ހުޅުދުއްފާރު ރައްޔިތުން އެދޭ ތަރައްގީގެ ހުރިހާ މަޝްރޫއުތައް ކުރިއަށް ގެންގޮސްދޭނަން: ރައީސް ސާލިހު
24 އޯގަސްޓު 2023 | ބުރާސްފަތި 13:19ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ


ރައީސް، އިބްރާހީމް މުހައްމަދު ސާލިހު ވާހަކަފުޅުދައްކަވަނީ
ރ. ހުޅުދުއްފާރަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލުކޮށްދެއްވައި، ރައްޔިތުން އެދޭ ތަރައްގީގެ ހުރިހާ މަޝްރޫއުތައް ކުރިއަށް ގެންގޮސްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހު އެރަށަށް ވަޑައިގެން ބޭއްވެވި ބަނދަރު ބައްދަލުވުމުގައި ވާހަކަފުޅު ދައްވަމުން ރައީސް ވިދާޅުވީ، ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް މަސައްކަތްތައް ކުރިއަށްދާނެ ކަމަށާއި، ވަރަށް އަވަހަށް އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.
ރައީސް ސާލިހު ވިދާޅުވީ ޒަމާނީ ފެންވަރަށް މަގުތައް ތަރައްގީ ކުރުމާއި، ފުޓްބޯޅަ ދަނޑު އެޅުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުން އެދުނު ގޮތަށް ސްކޫލުގައި މަލްޓިޕަރޕަސް ހޯލު އަޅުއްވައިދެއްވައިފި ވާނެކަމަށާއި، އެ މަސައްކަތް ނިމިފައިވާ ކަމަށެވެ.
ހުޅުދުއްފާރުގެ ތަރައްގީގެ މަޝްރޫއުތަކަށް އިޝާރަތް ކުރައްވައި ރައީސް ވިދާޅުވީ، ދެވަނަ ދައުރަށް އެމަނިކުފާނު އިންތިޚާބު ވެވަޑައިގެންފިނަމަ ހުޅުއްދުފާރުގެ ތަރައްގީއަށްޓަކައި އެރަށުގެ ރައްޔިތުން ބޭނުންވާ ކަންތައްތައް ކޮށްދެއްވާނެ ކަމަށެވެ.
އެގޮތުން ބޯހިޔާވަހިކަމަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމާއި، ރަށުގެ އިތުރު މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމާއި، ބަނދަރު އަޕްގްރޭޑް ކުރުމާއި، ސިއްހީ މަރުކަޒާއި، ފެނަކަ އިންޖީނުގެ އަދި އޮފީހުގެ މަސައްކަތް ހަލުއި ސްޕީޑްގައި ކުރިއަށްގެންދަވައި ނިންމަވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
ރައީސް ވިދާޅުވީ ރަށުގެ ތަރައްގީއަށް އިތުރު މަޝްރޫއެއް ބޭނުންވާކަމަށް ވާނަމަ ރައްޔިތުންނާ ކައުންސިލުން މަޝްވަރާ ކުރުމަށްފަހު ހުށަހެޅުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ދެވަނަ ދައުރަށް އިންތިޚާބު ވެވަޑައިގެންފިނަމަ ރައްޔިތުން ހުށަހަޅާފައިވާ ތަރައްގީގެ މަޝްރޫއުތަކުގެ ލިސްޓު ތަރުތީބު ކުރެވި، އެ ލިސްޓާ އެއްގޮތަށް މަސައްކަތްތައް ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.








