ހިއުމަނޮއިޑް ރޮބޮޓް ފަރުމާކޮށްފައި ހުންނަނީ އިންސާނުންގެވެސް ހުންނަ ގޮތަށް މަތި ހަށިގަނޑާއި، ބޮލާއި، ދެ އަތާއި 2 ފައިވެސް ހިމެނޭ ގޮތަށް


އިންސާނުންނާ އެއްގޮތަކަށް ހަދާފައިވާ ހިއުމަނޮއިޑް ރޮބޮޓް
ސައެންސްއާއި ޓެކްނޮލޮޖީގެ ރޮނގުން ކުރިއަރަމުން އަންނަ އަދުގެ ދުނިޔޭގައި، އިންސާނުންގެ ޝަޚްސު އަސްލަކަށް ބަލައިގެން ފަރުމާ ކޮށްފައި ހުންނަ (ހިއުމަނޮއިޑް) ރޮބޮޓުންގެ ދައުރުވެސް އަންނަނީ ބޮޑުވަމުންނެވެ. ކުރިއަށް އޮތް އަހަރު ތަކުގައި ދުނިޔެއާއި ދުނިޔެއިން ބޭރުގައިވެސް ހިއުމަނޮއިޑް ރޮބޮޓުންގެ ބޭނުން ބޮޑުވާނެ ކަމަށް ސައެންސްއާއި ޓެކްނޮލޮޖީގެ ޚަބަރުތައް ބުނެއެވެ.
އިސްކޮޅުގައި 6 ފޫޓު 2 އިންޗި ނުވަތަ 188 ސެންޓިމީޓަރެވެ. ބަރުދަނުގައި 300 ޕައުންޑް ނުވަތަ 136 ކިލޯއެވެ. މި ދައްކަނީ އެމެރިކާގެ ޖައްވީ އިދާރާ (ނާސާ) އިން، އިންސާނެއްގެ ޝަޚްސު އަސްލަކަށް ބަލައިގެން ތަރައްޤީ ކުރަމުން އަންނަ – 'ވެލްކިއެރީ' ރޮބޮޓްގެ ވާހަކައެވެ.
ހިއުމަނޮއިޑް ރޮބޮޓް ފަރުމާކޮށްފައި ހުންނަނީ އިންސާނުންގެވެސް ހުންނަ ގޮތަށް މަތި ހަށިގަނޑާއި، ބޮލާއި، ދެ އަތާއި 2 ފައިވެސް ހިމެނޭ ގޮތަށެވެ. އިނޖިނޭރުން ޤަބޫލުކުރާ ގޮތުގައި ރަނގަޅު ސޮފްޓްވެއަރއެއް އަތުޖެހިއްޖެ ކަމުގައި ވާނަމަ، އިންސާނުންނެކޭ އެއްގޮތަށް ހަރަކާތްތެރިވެ، އެކިއެކި މަސައްކަތްތައް ކުރުމުގެ ޤާބިލުކަން އެ ރޮބޮޓްތަކަށް ލިބެއެވެ.
ނާސާގެ 'ވެލްކިއެރީ' އަކީ ކަރަންޓު ހަކަތައިން އޮޕަރޭޓް ކުރާ ރޮބޮޓެކެވެ. 'ވެލްކިއެރީ' ފަރުމާކޮށް އުފައްދާފައި ވަނީ ޓެކްސަސްގައި ހުންނަ ޖޯންސަން ސްޕޭސް ސެންޓަރގައެވެ. 'ވެލްކިއެރީ' އަކީ 2013 ވަނަ އަހަރު އޮތް ފަންނުވެރިންގެ މުބާރަތަކުން އުފަންވި ފަރުމާއެކެވެ. ރޮބޮޓް ފަރުމާ ކޮށްފައި ވަނީ ވީރާނާ ވަމުންދާ ނުވަތަ ގެއްލުންތަކެއް ލިބިފައިވާ ވެށިތަކުގައި ހަރަކާތްތެރިވެ އުޅެވޭ ގޮތަށެވެ. އެގޮތުން، ޤުދުރަތީ ކާރިޘާތަކުގެ އަސަރު ކުރާ ސަރަޙައްދުތަކުގައި ހަރަކާތްތެރިވުމުގެ ފުރުޞަތު ނާސާގެ ހިއުމަނޮއިޑް ރޮބޮޓަށް އޮންނާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.
'ވެލްކިއެރީ'އަކީ ނާސާއިން ފަރުމާކޮށް އުފެއްދި ހަމަ އެކަނި މިފަދަ ރޮބޮޓެއް ނޫނެވެ. ދައްކަން މި އުޅެނީ 'ރޮބޮނޯޓް-2' ގެ ވާހަކައެވެ. ނާސާއިން ބުނާ ގޮތުން ވިއްޔާ، 'ވެލްކިއެރީ'ގެ ބޭބެގެ ވާހަކައެވެ. ނާސާއިން އުފެއްދި ރޮބޮނޯޓް-2، ބައިނަލްއަޤުވާމީ ޖައްވީ ސްޓޭޝަން (އައިއެސްއެސް)އަށް ފޮނުވާލީ 2011 ވަނަ އަހަރުގެ ތެރޭގައެވެ. އެއީ ޖައްވަށް ދަތުރުކުރި ފުރަތަމަ ހިއުމަނޮއިޑް ރޮބޮޓެވެ.
ރޮބޮނޯޓް-2ގެ މަސައްކަތަކީ ވަރަށް އާދައިގެ މަސައްކަތްތަކެކެވެ. އެގޮތުން ކޮންޓްރޯލް ސިސްޓަމް އޮޕަރޭޓް ކުރުމާއި، ވައިގޮޅިއަކުން ވައި ދަތުރުކުރާ މިންވަރު ވަޒަން ކުރުން ފަދަ މަސައްކަތްތައް ރޮބޮނޯޓް-2 ވަނީ ޖައްވުގައި ކޮށްފައެވެ. ރޮބޮނޯޓް-2އަކާ ޙަވާލު ކުރެވުނު މަސައްކަތްތައް ކޮށްފައި ވަނީ ރިމޯޓް ކޮންޓްރޯލް ބޭނުންކޮށްގެންނާއި އޭގެ އަމިއްލަ ޒާތުގައެވެ. ޖައްވީ ޑިއުޓީ ނިންމާލުމަށްފަހު ރޮބޮނޯޓް-2 ދުނިޔޭގެ ބިމަށް އަނބުރާ ގެނައީ 2018 ވަނަ އަހަރުގެ ތެރޭގައެވެ.
ނާސާގެ އެންމެ ވަރުގަދަ ޓީމުތަކުގެ ތެރޭގައި ގުނާލެވޭ ރޮބޮޓިކްސް ޓީމުގެ ލީޑަރު، ޝޯން އަޒީމީ ބުނި ގޮތުގައި ހިއުމަނޮއިޑް ރޮބޮޓްތަކަކީ ކުރިއަށް އޮތް ތަނުގައި ޖައްވު ތެރޭގައި ނުރައްކާތެރި އޮޕަރޭޝަންތައްވެސް ކުރެވޭ ފެންވަރަށް ތަރައްޤީ ކުރެވޭނެ ރޮބޮޓްތަކަކަށް ވާނެ ކަމަށެވެ. އެގޮތުން ސޯލަރ ޕެނަލްތައް ސާފު ކުރުމާއި، ޖައްވީ އުޅަނދުން ބޭރުގައި ހުންނަ އެކި ޢާލާތްތަކުގައި މައްސަލައެއް ޖެހިއްޖެ ނަމަ، ދެން ކުރަން ޖެހޭ ކަންކަން ކުރުމަށްވެސް ރޮބޮޓްތަކަށް ނުކުމެ އުޅެވޭނެ ކަމަށް އަޒީމީ ފާހަގަ ކުރިއެވެ. އެ ފެންވަރަށް ކަންކަން ތަރައްޤީ ވުމާއެކު، ޖައްވު ތެރޭގައި ދިރާސާކޮށް އައު ކަންކަން ހޯދުމަށް ޖައްވީ ފަޅުވެރިންނަށް ސަމާލުކަން ހުސްކޮށްލެވޭނެ ކަންވެސް އަޒީމީ ފާހަގަ ކުރިއެވެ.
މި ފަހުން ނާސާއިން ވަނީ ޖައްވީ ބޭނުންތަކަށް ޚާއްޞަކޮށްގެން ފަރުމާކުރާ ހިއުމަނޮއިޑް ރޮބޮޓްތަކުގެ ބޭނުން އެންމެ ފުރިހަމަ ހިފެން ހުރި ގޮތްތައް ބަލާ، ދަސްކުރުމުގެ ގޮތުން އޮސްޓިންއާއި، އެޕްޓްރޯނިކް ފަދަ ރޮބޮޓް އުފައްދާ ކުންފުނިތަކާ ގުޅިގެން މަސައްކަތްތަކެއްވެސް ކޮށްފައެވެ.
އެޕްޓްރޯނިކުން މިހާރުވެސް ދަނީ 'އެޕޯލޯ'ގެ ނަން ދީފައިވާ ހިއުމަނޮއިޑް ރޮބޮޓެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. 'އެޕޯލޯ' ފަރުމާކޮށްފައި ވަނީ މުދާ އުފައްދާ ޕްލާންޓްތަކާއި ގުދަންތަކުގައި މަސައްކަތް ކުރެވޭ ގޮތަށެވެ. އެގޮތުން މުދާ އުފުލުމާއި، ޕެލެޓް ޖެހުމާއި ސަޕްލައި-ޗެއިން އޮޕަރޭޝަންތަކާ ގުޅިފައިވާ އެހެންވެސް ހުނަރުތައް 'އެޕޯލޯ'އަށް ދަސްކޮށްދެއެވެ. ކުންފުނިތަކަށް ވިޔަފާރި އުސޫލުން ހިއުމަނޮއިޑް ރޮބޮޓް ފޯރުކޮށްދިނުމަށް އެޕްޓްރޯނިކުން އަމާޒު ހިފާފައި ވާ އިރު، 2025 ވަނަ އަހަރު އެ މަޝްރޫޢުގައި ޙަޤީޤީ ކުލަ ޖެހޭނެ ކަމަށް ބެލެވެއެވެ.
