ކ. މާލެ
|
6 އޯގަސްޓް 2023 | އާދީއްތަ 23:04
މާލޭ ބޮޑުތަކުރުފާނު މަގަށް އުދަ އަރާފައި
މާލޭ ބޮޑުތަކުރުފާނު މަގަށް އުދަ އަރާފައި
އަމްނާ އިމާދު
މޫސުމަށް އަންނަ ބަދަލު
މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ އެންމެ ބޮޑީ ދިވެހިންނަށް
 
ކަނޑުފަޅުތަކުގައި ހުރި މުރަކަތައް މަރުވުމާއި، މި ތަންތަނުން ފެންނަ ދިރުންތައް މަދުވުމަކީ ކަންބޮޑުވާންޖެހޭ ކަމެއް
 
އޮޔާއި ވަޔާއެކު ރާޅުގެ އުސްމިން 6 ފޫޓާ 8 ފޫޓާ ދެމެދަށް އުފުލޭ
 
އޯގަސްޓް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކަށް ދަނީ އުދައަރަމުން

ޖަޒީރާކޮށް އުފެދިފައިވާ ރަށްތަކުގައި ވަށައިގެންވާ ރީތި ދޮންވެލިގަނޑާއި ކަނޑުފަޅުގެ މުއްސަނދިކަމަކީ ދިވެހިންނަށް ލިބިފައިވާ އެންމެ ބޮޑު ނަސީބެވެ. ގުދުރަތީ ގޮތުން ރާއްޖެއަށް ލިބިފައިވާ ރީތިކަން މުޅި ދުނިޔެއަށް މަޝްހޫރެވެ. އެގޮތުން ރާއްޖޭގެ އެންމެ ބޮޑު ސިނާއަތް ކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތް އެންމެ ބޮޑަށް ކުރިއަރައިގެން ދިޔައީ ވެސް ރާއްްޖެއަށް ލިބިފައިވާ ގުދުރަތީ ރީތިކަމުގެ ސަބަބުންނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ނަމަވެސް ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާއެކު ރާއްޖޭގެ ރަށްރަށަށް މިދަނީ އެއްދުވަހުން އަނެއް ދުވަހަށް ނުރައްކާވަމުންނެވެ.

ރާއްޖޭގެ ރަށްރަށަށް އެންމެ ބޮޑަށް ނުރައްކާވަނީ ކަނޑުގެ ލޮނުގަނޑު އުފުލި، އަދި ހަމައެއާއެކު މޫސުން ގޯސްވާއިރު އުފެދޭ އުދައާއި ރާޅުތަކުގެ ސަބަބުންނެވެ. ބޮޑު ކަނޑެއްގެ މެދުގައި، ހިމާޔަތެއް ނެތި އޮތުމާއެކު، މާ ދުރުގައި އުފެދޭ އުދައިގެ އަސަރު ވެސް ރާއްޖެއަށް ކުރެއެވެ. އެގޮތުން މިއަހަރުގެ އޯގަސްޓް މަސް ފެށުމާއެކު ވެސް އެ ބިރުވެރިކަމާ ދިވެހިންނަށް މިވަނީ ކުރިމަތިލާން ޖެހިފައެވެ. އޯގަސްޓް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކަށް ދަނީ އުދައަރަމުންނެވެ. މިދިޔަ ދުވަސްތަކުގައި އުދައިގެ ސަބަބުން ގެތަކަށް ލޮނު ވަދެ، އެކި ވަރުގެ ގެއްލުންތައް ލިބިފައިވެއެވެ. ހަމައެކަނި މާލެ ސިޓީއަށް ބަލާއިރު ވެސް، ދިޔަވަރު ބޮޑުވާ ވަގުތު ބްރިޖާއި ހައިވޭ މަތިން ދަތުރުކުރުމަށް ވަނީ ނުރައްކާވެފައެވެ.

މިމަހުގެ 5 ވީ ހޮނިހިރު ދުވަހުގެ މެންދުރުފަހު މާލެއަށް އުދަ އަރާފައިވަނީ ވަރަށް ބިރުވެރިކޮށެވެ. މީގެ ކުރިން އެހައި ބޮޑަށް ރާޅުތައް ނާރާކަމަށް ބައެއް މީހުން ބުނެފައިވެއެވެ. މި ބިޔަ ރާޅުތަކާއެކު، ބްރިޖަށް ބިންދާލި ރާޅަކީ ސުނާމީއެއްގެ ގޮތުގައި ބައެއް މީހުން ސިފަކޮށްފައިވެއެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ ބިންދާލި ބޮޑު ރާޅާއެކު ބްރިޖުގައި ތިބި މީހުންވެސް ސައިކަލުތަކާއެކު މާދުރަށް ގެންދާ މަންޒަރެވެ. ހަ މީހަކަށް އަނިޔާވެ، ސެނަހިޔަ ހޮސްޕިޓަލުގައި ފަރުވާ ދީފައިވެއެވެ. ވީޑިއޯއިން ވެސް ގިނަ ބައެއްގެ ހިތްތަކުގައި ބިރުވެރިކަން އުފެދިފައިވެއެވެ. އަދި މޫސުމާބެހޭ ގައުމީ އިދާރާއިން ވެސް މި ރާޅު ސިފަކޮށްފައިވަނީ އާދަޔާ ޚިލާފު ރާޅެއްގެ ގޮތުގައެވެ. މިއީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ކާރިސާތަކެއްތޯ ބައެއް މީހުން ސުވާލު އުފައްދާފައިވެއެވެ.

ބްރިޖަށް އެރި ރާޅާއެކު މީހުންތައް ވެއްޓިފައި

މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން، މޫސުމާބެހޭ ގައުމީ އިދާރާގެ އޮފިޝަލަކު ވިދާޅުވީ، މީގެ ކުރިން އުދައަރާ ވަކި މޫސުމެއް އޮންނަ ކަމަށެވެ. ނަމަވެސް މިހާރު އެހެން ބުނަން ނޭނގޭ ކަމަށާއި، އުދަ އެރުމަކީ އާންމު ކަމެއް ކަމަށެވެ. އަދި މިއީ މޫސުމަށް އަންނަ ބަދަލެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ. ރާއްޖޭގެ އެކި ހިސާބުތަކަށް އުދަ އަރަމުންދަނީ، ވައިމަޑުވެ ކަނޑުގައި ބާނި ބޮޑުވުމުގެ ސަބަބުންނެވެ. އިންޑިއާ ކަނޑުގެ ވޭވް ޕެޓާނަށް ބަދަލުތަކެއް ވަނީ އައިސްފައެވެ. އޮޔާއި ވަޔާއެކު ރާޅުގެ އުސްމިން 6 ފޫޓާ 8 ފޫޓާ ދެމެދަށް އުފުލޭކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން މައުލޫމާތުދެއެވެ. އެހެންކަމުން މިކަމަށް ދިވެހިން ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަންޖެހެއެވެ.

މޫސުމީގޮތުން ނުރައްކާތައް ކުރިމަތިވަމުންދާއިރު، މިހާރު ރާއްޖޭގެ ރަށްރަށުގެ ތެރެއިން 90 އިންސައްތަ ރަށަށް އުދަ އަރާކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. އަދި 97 އިންސައްތަ ރަށުގެ ގޮނޑުދޮށްތައް ދަނީ ގިރަމުންނެވެ. މިކަމުގެ ބިރުވެރިކަން ކިޔައިދެއްވައި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ ޑިރެކްޓަރު ޖެނެރަލް އަލީ ޝަރީފް ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އަހަރަކު 4 މިލިމީޓަރަށް އުފުލެމުންދާކަމަށެވެ. މި ރޭޓުގައި ކަނޑުގެ ލޮނުގަނޑު އުފުލެމުންދާނަމަ، ކުރިއަށްއޮތް އަހަރުތަކުގެ ތެރޭގައި އެތައް ގުނައަކަށް ކަނޑުގެ ލޮނުގަނޑު އުފުލިގެންދާނެ ކަމަށް އަލީ ޝަރީފް ވިދާޅުވިއެވެ. މިއީ ރާއްޖޭގެ ރަށްރަށަށް ވަރަށް ބޮޑު ނުރައްކަލަކަށް ވާނެކަމަށާއި، ރާއްޖޭގެ ބައެއް ރަށްތައް އަޑިއަށް ދިއުންވެސް އެކަށީގެންވާކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ކަނޑުފަޅުތަކުގައި ހުރި މުރަކަތައް މަރުވުމާއި، މި ތަންތަނުން ފެންނަ ދިރުންތައް މަދުވުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. ރާއްޖޭގެ ރަށްތަކަކީ އުފެދުމުގައިވެސް ތިރިކޮށް އުފެދިފައިވާ ރަށްތަކެއް ކަމުން، މި ރަށްތަކަށް މިކަމުން އޮތް ނުރައްކާ މާ ބޮޑެވެ. ބިންތިރި ޖަޒީރާ ގައުމުތަކުގެ ދެމިއޮތުން ބިނާވެފައި އޮތީ މޫސުމާބެހޭ ދުނިޔޭގެ އިސް ވެރިން، ވަކިން ޚާއްސަކޮށް ގްރީން ހައުސް އެންމެ ގިނައިން ޖައްވަށް ބޭރުކުރާ ގައުމުތަކުން އަޅާ ފިޔަވަޅެއްގެ މައްޗަށެވެ. އެހެންކަމުން ތިމާވެއްޓަށް ޚާއްސަ ސަމާލުކަމެއްދީގެން ދިވެހިން މިއަދު މަސައްކަތް ކުރަންޖެހެއެވެ. ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދޭން ޖެހެއެވެ. ކަނޑުފަޅުތަކަށް ގެއްލުން ދިނުން ހުއްޓާލަން ޖެހެއެވެ. ޕްލާސްޓިކާއެކު މޫދަށް ކުނި އެޅުމުން ދުރުވާންޖެހެއެވެ. ގޮނޑުދޮށުން ވެއްޔާއި، ގައު ނެގުން ހުއްޓާލައި، ރަށުގެ ފެންވަރުގައި މަސައްކަތް ކުރަން ޖެހެއެވެ. ގަވާއިދާ ޚިލާފަށް އަމަލުކުރާ މީހުންނާމެދު ފިޔަވަޅު އަޅަންޖެހެއެވެ.

ރާއްޖޭގެ ރަށްތަކުގެ ބިން ތިރިކަމާއި ރަށްތައް އުފެދިފައިވާ ގޮތަށް ބަލާއިރު، މޫސުމަށް އަންނަ ބަދަލުތަކުގައި ފަރުތައް ހަލާކުވެ، ކަނޑުގެ ލޮނުގަނޑު އުފުލެން ފަށައިފިނަމަ އެކަމުގެ ބިރުވެރިކަން އޮތީ ދިވެހިންނަށާއި، ދިވެހި ގައުމަށެވެ. އެހެންކަމުން ވެށި ހިމާޔަތް ކުރުމަށް ދިވެހިން މިއަދު މަސައްކަތް ނުކޮށްފިނަމަ އިއާދަ ނުކުރެވޭވަރުގެ ބޮޑު ގެއްލުމެއް ލިބިދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
100%
0%
0%
0%
ކޮމެންޓް