ކ. މާލެ
|
15 ސެޕްޓެންބަރ 2023 | ހުކުރު 07:12
އެންވީޑިއާ
އެންވީޑިއާ
ރޮއިޓާސް
ޓެކްނޮލޮޖީގެ ވާދަވެރިކަން
އެމެރިކާ އާއި ޗައިނާގެ ޓެކްނޮލޮޖީގެ ހަމަނުޖެހުންތަކުގައި މެދުއިރުމަތީގެ ނުތަނަވަސްކަން!
 
މެދުއިރުމަތީގެ ގައުމުތަކަށް އެމެރިކާއިންނާއި ޗައިނާއިން ދަނީ ދަތިކުރަމުން
 
ޗައިނާއާއި އެމެރިކާގެ ޓެކްނޮލޮޖީ ވާދަވެރިކަމުގެ އަސަރު މުޅި ދުނިޔެއަށްވެސް ދަނީ ކުރަމުން

ޓެކްނޮލޮޖީގެ ވާދަވެރިކަމުގައި އެއްގައުމު އަނެއްގައުމަށްވުރެ ކުރިއަރަން އެމެރިކާ އާއި ޗައިނާ އިން މަސައްކަތް ކުރަމުން އަންނައިރު، ހާއްސަކޮށް ސެމީކޮންޑަކްޓާ އިންޑަސްޓްރީގައި މެދުއިރުމަތީގެ ގައުމުތައް ދަނީ އިނދަޖެހެމުންނެވެ.  

މިހާތަނަށް މެދުއިރުމައްޗަށް ނުސީދާ ގޮތުން ވަރަށް ބޮޑަށް އަސަރުކުރަމުން އަންނަ ވިޔަފާރީގެ މި ހަނގުރާމައިގެ ސަބަބުން އެ ސަރަހައްދުގެ ޓެކްނޮލޮޖީގެ މަންޒަރާއި ޖިއޮޕޮލިޓިކަލް އެލައިންމަންޓްތަކަށް ސީދާ އަސަރުތަކެއް ކުރާނެ ކަމަށް ބެލެވެ އެވެ.

ސައޫދީ އަރަބިއްޔާ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ފަދަ އަރަބި ގަލްފުގެ ގައުމުތަކުން އަންނަނީ އެކި ދާއިރާތަކުން އެޑްވާންސް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީތައް ތަންފީޒުކުރުމަށް ޝައުގުވެރިވެ، ސެމީކޮންޑަކްޓަރުތަކަކީ ޑިޖިޓަލް ޓްރާންސްފޯމޭޝަން ސްޓްރެޓެޖީގެ މުހިއްމު ބައެއްގެ ގޮތުގައި ހަދަމުންނެވެ.

