ކ. މާލެ
|
18 ޖުލައި 2017 | އަންގާރަ 15:47
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ގޫގުލް
މަސީހްގެ އިތުބާރު ވޯޓު
މަސީހްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާ ޖަލްސާ ބޭއްވިޔަ ނުދޭނެ!؟
 
ޖަލްސާ ހުއްޓުވަން ވަގުތީ ކޯޓު އަމުރަކަށް އެދޭނެ ކަމަށް ބެލެވޭ
 
މެންބަރުންތަކެއްގެ މައްޗަށް ދައުވާ އުފުލާފައިވާ އިރު ފާރިސް މައުމޫނު ވަނީ ހައްޔަރުކޮށްފައި
 
މެންބަރުންތަކެއްގެ ގޮނޑި ގެއްލުވާކުމަށް ޕީޕީއެމުން ދަނީ މަސައްކަތް ކުރަމުން

މިހާރު ކޮންމެ ދިވެއްސެއްގެ ހިތުގައި އުފެދިފައިވާ ސުވާލަކީ މިއަންނަ ހަފްތާގެ ހޯމަ ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދެވިދާނެތޯއެވެ. އެ ދުވަހު ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގިދާނެތޯއެވެ؟

އިދިކޮޅު ފަރާތްތަކަށް އެއީ ޔަގީން ކަމެކެވެ. އަނެއްކޮޅުން އެއީ ފާސްނުވާނެ ވޯޓެއް ކަމަށް ސަރުކާރުން ދަނީ އަޑަށް ބާރުލާފައިވާ ބުނަމުންނެވެ. ނަމަވެސް ކުޅި ބަލަން ތިބި މީހުން ދެކޭ ގޮތުގައި ސަރުކާރަށް ވޯޓު ކަށަވަރުނުވާހާ ހިނދަކު އެއީ ބޭއްވޭނެ ޖަލްސާއެއް ނޫނެވެ.

މިހާރު ޖަހާފައިވާ ހިސާބަށް ބަލާ ނަމަ ޖަލްސާ ބާއްވައިގެން ސަރުކާރަށް ވޯޓު ކާމިޔާބުވުމުގެ އެއްވެސް އުންމީދެއް ނެތެވެ. އެކަން ސަރުކާރަށް ވެސް އެނގެއެވެ. އޭގެ ހެކިތައް ދަނީ ފެންނަމުންނެވެ. ސުވާލަކީ ޖަލްސާ ބޭއްވިޔަ ނުދިނުމަށް ސަރުކާރުން ކުރާނީ ކޮން ކަމެއްބާއެވެ؟

ސަރުކާރުން ކޮށްފާނެ ކަމަށް ބެލެވޭ އެއް ކަމަކީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް ބޭނުންވާ 42 މެންބަރުންގެ ޕޮއިންޓްގައި ހިފުމެވެ. އެހެން ގޮތަކަށް ބަލާ ނަމަ އެ އަދަދު ހަމަނުވާ ކަމަށް ކަނޑައެޅުމެވެ. ސަރުކާރުން އެކަން ކޮށްފާނެ ކަމަށް ބެލެވެނީ މަސީހާ ދެކޮޅަށް ސޮއިކޮށްފައިވާ 45 މެންބަރުންގެ ތެރެއިން ބައެއް މެންބަރުންގެ ގޮނޑި ގެއްލުވާލުމަށް މަސައްކަތް ކޮށްގެންނެވެ. އެ ކަމަށް މަގުފަހިކުރުމަށް މީގެ ކުރިން ވަނީ ސުޕްރީމް ކޯޓުގެ އެހީ ހޯދާފައެވެ. ޕާޓީން ވަކިވެއްޖެ ނަމަ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފައެވެ. އެ ހުކުމް ނެރުމުގެ ކުރިން ޕާޓީން ވަކިވި މެންބަރުން، އަދިވެސް ޕާޓީން ވަކިނުވާ ކަމަށް ދެއްކުމަށް ޕީޕީއެމުން ގެންދަނީ މަސައްކަތް ކުރަމުންނެވެ. އެ ގޮތުން އަދިވެސް އެއީ ޕީޕީއެމްގެ މެންބަރުންގެ ގޮތުގައި ހަދައި ސިޓީތައް ދަނީ ފޮނުވަމުންނެވެ. އެންގުންތައް ދަނީ އަންގަމުންނެވެ. އެހެންކަމުން ސަރުކާރުގެ ޕްލޭން "ބީ" ވެސް ހާމަ އަށް އޮތީ ފެންނަށެވެ.

ސަރުކާރުގެ ޕްލޭނަކީ އެ ޕާޓީގެ މެންބަރުންގެ ގޮތުގައި ތިބެ މަސީހާ ދެކޮޅަށް ވޯޓު ދޭނެ ކަމަށް ސޮއިކުރެއްވި މެންބަރުން ޕާޓީން ވަކިކޮށް އެކަން އިލެކްޝަންސް ކޮމިޝަނަށް އެންގުމެވެ. އެކަމަށް ބާރު ދިނުމުގެ ގޮތުން ސުޕްރީމް ކޯޓުގެ ހުކުމުގެ ދަށުން އެ މެންބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅަން އިލެކްޝަނުން ދެން ހުށަހަޅާނީ ސުޕްރީމް ކޯޓަށެވެ. ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ ޕާޓީގެ ޓިކެޓްގައި މަޖިލީހަށް ވަޑައިގަތުމަށް ފަހު ޕާޓީ ބަދަލުކޮށްގެން ނުވަތަ ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެންބަރެއްގެ ގޮނޑި ގެއްލިއްޖެކަން އެ ޕާޓީއަކުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭނެ ކަމަށެވެ. ހަމައެއާ އެކު އިލެކްޝަނުން އެކަން ކަނޑައަޅަންޖެހޭނެ ކަމަށް ވެސް ބުނެފައި ވެއެވެ. އަދި ގާނޫނުތަކާއި ގާނޫނު އަސާސީގެ ދަށުން ފަހު ބަސްބުނާ ތަނަކީ ސުޕްރީމް ކޯޓު ކަމަށް ވުމުން އިލެކްޝަންސް އިން ދެން ދާނީ ސުޕްރީމް ކޯޓަށެވެ.

އެހިސާބުން މެންބަރުކަން ގެއްލިފައިވާ ކަމާމެދު ސުވާލު އުފެދިފައިވާ ފަރާތްތަކެއްގެ ސޮއިގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ މައްސަލައެއް ކުރިއަށް ގެންދެވިދާނެތޯ ސުވާލު އުފެދޭނެއެވެ. އެހެންކަމުން 24 ވާ ހޯމަ ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ ޖަލްސާ ހުއްޓުވުމަށް ވަގުތީ އަމުރަކަށް އީސީން ނުވަތަ ޕީޕީއެމުން ސުޕްރީމް ކޯޓުގައި އެދޭނެ ކަމަށް ބެލެވެއެވެ. އަދި އެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން 24 ވަނަ ދުވަހުގެ ޖަލްސާ ފަސްކުރުމަކީ ޕްލޭން ބީ ކަމަށް ބެލެވެއެވެ.

ނަމަވެސް ސުވާލަކީ 10 މެންބަރެއްގެ ގޮނޑި ގެއްލުވާލައިގެން ސަރުކާރަށް ކުރި ލިބިދާނެތޯއެވެ؟ ސިޔާސީ މަޝްރަހް ދިރާސާކުރާ ގިނަ ފަރާތްތަކުން ދެކޭ ގޮތުގައި އެއީ ވާނެ ކަމެއް ނޫނެވެ. އެހެންކަމުން އެއާ އެކުއެކީގައި އެހެން ޕްލޭނެއް ވެސް ސަރުކާރުން އެކުލަވާލާފައިވާ ކަމަށް އެ ފަރާތްތަކުން ގަބޫލުކުރެއެވެ. އެއީ އިތުރު އެހެން ބައެއް މެންބަރުންނަށް ވެސް ޖަލްސާގައި ބައިވެރިނުވެވޭނެ ގޮތެއް ހެދުމެވެ. އަދި ފަހުން ގޮނޑި ގެއްލޭނެ ގޮތަށް ހެދުމެވެ.

އެ ގޮތުން މިހާރު ވެސް ތިން މެންބަރެއްގެ މައްޗަށް ގޮނޑި ގެއްލޭ ފަދަ ތުހުމަތުތަކެއްގައި ޝަރީއަތް ދަނީ ކުރަމުންނެވެ. މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމްގެ މައްޗަށް ޝަރީއަތްކުރަމުންދާ އިރު ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫނުގެ މައްޗަށް ދައުވާކޮށް އަދި އެހެން ތުހުމަތެއްގައި އަންގާރަ ދުވަހު ވަނީ ހައްޔަރު ވެސް ކޮށްފައެވެ. އޭގެ އިތުރުން ހިތަދޫ މެދު ދާއިރާގެ މެންބަރު ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އިބްރާހީމް މުހައްމަދު ދީދީގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ދަނީ ކުރަމުންނެވެ. އެހެންކަމުން މި ތިން މެންބަރަކުންނަކީ ވެސް މަޖިލީހުގެ ޖަލްސާ އަށް ދެވިދާނެކަމާ މެދު ސުވާލު އުފެދޭ މެންބަރުންނެވެ. އޭގެ އިތުރުން، މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ސޮއިކޮށްފައިވާ ޕީޕީއެމްގެ ބައެއް މެމްބަރުންގެ މައްޗަށް ތަފާތު ތުހްމަތުކޮށް، އެ މެމްބަރުން ހައްޔަރުކުރުން ގާތެވެ. ހާއްސަކޮށް، ރާއްޖޭން ބޭރުގައި ތިއްބެވި ބައެއް މެމްބަރުންނެވެ.

މިހުރިހާ ކަމެއް ވެސް އަދި ޕްލޭންތައް ވެސް އަމާޒު ހިފާފައި ވަނީ މަޖިލީހުގެ ރައީސް ސަލާމަތްކުރުމަށެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ ސަރުކާރުން އަޅަމުން ދަނީ ހުސް ޅަ އެއްޗެހި ކަމަށެވެ. ޕްލޭންތައް ހަދަންޖެހެނީ އެއަށް ވުރެ ދުރަށެވެ. ސަރުކާރުން ސަލާމަތްކުރުމަށެވެ. މަދު ދުވަސްކޮޅަކަށް މަސީހް ސަލާމަތް ކުރެވިދާނެ ކަމަށެވެ. ނަމަވެސް އެއީ ކިހާ ދުވަހަކަށްތޯ އިދިކޮޅު ފަރާތްތަކުން ގެންދަނީ ބުނަމުންނެވެ.

މެންބަރުންތަކެއްގެ ގޮނޑި ގެއްލިއްޖެ ނަމަ 60 ދުވަހުގެ ތެރޭގައި އަލުން އިންތިޚާބު ބާއްވަންޖެހޭނެއެވެ. ރާއްޖޭގެ ސިޔާސީ މަޝްރަހު މިހާރު އޮތް ގޮތުން ގެއްލޭ ގޮނޑިއެއް ސަރުކާރަށް ނެގިދާނެކަމާ މެދު ސުވާލު އުފެދެއެވެ. އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާ އަށް ބުރަވާ ނަމަ ސަރުކާރަށް ކާމިޔާބެއް ލިބުމަކީ ދުރު ކަމެކެވެ.

އަނެއްކޮޅުން ރާއްޖޭގެ ގިނަ ސިޔާސީ ލީޑަރު މިހާރު ތިއްބެވީ ސަރުކާރާ ދެކޮޅަށެވެ. އެއްކޮޅުގައި ޕީޕީއެމް އާއި އެމްޑީއޭ އެވެ. އަނެއްކޮޅުގައި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އިތުރުން ރައީސް މައުމޫނު އަބްދުލްގައްޔޫމެވެ. ތިލަފަތުން ކިރާލައިފި ނަމަ ޔަގީނުން ވެސް އިދިކޮޅަށް ބުރަވެއެވެ. އެހެންކަމުން 60 ދުވަސް ފަހުން ބާއްވާ ބައި އިލެކްޝަނެއްގައި ވެސް ސަރުކާރަށް ބޮޑު ލަދެއްގައި ބެދުން އޮތީ ވަރަށް ކައިރީގައެވެ. އަނެއްކޮޅުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ވާންޖެހޭ ތައްޔާރީތައް އޮތީ މަޑުޖެހިފައެވެ. ރިޔާސީ އިންތިޚާބެއް ބޯމަތިވަމުން ދަނިކޮށް ބައި އިލެކްޝަންތަކެއްގައި ބަލިވުމަކީ ސަރުކާރަށް ލިބޭނެ ބޮޑު ގެއްލުމެކެވެ. އެ ވަރުގެ ރިސްކެއް ނެގުމަށް ސަރުކާރުން ތައްޔާރުބާއެވެ؟ އޭގެ ބަދަލުގައި މަސީހް ގުރުބާންކުރުން ސަރުކާރަށް މާ ރަނގަޅު ނޫންބާއެވެ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
14%
36%
4%
43%
4%
0%
ކޮމެންޓް
18 ޖުލައި 2017 | އަންގާރަ 16:26
ދޯ
އެމީހުން ނުކުރާނެ ކަމެއްނޯންނާނެ.