17 ނޮވެމްބަރ 2023 ގައި ޑރ. މުޙައްމަދު މުއިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވީ ޤާނޫނީ އިމުގެ ބޭރުން އެއްވެސް ކަމެއް ނުކުރައްވާނެކަމާއި އަމިއްލަފުޅު ފާއިދާއަށް އެއްވެސް ކަމެއް ނުކުރައްވާނެކަމުގެ ވައުދުފުޅުތަކަކާ އެކުއެވެ. ޑރ. މުޙައްމަދު މުއިއްޒު ރައީސުލްޖުމްހުރިއްޔާކަމުގެ ހުވާކުރެއްވިއިރު ވެސް، އެމަނިކުފާނުގެ އަނބިކަނބަލުން، މިހާރުގެ ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ހުންނެވީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ސީނިއާ ސައިންޓިފިކް އޮފިސަރެއްގެ ވަޒީފާގައެވެ. އޭރުވެސް ފަސްޓް ލޭޑީއަކަށް ސާޖިދާ މުހައްމަދު ވެވަޑައިގެންނެވުމަށްފަހު އަދާކުރައްވަމުން ގެންދެވި ވަޒީފާއާ މެދު އަމަލުކުރައްވާނެ ގޮތަކާމެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދާފައިވެއެވެ. އެއީ ހުވާކުރެއްވުމުގެ ކުރިން އެކަމަނާ ވަޒީފާގައި ދެމިހުންނެވުމަށް ބޭނުންފުޅުވާކަމަށް ވިދާޅުވެ އެކަމުގައި ގޮތެއް ނިންމަވާދެއްވުމަށް ސިވިލް ސަރވިސް ކޮމިޝަނުގައި އެދިވަޑައިގެންނެވުމާ ގުޅިގެންނެވެ. އެކަމާ ގުޅިގެން ސިވިލް ސަރވިސް ކޮމިޝަނުން މީޑިއާތަކަށް ހާމަކޮށްފައިވަނީ ސާޖިދާ މުހައްމަދު ފަސްޓް ލޭޑީއަކަށް ވެވަޑައިގެންނެވުމަށްފަހު ވެސް ވަޒީފާގައި ދެމިހުންނެވުމުގައި ޤާނޫނީ ހުރަހެއް ނެތްކަމަށެވެ.
ޤާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ވަކި ހާލަތެއްގައި އަމަލުކުރާނެގޮތް ބަޔާންކޮށްފައިނެތުމަކީ އެ ހާލަތުގައި އާންމު އުޞޫލުތަކުން ގިނަބަޔަކު ގަބޫލުކުރާ ހަމަތަކާއި އުސޫލުތަކާ ހިލާފަށް، އަދި ޑިމޮކްރެޓިކް ނިޒާމުގައި އަމަލުކުރަމުންދާ އުޞޫލުތަކާ ހިލާފަށް ކަންތައްތަކެއް ކުރުމަށް ދެވޭ ލައިސަންސެއް ނޫނެވެ. ދަޢުލަތުގެ އެންމެ އިސްވެރިޔަކީ ރައީސުލްޖުމްހުރިއްޔާކަމަށްވާއިރު ރައީސުލްޖުމްހުރިއްޔާއާއި އެމަނިކުފާނުގެ އަނބިކަނބަލުން ވާންޖެހޭނީ ދިވެހި އެންމެހާ ރައްޔިތުންނަށް ނަމޫނާ ބަޔަކަށެވެ.
ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު 23 އަހަރުވަންދެން މަސައްކަތް ކުރެއްވި އެމްއެފްޑީއޭގެ ވަޒީފާގައި ދެމިހުންނެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅާ ގުޅިގެން އެންމެ ފަހުން ސިވިލް ސަރވިސް ކޮމިޝަނުން ހާމަކުރި މަޢުލޫމާތަށް ބަލާއިރު، މިހާރު ސާޖިދާ ހުންނެވީ ނޯ-ޕޭލީވެއްގައި ކަމާއި، ނަމަވެސް ވަޒީފާގެ މަސައްކަތުގައި އުޅުއްވުމަށް ބޭނުންފުޅުވާތީ، ކޮންޓްރެކްޓެއްގެ ދަށުން ސާޖިދާއަށް މަސައްކަތް ކުރެއްވޭނެގޮތް ހަމަޖައްސަމުންދާކަމަށް ވަނީ ބުނެފައެވެ. މި ހަބާރާ ގުޅިގެން މި ހަބަރު ޝާއިއުކުރި ގިނަ އޮންލައިން މީޑިއާތަކުގައި އާންމު ރައްޔިތުން ގިނަ އަދަދެއްގެ ކޮމެންޓް ކޮށްފައިވާއިރު، މިކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންވަނީ ސާޖިދާއަށް އަމާޒުވެފައެވެ. ސޯޝަލް މިޑިއާގައި ވެސް ގިނަ ބަޔަކު ޝުޢޫރުތައް ފާޅުކޮށްފައިވެއެވެ.
ސުވާލަކީ 23 އަހަރުދުވަހު ހިދުމަތްކުރެއްވުމަށްފަހު ފަސްޓް ލޭޑީއަކަށް ވެވަޑައިގެންނެވުމުން ވެސް ޑިމޮކްރެޓިކް އެހެން މުޖުތަމައުތަކުގައި އަމަލުކުރާ ގޮތަށް، ވަޒީފާއަދާކުރެއްވި އޮފީހުގެ މަސައްކަތުން އެކަހެރިވެވަޑައިގެން ފަސްޓް ލޭޑީއެއްގެ ގޮތުގައި ފެނުމަށް ބޭނުންފުޅުނުވަނީ ކީއްވެތޯއެވެ. ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުން ސާޖިދާ މިހާތަނަށް މަސައްކަތް ކުރެއްވި ތަނުގެ އެކިކަންކަމަށް އެކަމަނާ ފޯރުވަމުންއައި ނުފޫޒް ގެއްލި ގޮސްދާނެކަމުގެ ބިރު އޮތުމެވެ. އޭގެ ސަބަބުން އެ އޮތޯރިޓީގެ މަސައްކަތުގެ ތެރެއިން އެކަމަނާގެ ނުފޫޒުން ނާޖާއިއިޒު ގޮތުގައި މިހާރުވެސް ފައިދާ ހޯދަމުންދާ ބައެއް ފަރާތްތަކަށް ލިބެމުންދާ ނާޖާއިޒު މަންފާ ގެއްލިގެން ގޮސްދާނެކަމުގެ ބިރު އޮތުމެވެ. އެކަމަނާގެ ފިރިކަލުން، މިހާރުގެ ރައީސުލްޖުމްހުރިއްޔާއަށް ތާއިދު ކުރާ ބައެއް ވިޔަފާރިތަކުން ރާއްޖެއަށް އެތެރެކުރާ ބޭހާއި ކިރާއި، ކާނާގެ ބާވަތްތައް އެތެރެކުރުމުގައި ގިނަ އަހަރުތަކެއްވަންދެން އުޞޫލުތަގެ ބޭރުން ލިބެމުންދިޔަ މަންފާތަށް ލިބެމުންދިޔައީ، އެކަމަނާ އެ މަޤާމުގައި ހުންނެވުމުގެ ސަބަބުންކަމަށް އެ ދާއިރާގައި މަސައްކަތް ކުރާ ބައެއް ފަރާތްތަކުން ދެކެއެވެ.
ނަމަވެސް ސާޖިދާއަށް ކޮންޓްރެކްޓް އުސޫލުން ވަޒީފައިގައި ދެމިހުންނެވޭނެ ގޮތް ހަދަނީ ސާޖިދާ އަކީ ޓެކްނިކަލް މުހިއްމު މަސައްކަތްޕުޅުތަކެއް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގައި ކުރައްވަމުން ގެންދަވާ، ރާއްޖޭގައި އެ ދާއިރާ އިން ކިޔަވާ ވިދާޅުވެ ހުންނެވި ހަމައެކަނި ފަރާތްކަމަށް ބުނެއެވެ. ނަމަވެސް ހަޤީގަތަކީ މިހާރު ވެސް އެ ދާއިރައިން މަތީ ތައުލީމް ހާސިލްކޮށްފައިވާ އިތުރު 4 ފަރާތެއް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގައި ވަޒީފާ އަދާކުރަމުންދާކަމެއެވެ. އަދި 2 ފަރާތެއް ފިޝަރީޒް މިނިސްޓްރީގައި ވަޒީފާ އަދާކުރަމުންދާކަން ސިވިލް ސަރވިސްގެ ރެކޯޑްތަކުން އެނގެއެވެ. އެހެންކަމުން އެ ދާއިރާއިން ކިޔަވާ ވިދާޅުވެފައިވާ ހަމައެކަނި ފަރާތަކީ ސާޖިދާ މުހައްމަދު ކަމަށް ދެއްކުމަށް ކުރާ މަސައްކަތަކީ އޮޅުވާލުމެއްކަން އެނގެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ މި ދައުރުގައި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ސިވިލް ސާވިސްގެ ވަޒީފާގައި ހުންނަވާނީ ނޯ-ޕޭގައި ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ބުނެފައިވާއިރު، މިއީ ސިވިލް ސައރވިސް ގަވާއިދު ތަންދޭ ކަމެއްތޯ ވެސް ބަލާލަން ޖެހެއެވެ. ދިވެހި ސިވިލް ސަރވިސް ގަވާއިދުގެ 194 ވަނަ މާއްދާގައި، މުސާރަ ނުލިބޭގޮތަށް މުވައްޒަފަކު ނޯ-ޕޭއަށް ވީއްލުމުގައި ބަލަންޖެހޭ ކަންތައްތައް ލިސްޓްކޮށްފައިވާއިރު، އެ ކަންތައްތައް ފުރިހަމަކޮށް އެ ކަންތައްތައް ކަށަވަރުކުރުމާއެކު މެނުވީ ނޯ-ޕޭއަށް ހުއްދަ ނުދެވޭނެކަން އެނގެއެވެ. އަދި ދިވެހި ސިވިލް ސަރވިސް ގަވާއިދުގެ 197 ވަނަ މާއްދާގައި މުސާރަނުލިބޭގޮތަށް މުވައްޒަފަކު ވީއްލޭނެ ކަންތައްތައް ބަޔާންކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނޭ އެއްވެސް ކަމަކަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދުގެ ހާލަތު ފޯލްވެފައި ނުވާކަން ވެސް ފާހަގަކުރެވެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ މި ދައުރު ނިމެންދެން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ހުންނަވާނީ ނޯ-ޕޭގައި ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ބުނެފައިވާއިރު، ދިވެހި ސިވިލް ސަރވިސް ގަވާއިދުގެ 198 އަދި 199 ވަނަ މާއްދާގައި މުސާރަ ނުލިބޭ ގޮތަށް މުވައްޒަފަކު ވީއްލޭނީ ގިނަވެގެން 4 އަހަރު ދުވަހުގެ މުއްދަތަށްކަމަށް ބަޔާންކޮށްފައިވެއެވެ. އެހެން ކަމުން 5 އަހަރު ދުވަހުގެ މުއްދަތަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދަށް ސިވިލް ސަރވިސް ކޮމިޝަނުން ނޯ-ޕޭ ލީވް ހަމަޖައްސަވާފައިވަނީ ދިވެހި ސިވިލް ސަރވިސް ގަވާއިދާ ހިލާފަށްކަން އެނގެއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ސާޖިދާ ކޮންސަލްޓެންސީ ގޮތުގައި ހިދުމަތް ފޯރުކޮށްދޭން ބޭނުންފުޅުވާތީ، ސާޖިދާއާއެކު ކޮންޓްރެކްޓެއް