ކ. މާލެ
|
27 އޯގަސްޓް 2023 | އާދީއްތަ 18:43
އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ ގެއެއް
އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ ގެއެއް
ވަޔަން
މުސްކުޅިންނަށް އެހީތެރިވުން
އުމުރުން ދުވަސްވީ މައިންބަފައިންގެ ފަހު ދުވަސްކޮޅު އެމީހުން އުފަލުގައި ބައިތިއްބަމާ!
 
މަންމައާއި ބައްޕަ އުމުރުން ދުވަސްވުމުން އެ ދެމީހުންނާ އެއްގެއެއްގައި އުޅުމުގެ ނަސީބު ލިބުމަކީ ވަރަށް ބޮޑު ނިއުމަތެއް

މިއަދުގެ ބަދަލުވަމުންމިދާ ދުނިޔޭގައި، މީގެ ސާޅީހަކަށް އަހަރުކުރިން ފެނުނު ޖޮއިންޓް އާއިލާތައް ފެންނަލެއް ދަނީ މަދުވަމުންނެވެ. އާއިލާތައް ބޮޑުވެ ދަރިންނަށް ދަރިން ލިބުމުން ޖެހެނީ ވަކިން ކުޑަ އާއިލާއެއްގެ ގޮތުގައި އެހެން ތަނަކަށް ބަދަލުވާށެވެ. މައިންބަފައިންގެ ހާލި މަޑުމަޑުން ހުސްވަމުން ގޮސް އެންމެ ފަހުން އުމުރުން ދުވަސްވީ މަންމައާއި ބައްޕަ އަދި ކޮންމެވެސް އެއް ދަރިއަކު ގޭގައި އުޅޭތަން ވަރަށް ފެނެއެވެ. ނޫންނަމަ އެހީތެރިއަކު ބަހައްޓާފައި އޭނާވެސް ކޮންމެވެސް ތަނަކަށް ހިޖުރަކުރެއެވެ.

އެއަށްފަހު އެއްކަލަ މުސްކުޅި މަންމައާއި ބައްޕަގެ ހާލުވެސް ބަލައިލެވޭލެއް މަދުވެއެވެ. ކާޑާއި އެހެންވެސް ބޭނުންވާނެ ޒަރޫރީ ތަކެތި ކޮންމެވެސް އެއް ދަރިއަކު، ނުވަތަ ހަމަޖެހޭ ކޮންމެވެސް އުސޫލަކުން ފޮނުވަފާނެއެވެ. ނަމަވެސް އޮންނަނީ އެމީހުންނާ ގާތުން އަޅާނުލެވޭތަން އައިސްފައެވެ.

މިއަދުގެ ރާއްޖޭގެ ހާލަތަށް ބަލާއިރު، އެހެން ރަށްރަށުން އައިސް މާލޭގައި ދިރިއުޅޭ އެންމެންވެސް އުޅެން ޖެހެނީ ބޮޑުކުލި ދީގެންނެވެ. މިހެން ވުމުން ސޯޝަލް ސެކިއުރިޓީގެ ދަށުން މުސްކުޅި މަންމައަށާއި ބައްޕައަށް ދޭ ފަސްހާސް ރުފިޔާގެ ބޭނުމުގައި އެމީހުން ގޮވައިގެން އައިސް އުޅޭ މީހުންވެސް ވަރަށް ގިނައެވެ. މިއީ ކޮންމެހެން މައްސަލަ އެއްވެސް ނޫނެވެ. އެހެން ނަމަވެސް މުސްކުޅި މައިންބަފައިންގެ ފަހު ދުވަސްކޮޅު ދަތިކޮށް އުޅެން ޖެހޭނަމަ އެއީ މައްސަލައެކެވެ.

މަންމަލައްވައި ގިނަ އިރުވަންދެން ދަރިން ބަލުވައި، ބައްޕަލައްވައި އެއްޗެތި އުފުލުވައި ހަދާ މަންޒަރުވެސް ވަރަށް ފެނެއެވެ. މިއަދު އެ ދެމީހުންނަކީ ރީތިކޮށް ފެންވަރާލައިގެން ފަސްވަގުތު ނަމާދު ކޮށްލައިގެން މަޑުމަޑުން ގޭގައި ތިބުމުގެ ފުރުސަތު ދޭންޖެހޭ ބައެކެވެ. އެމީހުން ގޭތެރޭގެ މަސައްކަތެއް ކުރާނަމަ ކުރަންވާނީ އެމީހުންނަށް ފެނިގެން، އަމިއްލަޔަށް ކުރާ ކަންކަމެވެ.

މުސްކުޅި މަންމައާއި ބައްޕައަށް ރައްކާތެރި، އަދި އަރާމު ވެއްޓެއް ހޯދައިދިނުމަށް ދަރިން ކަންތައްތަކެއް ކުރަން ޖެހެއެވެ. މިގޮތުން ކުރެވޭނެ، އެންމެންވެސް އެއްބަސްވާ ބައެއް ކަންތައްތައް ހުރެއެވެ.

1) ލިވިންގ އޭރިޔާގެ ލޭއައުޓް

އާންމުކޮށް ގެއެއްގައި ނޫނީ އެޕާޓްމަންޓެއްގައި މީހުން ގިނަވަގުތު ހޭދަކުރަނީ ލިވިންގ ރޫމް ނުވަތަ ސިޓިންގ ރޫމްގައެވެ. މިތަނުގައި ބަހައްޓާ ތަކެތި އަތުރަންވާނީ މުސްކުޅިންގެ ފައިގައި އަޅައިނުގަނެ ހިނގާ ހެދޭ ގޮތަށެވެ. އަދި ވީހާވެސް ވަރަކުން ބޭކާރު އެއްޗެތި ސިޓިންގ ރޫމްގައި ނުބަހައްޓާށެވެ. ފަސޭހައިން އުޅެލެވޭގޮތަށް ވީހާވެސް ބޮޑަށް ސިޓިންގ ރޫމްގައި ހުސްތަން ބާއްވާށެވެ.

2) ފުދޭވަރަށް އަލިކަން ބެހެއްޓުން

މުސްކުޅިވުމުން ކޮންމެ މީހެއްގެވެސް ލޯބޯ ކޮށިވާނެއެވެ. އުޅޭ ތަނެއްގައި އެކަށީގެންވާވަރަށް އަލިކަން ނެތްނަމަ އެއްތަނުން އަނެއް ތަނަށް ދިއުމަށް އުދަގޫ ވާނެއެވެ. އެހެން ކަމުން ހުރިހާ ވަގުތެއްގައިވެސް އެމީހުން އުޅޭ ތަންތަނަށް އަލިކަން ލިބޭނެ ގޮތަށް އިންތިޒާމް ކުރާށެވެ.

3) އެނދުގެ އުސްމިން

ދުވަސްވުމުން ތަންތަނުގައި އިށީނދެ، އޮށޯވެ ހަދަން އެހާ ފަސޭހައެއް ނުވާނެއެވެ. އެހެން ކަމުން ގެންގުޅޭ އެނދު، އަށި އެއީ އެމީހުންނަށް ފަސޭހައިން އިށީނދެހެދޭ ތަންތަން ކަމުގައި ހަދާށެވެ. ޚާއްސަކޮށް އެމީހުންގެ އެނދަކީ އިށީނދެ، އޮށޯވެ އަދި ތެދުވެ ހަދަން ފަސޭހަ އުސްމިނެއްގައި ހުރި އެނދަކަށް ހަދާށެވެ. ވީލް ޗެއާރގައި ގެންގުޅޭ މީހަކުނަމަ ގޮޑީގެ އުސްމިނާ އެނދުގެ އުސްމިން އެއްވަރަށް ބަހައްޓާށެވެ.

4) ފާޚާނާގެ ރައްކާތެރިކަން

އުމުރުން ދުވަސްވީ މީހުން ފާޚާނާއަށް ވެއްޓުމަކީ އާންމުކޮށް ހިނގާ ކަމެކެވެ. އެހެން ކަމުން ފާޚާނާތެރޭގައި އުޅޭއިރު ހިފަހައްޓާނެ ތަންތަން ހަރުކޮށްދޭށެވެ. އަދި ތަޅުންގަނޑުގައި ވެސް ނުކައްސާނެ ގޮތަށް އެކަމަށް ޚާއްސަ މެޓެއް އެޅިދާނެއެވެ.

5) ގޭތެރޭގެ ފަރުނީޗަރު

އުމުރުން ދުވަސްވީ މީހަކު އުޅޭ ތަނަކަށް ހޯދާ ފަރުނީޗަރަކީވެސް ވިސްނުންތެރިކަމާއެކު ހޯދާ ތަކެއްޗަށް ހަދާށެވެ. މިގޮތުން ހިނގައިއުޅުމުގައި އަޅައިނުގަންނަ ކަހަލަ، އަދި ކަން ވަށްކޮށް ހުންނަ އެއްޗިއްސަށް ހަދާށެވެ. ތަޅުންގަނޑުގައި ކާޕެޓް ނުވަތަ ރަގް އަޅާނަމަވެސް، އަޅައިނުގަންނަ އަދި ލޮލަށް އުނދަގޫނުވާ ކަހަލަ ތަކެއްޗަށް ހަދާށެވެ.

6) ބަދިގެ

ބަދިގޭގައި އާންމުކޮށް ބޭނުންކުރާ ތަކެތި ފަސޭހައިން އަތް ފޯރާ ފަށުގައި ބަހައްޓާށެވެ. ތަށި ދޮންނަ އިސްކުރަކީވެސް ބޭނުންކުރަން ފަސޭހަ އިސްކުރަކަށް ހަދާށެވެ. އަނބުރާ އިސްކުރުގެ ބަދަލުގައި ލެވަރ ލާފައިވާ އިސްކުރު ހަރުކުރާށެވެ.

ބަދިގޭގައި އެންމެ އިސްކަމެއް ދީގެން ކުރަން ޖެހޭ ކަމަކީ ސިއްހަތަށް ރަގަޅު ކާއެއްޗެތި، ބުއިންތައް އަދި ފެން އަބަދުވެސް އެމީހުންނަށް ލިބޭ ގޮތަށް އައިސްއަލަމާރި އަދި ޕޭންޓްރީގައި ބެހެއްޓުމެވެ.

7) އިމަޖެންސީ

އިމަޖެންސީ ކަމެއްގައި ގުޅަންޖެހިދާނެ ކަމަށްޓަކައި ބޭނުންވާނެ ހުރިހާ ނަމްބަރުތަކެއް ބޮޑުއަކުރުން ފޮތެއްގައި ނުވަތަ ގަނޑެއްގައި ލިޔެފައި، ފަސޭހައިން ފެންނާނެ ތަނެއްގައި ބަހައްޓާށެވެ. އަދި ފޯނުން ފަސޭހައިން ގުޅޭނެ ގޮތް އެމީހުންނަށް ދަސްކޮށްދޭށެވެ.

8) ފޫހިފިލުވުން

މައިންބަފައިން ދަރިން ބޮޑެތިކޮށް ނިމުމަށްފަހު މިއަދު އެމީހުންނަށް އޮންނާނީ ރީތިކޮށް ގޭގައި ތިބުމެވެ. އެހެންކަމުން ހުސްވަގުތު ވަރަށް ގިނަ ވާނެއެވެ. މިފަދަ ވަގުތުތަކުގައި އެމީހަކު ޝައުގުވެރިވާފަދަ ކަމެއް ކުރުމަށް މަގުފަހި ކޮށްދޭށެވެ. ފޮތް ކިޔާހިތްވާ މީހުންނަށް، ބޭނުންވާ އަލިކަން ލިބޭގޮތަށް އެކަމަށް ވަކި ތަނެއް ހަދައިދިނުން ރަގަޅެވެ. އެހެންވެސް ހޮބީތަކަށް ލޯބި ކުރާނަމަ އެކަމަށްވެސް މަގުފަހި ކޮށްދޭށެވެ. އޭރުން އެމީހުން ތިބޭނީ ވަރަށް އުފަލުންނެވެ.

