މަޖިލީހުގެ ރިޔާސަތުން ދަނީ މުޅި މަޖިލީހުގެ އިމްތިޔާޒަށް އަރައިގަންނަމުން: މެންބަރު ޝަހީމް
3 ޖުލައި 2023 | ހޯމަ 09:45ޖަލްސާއެއް އޮންނަކަން އެންގީ ޖަލްސާއަށް ނާދެވޭ ވަރަށް ވަގުތު ކުޑަތަންވެފައިވަނިކޮށް


ރައްޔިތުން މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް
ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ދަނީ މުޅި މަޖިލީހުގެ އިމްތިޔާޒަށް އަރައިގަންނަމުން ކަމަށާއި، މި މައްސަލާގައި ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް އެމްޑީޕީގެ ޕާލިމެންްޓަރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހު ރައްޔިތުން މަޖިލީހުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެންބަރު ޝަހީމް ވިދާޅުވީ އެމްޑީޕީއަކީ މެޖޯރިޓީ ޕާލިމެންޓްރީ ގުރޫޕް ކަމަށާއި، މަޖިލީހުގެ ރިޔާސަތުން އަމަލުކުރައްވަމުން ގެންދަވަނީ ގަވާއިދާ ހިލާފަށް ކަމަށެވެ. ރިޔާސަތުން މުޅި މަޖިލީހުގެ އިމްތިޔާޒަށް އަރައިގަންނަމުންދާއިރު، މިމައްސަލަ ބަލަންޖެހޭ ކަމަށް މެންބަރު ޝާހިމް ވިދާޅުވިއެވެ. އަދި ވިދާޅުވީ މިއީ ސީރިއަސް މައްސަލައެއް ކަމަށާއި، މަޖިލީހަށް ހުށަހަޅާގެން ގޮތެއް އަވަހަށް ނިންމަންޖެހޭ ކަމަށެވެ.
ހޯމަ ދުވަހު ބޭއްވި ޖަލްސާއަށް އިޝާރާތް ކުރައްވައި މެންބަރު ޝަހީމް ވިދާޅުވީ މި ޖަލްސާއިން ވެސް ރިޔާސަތުން އަމަލުކުރެއްވި ގޮތް ވަރަށް ސާފުކޮށް ރައްޔިތުންނަށް އެނގޭ ކަމަށެވެ. އަދި ވިދާޅުވީ ޖަލްސާ ބާއްވަން ނިންމާ، މެންބަރުންނަށް ޖަލްސާއެއް އޮންނަކަން އެންގީ ވެސް ޖަލްސާއަށް ނާދެވޭ ވަރަށް ވަގުތު ކުޑަތަންވެފައިވަނިކޮށް ކަމަށް މެންބަރު ޝަހީމް ވިދާޅުވިއެވެ.
މެންބަރު ޝަހީމް ވިދާޅުވީ ވަގުތު ކުޑަތަންވެފައިވަނިކޮށް މަޖިލިސް ޖަލްސާއެއް އޮންނަކަން އެންގުން މިއީ ވަރަށް ދެރަކޮށް މަޖިލީހުގެ އިދާރާއިން ކުރި ކަމެއް ކަމަށެވެ. މުޅި ރާއްޖެ ތަމްސީލު ކުރާ މެންބަރުންނަށް ޖަލްސާއަށް އާދެވޭ ވަރަށް ވަގުތު އޮއްވާ އަންގަންޖެހޭ ކަމަށް މެންބަރު ޝަހީމް ވިދާޅުވިއެވެ. ނަމަވެސް ރިޔާސަތުން އަމަލުކުރައްވަމުން ގެންދަވާ ގޮތަށް ބަލާއިރު މިއީ މުޅި މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތުން ކަމަށް މެންބަރު ޝަހީމް ވިދާޅުވިއެވެ.