ހެދުމަށް ނިންމީ ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ބުނެފައިވެއެވެ. ނަމަވެސް ކޮންޓްރެކްޓް އެމްޕްލޯއިމަންޓް އުޞޫލުން މުވައްޒަފުން ގެންގުޅެވޭނެ ހާލަތްތައް ދިވެހި ސިވިލް ސަރވިސް ގަވާއިދުގެ 109 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، މުސާރަ ނުލިބޭގޮތަށް މުވައްޒަފަކު ވީއްލާ ހާލަތުގައި ނޯޕޭ ނަގާ މުވައްޒަފަގެ ބަދަލުގައި ކޮންޓްރެކްޓް އުޞޫލުން ހަމަ އެ މުވައްޒަފު ނުނެގޭނެކަން ވެސް އެނގެއެވެ. އަދި އެފަދަ ހާލަތުގައި ވެސް ކޮންޓްރެކްޓް އުޞޫލުން މުވައްޒަފަކު ނަގަންވާނީ ސިވިލް ސަރވިސްގެ އާންމު ވަޒީފާތަކަށް މީހުން ހޯދާ އުޞޫލުން އިއުލާންކޮށްގެންކަން ގަވާއިދުގެ 108 ވަނަ މާއްދާއަށް ބެލުމުން އެނގެއެވެ. އަދި އެފަދަ މުވައްޒަފުން ވެސް ސިވިލް ސަރވިސްގެ ގަވާއިދާއި ކޯޑް އޮފް ކޮންޑަކްޓަށް އަމަލުކުރަންޖެހެއެވެ. އެހެންކަމުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދަށް ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރެވޭނެ ގޮތް ހަމަޖައްސަވައިދެއްވުމަށް ސިވިލް ސަރވިސް ކޮމިޝަނުން ކުރަމުންދާ މަސައްކަތަކީ ދިވެހި ސިވިލް ސަރވިސް ގަވާއިދާ ހިލާފަށް ކުރަމުންދާ މަސައްކަތެކެވެ.
ސާޖިދާ މުހައްމަދު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގައި ވަޒީފާ އާދާކުރެއްވި މަޤާމުގެ ނަމަކީ ޓެކްނިކަލް ނަމަކަށްވީނަމަވެސް، މިހާތަނަށް އެ ތަނުގައި ސާޖިދާ އާންމުގޮތެއްގައި ކުރައްވަމުން ގެންދެވީ އިދާރީ މަސައްކަތާއި އިލްމީ މަސައްކަތްކަމަށް އެއޮތޯރިޓީގެ މުވައްޒަފުން މައުލޫމާތު ދީފައިވެއެވެ. އެ ތަނުގެ މެންޑޭޓްތެރޭގައި ހިމެނޭ ބޭސްތައް ޓެސްޓްކުރުމާއި ކާބޯތަކެތި ޓެސްޓްކުރަމުންދަނީ އާންމުގޮތެއްގައި ބޭރުގެ އެކި ލެބޯރެޓަރީތަކަށް ފޮނުވައިގެންނެވެ.
އެ މުއައްސާސާ ހިންގުމުގެ އެންމެ އިސް ދައުރާ ހަވާލުވެވަޑައިގެން ހުންނެވިއިރު މަސްޢޫލިއްޔަތުތަކާއި ޒިންމާތައް އަދާނުކުރެވި، ފެއިލްވެފައިވާކަމަށާއި އެކަމުގެ ސަބަބުން ރައްޔިތުން އެތަކެއް ތަކްލީފުތަކެއް ކުރިމަތިވަމުންދާއިރު، މިއަދު އިތުރަށް ގަވާއިދާ ހިލާފަށް އެ މަގާމުގައި ހުންނެވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްޕުޅަކީ ރައްޔިތުން ބަލައިގަންނާނެކަމެއް ނޫނެވެ. ސާޖިދާގެ ނުފޫޒުން އެކި ފަހަރު އެކި ގޮތަށް އަމަލުކޮށްފައިވާކަމާއި އެމްއެފްޑީއޭ އިން އެކި ފަރާތްތަކުގެ މެދުގައި ބޮޑެތި ތަފާތުކުރުންތައް ވޭތުވެދިޔަ ތަނުގައި ގެންގުޅެފައިވާކަމާއި، ބައެއް ފަރާތްތަކަށް ނާޖާއިޒު ފައިދާ ލިބޭގޮތަށް ސާޖިދާ އަމަލުކޮށްފައިވާކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ. މާލެއާއި ރާއްޖޭގައި ހިންގާ އެކި އެކި ލޯކަލް މަރުކޭޓްތަކަށް ބަލާލުމުން ވެސް، ކަންބޮޑުވާ ދަރަޖައަކަށް ކަންތައްތައް މިއަދު ގޮސްފައިވާއިރު، މިހާތަނަށް އެކަންކަން ރަނގަޅުކުރުމަށް ހަވާލުވެ ހުންނެވީ ސާޖިދާ މުހައްމަދުއެވެ.