ހަމައެއާއެކު، ޗައިނާއާ އެމީހުންގެ ގާތްކަން އިތުރުވަމުން ދިއުމުގެ ސަބަބުން ވޮޝިންޓަންގެ ލޮލުގައި ވަނީ އެކަން އަޅައިގެންފަ އެވެ. މެދުއިރުމަތީގެ ޓެކްނޮލޮޖީގެ އެދުންތަކުގެ ސަބަބުން ޗައިނާއާ އެކު އޮންނަ ވިޔަފާރީގެ ވާދަވެރިކަން ހީނަރުވެދާނެތީ އެމެރިކާ އިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އޮގަސްޓް މަހުގެ ފަހުކޮޅު އެމެރިކާއިން މެދުއިރުމައްޗަށް އޭއައި ޗިޕްސް ވިއްކުން މަނާކޮށް، ހާއްސަކޮށް ޓެކް ކުންފުނިތައް ކަމަށްވާ އެންވީޑިއާ އާއި އޭއެމްޑީ (އެޑްވާންސްޑް މައިކްރޯ ޑިވައިސަސް، އިންކް) އަށް އަމާޒުކޮށްފައިވާކަމަށް ޚަބަރުތައް ފެތުރުނެވެ. އެމެރިކާގެ ޑިޕާޓްމަންޓް އޮފް ކޮމާސް އިން މި ވާހަކަތައް ދޮގުކުރި ނަމަވެސް ސެމީކޮންޑަކްޓާ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ އެންވީޑިއާ ރެގިއުލޭޓަރީ ފައިލިންގައި ބުނެފައި ވަނީ 2024 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުން ފެށިގެން މެދުއިރުމަތީގެ ބައެއް ގައުމުތަކުގައި އޭ100 އަދި އެޗް100 ޗިޕް ވިއްކުމަށް ހާއްސަ ލައިސަންސެއް ބޭނުންވާނެ ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން އޭއެމްޑީއަށް ކޮމާސް ޑިޕާޓްމަންޓުން އެފަދަ ފިޔަވަޅުތަކާއެކު ސިޓީއެއް ލިބިފައިވާ އިރު، އެއީ ހަގީގަތުގައި ވެސް މެދުއިރުމަތީގައި މި ޓެކް ކުންފުނިތަކުގެ ހަރަކާތްތައް ހުއްޓުވަން ވޮޝިންޓަނުން މަސައްކަތްކޮށްފައިވާ ކަން އަންގައިދޭ ސިޓީއެކެވެ.

މިއީ އަމިއްލަ ޓެކްނޮލޮޖީއާއި އިޤްތިޞާދީ ބާރުވެރިކަން ކަށަވަރުކުރުމަށް ވޮޝިންޓަނުން ފުޅާދާއިރާއެއްގައި ކުރިއަށް ގެންދާ ސްޓްރެޓެޖިކް ގޭމެއްގެ ބައެކެވެ. އިގްތިސާދީ ތާރީޚީ އިލްމުވެރިޔާ ކްރިސް މިލާ ލިޔުއްވާފައިވާ ފޮތް "ޗިޕް ވޯ: ދަ ފައިޓް ފޯ ދަ ވޯލްޑްސް މޯސްޓް ކްރިޓިކަލް ޓެކްނޮލޮޖީ" ގައި ވަނީ މިފަދަ ފިޔަވަޅުތަކަކީ އެކަހެރި ހާދިސާތަކެއް ނޫން ކަމަށާއި އެއީ އެމެރިކާގެ ފުޅާ ސްޓްރެޓެޖީއެއްގެ ބައެއް ކަން ކަށަވަރުކޮށްދީފަ އެވެ. މި ސްޓްރެޓެޖީގައި ޓެކްނޮލޮޖީ ބޭނުންކުރަނީ އެމެރިކާގެ މަސްލަހަތު ހިމާޔަތްކޮށް، ބެއިޖިންގެ ޓެކްނޮލޮޖީގެ ކުރިއެރުން މަޑުޖެއްސުމަށް ލީވަރޭޖް ޕޮއިންޓެއްގެ ގޮތުގައި ކަމަށް ވަނީ ފާހަގަކޮށްފައެވެ.

އެންވީޑިއާ - ރޮއިޓާސް

ގަލްފުގެ ޓެކްނޮލޮޖީގެ އުންމީދުތައް

ޑިޖިޓަލް ޓްރާންސްފޯމޭޝަނަށް ޝައުގުވެރިވާ ގަލްފުގެ ގައުމުތަކަށް ސެމީކޮންޑަކްޓާ އިންޑަސްޓްރީގެ ވިޔަފާރީގެ ހަނގުރާމައިން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެ އެވެ. ޓެކްނޮލޮޖީ އަކީ ޖިއޮޕޮލިޓިކްސްގެ މުހިންމު ބަޔަކަށް ވެފައިވާއިރު، މުސްތަގުބަލުގައި ދުނިޔޭގެ ތަރުތީބެއްގައި ގަލްފުގެ ދައުރު ކަނޑައެޅުމުގައި މި އައު ލޭންޑްސްކޭޕް ނެވިގޭޓް ކުރުމުގެ ގާބިލުކަން ވަރަށް މުހިންމު ވާނެ އެވެ. 

ސައޫދީ އަރަބިއްޔާ އާއި ޔޫއޭއީ އަކީ ޓެކް ދާއިރާގައި ސަރަހައްދީ ގޮތުން ފާހަގަކޮށްލެވޭ ބައެއްގެ ގޮތުގައި ކުރިއަރަމުން އަންނަ ދެ ގައުމެވެ. ސައޫދީ އަރަބިއްޔާއިން މީގެ ކުރިން ވަނީ ކިންގް އަބްދުالله ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ މެދުވެރިކޮށް އެންވީޑިއާގެ އެޗް100 ޗިޕްގެ ތެރެއިން މަދުވެގެން 3،000 ޗިޕް ގަނެފަ އެވެ. 

އޭއައިގެ ލީޑަރަކަށް ވުމަށް ރިޔާޒުން އަމާޒު ހިފާފައިވާއިރު، ކޮމިއުނިކޭޝަން އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓަރު އަބްދުالله އަލްސްވާހާ މިދިޔަ އަހަރު ވިދާޅުވެފައި ވަނީ "މުހައްމަދު ބިން ސަލްމާން އިސްވެ ހުންނަވާ ސައޫދީ އަރަބިއްޔާއަކީ ޑޭޓާ ސެންޓަރެއް އަދި އޭއައި ހަބެއް" ކަމަށް ހައްދަވާނެ ކަމަށެވެ.

އެހެންނަމަވެސް ޗިޕް ހަނގުރާމައަކީ ހަމައެކަނި އެއްފަރާތަކުން ކުރާ ކަމެއް ނޫނެވެ. އިޒްރޭލުގެ ޗިޕް އުފައްދާ ޓަވަރު ސެމީކޮންޑަކްޓަރު ގަތުމަށް އިންޓެލް އިން ކުރި 5.4 ބިލިއަން ޑޮލަރުގެ ބިޑް މިދިޔަ އޮގަސްޓް މަހު ޗައިނާއިން ވަނީ ނާކާމިޔާބުކޮށްލާފަ އެވެ. އަދި އެމެރިކާގެ ޓެކްނޮލޮޖީގެ ކުރިއެރުމަށް ހުރަސް އެޅުމުގެ ގޮތުން ޗައިނާއިން ދަނީ ފިޔަވަޅުތައް އަޅަމުންނެވެ.

ޔޫއޭއީއިން ވަނީ އެންވީޑިއާ ޗިޕްސްއަށް ވެސް ވަރަށް ބޮޑު އިންވެސްޓްމަންޓެއް ކޮށް، ސަރުކާރުގެ އިރުޝާދުގެ ދަށުން އުފެއްދި އޯޕަން ސޯސް އޭއައި މޮޑެލް އެއް ކަމަށްވާ ފެލްކަން މި އަހަރުގެ ކުރީކޮޅު ތައާރަފްކޮށްފަ އެވެ. ދެ ގައުމުގެ އަމާޒަކީ އޭއައި އާއި އެހެނިހެން ކުރިއަރާފައިވާ ދާއިރާތަކުން އެންމެ މަތީ ފަންތީގެ ހުނަރުވެރިން ގެނައުމަށް ފަހު ބޭރުގެ ޓެކްނޮލޮޖީއަށް ބަރޯސާވާ މިންވަރު ކުޑަކުރުމެވެ.

އެމެރިކާ އާއި ޗައިނާ ޓެކް ޑިކަޕްލިންއާ ގާތްވަމުން އަންނައިރު، ސައޫދީ އަރަބިއްޔާ އާއި ޔޫއޭއީ ފަދަ ގައުމުތައް ވަނީ ދުނިޔޭގެ ދެ ބާރުތަކާ އެކު އޮންނަ ގުޅުން ބެލެންސްކޮށް ނާޒުކު ހާލަތަކަށް ގޮސްފަ އެވެ. އެޑްވާންސް ޗިޕްތަކަށް ވަނުން މަނާކުރުމުން އެމީހުންގެ ޑިޖިޓަލް ސްޓްރެޓެޖީތަކަށް ބުރޫ އަރާފާނެ ކަމަށް ދިރާސާވެރިން ބުނެ އެވެ.

ހާއްސަކޮށް 2017 ވަނަ އަހަރު އެންމެ ފުރަތަމަ މިނިސްޓްރީ އޮފް އާޓިފިޝަލް އިންޓެލިޖެންސް އުފައްދައި، ދުނިޔޭގެ ޓެކް ޕޮޒިޝަން ހަރުދަނާ ކުރުމަށް "ޖެނެރޭޓިވް އޭއައި ގައިޑް" ފަދަ ގިނަ މަސައްކަތްތަކެއް ފަށާފައިވާ ޔޫއޭއީއަށް މިއީ ކަންބޮޑުވާ ކަމެކެވެ.

އެންމެ ފަހުން، އޮގަސްޓް މަހުގެ 30 ވަނަ ދުވަހު، ޔޫއޭއީގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ހިމެނޭ ގޮތަށް އަބޫދާބީގެ ވެރިކަން ކުރާ އާއިލާއާ ގުޅިފައިވާ އާޓިފިޝަލް އިންޓެލިޖެންސް ގްރޫޕަކުން ވަނީ ޖެނެރޭޓިވް އޭއައި އެޕްލިކޭޝަންތަކަށް ބާރު ލިބޭ ގޮތަށް ފަރުމާކޮށްފައިވާ އެންމެ ޒަމާނީ އަރަބި އޭއައި ސޮފްޓްވެއާގެ ގޮތުގައި ސިފަކުރާ ޖައިސް ތައާރަފްކޮށްފަ އެވެ. ހާއްސަކޮށް އަބޫދާބީން ވަނީ ނޭޝަނަލް ސްޓްރެޓެޖީ ފޯ އާޓިފިޝަލް އިންޓެލިޖެންސް 2031 ގައިވާ ގޮތުން އޭއައިގެ ސަރަހައްދީ ލީޑަރެއްގެ ގޮތުގައި ތިބުމަށް ވެސް މަސައްކަތްކޮށްފަ އެވެ.

ޔޫއޭއީގެ ނެޓް ޒީރޯ ސްޓްރެޓެޖިކް އިނީޝިއޭޓިވްގައި އޭއައިގެ އެހީތެރިކަން 2050 ވަނަ އަހަރުގެ ތެރޭގައި ލިބިގެންދާނެ،" ޔޫއޭއީގެ މިނިސްޓަރ އޮފް އިންޑަސްޓްރީ އެންޑް އެޑްވާންސް ޓެކްނޮލޮޖީ ޑރ ސުލްތާން އަލް ޖަބެރް މިދިޔަ އޭޕްރީލް މަހު ވިދާޅުވި އެވެ.

އެމެރިކާގެ ބެލުމާއި ޗައިނާގެ ނުފޫޒު

ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވުމަށް ރަޝިޔާއަށް އެހީތެރިކަން ފޯރުކޮށްދޭ ގައުމުތަކާ ގުޅޭ ގޮތުން އެމެރިކާއިން މިދިޔަ މާޗް މަހު ޔޫއޭއީ އަކީ "ފޯކަސް ކުރާ ގައުމެއް" ކަމަށް ކަނޑައެޅުމާ އެކު، އެމެރިކާގެ ހާރިޖީ ސިޔާސަތުގެ މަސްލަހަތު ގެއްލޭ ގައުމުތަކުގެ މައްޗަށް ބަލަން ޖެހޭ ކަންކަން އިތުރުވެފައިވާ ކަމުގެ އިޝާރާތެއް އެމެރިކާއިން ވަނީ ދީފަ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެމެރިކާގެ އިތުރުން އިނގިރޭސިވިލާތާއި އީޔޫގެ އޮފިޝަލުން ވެސް މޮސްކޯއާ އެކު އޮންނަ ގުޅުން ކަނޑާލުމަށް ޔޫއޭއީއަށް ބާރުއަޅަމުންދާ ކަމުގެ ރިޕޯޓްތައް ވަނީ ފެތުރިފަ އެވެ. ޗިޕްތަކަށް އަޅާފައިވާ ފިޔަވަޅުތައް ވަރަށް ސާފުކޮށް ފެންނަން އޮތީ ބައިޑަންގެ ސަރުކާރުން ވޮޝިންޓަންގެ ވާދަވެރިންނާ އެކު އޮންނަ ގުޅުމާ ގުޅިގެން މެދުއިރުމަތީގެ ޕާޓްނަރުންނަށް ރެގިއުލޭޓަރީ ޕްރެޝަރު ބޮޑުކުރާ ދަނޑިވަޅެއްގަ އެވެ.

ޗައިނާގެ ޓެކް ކުންފުނި ވާވޭ - ރޮއިޓާސް

ވޮޝިންޓަނުން ރެގިއުލޭޓަރީ ޕްރެޝަރު ބޮޑުކުރާއިރު، ޗައިނާއިން އުއްމީދުކުރަނީ މި ފިޔަވަޅުތަކުގެ ބޭނުން ހިފުމަށެވެ. ރިޔާދުގައި ކްލައުޑް ޑޭޓާ ސެންޓަރެއް ހުޅުވުމަށް ވާވޭ އިން ސެޕްޓެމްބަރު މަހުގެ 4 ވަނަ ދުވަހު ނިންމީ މެދުއިރުމައްޗަށް އޭއައި ޗިޕްސް އެކްސްޕޯޓު ކުރުން އެމެރިކާއިން މަނާކޮށްފައިވާ ދަނޑިވަޅެއްގައެވެ. މި ސެންޓަރުގެ ސަބަބުން ސަޢޫދީ ޢަރަބިއްޔާއަށް ސަރުކާރުން ފޯރުކޮށްދޭ ޚިދުމަތްތަކަށް އެހީތެރިކަން ފޯރުކޮށްދީ، ޢަރަބި ބަހުން އޭއައި އެޕްލިކޭޝަންތަކާއި ބަހުގެ މޮޑެލްތައް ބޭނުންކުރެވޭނެއެވެ.

ވާވޭ ކްލައުޑް ތަންފީޒު ކުރުމަކީ ހަމައެކަނި އަޅުގަނޑުމެންނާ ގުޅޭ ކަމެއް ނޫން، މިއީ ޗައިނާގެ އެހެން ކުންފުނިތައް ސައޫދީ އަރަބިއްޔާއަށް ގެންނާނެ ބްރިޖެއް
ރީޖަނަލް ޕްރެޒިޑެންޓް ސްޓީވަން ޔީ

އެމެރިކާގެ ސިޔާސަތުގެ ސަބަބުން ނޭދެވޭ ނަތީޖާއެއް ނުކުންނާނެކަން މި ފިޔަވަޅުން ހާމަވެގެންދެއެވެ. މިއީ މެދުއިރުމަތީގެ ބައިވެރިން ބެއިޖިންގެ ޓެކްނޮލޮޖީގެ އިކޯސިސްޓަމާ ދިމާލަށް ވައްޓާލުމަށް ހިންގާ ދުރުރާސްތާ ޕްލޭނެއްކަމަށް ދިރާސާވެރިން ދެކެއެވެ.

