ސްޓެލްކޯއިން ދޮންއަދަރާދަ ހިނގުން ހުޅުވުމުގެ އަމަލީ މަސައްކަތް ފަށައިފި
17 ޑިސެމްބަރު 2023 | އާދީއްތަ 13:35އެ މަގު ހުޅުވިގެން ދިއުމާއެކު މި ސަރަހައްދުގެ ޓްރެފިކްފްލޯއަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ


ދޮންއަދަރާދަ ހިނގުން
ރޯދައިގެ ކުރިން ހުޅުވުމަށް އަމާޒުހިފައި، ދޮންއަދަރާދަ ހިނގުން ހުޅުވުމުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
ސްޓެލްކޯ އިން ބުނީ މާލޭގެ އިތުރުވަމުންދާ ކަރަންޓުގެ ޑިމާންޑަށް ކޭޓާ ކުރުމަށް، އިތުރު ކެޕޭސިޓީ ބިލްޑް ކުރުމަށް ހިންގަން އޭރު ރާވާފައިވާ ފޯތް ޕަވަރ ޕްރޮޖެކްޓް ފެށުން ލަސްވެ އެކަމަށް ހައްލެއް ހޯދުމަށް ކުންފުނީގެ ކޮމްޕައުންޑާއި އިންވެގެން އޮތް ދޮންއަދަރާދަ މަގު ބަންދުކޮށް، އެމަގަށް ވާގޮތަށް އިންޖީނުގެއެއް އެޅީ 2010 ވަނަ އަހަރު ކަމަށެވެ.
ސްޓެލްކޯގެ ހުޅުމާލޭ އިންޖީނުގެއާއި، މާލޭ އިންޖީނުގެ އިންޓަރކަނެކްޝަނަކުން ގުޅާލައި، ހުޅުމާލެއިން ކަރަންޓު އިމްޕޯޓް ކުރަން ފެށުމާއިއެކު، މާލޭގެ ދޮންއަދަރާދަ މަގަށްވާގޮތަށް އަޅާފައިވާ އިންޖީނުގޭގައި ބަހައްޓާފައި ހުރި ޖަނަރޭޓަރުސެޓްތައް ބޭނުން ކުރުން ވަނީ ހުއްޓާލާފައެވެ. އަދި އެ ޖަނަރޭޓަރުސެޓްތައް މިހާރު ވަނީ ގްރޭޓާމާލޭގެ ބެކަޕްގެ ގޮތުގައި ހުޅުމާލޭ ބައު އިންޖީނުގެއަށް ބަދަލުކޮށްފައެވެ.
އާދިއްތަ ދުވަހު ދޮން އަދަރާދަމަގު ހުޅުވުމުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ، އެ މަގު ހުޅުވިގެން ދިއުމާއެކު މި ސަރަހައްދުގެ ޓްރެފިކްފްލޯއަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށާއި، މީގެ ސީދާ ފަސޭހަތައް މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އޭގެ ހާގީގީ މާނައިގައި ލިބޭނެ ކަމަށެވެ.
މީގެ އިތުރުން ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަބުދުﷲ ނާޒިރު ވިދާޅުވީ، އެ މަގު ބަންދުކުރަންޖެހުނީ އޭރު ކޮންމެހެން ވެސް އެކަން ކުރަންޖެހިގެން ކަމަށެވެ.
ދޮންއަދަރާދަ މަގު ހުޅުވުމުގެ މަސައްކަތްތައް ކުރަމުންދާނީ ސްޓެލްކޯގެ މުވައްޒަފުންނެވެ. މީގެ ތެރޭގައި މާލެއާއި، އަތޮޅުތަކުގެ އިންޖީނުގެތަކުގެ މުވައްޒަފުން ވެސް ހިމެނެއެވެ.