އެޕްޓްރޮނިކްގެ ޗީފް ޓެކްނޮލޮޖީ އޮފިސަރ، ނިކް ޕޭން ބުނި ގޮތުގައި، އެޕޯލޯގެ އިންސާނީ އެކުވެރިންނަށް ވުރެ އިތުރު ފައިދާތަކެއް އެ ރޮބޮޓަށް ލިބިފައިވެއެވެ. ޚާއްސަކޮށް އާރާއި ބުންވަރު ލިބިފައިވާ ކަން އޭނާ ފާހަގަ ކުރިއެވެ.
ބައެއް ރޮބޮޓްތަކަކީ މިހާރުވެސް ވަޒީފާ އަދާ ކުރަމުން ދާ ރޮބޮޓްތަކެކެވެ. އެމެޒޯން ކުންފުނިންވެސް މިހާރު ދަނީ ޕައިލެޓް އުސޫލުން، އެ ކުންފުނީގެ ގުދަނުގެ އޮޕަރޭޝަންތަކުގައި ހިއުމަނޮއިޑް ރޮބޮޓެއް ބޭނުން ކުރަމުންނެވެ. 'ޑިޖިޓް'ގެ ނަން ދީފައި ވާ ރޮބޮޓް ފަރުމާ ކޮށްފައި ވަނީ އެޖިލިޓީ ރޮބޮޓިކްސް ކުންފުނިންނެވެ.
އިންޓަރެކްޓް އެނަލިޓިކްސްގެ ވެއަރހައުސް އޮޓޯމޭޝަން އެނަލިސްޓް، ޣޫބެން ސްޣީވެން ބުނާ ގޮތުގައި، މަސައްކަތުގެ މާޙައުލަށް އޮޓޯމޭޝަންގެ އެހީގައި ބަދަލުތައް ގެންނަމުންދާ ދާ ވަރަކަށް، ވަޒީފާތަކުން މީހުން މަދު ކުރުމަކީ އައު ކަމެއް ނޫނެވެ. ނަމަވެސް މީގެ ކުރިން އިންސާނުންތަކެއް އަދާ ކުރަމުން ދިޔަ ވަޒީފާތަކެއްގައި، އިންސާނުންގެ ޝަޚްސު އަސްލަކަށް ބަލައިގެން ބަޔަކު އުފައްދާފައި ވާ ރޮބޮޓުން ހަރަކާތްތެރިވާ މަންޒަރު ފެނުމަކީ، ވަކިން ޚާއްޞަކޮށް މަސައްކަތްތެރިންގެ މެދުގައި އާދަޔާ ޚިލާފު ޖަޒުބާތީ ޝުޢޫރުތަކެއް އުފައްދަނިވި ކަމަކަށް ވާނެކަން ޔަޤީނެވެ.
ސިނާޢީ މަސައްކަތުގެ ދާއިރާއަށް ހިއުމަނޮއިޑް ރޮބޮޓުންގެ ބޭނުން އޮތީ ޖެހިފައެވެ. އެމެރިކާގެ ޗޭމްބަރ އޮފް ކޮމަރސްއިން ޢާންމުކޮށްފައި ވާ ތަފާސް ހިސާބުތަކަށް ބަލާއިރު، 9.5 މިލިއަން ވަޒީފާގެ ފުރުޞަތު ހުޅުވާލިއިރު، ވަޒީފާ ނެތް މީހުންގެ ތެރެއިން އެ މަޤާމުތަކަށް ޝަރުތު ހަމަވާ މީހުންގެ ޢަދަދަކީ އެންމެ 6.5 މިލިއަނެވެ. އިންސްޓަވަރކްއިން ކުރިއަށް ގެންދިޔަ ސަރވޭއެއްގެ ނަތީޖާއަށް ބަލާއިރު، ގުދަންތަކުގައި މަސައްކަތް ކުރާނެ މީހުން ހޯދުމުގައި އިންތިހާ ދަތިތަކާ ކުރިމަތިލާން ޖެހުނު ކަމަށް، ގުދަން އޮޕަރޭޓް ކުރާ ފަރާތްތަކުގެ ތެރެއިން 73 ޕަސެންޓް ވަނީ ބުނެފައެވެ.