ކ. މާލެ
|
10 ޖުލައި 2023 | ހޯމަ 18:27
އަންހެނުންގެ ވޯލްޑް ކަޕްގެ ތަށި
އަންހެނުންގެ ވޯލްޑް ކަޕްގެ ތަށި
ރޮއިޓާސް
ފީފާ ވިމެންސް ވޯލްޑް ކަޕް
ފީފާ ވިމެންސް ވޯލްޑް ކަޕް ފެށެން ބާކީ 10 ދުވަސް
މުބާރާތް ފަށާނީ މި މަހުގެ 20 ވަނަ ދުވަހު
މުބާރާތް ކުރިޔަށްދާނީ އޮސްޓްރޭލިއާ އަދި ނިއުޒީލެންޑުގައި

އޮސްޓްރޭލިއާ އަދި ނިއުޒީލެންޑުގައި ކުރިޔަށް ގެންދާ ނުވަ ވަނަ ފީފާ ވިމެންސް ވޯލްޑް ކަޕް ފެށެން ބާކީ އެންމެ 10 ދުވަހަށް ވެފައިވާއިރު، ޓީމުތައް ދަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.

މިއަހަރުގެ މުބާރާތަކީ ދެ ގައުމެއްގައި މި މުބާރަތް ބާއްވާ ފުރަތަމަ ފަހަރެވެ. އޮސްޓްރޭލިއާގެ ސިޑްނީ އާއި ނިއުޒީލޭންޑުގެ އޮކްލޭންޑުގައި މި މުބާރާތް ފަށާއިރު، މިއީ ދެކުނު ހެމިސްފިއާ ގައި މި މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ. މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ކުރިޔަށް ދާނީ ނިއުޒީލެންޑާއި ނޯވޭ ބައްދަލުކުރާ މެޗުގެ ކުރިން އީޑެން ޕާކް ގައެވެ. އޮސްޓްރޭލިއާ އާއި އަޔަލެންޑު ބައްދަލުކުރާ މެޗު ކުޅޭނީ ފައިނަލް މެޗު ކުޅޭ ސްޓޭޑިއަމް ކަމަށްވާ ސްޓޭޑިއަމް އޮސްޓްރޭލިއާގައެވެ.

މިއީ 32 ޓީމު ހިމެނޭ ފުރަތަމަ އަންހެން ވޯލްޑް ކަޕެވެ. މުބާރާތުގެ 64 މެޗު ކުޅޭނީ 9 ސިޓީއެއްގައެވެ. އެއީ އޮސްޓްރޭލިއާގެ ފަސް ސިޓީ އާއި ނިއުޒީލޭންޑުގެ ހަތަރު ސިޓީއެއްގައެވެ. ހޯސްޓް ސިޓީތަކަކީ އެޑިލޭޑް، އޮކްލޭންޑް، ބްރިސްބޭން، ޑުނެޑިން، ހެމިލްޓަން، މެލްބަން، ޕާތު، ސިޑްނީ އަދި ވެލިންޓަން އެވެ.

މާޗް މަހު ފީފާގެ ރައީސް، ޖިއާނީ އިންފަންޓީނޯ ވަނީ އަންހެނުންގެ ވޯލްޑް ކަޕުގެ ފައިސާގެ އިނާމު 150 މިލިއަން ޑޮލަރަށް ބޮޑުކުރިކަން އިއުލާނުކޮށްފައެވެ. އެއީ 2015 ވަނަ އަހަރުގެ މުބާރާތަށް ވުރެ 10 ގުނަ އަދި 2019 ވަނަ އަހަރުގެ މުބާރާތަށްވުރެ ތިން ގުނަ ބޮޑު އަދަދެކެވެ. އެހެންނަމަވެސް، އެއީ ފިރިހެނުންގެ ވޯލްޑް ކަޕާ އަޅާބަލާ ކުޑަ އަދަދެކެވެ. މިދިޔަ އަހަރު ޤަތަރުގައި ކުރިޔަށް ދިޔަ މުބާރާތުގެ ފައިސާގެ އިނާމަކީ 440 މިލިއަން ޑޮލަރެވެ.

މިދިޔަ ދެ މުބާރާތް ކާމިޔާބުކޮށް، އެމެރިކާ މުބާރާތަށް ނިކުންނާނީ ވިދިވިދިގެން ތިން ފަހަރު މުބާރާތް ކާމިޔާބުކުރި ހަމައެކަނި ގައުމުގެ ލަގަބު ހޯދުމަށެވެ. 1991، 1999، 2015 އަދި 2019 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކޮށް، އެމެރެކާ އަކީ މި މުބާރާތުގައި އެންމެ ކާމިޔާބު ޓީމެވެ. އެމެރިކާގެ އިތުރުން މި މުބާރާތް ކާމިޔާބުކުރެވިފައިވަނީ ނޯވޭ، ޖަރުމަނު އަދި ޖަޕާނަށެވެ. ޖަރުމަނު ވަނީ ދެފަހަރު މުބާރާތް ކާމިޔާބުކޮށްފައެވެ.

އެމެރިކާ ޓީމް ތަށި އުފުލާލަނީ - ރޮއިޓާސް

މުބާރާތުގެ ގުރޫޕު އޭ ގައި ހިމެނެނީ މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ ނިއުޒީލޭންޑު، ނޯވޭ ފިލިޕިންސް އަދި ސްވިޒަލޭންޑެވެ. 1995 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކުރުމަށްފަހު، ނޯވޭ ނިކުންނާނީ ޓްރޮފީ ކެބިނެޓަށް ތައްޓެއް އިތުރުކުރުމުގެ އުއްމީދުގައެވެ. މި ގުރޫޕުގައި ހިމެނޭ ސްވިޒަލޭންޑަކީ ދުނިޔޭގެ ރޭންކިންގެ 20 ވަނަ ގައުމެވެ. ހަމައެއާއެކު، މި މުބާރާތަކީ ފިލިޕިންސްގެ ފުރަތަމަ ވޯލްޑް ކަޕެވެ.

މުބާރާތް ބާއްވާ ދެވަނަ ގައުމު ކަމަށްވާ އޮސްޓްރޭލިއާ ހިމެނިފައިވަނީ ވަރުގަދަ ޓީމުތަކަކާއެކު ގުރޫޕު ބީގައެވެ. އެއީ ނައިޖީރިއާ، އަޔަލެންޑު އަދި އޮލިމްޕިކް ޗެމްޕިއަން ކެނެޑާ އެވެ. ދުނިޔޭގެ ރޭންކިންގެ ހަތްވަނަ ގައުމަކީ ކެނެޑާއެވެ. މިދިޔަ ފެބްރުއަރީ މަހު ޕޭ އިކުއިޓީގެ މައްސަލަތަކާއި ބަޖެޓް ކަނޑާލުމާ ގުޅިގެން ކެނެޑާއިން އިހުތިޖާޖު ކުރަން ފެށިނަމަވެސް، ކެނެޑާގެ ކުޅުންތެރިން މަސައްކަތް ކުރާނީ މުބާރާތުގެ ކުރިން ދަނޑުން ބޭރުގައި ހުރި މައްސަލަތައް ދަނޑު މައްޗަށް ނުގެންގޮސް، ޓީމެއްގެ ގޮތުގައެވެ. މީގެއިތުރުން، މި ގުރޫޕުގައި ހިމެނޭ ނައިޖީރިއާ އަކީ އެފްރިކަން ކަޕް އޮފް ނޭޝަންސް 11 ފަހަރު ކާމިޔާބުކޮށްފައިވާ ގައުމެކެވެ.

ގުރޫޕު ސީގައި ހިމެނެނީ ކޮސްޓަރިކާ، ސްޕެއިން، 2011 ވަނަ އަހަރުގެ ޗެމްޕިއަން ޖަޕާން އަދި މުބާރާތުގައި އަލަށް ވާދަކުރާ ޒެމްބިއާއެވެ.. ބެލޮން ޑިއޯ ކާމިޔާބުކުރި އެލެކްސިއާ ޕުޓެލާސްއަށް އަނިޔާގެ ސަބަބުން މިދިޔަ އަހަރުގެ ޔޫރޯ ނުކުޅެވުނުނަމަވެސް، އެއީ މިއަހަރުގެ ވޯލްޑް ކަޕުގައި ވާދަކުރާ ސްޕެއިން ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާއެވެ. އެހެންނަމަވެސް ޓީމުގެ ތެރޭގައި ގިނަ މައްސަލަތަކެއް ވަނީ އުފެދިފައެވެ. ޓީމު ނެގުމާ، ފަރިތަކުރުންތައް ކުރިޔަށްގެންދާ ގޮތާމެދު ގިނަ ކުޅުންތެރިން ތިބީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. ސްޕެނިޝް އެފްއޭ އިން މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ބުނީ، ޓީމުގެ ކޯޗު ޖޯޖް ވިލްޑާ ވަކިނުކޮށްފިނަމަ 15 ކުޅުންތެރިޔަކު ޓީމަށް ނުކުޅޭނެ ކަމަށް ބުނިކަމަށެވެ.

އިންގްލެންޑް ޓީމް ޔޫރޯ ތަށި އުފުލާލަނީ - ރޮއިޓާސް

ޔޫރަޕުގެ ޗެމްޕިއަން އިންގްލެންޑު އޮތީ 1999 ވަނަ އަހަރުގެ ރަނަރަޕް ޗައިނާ، ޑެންމާކް އަދި  މުބާރާތުގައި އަލަށް ވާދަކުރާ ހެއިޓީ އާއެކު ގުރޫޕު ޑީ ގައެވެ. ވޯލްޑް ކަޕް ކައިރިވެފައިވަނިކޮށް ގިނަ ކުޅުންތެރިންތަކަކަށް އަނިޔާވެފައިވާއިރު، އެންމެ މުހިންމު ކުޅުންތެރިން ގެއްލުނީ އިންގްލެންޑަށެވެ. ކެޕްޓަން ލިއާ ވިލިއަމްސަން އާއި ބެތު މީޑް އަދި ފްރާން ކިރްބީއަށް އަނިޔާގެ ސަބަބުން ނުކުޅެވެއެވެ. އޭޕްރިލް މަހު އޮސްޓްރޭލިއާ ކައިރިން 2-0 ން ބަލިވުމުގެ ކުރިން އިންގްލެންޑު ވަނީ ބަލިނުވެ 30 މެޗު ފުރިހަމަ ކޮށްފައެވެ. އިންގްލެންޑު އޮތީ ދުނިޔޭގެ ރޭންކިންގެ ހަތަރު ވަނައިގައެވެ.

ދިފާއީ ޗެމްޕިއަން އެމެރިކާ އޮތީ ނެދަލޭންޑްސް، ޕޯޗުގަލް އަދި ވިއެޓްނާމް އާއެކު ގުރޫޕު އީ ގައެވެ. މިއަހަރުގެ މުބާރާތަކީ ޕޯޗުގަލް އަދި  ވިއެޓްނާމް ވާދަކުރާ ފުރަތަމަ މުބާރާތެވެ. ނެދަލޭންޑްސް އަކީ 2019 ވަނަ އަހަރުގެ ރަނަރަޕް ޓީމެވެ. އެމެރިކާ އާއި ނެދަލޭންޑްސް ބައްދަލުކުރާ މެޗު ވެގެންދާނީ މިއަހަރުގެ މުބާރާތުގެ ގުރޫޕު ސްޓޭޖުގެ އެންމެ ފޯރި ގަދަ މެޗަށެވެ. 2019 ވަނަ އަހަރުގެ ފައިނަލުގައި މި ދެ ޓީމު ވާދަކޮށް، 2-0 ން މޮޅުވެފައިވަނީ އެމެރިކާއެވެ.

ގުރޫޕު އެފް ގައި ހިމެނިފައިވަނީ ފްރާންސް، ބްރެޒިލް، ޖެމެއިކާ އަދި މުބާރާތުގައި އަލަށް ވާދަކުރާ ޕެނާމާއެވެ. ބްރެޒިލް ޓީމަށް ބަލާއިރު، ބްރެޒިލްގެ ރާނީގެ ލަގަބު ދެވިފައިވާ މާޓާ އަނިޔާއިން ރަނގަޅުވެ، މުބާރާތުގައި ކުޅޭނެއެވެ. ފީފާގެ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހަ ފަހަރު ހޯދާފައިވާ މާޓާ ވަނީ ބްރެޒިލް އާއެކު ފަސް ވޯލްޑް ކަޕް ކުޅެފައެވެ. މި ގުރޫޕުގެ ފެވަރިޓުންނަކީ ފްރާންސާއި ބްރެޒިލް އެވެ. މި ދެ ޓީމު ބައްދަލުކުރާ މެޗު ކުޅޭނީ ޖުލައި 29 ވަނަ ދުވަހުއެވެ.

ގުރޫޕު ޖީ ގައި ހިމެނެނީ 2003 ވަނަ އަހަރުގެ ރަނަރަޕް ސްވިޑެން އާއި އިޓަލީ، އާޖެންޓީނާ އަދި ސައުތު އެފްރިކާ އެވެ. މި ގުރޫޕުގެ ފެވަރިޓުންނަކީ ސްވިޑެން އާއި އިޓަލީއެވެ.

ދެ ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ ޖަރުމަނު ހިމެނިފައިވަނީ ކޮލަމްބިއާ އާއި ސައުތު ކޮރެއާ އަދި މުބާރަތުގައި އަލަށް ވާދަކުރާ މޮރޮކޯ އާއެކު ގުރޫޕު އެޗް ގައެވެ. ޖަރުމަނު ވަނީ 2003 އަދި 2007 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކޮށްފައެވެ. މީގެއިތުރުން 1995 ވަނަ އަހަރުގެ ރަނަރަޕް ޓީމަކީވެސް ޖަރުމަނެވެ.

މުބާރާތުގެ ނޮކްއައުޓް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ ފަސް ވަނަ ދުވަހުއެވެ. އެޔަށްފަހު، 11 ވަނަ ދުވަހު ކުއާޓަރ އަދި 15 ވަނަ ދުވަހު ސެމީފައިނަލް ކުޅޭނެއެވެ. މިބާރާތުގެ ތިންވަނަ ހޮވާ މެޗު 19 ވަނަ ދުވަހު ކުޅޭއިރު، ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 20 ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް