އެއްބަސްވުމެކެވެ.

މި އެއްބަސްވުމާއެކު ރާއްޖެއިން ދޭ ޔަޤީންކަމެއް ނުވަތަ ކޮމިޓްމަންޓެއްގެ ގޮތުގައި ހިމަނާފައި އޮތް ކަމަކީ، ބޭރުގެ ފަރާތްތަކަށް ރާއްޖެއިން ބިން މިލްކު ކުރުމާ ގުޅޭ ކަމެކެވެ. އަދި ޚިދުމަތުގެ ދާއިރާގައި ހަރަކާތްތެރިވާ ޗައިނާ ރައްޔިތުންނަށް، ރާއްޖޭގައި "މިނިވަން ކޮށް" އުޅެވޭނެ ފުރުޞަތުވެސް ދޭން ޖެހެއެވެ. ޗައިނާގެ އިންވެސްޓަރުންނަށް، ރާއްޖޭގައި ޓުއަރ އެންޑް ޓްރެވެލް އޮފީސްތައް ހުޅުވުމުގެ ފުރުޞަތު ދެއެވެ. ފަތުރުވެރި ކަނޑު އުޅަނދުފަހަރުތަކުގެ އޮޕަރޭޝަންއާ ގުޅުންހުރި ކަންކަން ކުރުމުގެ ބާރުވެސް ޗައިނާއަށް ދެއެވެ. ރާއްޖޭގެ ހިތްގައިމު ކަނޑުތަކުގެ ތަޖުރިބާކޮށްލަން އަންނަ ފަތުރުވެރިޔާ، އޮންލައިން  ބުކިންގްއެއް ހަދާ، އޮންލައިންކޮށް ފައިސާ ޓްރާންސްފަރ ކުރާނީ ޗައިނާގެ އެކައުންޓްތަކަށެވެ. އެކަމުގެ ސަބަބުން، ރާއްޖޭގެ ޓެކްސްގެ ނިޒާމަށް ބޮޑު ހީނަރު ކަމެއް އަންނާނެއެވެ. ހަމަ އެއާއެކު، ދިވެހިންނަށް އެތައް ވަޒީފާއެއްވެސް ގެއްލޭނެއެވެ. އާޚިރު ނަތީޖާއަކަށް ވާނީ، ދިވެހި ރާއްޖެއަށް ޒިޔާރަތް ކުރާ ޗައިނާގެ ފަތުރުވެރިޔާގެ ފަރާތުން، ދިވެހި ރާއްޖެއަށް ވުރެ ބޮޑަށް، ޗައިނާގެ އިޤްތިޞާދަށް މަންފާ ކުރާ ގޮތް ވުމެވެ.

ކަން މިހެން އޮތް އިރު، ދެން ހުށަހަޅާފައި އޮތް މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައިވެސް ކަންބޮޑުވުންތަކެއް އެބަ ހުއްޓެވެ. އެންމެ ބޮޑު ކަމެއްގެ ގޮތުގައި ފާހަގަ ކުރެވެނީ، ހުށަހަޅާފައިވާ އެފްޓީއޭގައި އެއްވެސް ފަރާތެއްގެ ސަލާމަތީ މަސްލަހަތާ ހިލާފު ކަމަށް ކަނޑައެޅިފައިވާ އެއްވެސް މައުލޫމާތެއް ހާމަކުރުމާ ގުޅޭ ހުރިހާ ކަމެއް ޝާމިލުވާ، "ސަލާމަތީ އިސްތިސްނާ" އެއް ވެސް ކަނޑައަޅާފައި އޮތް ކަމަށް ވެއެވެ. މީގެ އިތުރުން، އަސްކަރީ "ތަންތަން އެޅުމުގެ" ބޭނުމުގައި ޚިދުމަތް ފޯރުކޮށްދިނުމާ ގުޅޭ "ޚިދުމަތުގެ ވިޔަފާރި" ގެ ދަށުން ސަލާމަތީ އިސްތިސްނާތަކުގެ މާއްދާތަކެއް ވެސް އޮތް ކަމަށް ވެއެވެ.

