މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލައެއްގައި ހިމެނޭ ބައެއްގެ މައްޗަށް ފުރަތަމަ ފަހަރަށް މަނީ ލޯންޑަރިންގެ ދައުވާތަކެއް އުފުލައި ކްރިމިނަލް ކޯޓުގައި ކުރިއަށްދާ މައްސަލައިގެ އަޑުއެހުމެއް ބުދަ ދުވަހު އެކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިސްމާއިލް ޝަފީއުއެވެ.
މި މައްސަލަ ގުޅެނީ 12 ޖަނަވަރީ 2021 ވަނަ ދުވަހު ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ބޭނުންކޮށް، ގެންގުޅެ އަދި އެތަކެތި ޓްރެފިކް ކުރާކަމަށް ތުހުމަތުކުރެވުނު މައްސަލައާއެވެ. އެގޮތުން އެ މައްސަލައިގައި ހިމެނޭ ފަރާތްތަކެއްގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާގެ އިތުރުން، މަނީ ލޯންޑަރިންގެ ދައުވާވެސް އުފުލާފައިވާއިރު، މިއީ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލައެއްގައި މަނީ ލޯންޑަރިންގެ ކުށުގެ ދަޢުވާކުރުމަށް ހުށަހެޅި ފުރަތަމަ މައްސަލަކަމަށް ޕީޖީ އޮފީހުން މައުލޫމާތު ދެއެވެ.
މި މައްސަލައިގައި ފުލުހުން ބަލައި ފާސްކުރި ތަންތަނުން ޖުމްލަ 1،542،675ރ (އެއްމިލިއަން ފަސްލައްކަ ސާޅީސް ދެހާސް ހަސަތޭކަ ހަތްދިހަ ފަހެއް) ރުފިޔާ ފެނިފައިވާކަމަށް ޕީޖީ އޮފީހުން މައުލޫމާތު ދެއެވެ.
މި މައްސަލައާ ގުޅިގެން ދައުވާ އުފުލާފައިވާ މީހުންގެ ތެރޭގައި ތ. ތިމަރަފުށި، ވައިޓްރޯސް، އިސްމާއިލް ޝަރީފްއާއި، ކ. މާލެ، މއ. ހަސްލަތު، ޝާނިޔާ އިބްރާހީމް، ހުޅުމާލެ. ފްލެޓް ނަންބަރު 01-ޖީ-45 ހުޅުމާލެ، ހަސަން ރަޝީދު އަދި ގދ. ތިނަދޫ، ރަންގަލް، ހަސަން ލޫތު ހިމެނެއެވެ.
ބުދަ ދުވަހުގެ އަޑުއެހުން:
މި އަޑުއެހުމުގައި ހެކިވެރިޔާ ޗިޓު ލިބި ކޯޓަށް ހާޒިރުވެފައިނުވާތީ، ދައުލަތުގެ އެދުމުގެ މަތިން މި އަޑުއެހުމަށް އޭނާ ހާޒިރުކޮށްފައިވަނީ ބަންދުގައި ބަހައްޓައިގެންނެވެ.
ހެކިވެރިޔާއާ ކުރެވުނު ސުވާލުތަކުގެ ޖަވާބުގައި އޭނާ ވިދާޅުވީ، ދައުވާލިބޭ ޙަސަން ރަޝީދަކީ އޭނާ ދަންނަ މީހެއް ކަމަށާއި، އޭނާ މި މައްސަލައާ ގުޅިގެން މީގެ ކުރިން ފުލުހުންނަށް ބަޔާނެއް ދީފައިވާނެ ކަމަށެވެ.
އެ ބަޔާނަކީ އޭނާއާ ޙަސަނާއި ދެމެދު ވެފައިވާ ފައިސާގެ މުއާމަލާތަކާއި ގުޅޭގޮތުން ދީފައިވާ ބަޔާނެއްކަމަށް އޭނާ ބުންޏެވެ.
ހެކިވެރިޔާ ބުނީ، އޭނާ ޙަސަން ރަޝީދު އަތުން ދެލައްކަ ރުފިޔާގެ ލޯނެއް ނަގާފައިވާ ކަމަށާއި، އެއީ ލޯނު އަނބުރާ ދައްކާއިރު، 250،000 ރުފިޔާ ދައްކާގޮތަށް ނެގި ލޯނެއް ކަމަށެވެ.
އޭގެ އިތުރުން، އޭނާއާއި ޙަސަންއާމެދު ވެފައިވާ ޓްރާންސެކްޝަންތަކާއި ގުޅޭ މައުލޫމާތު ފުލުހުންނަށް ދީފައިވާނެކަމަށާއި، އެއީ އެކި ތާރީޚުތަކުގައި ވެފައިވާ ޓްރާންސެކްޝަންތަކެއްކަމަށް އޭނާ ބުންޏެވެ.
އަދި އެއީ ހަމައެކަނި ލޯނާ ގުޅޭ ޓްރާންސެކްޝަންތަކެއް ނޫންކަން ފާހަގަކޮށް ހެކިވެރިޔާ ބުނީ، ލޯނާ ގުޅޭ މައުލޫމާތު ފުލުހުންނަށް ދީފައިނުވާނެކަމަށެވެ.
ދައުލަތުން ވަނީ ހެކިވެރިޔާ ހެކިބަސް ދެމުންގެންދަނީ ދައުވާލިބޭ ފަރާތްތަކަށް ފަހިވާ ގޮތަށް ކަމަށް ވިދާޅުވެ، އޭނާ ހެކިބަހަށް އެއްބާރުލުން ނުދޭތީ އެކަން ގާޒީގެ ސަމާލުކަމަށް ގެންނަވާފައެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ، ފުލުހުންގެ ބަޔާނުގައި އޭނާ ލޯނުގެ ވާހަކަވެސް ދައްކާފައިވާކަމަށެވެ.
ގާޒީ ވިދާޅުވީ، ތަހުގީގުގައި ދީފައިވާ ބަޔާނާ ޚިލާފަށް ހެކިވެރިޔާ ވާހަކަ ދައްކާނަމަ އެއީ "ހޮސްޓައިލް ވިޓްނަސް" އެއްކަމަށް ބެލެވޭނެ ކަމަށެވެ. ވުމާއެކު، އެ ޙާލަތުގައި ހެކިވެރިޔާާއާ ސުވާލު ކުރުމަށް ޤާނޫނުން ފަހިކޮށްދޭ މަގުން ސުވާލު ކުރުމަށް ދައުލަތަށް ގާޒީ ފުރުސަތު ދެއްވިއެވެ.
ހެކިވެރިޔާ ހެކިބަސް ދެމުން ބުނީ، ލޯނުގެ ފައިސާގެ އިތުރުންވެސް ކޮފީތަކުން ދިމާވުމުންވެސް އޭނާ ފައިސާ ޓްރާންސްފަރ ކުރާ ކަމަށާއި، އޭގެ ބަދަލެއްގެ ގޮތުން އޭނާއަށްވެސް ރައްޓެއްސެއްގެ ޙައިސިއްޔަތުން ޙަސަން ރަޝީދުގެ ފަރާތުން ފައިސާ ލިބޭ ކަމަށެވެ.
އެއީ އެއްވެސް ވިޔަފާރިއެއް ނުވަތަ މަސައްކަތެއްގެ ބަދަލެއްގެ ގޮތުން ޓްރާންސްފަރ ކުރާ ފައިސާތޯ ދައުލަތުން ސުވާލު ކުރުމުން އޭނާ ބުނީ، އޭނާ މިހާރު އެކަންކަން މާ ބޮޑަށް ހަނދާނުގައި ނެތް ކަމަށެވެ.
އެއަށްފަހު ދިފާއަށް ސުވާލު ކުރުމުގެ ފުރުސަތު ދިނުމުން ދިފާއީ ވަކީލުން ވަނީ އެ ހެކިވެރިޔާއާ ކުރާނެ އިތުރު ސުވާލެއް ނެތްކަމަށް ވިދާޅުވެފައެވެ.
މިހާރު މި މައްސަލައިގައި ދައުލަތުގެ ހުރިހާ ހެއްކެއްގެ ހެކިބަސް މިވަނީ ނެގިފައެވެ.
ބާކީ ދެން ތިބި ދެ ހެކިންނަކީ މި މައްސަލައިގައި ދައުވާލިބޭ ދެމީހެކެވެ. ވުމާއެކު، ގާޒީ ވަނީ އެ ޙާލަތުގައި އެ މީހުންނަށް ހެކިބަސް ދޭން ބޭނުން ނުވާނަމަ އެ ފުރުސަތު އޮތްކަމަށް ވިދާޅުވެފައެވެ.
ދައުވާލިބޭ ފަރާތްތަކުގެ ވަކީލު ވަނީ ދައުވާލިބޭ މީހުންނަށް އެންމެ މަސްލަޙަތު ރަނގަޅުވާނީ ހެކިބަސް ނުދިނުމުންކަމަށް ވިދާޅުވެފައެވެ.
ވުމާއެކު، އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާނެއް ނުދިނުމުގެ ޙައްޤުގެ ދަށުން އެމީހުން ވަނީ ދައުލަތުގެ ހެކިންގެ ގޮތުގައި ހެކިބަސް ދޭން ބޭނުންނުވާކަމަށް ބުނެފައެވެ.
މި މައްސަލައިގައި ދެން އޮންނާނީ ޚުލާސާ ބަޔާން އިއްވުމެވެ.