ކ. މާލެ
|
1 ފެބްރުއަރީ 2024 | ބުރާސްފަތި 17:30
ޣައްޒާގައި ޝަހީދުވި މީހުންތަކެއް ވަޅުލަނީ
ޣައްޒާގައި ޝަހީދުވި މީހުންތަކެއް ވަޅުލަނީ
ރޮއިޓާސް
ޣައްޒާގެ ހަމަނުޖެހުންތައް
ޣައްޒާގެ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް ބައިނަލްއަގުވާމީ މުޖުތަމައުން އަދާކުރަމުންދާ ދައުރަކީ ކޮބާ؟
 
މެދުއިރުމައްޗާއި އެނޫން ގައުމުތަކުން ވެސް ދަނީ ހަމަނުޖެހުންތައް ހުއްޓުމަކަށް ގެނެވޭނެ މަގެއް ހޯދުމުގެ މަސައްކަތް ކުރަމުން

ޣައްޒާގައި ހިނގަމުންދާ ލެއޮހުރުވުންތައް ދެ މަސްދުވަހުގެ މުއްދަތަށް މެދުކަނޑާލުމަށާއި، ހަމާސް ޖަމާއަތުން ހިފަހައްޓާފައިވާ 100އަށްވުރެ ގިނަ މީހުން މިނިވަން ކުރުމުގެ އެއްބަސްވުމަކަށް ދިއުމަށް އެމެރިކާއާއި މެދުއިރުމަތީގެ ބައެއް ގައުމުތަކުން ވަނީ ހަނގުރާމައިގެ ދެފަރާތަށްވެސް އެއްބަސްވުމެއް ހުށަހަޅާފައެވެ.

ނަމަވެސް މިދިޔަ އަންގާރަ ދުވަހު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ، ހަމާސް ޖަމާއަތުގެ މައިގަނޑު ދެ ޑިމާންޑަކީ އިސްރާއީލު ސިފައިން ޣައްޒާއިން އަނބުރާ ގެންގޮސް ފަލަސްތީނުގެ އެތައް ހާސް ގައިދީން މިނިވަންކުރުން ކަމަށް ބުނެ އެކަމަށް ދެކޮޅު ހަދާފައެވެ.

ހަނގުރާމަ ފެށުނީ މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ހަމަލާގައި، އިސްރާއީލުގެ 1200އެއްހާ މީހުން މަރާލައި، ގާތްގަނޑަކަށް 250އްހާ މީހުން ރަހީނުކުރުމާ ގުޅިގެންނެވެ.

އިސްރާއީލުގައި ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ 240 ގައިދީންގެ ބަދަލުގައި މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ގާތްގަނޑަކަށް އިސްރާއީލުގެ ގައިދީންގެ ދެބައިކުޅަ އެއްބައި މީހުން ހަމާސްއިން ވަނީ ދޫކޮށްލާފައެވެ.

އިސްރާއީލުން ދިން ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 26،900އަށްވުރެ ގިނަ މީހުން ޝަހީދުވެފައި ވާކަމަށް ފަލަސްތީނުގެ ސިއްހަތާބެހޭ ވުޒާރާއިން ބުނެއެވެ. އަނެއްކޮޅުން ޣައްޒާގެ 2.3 މިލިއަން މީހުންގެ ތެރެއިން 85 އިންސައްތަ މީހުން ގެދޮރު ދޫކޮށް ގޮސްފައިވާއިރު، އާބާދީގެ ހަތަރުބައިކުޅަ އެއްބައި މީހުން ތިބީ ބަނޑުހައިހޫނުކަމުގެ ތެރޭގައި ކަމަށް އދ.ންވެސް ވަނީ ރިޕޯޓްކޮށްފައެވެ.

މީގެ އިތުރުން ލުބްނާން، ސީރިއާ، އިރާގު އަދި ޔަމަނުގައި އީރާނުގެ ތާއީދު އޮންނަ ޖަމާއަތްތަކުން ފަލަސްތީނަށް ތާއީދުކޮށް އިސްރާއީލާއި އެމެރިކާގެ އަމާޒުތަކަށް ހަމަލާދީ، ބަދަލު ހިފުމުގެ އަމަލުތައް ވަރުގަދަވެ، ސަރަހައްދީ ހަމަނުޖެހުންތަކެއް އުފެދިދާނެ ކަމަށް ބެލެވެއެވެ.

މި ހަމަނުޖެހުން ނިމުމަކަށް ގެނައުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ކުރަނީ ކޮންކަމެއްތޯއާއި އެމީހުން ތިބީ ކޮން ހިސާބެއްގައިތޯ ބަލާލަމާ ހިނގާށެވެ.

ބޮޑުވަޒީރު ނަތަންޔާހޫގެ ބޮޑާ، ކިބުރުވެރި އަދި ހަރުކަށި އިންޒާރުތައް:

އިސްރާއީލުން ހަމާސްގެ އަސްކަރީ އަދި ވެރިކަން ހިންގުމުގެ ގާބިލްކަން ހަލާކުކޮށްލައި، ހަމާސްއިން ރަހީނުކޮށްފައިވާ އެންމެން އަނބުރާ ގައުމަށް ފޮނުވާލަންދެން ހަނގުރާމަ ކުރިއަށްގެންދާނެ ކަމަށް ނަތަންޔާހޫ ގެންދަނީ ތަކުރާރުކޮށް ވައުދުވަމުންނެވެ.

ހިފާފައިވާ ހުޅަނގު އައްސޭރީގައި ހުންނަ ދީނީ ޕްރީ މިލިޓަރީ އެކަޑަމީއެއްގައި އަންގާރަ ދުވަހު ވާހަކަ ދައްކަމުން އޭނާ ބުނީ "ޣައްޒާއިން އިސްރާއީލުގެ ސިފައިން އަނބުރާ ނުގެންދާނެ ކަމަށާއި، އެތައް ހާސް ޓެރަރިސްޓުން ދޫކޮށްނުލާނެ" ކަމަށެވެ.

އޭނާގެ މި ހަރުކަށި، ބޮޑާ އަދި ކިބުރުވެރި ބަސްތަކުން ދޭހަވަނީ ހަމާސްއާއެކު އެއްވެސް އެއްބަސްވުމެއް އޮތްކަމަށް އިސްރާއީލުން ނުދެކޭކަމެވެ. އަދި މިއީ މިހާރު ކުރިއަށްދާ ނުސީދާ މަޝްވަރާތަކުގައި އިސްރާއީލުގެ ބާރުގަދަކުރުމުގެ މަގުސަދުގައި ދެމުންދާ އިންޒާރުތަކެއް ކަމަށް ވެސް ވެދާނެއެވެ.

ހަމާސްއިން ރަހީނުކުރި އިސްރާއީލުގެ މީހުންގެ އާއިލާތަކުންނާއި އާންމުން ނަތަންޔާހޫއަށް ޕްރެޝަރު ކުރަމުންދަނީ ހަމާސްއާއެކު އެއްބަސްވުމަކަށް ގޮސް، ބަންދުގައި ތިބި އެންމެން ދިރިތިއްބައި ސަލާމަތްކުރުމަށެވެ.

އިސްރާއީލުގެ ރައްޔިތުންގެ އުންމީދުތައް މިހެން ހުރިނަމަވެސް އިސްރާއީލުގެ އަސްކަރިއްޔާއިން ކާމިޔާބުކަމާއެކު މިހާތަނަށް ސަލާމަތްކޮށްފައިވަނީ ރަހީނުކުރި މީހުންގެ ތެރެއިން އެންމެ މީހެއް ކަމަށާއި، އިސްރާއީލުގެ ވައިގެ ހަމަލާތަކުގައި ނުވަތަ ނާކާމިޔާބު ރެސްކިއު އޮޕަރޭޝަންތަކުގައި އެތައް ބަޔަކު މަރުވެފައިވާކަމަށް ހަމާސްއިން ބުނެއެވެ. ރަހީނުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ކަމަށް ދައުވާކުރާ އިސްރާއީލު ސިފައިން ވަނީ ފަލަސްތީނުން ފިލައިގެން ދިޔަ ތިން ރަހީނުން "އޮޅުމަކުން" މަރާލާފައެވެ.

ހަމާސްއިން ބޭނުންވަނީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ހެއްޔެވެ؟

އިސްރާއީލުން ހަމަލާތައް ހުއްޓާލައި ޣައްޒާއިން ފޭބުމާ ހަމައަށް ހަމާސްއިން ވަނީ އިތުރު ރަހީނުން ދޫކޮށްލަން ދެކޮޅުހަދާފައެވެ. އަދި ދިގު މުއްދަތަކަށް ހަނގުރާމަ ހުއްޓާލުމަށާއި، އަލުން އާރާސްތުކުރުން ހިމެނޭގޮތަށް ފުޅާ އެއްބަސްވުމެއް ބޭނުންވާކަމަށް އެ ޖަމާޢަތުން ބުނެއެވެ.

އެ ޖަމާއަތުގެ އެންމެ އިސް ސިޔާސީ ލީޑަރު އިސްމާއީލް ހަނިއްޔާ ވިދާޅުވީ، އެ ޖަމާއަތުން އެންމެ އިސްކަމެއްދެނީ ޣައްޒާއިން އިސްރާއީލު ސިފައިން އެއްކޮށް ފޭބުމަށް ކަމަށެވެ. އަދި ކޮންމެ އެއްބަސްވުމެއްގެ ސަބަބުން ވެސް އަލުން އާރާސްތުކުރުމަށާއި، އިސްރާއީލާއި މިސްރުގެ ސަރަހައްދުގައި އަޅާފައިވާ ހުރަސްތައް އުވާލުމާއި، ފަލަސްތީނުގެ ހުރިހާ ގައިދީން މިނިވަންކުރަން ވެސް މަގުފަހިވާންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމާސް ޖަމާއަތުން ހައްޔަރުކުރި ރަހީނުން ހިފަހައްޓައިގެން ތިބީ ބިމުގެ އަޑީގައި ވަރަށް ބޮޑަށް ހިމާޔަތްކޮށްފައިވާ ޓަނަލްތަކެއްގައި ކަމަށް ގިނަ ބަޔަކު ގަބޫލުކުރާއިރު، އިސްރާއީލުގެ އަސްކަރިއްޔާއާއި ސަރުކާރުން ބުނަމުން ދަނީ ފަލަސްތީނުގެ އެތައް ހާސް ގައިދީން މިނިވަން ކުރުމަށްޓަކައި އެ މީހުން އިންސާނީ އައްޑަނައެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި އިސްރާއީލުގެ އާންމުން ޝަހީދުކޮށްލި ހަމަލާތަކުގައި ބައިވެރިވި ހައި ޕްރޮފައިލް ހަނގުރާމަވެރިން ވެސް ހިމެނެއެވެ.

ހަމާސް ޖަމާއަތުން ހަނގުރާމަ ނިމުމަކަށް ނުގެންނަނީސް ރަހީނުކޮށްފައިވާ މީހުން ދޫކޮށްލައިފިނަމަ، ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު ހަމަވުމުން އިސްރާއީލުން އަނެއްކާވެސް ވަރުގަދަ ހަމަލާތަކެއް ފަލަސްތީނަށް ދީފާނެކަމަށް ހަމާސްއިން ތުހުމަތުކުރެއެވެ.

ހަނގުރާމައިގައި ދެފަރާތް ސުލްހަކުރުމަށް މަސައްކަތްކުރާ މެދުވެރިންގެ ޑިމާންޑަކީ ކޮބާ؟

މި ޙަމަލާތަކަށް މުހިންމު އަސްކަރީ އެހީތެރިކަން ފޯރުކޮށްދީފައިވާ އެމެރިކާއިން ވަނީ ހަނގުރާމައިގައި އިސްރާއީލުގެ ލަނޑުދަނޑިތަކަށް ވަރަށް ބޮޑަށް ތާއީދުކޮށްފައެވެ. އެގައުމުން އެދެނީ ރަހީނުކުރި އެންމެން ދޫކޮށްލުމަށާއި، އޮކްޓޯބަރު މަހު ހަމާސްއަށް ދެން އެފަދަ ހަމަލާއެއް ނުދެވޭނެކަމުގެ ޔަގީންކަން ދިނުމަށެވެ.

ނަމަވެސް ސަރަހައްދީ ހަމަނުޖެހުން އުފެދި، ބޮޑެތި ގެއްލުންތަކެއް ވަމުންދާ ޣައްޒާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ބައިޑަންގެ ސަރުކާރުން ވެސް ވަރަށް ބޮޑަށް ޝައުގުވެރިކަން ފާޅުކުރެއެވެ. އަނެއްކޮޅުން ހަނގުރާމައިގެ އެންމެ ކުރީކޮޅުން ފެށިގެން ހަނގުރާމަ ހުއްޓާލުމަށް އަރަބި ގައުމުތަކުން ގޮވާލަމުން ދަނީ ބޮޑު ހަމަނުޖެހުމެއް އުފެދިދާނެ ކަމުގެ ބިރު އޮތުމުންނެވެ.

އެހެންކަމުން ހަމަލާތައް ދެ މަސްދުވަހަށް މެދުކަނޑާލުމަށްފަހު، އިސްރާއީލުގައި ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ ގައިދީން މިނިވަންކޮށް، ހަމާސްގެ އަތްދަށުގައި ތިބި އިސްރާއީލުގެ ހުރިހާ ރަހީނުން ދޫކޮށްލުމަށްފަހު، ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ދިނުމާއި، އިސްރާއީލުގެ އަސްކަރިއްޔާގެ ސިފައިން ބައިބަޔަށް ނަމަވެސް ޣައްޒާއިން ބާލާނެ މެދުމިނުގެ މަގެއް އެމެރިކާއާއި އަރަބި މެދުވެރިން ހޯދަމުން އަންނަތަން ފެނެއެވެ.

އިސްރާއީލާއި ފަލަސްތީނުގެ މެދުގައި ޒަމާނުއްސުރެ އުފެދިފައިވާ ހަމަނުޖެހުންތަކަށް ހައްލެއް ގެނައުމަށް ބޮޑު އެއްބަސްވުމެއް އެކުލަވާލުމަށް ދެ މަސް ދުވަހުގެ ލުޔެއް ލިބުމަކީ އެކަށީގެންވާ ކަމެކެވެ.

އިސްރާއީލާއެކު ފަލަސްތީނުގެ ދައުލަތެއް އުފެއްދުމުގެ އިތުބާރުހުރި މަގެއްގެ ބަދަލުގައި ޣައްޒާ އާރާސްތުކޮށް ހިންގުމަށް އެހީތެރިވުމުގެ ގޮތުން ސައޫދީ އަރަބިއްޔާއިން އިސްރާއީލު ބަލައިގަނެ، އަރަބި އެހެން ގައުމުތަކާއި ހުޅަނގުގެ ތާއީދު އޮންނަ ފަލަސްތީނު އޮތޯރިޓީއާ ގުޅިގެން ބޮޑު މުއާމަލާތެއް ކުރާނެކަމަށް އެމެރިކާއާއި އަރަބި ޑިޕްލޮމެޓުން ވަނީ ބުނެފައެވެ.

ނަމަވެސް ނަތަންޔާހޫއާއި ހަމާސްއިން ވެސް ވަނީ އެކަން ދޮގުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ގާޒާގެ އެކި ސަރަހައްދުތަކަށް އިޒްރޭލް ސިފައިންދޭ ހަމާލާތައް އިތުރަށް ވަރުގަދަ ކޮށްފި
ފަލަސްތީނަށް މިނިވަންކަން ލިބެންވާނީ މަޝްވަރާ ކޮށްގެން، ވަކި ވަކި ގައުމުތަކުން ފަލަސްތީން ބަލައިގަނެގެންނެއް ނޫން: އެމެރިކާގެ ރައީސް
ނޯވޭ، އަޔަލޭންޑް އަދި ސްޕެއިން އިން ފަލަސްތީން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ނިންމައިފި
އިޒްރޭލުގެ ބޮޑުވަޒީރާއި ޑިފެންސް މިނިސްޓަރ ހައްޔަރު ކުރަން އައިސީސީ އަށް ހުށަހެޅުމުން ބައިނަލް އަގްވާމީ މުޖްތަމައުން ތާއީދު ކޮށްފި
އިޒްރޭލު ސިފައިން ޖަބާލިއާ ރެފިއުޖީ ކޭމްޕުގެ ހޮސްޕިޓަލަށް ހަމަލާ ދީފި
ނަތަންޔާހޫ އާއި އޭނާގެ ޑިފެންސް މިނިސްޓަރ ހައްޔަރު ކުރަން އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން އުޅޭތީ އެމެރިކާގެ ރައީސް ކޯފާވެއްޖެ
ގާޒާއިން 900،000ށް ވުރެ ގިނަ މީހުން 2 ހަފްތާ ތެރޭ ހިޖުރަ ކޮށްފި: އދ
އިޒްރޭލުގެ ލީޑަރުންނާއި ހާމާސްގެ ލީޑަރުން ހައްޔަރު ކުރުމުގެ އަމުރު ނެރޭނެ އެކަށީގެންވާ ހެކި އެބަހުރި: އައިސީސީގެ ޗީފް ޕްރޮސެކިއުޓަރ