މިފަދަ ފައްތަރެއްގައި، މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޗައިނާއާއެކު އެކުލަވާލާއިރު، މާލީ މައިދާނުގައި ދިވެހި ރާއްޖެއިން އެ ޤައުމަކަށް އެންމެ ގިނަ ޢަދަދަކަށް ފައިސާ ދޭން ޖެހިފައި އޮތް ޤައުމުކަން ހަނދާން ނައްތާލެވޭކަށް ނެތެވެ. ދިވެހި ރާއްޖެއިން ޗައިނާއަށް ދަރާފައި ވާ ދަރަނީ އަގު، 1.4 ބިލިއަނެއްހާ ޑޮލަރަށް އަރައެވެ. ދަރަނި ޚަލާސް ކުރަން އޮތް މުހުލަތު، 2027 އަށް ފަސްކޮށްދިނުމަށް ދިވެހި ރާއްޖެއިން ވަނީ ޗައިނާގައި އެދިފައެވެ. ނަމަވެސް، އެކަން އެގޮތަށް އަދި ކޮށްދީފައެއް ނުވެއެވެ. ނުވިތާކަށް، ޗައިނާގެ ޕީޕަލްސް ބޭންކް މެދުވެރިކޮށް ފައިސާ ބަދަލުކުރުމުގެ އިންތިޒާމު ފަސޭހަކޮށްދިނުމަށް، ޗައިނާގެ ބޮޑު ބޭންކެއްގެ ގޮތްޕެއް ހުޅުވުމުގެ ރަސްމީ މަޝްވަރާތައް ފެށުމަށް އެދި ، ޖެނުއަރީ 29، 2024 ގައި ރާއްޖެއިން އެދުނު 'ކަރަންސީ ސުވަޕް' އަށް ވެސް ޗައިނާއިން އެދެވޭ ޖަވާބެއް ނުދިން ވާހަކަ، މިހާރުވެސް އެ އޮތީ ބައިނަލްއަޤުވާމީ މީޑިޔާގައި ފެންނާށެވެ.

ރާއްޖޭގައި ކޮމާޝަލް ވިޔަފާރީގެ ޚިދުމަތުގެ ދާއިރާއިން އިތުރުވުމެއް އޮތް ނަމަވެސް، ފަތުރުވެރިކަމުން ލިބޭ ބޮޑު އާމްދަނީއިން، މުދަލުގެ ވިޔަފާރީގެ ދާއިރާގައި އިތުރުވަމުންދާ ޑެފިސިޓް ނުވަތަ ދަރަނި ފޫބައްދާލެވުމަކީ، ވުމަށް ވުރެ ނުވުން ގާތް ކަމެކެވެ.  އެއާއެކު ބެލަންސް އޮފް ޕޭމަންޓް ނުވަތަ  އެފްޓީއޭގެ ސަބަބުން ވިޔަފާރީގެ އިމްބެލެންސް އިތުރަށް ގޯސްވެ، މަދުން ލިބޭ ބޭރު ފައިސާ ފޮހެވިގެންދާނެ އެވެ. ޗައިނާގެ މުދާ މޯލްޑިވިއަން މާކެޓަށް ވަންނާނީ ކަސްޓަމްސް ޑިއުޓީގެ ސިފައިގައި މޯލްޑިވްސްގެ އާމްދަނީ ދަށްވާ ޓެރިފްތަކުން އެއްކިބާވެފައެވެ. އެކަމަކު އެފްޓީއޭގެ އެންމެ ނުރައްކާތެރި އަސަރަކީ މުދަލުގެ އިތުރުން ހިދުމަތްތަކުގެ މިނިވަން ވިޔަފާރި ވެސް ކަވަރު ކުރުމެވެ. ނަތީޖާއަކަށް ވާނީ ރާއްޖޭގެ ބެލަންސް އޮފް ޕޭމަންޓަށް ނޭދެވޭ ލޮޅުންތަކެއް އެރުމެވެ. ބެލަންސް އޮފް ޕޭމަންޓަކީ، ވަކި މުއްދަތެއްގެ ތެރޭގައި ޤައުމަށް އެތެރެވާ ފައިސާއާއި ޤައުމުން ބޭރުވާ ފައިސާގެ ފަރަޤޭވެސް ދެންނެވިދާނެއެވެ.

އެވަރުން އަދި ނިމޭކަށް ނެތެވެ. މިނިވަން ވިޔަފާރީގެ އެއްބަސްވުމާއެކު ވިޔަފާރީގެ ނިޒާމީ ހަމަހަމަކަން، އިންތިހާއަށް ގެއްލޭނެއެވެ. ރާއްޖޭގައި އިންތިހާއަށް ދަތިވެފައި އޮތް ބޭރު ފައިސާ އިތުރަށް ތަދު އެއްޗަކަށް ވާނެއެވެ. ޗައިނާގެ މުދާ ރާއްޖެއަށް އެތެރެ ވަމުންދާނީ ޓެރިފްތަކުން މިންޖުވެފައިވާ ގޮތުގައެވެ. އެއާއެކު ކަސްޓަމްސް ޑިއުޓީއިން ރާއްޖެއަށް ވަންނަ ޢާމްދަނީވެސް ހިނދުނީއެވެ. ޓެރިފްއަކީ އެހެން ޤައުމަކުން އެތެރެ ކުރާ މުދަލުން ނެގުމަށް ސަރުކާރުން ކަނޑައަޅާފައި އޮންނަ ޓެކުހެކެވެ. މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ އެންމެ ނުރައްކާ ހަތިޔާރަކަށް ވަނީ، އެ އެއްބަސްވުމަކީ، ޚިދުމަތާއި މުދަލުގެ ވިޔަފާރިވެސް "މިނިވަން" ކުރާ ކުރުމެވެ.

ރާއްޖެއާއި ޗައިނާއާއި ދެމެދު މި ދެންނެވި ފަދަ އެފްޓީއޭއެއްގައި ސޮއި ކުރާ ހިސާބުން، ރާއްޖެއަށް ޗައިނާގެ މުދާ އިމްޕޯޓް ކުރަން އޮންނަ ޑިމާންޑް ބޮޑު ކުރާނެއެވެ. އަދި ރާއްޖޭގައި ޗައިނާގެ މަޝްރޫޢުތައް، ވަކިން ޚާއްޞަކޮށް ބީއާރްއައި ސްކީމުގެ ތެރެއިން ކަންކަން ހިންގުމުގެ އޮއެވަރު ބާރުވެގެންދާނެއެވެ. އެފަދަ އެއް މިސާލަކީ، ވެރިކަމާ ޙަވާލުވި ގޮތަށް ހިއްކަން ފެށި ރަސްމާލެއާއި މާލޭ ސިޓީ ގުޅާލުމަށް "ތަރައްޤީ" ކުރާ ކަނޑު އަޑީގެ ޓަންލްގެ ވާހަކައެވެ. އެ މަޝްރޫޢު ވެގެން ދާނީ ބިން ހުއްކުމާއި ގެދޮރު ޢިމާރާތް ކުރުމުގެ ވަރުގަދަ ކުޅިގަނޑަކަށެވެ. މާލޭ ސިޓީއާއި ކައިރި ރަށްރަށް، ބުރިޖުތަކަކުން ގުޅާލާނެއެވެ. މިއިން ކޮންމެ ކަމަކީވެސް ބޮޑު ޚަރަދެއް ހިނގާނެ ކަމަކަށް ވާ އިރު، އެފަދަ ތަނަވަސްކަމެއް ދިވެހި ވޮލެޓަކު ނެތެވެ. އަނެއްކާވެސް ބަރުޖެހޭނީ ދަރަންޏާ ވީ ފަޅިއަށެވެ. ބާރު ވަމުން ދާނީ ދަރަނީގެ ދަންތުރައެވެ.

ޗައިނާއިން ރާއްޖެއަށް އެތެރެ ކުރާ މުދާ އިތުރު ކުރާ ވަރަކަށް، ރާއްޖޭގެ ޑެފިސިޓް ހައްތަހާ ދާނީ އިތުރު ވަމުންނެވެ. ރާއްޖެއިން އެކްސްޕޯޓްކޮށްގެން ލިބޭ ޢާމްދަނީއަށް ވުރެ ބޮޑު ޢަދަދެއް، ރާއްޖެއަށް އިމްޕޯޓް ކުރުމަށް ޚަރަދު ކުރެއެވެ. މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލިޔަސް، ރާއްޖެއިން ޗައިނާއަށް ބޭރު ކުރާ އެއްޗެއް ވަކި އިތުރު ވާނެ ކަމަކަށް ނުބެލެވެއެވެ. އިސާހިތަކު، ރާއްޖެ އޮންނާނީ ނޭވާ ހޮޅިއަށް އެޅިފައެވެ. އިންތިހާ ހަލުވި ދުވެއްޔެއްގައި އިތުރު ވަމުންދާ ވިޔަފާރީގެ ދަރަންޏާ ހެދިއެވެ.

ކުރީގެ ރައީސް ޔާމީން އިސްކޮށް ހުންނަވައި، މިހާރުގެ ރައީސް ތާއީދު ކުރެއްވި "އިންޑިއާ އައުޓް" ކެމްޕޭންގެ ނިވަލުގައި ކުރިއަށްދާ އެފްޓީއޭގައި ސޮއިކުރުމަށް އެޅި ފިޔަވަޅަކީ، ހުރިހާ ގޮތަކުން އިންޑިއާ ދުރުކުރުމުގެ ޢަޒުމެއް އޮތްކަމުގެ އިޝާރާތެކެވެ. ދިފާޢީ ދާއިރާގައިވެސް އިސްތިސްނާއެއް ނެތެވެ. ރާއްޖޭގެ އައްސޭރިފަށުގެ ސަރަޙައްދުތައް މޮނިޓަރ ކުރުމުގެ މަސައްކަތް ހަރުދަނާ ކުރުމުގެ ނަމުގައި، ތުރުކީވިލާތުން އަސްކަރީ ޑްރޯންތަކެއް ގަތުމަށް ދިވެހި ރާއްޖެއިން ރާވަމުން ދާ ކަމުގެ ޚަބަރުތަކެއް ވަނީ ފެންމަތިވެފައެވެ. ޗައިނާއިންވެސް ވަނީ ދިވެހި ރާއްޖެއަށް ހަނގުރާމަ މަތީ ހަތިޔާރާއި އެނޫންވެސް އަސްކަރީ ހަތިޔާރު ސަޕްލައި ކުރަން ހުށަހަޅާފައެވެ. ކަން އެހެން އޮތް އިރު، ދިވެހި ރާއްޖެއާ އެންމެ ގާތުން، ދިފާޢީ ދާއިރާވެސް ހިމެނޭހެން އެހީ ފޯރުކޮށްދެމުންދާ އިންޑިއާ ހަވާސާ ކޮށްފައި އޮތް ކަން ހަނދާން ނައްތާލެވޭކަށް ނެތެވެ. ނުވިތާކަށް އެކި ގޮތް ގޮތުން ދިވެހި އަސްކަރިއްޔާއަށް ތަމްރީން ދިނުމާއި އެހީ ފޯރުކޮށްދެމުންދާ އިންޑިއާ ސިފައިން ރާއްޖޭގެ ފަސްގަނޑުން ބޭލުމަށް ގޮވާލާ ގޮވާލުންތަކުގެ އަޑުވެސް ކަނޑައިގެން ނުދެއެވެ.

އެނގޭހައިވެސް ކަމަކީ، ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލަން އަދުގެ ސަރުކާރުން، ކުރިޔަށް އޮތް ދުވަސްތަކުގައި ފިޔަވަޅުތަކެއް އަޅާނެ ކަމެވެ. ވެރިކަން ހިންގާ ކޯލިޝަނަށް، ރައްޔިތުންގެ މަޖިލީހުގައި އަޣުލަބިއްޔަތު ނެތް ކަމުގައި ވީ ނަމަވެސްއެވެ. 2017 ވަނަ އަހަރު ހިނގާ ދިޔަ ކަންކަން ތަކުރާރު ވެއްޖެ ނަމަ، ދިވެހި ރާއްޖެއަށް އަނެއްކާވެސް މަޖުބޫރު ވާނީ ޗައިނާގެ ކުޑަ ދަށަށް ވަންނާށެވެ. އެއާއެކު ނުރައްކަލަށް ހުށަހެޅިގެން ހަމަ އެކަނި ދިވެހި ރާއްޖެއެއް ނޫނެވެ. މުޅި އިނޑިއާ ކަނޑުގެ ސަރަޙައްދުވެސް ނުރައްކަލަށް ހުށަހެޅޭނެއެވެ. ރާއްޖޭގެ ސަރަޙައްދާ ގުޅިފައި އޮތް ކަނޑު ދަރުތުފަތުރުގެ ރާސްތާތަކަށްވެސް ނުރައްކާ ކުރިމަތިވާނެއެވެ. މި ކުރެވުނީ ކިހާ ވަރެއްގެ ކަމެއްކަން އެނގޭ އިރު ވަގުތު އޮންނާނީ ފާއިތުވެފައެވެ. މިނިވަން ކަމުގެ ޖައްވަކަށް ނޭވާލަމުން ދިޔަ ދިވެހި ރާއްޖެ އޮންނާނީ ޗައިނާގެ މުށްދަށުލާފައެވެ. އަވަށްޓެރި ސްރީލަންކާއަށް ޖެހުނު ޙާލު ފަދައިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
67%
0%
0%
0%
33%
ކޮމެންޓް