ރާއްޖެ އަށް ކޮވިޑް ފަދަ މުސީބާތެއް ދިމާވި އިރު އަނިޔާވެރި ވެރިއެއް ހުރި ނަމަ، ގައުމު އޮންނާނީ ފުނޑުފުނޑުވެފައިކަމަށާއި އަލުން ގައުމު ދެވަނަ ފަހަރަށް ނުލިބުނީސް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަޙްމަދު ސިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.
އޭނާ މިފަދައިން ވިދާޅުވީ "އެމްޑީޕީގެ އުފާވެެރި އަމާން ރާއްޖެ " ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ސިޔާމް ވިދާޅުވީ އެމްޑީޕީ އާއި އެކު އެމްޑީއޭއިން ކޯލިޝަން ހަދަން ނިންމީ ކީއްވެގެންތޯ ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުން ހިތަށް އަރާނެކަމަށެވެ. އެގޭ ތެރެއިން އެއް ސަބަބަކީ ކޮވިޑްގެ ހާލަތުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ޢަމަލުކުރެއްވި ގޮތް ކަމަށް ސިޔާމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މުސީބާތެއް ދިމާވުމުން އެ ހާލަތުގައި ވެރިކަމުގައި ހުންނެވި ބޭފުޅާ އަމަލުކުރި ގޮތަށް ބެލުމަކީ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން މުސީބާތެއް ޖެހުމުން، އެ މުސީބާތަކުން އަރައިގަތުމަށް ވެރިއަކަށް ހުންނަވާ ބޭފުޅެއްގެ ދައުރު މުހިންމު ކަމަށް ސިޔާމް ވިދާޅުވިއެވެ.
އަދި ކޮވިޑް-19 ފަދަ މުސީބާތެއް ދިމާވި އިރު، އަނިޔާވެރި ނުބައި ވެރި އެއް ހުރި ނަމަ ޤައުމު މިގޮތުގައި ނޯންނާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ރާއްޖެ އަށް ކޮވިޑްގެ މުސީބާތް ދިމާވުމުން ހަދާނެ ނުހަދާނެ ގޮތެއް ނޭނގި އެ ވަގުތު ވަރަށް ގިނަ ބަޔަކު އުޅުނު ކަމަށާއި އެފަދަ އެތައް ބައެއްގެ ކަންބޮޑުވުމަށް ހައްލު ހޯދައިދެއްވީ ރައީސް ޞާލިހު ކަމަށް ސިޔާމް ވިދާޅުވިއެވެ. ﷲގެ ރަހުމަތް ފުޅުން އެ މުސީބާތާއި ދިމާވި އިރު އޭރު ރާއްޖެ އަށް މެދުވެރިކުރައްވާފައި ހުރީ ވިސްނުން ތޫނު ކެތްތެރި ރައީސެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އެ ދަނޑިވަޅުގައި ޓުއަރިޒަމް ދާއިރާގެ އެންމެންނާއި އެކު މަޝްވަރާކުރެއްވުމުން ދޭހަވަނީ ޚިޔާލު ހޯދައިގެން ކުރިއަށް ދިޔުމަށް ރައީސް ދެއްވާ އިސްކަން ކަމަށް ވެސް ސިޔާމް ވިދާޅުވިއެވެ. އޭރު ރައްޔިތުންނަށް ލޯނު ދެއްވާ ކޮވިޑުން އަރައިގަތުމަށް ރައީސް ގެންގުޅުއްވީ ވަރަށް ރަނގަޅު ވިސްނުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ކުރިއަށް އޮތްތަނުގައި ރާއްޖެ އަކީ އަމާން ފުރިހަމަ މުސްތަގްބަލެއް އޮތް ޤައުމަކަށް ހަދާނީތޯ، ނުވަތަ ފުއްދުންތެރިކަން ނެތް ޤައުމަކަށް ރާއްޖެ ހަދާނީތޯ ނިންމާނީ ރައްޔިތުން ކަމަށް އޭނާ ވިދާޅުވިއެވެ. އިތުރަށް ސިޔާމް ވިދާޅުވީ ސިޔާސީ މައިދާނަށް އޭނާ ވަޑައިގަތީ މީގެ ވިއްސަކަށް އަހަރު ކުރިން ކަމަށާއި މިހާތަނަށް އައި އިރު މި ނޫނީ ކޯލިޝަނަކާއި އެކު ކާމިޔާބު ކަމާއި އެކު ހިންގި ސަރުކާރެއް ނެތް ކަމަށެވެ. އެއީ ރައީސް ޞާލީހާއި އެކު ކުރިއަށް ވަޑައިގަންނަވަން ނިންމެވި އަނެއް ސަބަބު ކަމަށް ސިޔާމް ވިދާޅުވިއެވެ. މީގެ އިތުރުން ވައުދު ފުއްދޭނީ ވެރިކަމެއްގައި ދެމި އޮވެގެން ކަމަށް ސިޔާމް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ރައްޔިތުން ބޭނުން ވަނީ ކުރިއެރުން ކަމަށާއި މިއަދު ރައްޔިތުން ބޭނުންވަނީ ހަމަޖެހުން ކަމަށެވެ.