ގާތުން ދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށް ދޭ އެކި ބާވަތްތައް ރާއްޖެ އެތެރެކުރުމަށް ހުއްދަދިނުމުގައި ވެސް ބޮޑެތި ތަފާތުކުރުންތަކެއް ގެންގުޅެމުންދާކަމާއި، ކަނޑައެޅިގެން ވަކި ވިޔަފާރިތަކަކަށް މާލީ މަންފާ ލިބޭގޮތަށް ހުއްދަދިނުމުގައި ސާޖިދާގެ ބެލުމުގެ ދަށުން އަމަލުކޮށްފައިވާކަމަށް މީގެ ކުރިން ސޯޝަލް މީޑިއާގައި ފާހަގަކޮށްފައިވާއިރު، ސިޔަސީ ގޮތުން އެ ފަރާތާ ގުޅުން ހުރި ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކުން ގަވާއިދާ ހިލާފަށް ކުޑަކުދިންނަށް ދޭ އެކި ބާވަތްތަކުގެ ކިރާއި ކަނާ ރާއްޖެ އެތެރެކޮށް ވިއްކަމުންދާއިރު ފިޔަވަޅު އަޅާފައިނުވާކަން ވެސް ބައެއް ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން ވަޒީފާގައި ދެމިހުންނެވުމަށް ބޭނުންފުޅުވާ މަޤުސަދާމެދު ސުވާލު އެފެދެއެވެ. ޓެކްނިކަލް މަޤާމެއް އަދާކުރާކަމަށް ބުނެ އެ ވަޒީފާ ވަކިމީހަކަށް ރިޒާވްކޮށް އެ ދާއިރާއިން ކިޔަވައިގެން ތިބި އެހެން މުވައްޒަފުން ވެސް ތިބެމެ، އެ މުވައްޒަފުންނަށް ވެސް ލިބިގެންދާ ކުރިއެރުންތަކަށް މިކަމުގެ ސަބަބުން ހުރަސް އެޅިގެން ދެއެވެ.
ސިވިލް ސަރވިސް ކޮމިޝަނުން ވަކި މީހަކު އެ ފަރާތުން ބޭނުންވާ މަޤާމުގައި ނުވަތަ ވަޒީފާގެ މަސްއޫލިއްޔަތުގައި ބެހެއްޓުމަށް ދިވެހި ސިވިލް ސަރވިސް ގަވާއިދާ ހިލާފަށް ކުރަމުންދާ ކަންތައްތަކަކީ ވަކި ފަރާތަކަށް ނާޖާއިޒު ގޮތުގައި މަންފާތަކެއް ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތްތަކެއްކަމަށް ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ. އަދި ދިވެހި ސިވިލް ސަރވިސްގެ އުސޫލުތަކާއި ގަވާއިދުތައް ހަމަޖެހިފައިވާ ގޮތުން ސިވިލް ސަރވިސްގެ މުވައްޒަފުން ރިޕޯޓް ކުރަންޖެހެނީ އެ މިނިސްޓްރީއެއްގެ ޕަމަނަންޓް ސެކްރެޓަރީއަށް ކަމަށްވާއިރު، ފަސްޓް ލޭޑީގެ ގޮތުގައި ހިމެނޭ ފަރާތަކުން ވަޒީފާ އަދާކުރާ ހާލަތުގައި އެފަރާތުން ކުރާ ކަންތައްތަކާއި ނިންމާ ނިންމުންތަކާ ގުޅިގެން މިނިސްޓަރަށާއި ޕަމަނަންޓް ސެކްރެޓަރީއަށް ބަސްބުނަން ކެރޭނީ ކިހާމިންވަރަކަށްތޯ ސުވާލު އުފެދެއެވެ. ހައިރާކީ ގޮތުން މިނިސްޓަރަށާއި ޕަމަނަންޓް ސެކްރެޓަރީއަށް ވުރެ މަތީ ލެވަލްއެއްގައި ހިމެނޭ ފަރާތަކަށް އަމުރު މައުރޫފް ހިންގިދާނެތޯ ސުވާލު އުފެދެއެވެ.
ގިނަބަޔަކު ގަބޫލުކުރަމުންދަނީ ސިވިލް ސަރވިސް ކޮމިޝަނުން ކުރަމުންދާކަމަކީ ވަކިމީހަކަށް ކޯޓެއް ފަހައިދިނުމުގެ މަސައްކަތެވެ. ސަބަބަކީ މީގެ ކުރިން ސިވިލް ސަރވިސްގެ މުވައްޒަފުން ގަވާއިދުގައި ކަނޑައަޅާފައިވާ އުޞޫލުގެ ތެރެއިން ނޯޕޭ ލީވް ނެގިކަމުގައިވިޔަސް 4 އަހަރު ދުވަސް ހަމަވުމުން ވަޒީފާއަށް ނުނުކުންނަ ނަމަ ވަޒީފާއިން ވަނީ ވަކިކޮށްފައެވެ. މިގޮތަށް ވޭތުވެދިޔަ އޮކްޓޯބަރު މަހުތެރޭގައި ވެސް 2 މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވެއެވެ. އެހެންކަމުން މިއަދު ރައްޔިތުން އުފައްދަމުންދާ ސުވާލަކީ ސިވިލް ސަރވިސްގެ އެހެން މުވައްޒަފުންނަށް 5 އަހަރު ދުވަސްވަންދެން ނޯ-ޕޭލީވް ނުދެނީ ކީއްވެތޯއެވެ. މި ދާއިރާއިން ކިޔަވައިގެން ތިބަ އަދި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ވެސް އެ ވަޒީފައަށް އައުމަށް ހުރަސްއަޅައި ވަޒީފާގެ ސްލޮޓް 5 އަހަރު ދުވަސް ވަންދެން ވަކި މީހަކަށް ރިޒާވް ކުރުމަކީ ރައްޔިތުންގެ މެދުގައި ހަމަހަމަކަމާއި އަދުލުވެރިކަމާއެކު އަމަލުކުރެއްވުމަށް ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް ކުރާ ކަމެއްތޯއެވެ. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ މަސައްކަތް ސާޖިދާ މުހައްމަދު ނެތި ހުއްޓިދާނެ ހާލަތަކަށް އަންނަނީތޯއެވެ.
ދުނިޔޭގެ ކުރިއަރާފައިވާ ޑިމޮކްރެޓިކް ގައުމުތަކުގައި އަމަލުކުރަމުންދާ އުޞޫލުތަކަށް ބަލާއިރު ވެސް، މިއީ ހަމަޖެހޭ ކަމެއްކަމަށް ގިނަ ފަރާތްތަކުން ނުދެކެއެވެ.
ހެލްތު މިނިސްޓްރީއާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ އިސްވެރިންގެ މައްޗަށް ދަށުގައި ހުންނަ މުވައްޒަފަކު ބަސްކިޔޭގޮތަށް ސިވިލް ސަރވިސް ކޮމިޝަނުން އުސޫލުތައް ހެދުމަކީ ފަންޑަމެނޓަލް މެނޭޖްމަންޓް ޕްރިންސިޕަލާ ވެސް ހިލާފު ކަމެކެވެ.