"ކުދިންކޮޅު އައީ ކުޅެލާ ހަދަން، ބޯމައްޗަށް ބޮންތައް އަޅާލިއިރު އެތަނުގައި ތިބީ ހައްތަހާވެސް ކުޑަކުދިން"
ތުއްތު ކުއްޖެއްގެ ޖަނާޒާގެ މަންޒަރަކީ ކޮންމެ ކޮންމެ މީހަކަށް ބަލަން މާ ފަސޭހަ މަންޒަރަކަށް ނުވާނެ

ޙަސަން އަލް-ހިންދީ؛ ޚާން ޔޫނިސްއަށް ދިން ޙަމަލާގެ މަންޒަރު ދުށް މީހެއް
ހުޅަނގުގެ ޤައުމުތަކުން ޖަހާދީފައިވާ ނިވާފަތްގަނޑުގެ ހިޔަލުގައި ތިބެގެން ޔަހޫދީން ދެމުންދާ ރަޙުމެއް ނެތް ޢުދުވާންތަކުގެ ޝިކާރައަކަށް ވެފައި ވާ ޣައްޒާގެ މަސްރަހުން ލިބޭ ކޮންމެ މަންޒަރަކީވެސް ހިތަށް އިންތިހާ ދަތި ކުރުވާ މަންޒަރެކެވެ. އެ ހުރިހާ މަންޒަރުތަކެއްގެ ތެރެއިންވެސް ހިތަށް އެންމެ ފުން އަސަރެއް ކުރުވަނީ، ތުއްތު ތުއްތު މައުސޫމު ކުދިންނަށް ލިބެމުންދާ އަނިޔާތައް ފެނި ކަމައި މެދު ދެބަސްވާނެ މީހަކު މަދުވާނެއެވެ. ވަކިން ޚާއްޞަކޮށް، ތުއްތު ޤަބުރުތަކެއް ފެންނަ ވަޤުތު ހިތަށް ކުރާ އެ އަސަރަކީ، އިންސާނަކަށް ވީތީ ބަރުދާސްތު ކުރަން ދަތި ވޭނެކެވެ.
"އެއީ ހައްތަހާވެސް ކުޑަ ކުދިން"، ޣައްޒާގެ ދެކުނު ޚާން ޔޫނިސްގެ ހޮސްޕިޓަލެއްގެ ބޭރުގައި އިން ޙަސަން އަލް-ހިންދީ، އޭނާގެ ވަށާލައިގެން ތިބި ރިޕޯޓަރުން ގާތު ތަކުރާރުކޮށް ބުނަމުން ދިޔައެވެ.
ހޮސްޕިޓަލުތަކުގައި ބޭނުން ކުރާ ކަހަލަ ޓްރޯލީއެއްގައި އިށީނދެލައިގެން އިން ޙަސަންގެ ހިތުގައި އަޅަމުން ދިޔަ ވޭނަށް ލުޔެއް ހޯދައިދެވޭތޯ ބަޔަކު އޭރުވެސް ދިޔައީ މަސައްކަތް ކުރަމުންނެވެ. އޭނާ އިށީނދެލައިގެން އިނީ ނާސިރު މެޑިކަލް ސެންޓަރަށް މީހުން ވަދެ-ނުކުމެ ހަދާ ދިމާލުގައެވެ. އެއީ ޔަހޫދީންގެ ޙަމަލާތަކުގައި ޒަޚަމްވަމުންދާ ފަލަސްޠީނުގެ ހިތްވަރުގަދަ ބަޠަލުން، އެމްބިއުލާންސްތަކުގައި ގެންނަ ސަރަޙައްދުވެސްމެއެވެ.
އޮކްޓޯބަރު 19 ވީ ބުރާސްފަތި ދުވަހަކީވެސް ޣައްޒާއިން ހިތްދަތި މަންޒަރުތަކެއް ފެނުނު ދުވަހެކެވެ. އެއީވެސް ތުއްތު ތުއްތު އެތައް ފުރާނައެއްގެ ޖަނާޒާގެ ކަންކަން ކުރިއަށް ދިޔަ ދުވަހެކެވެ. އެ ކުދިންނަކީ ޚާން ޔޫނިސްގައި އެކުދިން ދިރިއުޅެމުން ދިޔަ ގެއަށް އިޒްރޭލުން ދިން ޙަމަލާގައި މި ދުނިޔެ ދޫކުރި ޝަހީދުންނެވެ.
އެޔެއް މިޔެއް ބެލުމެއް ނެތި އިޒްރޭލުން ދެމުންދާ ޙަމަލާގައި މި ފަހަރު ބިމާ ހަމަކޮށްލި 3 ބުރީގެ ޢިމާރަތަކީ، ތުއްތު ތުއްތު ކުދިންތަކަކާއި، އެކުދިންގެ މައިންނާއި، މާމަ ދިރިއުޅެމުން ދިޔަ ގެއެކެވެ. އެ ހާދިޘާގައި އެކަނިވެސް 12 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.
ތުއްތު ކުއްޖެއްގެ ޖަނާޒާގެ މަންޒަރަކީ ކޮންމެ ކޮންމެ މީހަކަށް ބަލަން މާ ފަސޭހަ މަންޒަރަކަށް ނުވާނެއެވެ. އެންމެ ފަހު ފަހަރަށް، ތުއްތު ކުއްޖާއަށް ބޮސްދޭ މަންޒަރު ފެނުނު ކޮންމެ މީހެއްގެ ލޮލުން ކަރުނަ ހިލޭނެއެވެ.
އޮކްޓޯބަރު 7 ވަނަ ދުވަހު އިޒްރޭލުން ހަނގުރާމަ ހޫނު ކުރަން ފެށިފަހުން ފަލަސްޠީނުން މަރުވި މީހުންގެ ޢަދަދު 4000 އާއި ގާތް ކުރާ ކަމަށް ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ދޭ މަޢުލޫމާތަށް ބަލާއިރު އެނގެން އެބަ އޮތެވެ. ޒަޚަމްވީ މީހުންގެ ޢަދަދު އުޅެނީ 12000 އިން މަތީގައެވެ. ގެދޮރު ގެއްލުނު މީހުންގެ ޢަދަދު، އެތައް ސަތޭކަ ހާހަކުން ގުނާލެވެއެވެ. އިޒްރޭލުގެ ޢުދުވާންތަކުގައި މަރުވި ފަލަސްޠީނު ރައްޔިތުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަ ކުދިންނެވެ.