ސްމާޓް ގްރިޑާއި ސިޓީތައް ކުރިއެރުވުމުގެ މަގްސަދުގައި މައިކްރޯޗިޕް ޑިޒައިން އަދި މެނުފެކްޗަރިން ސެންޓަރެއް އުފެއްދުމަށް ސައޫދީ އަރަބިއްޔާގެ ކިންގް އަބްދުލްއަޒީޒް ސިޓީ ފޯ ސައިންސް އެންޑް ޓެކްނޮލޮޖީ (ކޭއޭސީއެސްޓީ) އިން ޗައިނާގެ ދެ ކުންފުންޏަކާއެކު މިދިޔަ ޖޫން މަހު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އަދި ވާވޭއިން ސައޫދީ އަރަބިއްޔާއަށް އިތުރު 400 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓަކާއި ޗިޕް ޓެކްނޮލޮޖީއަށް ކުރިއެރުންތަކެއް ގެންނަން ނިންމާފައިވާއިރު، އެމެރިކާގެ ވިޔަފާރީގެ ހުރަސްތަކުގެ ސަބަބުން އުފެދިފައިވާ ހުސްކަން ފޫބެއްދުމަށް ޗައިނާއަށް މި އޭންގަލުން މަސައްކަތް ކުރެވިދާނެއެވެ.

ގަލްފުގެ ގައުމުތަކުން ދަނީ ޓެކްނޮލޮޖީގެ ޕާޓްނާޝިޕްތައް ޑައިވާސިފައިކޮށް، އާދައިގެ ސުޕަޕަވާތަކަށް ބަރޯސާވުން ކުޑަކުރުމަށް އަމަލީ ފިޔަވަޅުތައް އަޅަމުންނެވެ. ޖިއޮޕޮލިޓިކަލް ނުތަނަވަސްކަމާ ދެކޮޅަށް ހެޖް ކުރުމުގެ ގޮތުން، މި ގައުމުތަކުން ދަނީ އެ ގައުމުތަކުގެ ސެމީކޮންޑަކްޓާ އެލަޔަންސްތައް ފުޅާކުރަމުންނެވެ. މިސާލަކަށް ގަތަރާއި ޔޫއޭއީ އިން ދާދި ފަހުން ވަނީ ޖަޕާނާ އެކު އެގައުމުގެ ސެމީކޮންޑަކްޓާ އިންޑަސްޓްރީއަށް ބޮޑު އިންވެސްޓްމަންޓެއް ކުރުމަށް މަޝްވަރާކޮށްފަ އެވެ.

މިއީ އިންޑިއާގެ ސެމީކޮންޑަކްޓާ މެނުފެކްޗަރިން ކުންފުނިން އިންޑިއާގެ ކަރްނާޓަކާގައި ހިންގާ ޗިޕް އުފައްދާ ފެސިލިޓީއަކަށް 3 ބިލިއަން ޑޮލަރު އިންވެސްޓްކޮށް 2022 ވަނަ އަހަރުގެ މެއި މަހު އަބޫދާބީ އާއި އިސްރާއީލުގެ ކުންފުނިތައް ހިމެނޭ ކޮންސޯޓިއަމެއް ފަދަ ކުރީގެ މަސައްކަތްތަކުގެ މައްޗަށް ބިނާވާ ކަމެކެވެ.

އެމެރިކާ އާއި ޗައިނާއާ ދެމެދު އުފެދިފައިވާ ޓެކްނޮލޮޖީގެ ވާދަވެރިކަން އިތުރުވެގެން ދިއުމަކީ ސަރަހައްދީ ގައުމުތަކަށް ހުރި ތަފާތު ގޮންޖެހުންތަކެކެވެ. ސެމީކޮންޑަކްޓަރ ޕާޓްނަރޝިޕްތައް ޑައިވަރސިފައި ކުރުމަށް މި ޤައުމުތަކުން މަސައްކަތް ކުރާއިރު، އަދިވެސް އެ ޤައުމުތައް އޮތީ އޭއައި ސެކްޓަރުގެ ތެރޭގައި އެމެރިކާއާއި ޗައިނާގެ ދުރުރާސްތާ މަކަރުވެރި ޕްލޭންގައި ޖެހިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް