ކ. މާލެ
|
13 ސެޕްޓެންބަރ 2023 | ބުދަ 12:05
މި މައްސަލައިގައި ދައުވާ އުފުލާފައިވާ އިރުފާން ރުޝްދީ
މި މައްސަލައިގައި ދައުވާ އުފުލާފައިވާ އިރުފާން ރުޝްދީ
ރާއްޖެއެމްވީ
މަރުގެ މައްސަލަތައް
އިރުފާން ރުޝްދީގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގެ ކުރީގެ މަރުޙަލާ ނިންމާލައިފި
 
ޙާދިސާ ހިނގި ތަނުގައި ނެތްކަމުގެ ދިފާއު ދައުވާލިބޭ ފަރާތަށް ނުނެގޭނެކަމަށްވެސް ގާޒީ ވަނީ ނިންމަވާފައި
 
ދައުވާލިބޭ ފަރާތުން 3 ހުށައެޅުމެއް ހުށައަޅާފައިވާއިރު، އެ ހުށައެޅުންތައް ބަލައިގެންފައެއް ނުވޭ

2016 ވަނަ އަހަރު އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖަކު މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ އިރުފާން ރުޝްދީގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި އޭނާގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލަ ކުރިން ބައްލަވަމުން ގެންދެވީ ކްރިމިނަލް ކޯޓުގެ އޭރުގެ އިސްގާޒީ އަހުމަދު ޝަކީލެވެ. ނަމަވެސް ޝަކީލު ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނު ކުރައްވާފައިވާތީ މިހާރު މި މައްސަލަ ބައްލަވަނީ ގާޒީ އިބްރާހިމް ޛިހުނީއެވެ.

ބުދަ ދުވަހުގެ އަޑުއެހުމުގައި ގާޒީ ވަނީ ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކާއި ގުޅިގެން ނިންމަވާފައިވާ ނިންމެވުންތައް ވިދާޅުވެފައެވެ.

މި މައްސަލައިގައި ދައުވާލިބޭ ފަރާތުން 3 ހުށައެޅުމެއް ހުށައަޅާފައިވެއެވެ. އޭގެ ތެރެއިން ދައުލަތުން ހުށައަޅާފައިވާ ސިއްރު ހެކިން ހިމެނޭހެން ބައެއް ހެކިން ބަލައިނުގަތުމަށް ހުށައަޅާފައިވާ ހުށައެޅުމެއް ހިމެނޭއިރު، އެ ހުށައެޅުން ޝަރީއަތުން ބަލައިގެންފައެއް ނުވެއެވެ.

ދެން ހިމެނޭ ދެ ހުށައެޅުންވެސް ޝަރީއަތުން ބަލައިގެންފައެއް ނުވެއެވެ.

މި މައްސަލައިގައި ދައުލަތުން 6 ހުށައެޅުމެއް ހުށައަޅާފައިވެއެވެ.

އޭގެ ތެރޭގައި ހެކިބަސްދޭ މީހާއަށް ހިމާޔަތް ލިބިދޭގޮތަށް ހެކިބަސް ނެގުމާއި، ސިއްރު ހެކިން ތަހުގީގަށް ދީފައިވާ ބަޔާންތައް ދިފާއަށް ދޫނުކުުރުމަށް އެދި ހުށައަޅާފައިވާ ހުށައެޅުމެއް ހިމެނެއެވެ. ގާޒީ ވަނީ އެ ހުށައެޅުންތައް ބަލައިގެންފައެވެ.

އަދި، ޙާދިސާ ހިނގި ތަނުގައި ނެތްކަމުގެ ދިފާއު ދައުވާލިބޭ ފަރާތަށް ނުނެގޭނެކަމަށްވެސް ގާޒީ ވަނީ ނިންމަވާފައެވެ.

ގާޒީ ވަނީ މި މައްސަލައަކީ މައުޟޫއީ ގޮތުން ކުރިއަށް ގެންދެވޭނެ މައްސަލައެއްކަމަށް ނިންމަވާފައެވެ.

ދިފާއުން ވަނީ ގާޒީގެ ނިންމެވުންތަކުގެ ސަބަބުން ދައުވާލިބޭ ފަރާތަށް ދިފާއުވުުމުގެ ޙައްޤާއި، އަސާސީ ޙައްޤަށް އުނިކަން އަންނަކަމަށް ވިދާޅުވެ، އެ ނިންމެވުންތަކަކީ މި ޤަރުނުގައިވެސް ކްރިމިނަލް ކޯޓުން ނިންމާނެ އެންމެ ގޯސް ނިންމެވުމަށް ވާނެކަމަށް ދިފާއީ ވަކީލު ވިދާޅުވިއެވެ.

އެ ނިންމެވުމާއި ގުޅޭގޮތުން ދައުވާލިބޭ ފަރާތާއެކު ކުރަން ބޭނުންވާ މަޝްވަރާތައް ހުރިކަމަށްވެސް ދިފާއީ ވަކީލު ވިދާޅުވިއެވެ.

ދެން އޮންނާނީ މި މައްސަަލައިގެ ޝަރީއަތް ފެށުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
100%
0%
0%
ކޮމެންޓް