މިއަހަރުގެ މިހާތަނަށް 41.4 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި، ރާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި
12 ފެބުރުއަރީ 2024 | ހޯމަ 13:48މިހާތަނަށް 183 މީހުން ވޮލެންޓްރީކޮށް ރާއްޖެއިން ފޮނުވާލެވިފައިވޭ


ވިލިމާލޭގެ ފުލެޓެއް ބަލައިފާސްކޮށް އަތުލައިގަތް މަސްތުވާތަކެތި-ފައިލް ފޮޓޯ
މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި މިއަހަރުގެ މިހާތަނަށް 41.4 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި، ރާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ހޯމަ ދުވަހު ހޯމް މިނިސްޓްރީއާއި އެ މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކުންގެ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ހޯމް ސެކްޓަރގެ މައިގަނޑު ކަންބޮޑުވުންތައް ހައްލުކުރުމަށް ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށާއި، ތިން ޓާސްކްފޯސްއެއް އެކުލަވާލައިގެން މަސައްކަތްތައް ކުރިއަށް ގެންދާ ކަމަށެވެ.
އެގޮތުން މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިއަހަރުގެ މިހާތަނަށް ޖުމްލަ 41.4 މިލިއަން ރުފިޔާ މަސްތުވާތަކެއްޗާއި ރާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އިޝާރާތް ކުރައްވައި އިހުސާން ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ރާއްޖޭގައި ހިންގަމުންދާ ކަންކަމާއި ދެކޮޅަށް ގިނަ މަސައްކަތްތައް ކުރަންޖެހޭ ކަމަށެވެ. އެގޮތުން މިހާތަނަށް 183 މީހުން ވޮލެންޓްރީކޮށް ރާއްޖެއިން ފޮނުވާލެވިފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ. އަދި އޭގެ އިތުރުން 83 މީހުން ޑީޕޯޓު ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް ފުޅާކޮށް، މާލެސިޓީގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށުގައި ގިނަ މަސައްކަތްތައް ދަނީ ކުރަމުންނެވެ.




