މާލޭ މީހުންގެ ބޯހިޔާވަހިކަމަކީ ވޯޓަށް އުކާލާ އެންގަނޑަކަށް ހަދައިގެން ނުވާނެ: މެންބަރު އީވާ
7 ފެބުރުއަރީ 2024 | ބުދަ 08:11ފްލެޓު ދޫކުރުމުގައި މައްސަލަ އުޅޭނަމަ އެ މައްސަލަތައް ބަލަންޖެހޭ


ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ
މާލޭ މީހުންގެ ބޯހިޔާވަހިކަމަކީ ވޯޓަށް އުކާލާ އެންގަނޑަކަށް ހަދައިގެން ނުވާނެ ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހުގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މެންބަރު އީވާ ވަނީ ފްލެޓުގެ މައްސަލައިގައި ކުއްލި މައްސަލައެއް ހުށަހަޅުއްވާފައެވެ. މި މައްސަލައިގައި ވާހަކަދައްކަވަމުން ވިދާޅުވީ ފާއިތުވި ފަސް އަހަރު މާލޭ މީހުންގެ ބޯހިޔާވަހިކަމުގެ ވާހަކަތައް މި މަޖިލީހުގައި ދައްކާފައިވާ ކަމަށެވެ. އޭރު ވެސް ދައްކަމުން ދިޔަ އެއް ވާހަކައަކީ މާލޭ މީހުންގެ ބޯހިޔާވަހިކަން ވޯޓަކަށްޓަކައި އުކާލާ އެންގަނޑަކަށް ހަދައިގެން ނުވާނެކަމުގެ ވާހަކަ ކަމަށް އޭނާ ވިދާޅުވިއެވެ.
މެންބަރު އީވާ ވިދާޅުވީ މާލޭ މީހުން ބޯހިޔާވަހިކަމަށް ސަލާން ޖަހައި އާދޭސް ކުރުވަން ހަދައިގެން ނުވާނެ ކަމަށާއި، ވާނުވާގައި ރައްޔިތުން ބައިތިއްބައިގެން ނުވާނެ ކަމަށެވެ. އަދި ވައުދުވީ ގޮތަށް ބޯހިޔާވަހިކަމަށް މަސައްކަތްކުރާނަމަ މިއަދު މާލޭގެ ރައްޔިތުން ތިބޭނީ ލިބުނު ފްލެޓުތަކާއި ގޯތިތަކަށް ވަދެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން މެންބަރު އީވާ ވިދާޅުވީ ފްލެޓު ދޫކުރުމުގައި މައްސަލަ އުޅޭނަމަ އެ މައްސަލަތައް ބަލަންޖެހޭ ކަމަށެވެ. ނަމަވެސް ހައްގުވެރިންގެ ފްލެޓުތައް ދޫކުރަންޖެހޭ ކަމަށެވެ.
މެންބަރު އީވާ ވިދާޅުވީ މާލޭގެ ރައްޔިތުން ދިރިއުޅޭ ހާލަތު ނޭނގޭ މީހަކު މިއަދު ނޫޅޭނެ ކަމަށެވެ. އެ ރައްޔިތުން ތިބީ ޒަރޫރީ ބޭނުންތަކާއި އަސަސީ ހައްގުތަކުން އަދި އާއިލާއެއްގެ ގަދަރު ބީވެގެންދާ ހާލަތުގައި ކަމަށެވެ. މިފަދަ ހާލަތެއްގައި ދިރިއުޅެމުންދާއިރު، ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅިގެން ބައެއް މީހުންނަށް ކައިވެނި ނުކުރެވޭއިރު، އަނެއް ބައި ކައިވެނިތައް ރޫޅިގެން ދަނީ މި މައްސަލައާ ގުޅިގެން ކަމަށް މެންބަރު އީވާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ މި މައްސަލަތަކުގައި ރައްޔިތުން ވާނުވާގައި ބައިތިއްބައިގެން ނުވާނެ ކަމަށާއި، ފްލެޓްތައް އަވަހަށް ދޫކޮށްލަން ޖެހޭ ކަމަށެވެ.