9) ބޭނުންކުރާ ބޭސްތައް

އުމުރުން ދުވަސްވާ ގިނަ މީހުންނަކީ ކޮންމެވެސް ބޭހެއް ގަވާއިދުން ބޭނުން ކުރަންޖެހޭ މީހަކަށް ވެއެވެ. ބޭސްކެއުމަށް އަމިއްލަޔަށް ހަވާލުވެގެން އުޅޭނަމަ އެ ބޭހެއްގެ އަސްލު ކޮންޓެއިނަރުގައި ބޭސް ބަހައްޓާށެވެ. މިގޮތުން އެކި ބޭސް އޮޅުން ކުޑަވާނެއެވެ. ބޭސް ބޭނުންކުރާނެ ގޮތްވެސް އޮޅުން ނާރާނެ ގޮތަށް ކިޔައިދީފައި ބާއްވާށެވެ.

10) ނަފްސާނީ ދުޅަހެޔޮކަން

ޒުވާނުންނެކޭ އެއްގޮތަށް އުމުރުން ދުވަސްވީ މީހުންނަށްވެސް ހަށިގަނޑުގެ އަރާމާއި ރައްކާތެރިކަމުގެ އިތުރުން ނަފްސާނީ ހަމަޖެހުމާއި ދުޅަހެޔޮކަންވެސް ވަރަށް މުހިންމެވެ. އުޅޭ ތަނަކީ އެމީހުންގެވެސް އަމިއްލަ ގެކަމުގެ އިހުސާސް ކޮށްދިނުމަށްޓަކައި ބައެއްކަހަލަ ކަންތައް ކުރުމަށް ހިތްވަރު ދެވިދާނެއެވެ. އެމީހުންގެ ފޮޓޯ ހިމެނޭ ގޮތަށް ފޮޓޯތައްވެސް ބެހެއްޓިދާނެއެވެ. އެކިއެކި ނިންމުންތައް ނިންމުމުގައި އެމީހުންގެ ލަފަޔާއި އިރުޝާދު ހޯދުމަކީ އެމީހުންނަށް ވަރަށް އުފާވެރިކަން ގެނުވާނެ ކަމެކެވެ. އަދި އެމީހުން ބޭނުންވާ ކަންކަމާ ބެހޭގޮތުން އެމީހުންވެސް ދަރިންނާ މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމުގެ ފުރުސަތު އޮތްކަމުގެ ޔަގީންކަން އަބަދުވެސް ދޭށެވެ.   

މަންމައާއި ބައްޕަ އުމުރުން ދުވަސްވީ ދުވަހު އެ ދެމީހުންނާ އެއް ގެއެއްގައި އުޅުމުގެ ނަސީބު ލިބުމަކީ ވަރަށް ބޮޑު ނިއުމަތެކެވެ. އެއީ ކުޑަދުވަސް ކޮޅެއްގެ މެހެމާނުންކަން ދެނެތިބެ، އެމީހުން ވީހާވެސް އުފަލާއި އަރާމުގައި ބޭތިއްބުމަކީ އެކަމުގެ ސަބަބުން ތިމާމެންގެ ހަޔާތަށްވެސް ހެޔޮ ނަސީބު މިންވަރުކުރައްވާނެ ކަމެއްކަން ޔަގީނެވެ.      

ނޯޓު: މިއީ ތަރުޖަމާއެއްގެ މައްޗަށް ބިނާކޮށް، ލިޔެފައިވާ ލިއުމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް