Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ވާގްނަރ ގްރޫޕުގެ ބަޣާވާތް

ބަޣާޥާތުގައި ޕޫޓިންއަށް ލިބުނީ ނަޞްރެއްތަ؟ ނޫނީ އިސްތިރާޖު ބަދަލު ކުރަން ޢަދުއްވުންނަށް ލިބުނީ ފުރުޞަތެއްތަ؟

ވާގްނަރ ގްރޫޕުން އެ ކުރި ކަމަކީ ޕޫޓިންއާ ދެކޮޅަށް ކުރި ބަޣާވާތެއް ކަމަކަށް ނުބުނެވޭނެ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 2 ޖުލައި 2023 | އާދީއްތަ 16:26
ރަޝިއާގެ ރައީސް ވްލަޑްމިއަރ ޕޫޓިން

ރަޝިއާގެ ރައީސް ވްލަޑްމިއަރ ޕޫޓިން

ގުރޫޕާ ވަގްނެރާ ނުވަތަ ވާގްނަރ ގްރޫޕްގެ ނަމަކީ ބައިނަލްއަޤުވާމީ މަސްރަޙުގައި އެ ބައެއްގެ ނަން، މި ވަޤުތު އެންމެ ގިނައިން ބޭނުން ކުރަމުންދާ އެއް ޖަމާޢަތެވެ. ރަސްމީ ބަހުން ނަމަ ވާގްނަރ ޕްރައިވެޓް މިލިޓަރީ ކޮމްޕެނީ ނުވަތަ ޕީއެމްސީ ވާގްނަރއަކީ ރަޝިއާގެ ދަޢުލަތުން ފަންޑު ކުރާ ޕެރާމިލިޓްރީ ފައުޖެކެވެ. މި ގުރޫޕުގެ ވާހަކަ މި ފަހުން ފަތުއަޑު ކިޔާ، ފެތުރިގެން ދިޔައީ ރަޝިއާގެ ރައީސް ވްލަޑްމިއަރ ޕޫޓިންއާ ދެކޮޅަށް ކުރި "ބަޣާވާތާ" ގުޅިގެންނެވެ. އެއީ ކުރު މުއްދަތަކަށް ދެމިގެން ދިޔަ އުތުރިއެރުމެކެވެ. އެ ކަމެއް ދެމިގެން ދިޔައީ ގާތްގަނޑަކަށް، އެންމެ 48 ގަޑިއެއްހާއިރަށެވެ.

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހިންގާ އޯއާރްއެފް ތިންކް-ޓޭންކްގެ ހެޑް އޮފް ރަޝަން ސްޓަޑީޒް، ނަންދަން އުންނިކްރިޝަނަން ސިފަކުރެއްވި ގޮތުގައި ވާގްނަރ ގްރޫޕުން އެ ކުރި ކަމަކީ ޕޫޓިންއާ ދެކޮޅަށް ކުރި ބަޣާވާތެއް ކަމަކަށް ނުބުނެވޭނެއެވެ. އެއީ ޔޫކްރައިންގައި ދިގުލާ ދަމުންދާ ހަނގުރާމައިގެ ހާސްކަމުގެ ތެރެއިން އުފެދުނު ކަމެއް ކަމަށް އުންނިކްރިޝްނަން ޤަބޫލު ކުރައްވައެވެ.

'ދަ ޖިސްޓް'އާ ވާހަކަދައްކަވަމުން އުންނިކްރިޝްނަން ފާހަގަ ކުރެއްވި ގޮތުގައި، ވާގްނަރ ގުރޫޕު އުތުރި އެރި އެރުމާ، އެ ގުރޫޕުގެ އިސްވެރިއެއްގެ ގޮތުގައި ހުރި ޔެވްޖެނީ ޕްރިގޯޒައިންގެ ހިތުގައި އުފެދެމުން ދިޔަ ޞައްޙަ ޝަކުވާތަކާ ގުޅުން އޮތް ކަމަކަށް ވެދާނެއެވެ. އެއީ ބަޚްމޫތާއި ސޮލެދާރު ހިފުމަށް އޭނާގެ ގުރޫޕުން ކުރި މަސައްކަތުގެ ސަބަބުން ވީ ގޮތެއް ކަމަށްވެސް ވެދާނެ ކަމަށް އުންނިކްރިޝަނަން ވަނީ ވިދާޅުވެފައެވެ.

ޕްރިގޯޒައިންގެ ކޮމާންޑަރު ކަމުގެ ދަށުގައި ތިބި 3 ލައްކައެއްހާ ސިފައިންނަށް، ރަޝިޔާގެ މައި އަސްކަރިއްޔާގެ ވިޔަ ލަޝްކަރު ބަލި ކުރުމަކީ، ކުރެވުމަށް ވުރެ، ނުކުރެވުން ގާތް ކަމެއްކަން ކޮންމެ މީހަކުވެސް ޤަބޫލު ކުރާނެއެވެ. މޮސްކޯ ހިފުމަށް ޕްރިގޯޒައިންގެ ފައުޖުން ކުރިއަށް ގެންދިޔަ ހަރަކާތް ހުއްޓާލީ ރާސްތާގެ މެދަކާ ހިސާބުންނެވެ. ބެލަރޫސްގެ ރައީސް ލުކަޝޭންކޯ އެކަމުގެ ތެރެއަށް ވަންނަވާ، މެދުވެރިއެއްގެ ގޮތުގައި މަޝްވަރާތައް ފެއްޓެވި ހިސާބުންނެވެ. ޕްރިގޯޒައިންއަށް ބެލަރޫސްއިން ހިމާޔަތެވެ. އަދި އޭނާގެ ފައުޖާ ދެކޮޅަށްވެސް އެއްވެސް ފިޔަވަޅެއް ނޭޅުމަށް ޝަރުތު ކުރެވުނެވެ.

"ބަޣާވާތަކާ" ދެކޮޅަށް ޕޫޓިންއަށް ނަޞްރު ލިބުނީ ކަމަށްވެސް ބައެއް މީހުން ސިފަ ކޮށްފާނެއެވެ. ނަމަވެސް، އެކަމަކީ، ޕޫޓިންގެ ޢަދުއްވުންގެ އިސްތިރާޖުތައް ބަދަލު ކުރަންވެއްޖެ ކަމުގެ ވަރުގަދަ އިންޒާރު ދިން އަޑުގަދަ ރަނގަބީލަކަށްވެސް ވުން އެކަށީގެންވެއެވެ. ރަޝިއާގެ އެންމެ އިސްވެރިޔާގެ މަޤާމުގައި 23 އަހަރު ހޭދަ ކުރެއްވި ޕޫޓިންގެ ޢަދާވާތްތެރިން ނުތިބެ ނުދާނެކަން ޤައިމެވެ.

ކޮންމެ ގޮތަކަށް ކަން އޮތް ކަމުގައި ވީ ނަމަވެސް ރަޝިއާއިން އަމާޒު ހިފާފައި ވަނީ ދިގު ހަނގުރާމައަކަށް ކަން މިހާރު ޔަޤީން ވާހާ ދުވަސް، ޔޫކްރައިންގެ ހަނގުރާމައަށްވެއްޖެއެވެ. އަޅުގަނޑުމެންނަށް އެނގިފައި އޮތް އެއްޗަކާ ޚިލާފަށް، ބައިނަލްއަޤުވާމީ ޕޯޑިއަމްތަކާއި ޕްލެޓްފޯމުތަކުން އިވޭ އަޑުތައް ބުނާ ގޮތުން އެމެރިކާއިން ކުރާ 1 ދުވަހުގެ މަސައްކަތުންވެސް ހަނގުރާމަ ހުއްޓުމަކަށް ގެނެވިދާނެއެވެ. ނަމަވެސް، އެމެރިކާވެސް އޮތީ އެކަމެއް ކުރާ ކަހަލަ ރޫޙެއްގައި ނޫންކަން ސާފެވެ. ހާލަތު ކޮންމެ ގޮތަކަށް އޮތަސް، ރަޝިއާއިން ޔޫކްރައިންގައި ކުރަމުން ދާ ހަނގުރާމަ، އަވަސް ގޮތަކަށް ހުއްޓާލާނެ ކަމަކަށް ނުބެލެވެއެވެ. ހަނގުރާމައިގެ ގިއަރު ބަދަލު ކުރަން މަޖުބޫރުވެއްޖެނަމަ ޕޫޓިން އެކަންވެސް ކުރައްވާނެއެވެ. އަހަރު ފަހުކޮޅަށް ދާއިރު، އެހެން ޤައުމަކުންވެސް ރަޝިއާގެ ސިފައިން ފެނިދާނެކަމުގެ ބިރު ނެތެކޭވެސް ދެންނެވޭކަށް ނެތެވެ.

އުންނިކްރިޝްނަން ސިފަ ކުރައްވާ ގޮތުގައި ވާގްނަރ ގުރޫޕުގެ އުތުރި އެރުމަކީ ޕޫޓިންއާ ދެކޮޅަށް އަމާޒު ހިފާފައި އޮތް ހަރަކާތެއް ނޫނެވެ. އެ ހަރަކާތުގައި އަމާޒެއް އޮތް ނަމަ، އެ އަމާޒަކީ ރަޝިއާގެ ޑިފެންސް މިނިސްޓަރ ސަރްޖޭއި ޝޮއިޤޫއާއި ޗީފް އޮފް ސްޓާފް ވަލީރީ ވަސިއެލެވިޗް ޣެރާއްސިމޯއެވެ. އެ ހުރިހާ ކަމަކަށް ވުރެވެސް ބޮޑަށް، އެ ހަރަކާތަކީ ޚުދު ޕްރިގޯޒައިންއަށް އަމާޒު ކުރެވުނު ކަމެއް ކަމަށްވެސް އުންނިކްރިޝަނަން ވަނީ ސިފަ ކުރައްވާފައެވެ. ޕްރިގޯޒައިންގެ ޝަކުވާތަކެއްވެސް ހުއްޓެވެ. އޭނާގެ އަޑު، ރަޝީއާގެ މަތީ ފަންތީގެ ބޭބޭފުޅުންނަށް ނީވޭ ކަމުގެ ޝަކުވާއެވެ. އެ އަޑު އިއްވުމުގެ އަމާޒު އޮތްކަން، ޕްރިގޯޒައިން ވަނީ އިޢުލާން ކޮށްފައެވެ.

ރަޝިއާގެ މައި އަސްކަރިއްޔާއިން ވާގްނަރ ގުރޫޕަށް ދޭންވާ ސަމާލުކަން ނުދޭ ކަމުގެ ޝަކުވާތައް ބޮޑުވިއެވެ. އެކަށީގެންވާ މިންވަރަކަށް ހަތިޔާރުގެ ސަޕްލައި ނުދޭ ކަމުގެ އަޑުތައް އިވުނެވެ. ނަމަވެސް، މޮސްކޯއާ ދިމާއަށް ވާގްނަރ ގުރޫޕުން މިޞްރާބު ޖެހިއިރު އެފަދަ ކަމެއް ނުފެނެއެވެ. އެ ހަރަކާތް ހުއްޓާލީ ލޭ އޮހުރުވުމަކަށް ދާން ބޭނުން ނުވާތީ ކަމަށް ވާގްނަރ ގުރޫޕުން ބުނި ކަމުގައި ވީ ނަމަވެސް، އުންނިކްރިޝްނަން ވިދާޅުވާ ގޮތުގައި، ރާސްތާގެ މެދަކާ ހިސާބުން އެ ހަރަކާތް ހުއްޓާލީ، ސަލާމަތް ވާނެ ފުރުޞަތެއް ވާގްނަރ ގުރޫޕަށް ލިބުނު ހިސާބުންނެވެ. މި ދެންނެވި ފުރުޞަތަކީ، ބެލަރޫސްއިން މެދުވެރިއެއްގެ ދައުރު އަދާކޮށް، މަޝްވަރާތައް ކުރިއަށް ގެންގޮސް، ޕްރިގޯޒައިންއަށް ހިމާޔަތް ދިން ދިނުމެވެ.

ދޮޅު އަހަރެއްހާ ދުވަހަށް ދިގުލާ ގޮސްފައި ވާ ޔޫކްރައިން ހަނގުރާމަ އަދިވެސް އޮތީ ކުރިއަށް ކަމުގައި ބެލެވޭ އިރު، ރަޝިއާގެ ފިކުރު ދެކަފިވެފައި ވާ ކަމީވެސް ޤަބޫލު ކުރަން ޖެހޭ ޙަޤީޤަތެކެވެ. އެއް ބަޔަކު ދަނީ ވީހާވެސް ގަދަ ބަދަވިކަން ދައްކާ، ޔޫކްރައިންގައި ރަޝިއާގެ ހަނގުރާމަ ގަދަ ކުރުމަށް ގޮވާލަމުންނެވެ. ދެވަނަ ފިކުރަކީ ޕޫޓިންގެވެސް ފިކުރަށް ވުން އެކަށީގެންވާ ކަމަށް އުންނިކްރިޝަނަން ވަނީ ފާހަގަ ކުރައްވާފައެވެ. އެއީ ހަނގުރާމަ ގަދަ ނުކޮށް، ހަނގުރާމަ ފެށީ މަޤުޞަދު ކަމަށް އެންމެ ފުރަތަމަވެސް ބުނި މަޤުޞަދު ޙާޞިލު ކުރުމަށް ފަހު، "ޙައްޤު މިންވަރު" ހޯދައިގެން ޔޫކްރައިނުން ފައިބައިގެން ދިއުމަށް ބާރު ދޭ ފިކުރެވެ. ޑިޕްލޮމެޓިކް ފެންވަރުގައި ޙައްލެއް ލިބެން ނެތް ދަރަޖައަކަށް ކަންކަން ގޯސްކޮށް ނުލުމެވެ.

މި ކަންކަމަކީ ޕޫޓިންގެ ނާޤާބިލުކަމަށް ހެކިދޭ ކަމެއްތޯ މީޑިއާއަކުން ދެންނެވި ސުވާލަށް، އުންނިކްރިޝްނަން ދެއްވީ ޞަރީޚަ ޖަވާބެކެވެ. ވާގްނަރ ގުރޫޕުގެ އުތުރިއެރުމަކީ ޕޫޓިންއަށް ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ގޮންޖެހުމެއް ކަމަކަށް އޭނާ ޤަބޫލެއް ނުކުރައްވާކަމަށް ވިދާޅުވިއެވެ. ރަޝިއާގެ ބައެއް މީހުން ބުނާ ފަދައިން ހަނގުރާމަ މާ ބޮޑަށްވެސް ދިގުލާ ހިނގައްޖެއެވެ. އަނެއް ބަޔަކު ބުނާ ގޮތަށް، ހަނގުރާމަ ގަދަ ކުރެވޭކަށްވެސް ނެތެވެ. ޤާބިލުކަން ނެތީ ނޫން ކަމަށާ، ހަނގުރާމައިގެ ތެރެއަށް އުތުރު އެމެރިކާގެ އަސްކަރީ އިއްތިޙާދު (ނޭޓޯ)އިން ވަދެ، ހަނގުރާމަ ބޮއްސުންލާފާނެ ކަމަށްޓަކާ، ރަޝިއާގެ ހަކަތަ، ފަހަށް ރައްކާ ކުރަނީ ކަމަށް ވެދާނެ ކަމަށްވެސް އުންނި ކްރިޝްނަން ވަނީ ފާހަގަ ކުރައްވާފައެވެ.

ޕްރިގޯޒައިންގެ ފައުޖުތަކުން ޔޫކްރައިންގެ ބައެއް ސަރަޙައްދުތައް ހިފި ހިފުމަކީ ރަޝިއާގައި ކުލަ ގަދަ ކޮށް ފާހަގަ ކުރި ކަމެއް ނަމަވެސް، މޮސްކޯއާ ދިމާއަށް ވާގްނަރ ގުރޫޕުން މިޞްރާބު ޖެހުމާއެކު އާންމުންގެ ގިނަ ބައެއްގެ ޚިޔާލުވެސް ބަދަލުވީ މި ސަބަބާ ހެދި ކަމަށް ވެދާނެއެވެ. ކޮންމެ ގޮތަކަށް މިކަން އޮތް ނަމަވެސް، ހަނގުރާމަ ދިގުލާ ދާ ވަރަކަށް އާންމުންގެ ރުޅިވެރިކަން އިތުރުވާނެއެވެ. ރަޝިއާގެ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުގެ ގިނަ ބަޔަކު ދެކޭ ގޮތުގައި ރަޝިއާގެ ލީޑަރޝިޕްގައި ޤާބިލުކަން ނެތުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް އުންނިކްރިޝްނަން ވަނީ ވިދާޅުވެފައެވެ. ނަމަވެސް ކޮންމެ އިންސާނަކީވެސް ކުށްކުރެވޭނެ މީހެއް ކަމަށް ތަޖުރީބާކާރުންވެސް ޤަބޫލު ކުރާކަމަށް އޭނާ ވިދާޅުވިއެވެ.

ވާގްނަރ ގްރޫޕަށް، ރަޝިއާގެ ވެރިކަން ކުރާ މައި ސަރަޙައްދު ނުވަތަ ރެޑް ސްކޮއަރއާ ހިސާބަށް ދެވިދާނެ ކަމަށް އެއްވެސް އިރެއްގައި ޤަބޫލު ނުކުރައްވާ ކަމަށް އުންނިކްރިޝްނަން ވިދާޅުވިއެވެ. ރެޑް ސްކޮއަރއާ ހިސާބަށް ދެވުނު ކަމުގައި ވީ ނަމަވެސް ވާގްނަރ ގްރޫޕު ރޫޅާ ލެވެން ނެތް ކަމަށް އުންނިކްރިޝަނަން ޤަބޫލުކުރައްވައެވެ. އެއީ ވިޔަފާރިއެއް ނަމަ އެކަން ވެއްޖައީސް ކަމަށާ، ނަމަވެސް ވާގްނަރ ގުރޫޕުގެ މޫތައް، ސޫރިޔާއާއި ލީބިޔާގެ އިތުރުން އެފްރިކާގެ ބައެއް ޤައުމުތަކަށްވެސް ފެތުރިފައި ވާ ކަން އުންނިކްރިޝްނަން ވަނީ ފާހަގަ ކުރައްވާފައެވެ. އަމިއްލަ ޖަމާޢަތްތަކުގެ އެހީތެރިކަން، މައި އަސްކަރިއްޔާއަށް ހޯދުމަކީ ހުރިހާ ޤައުމެއްގައިހެންވެސް ކުރާ ކަމެއް ކަމަށާ، އެކަމަށް ބަދަލެއް އަތުވެދާނެ ކަމަށް ޤަބޫލު ނުކުރައްވާ ކަންވެސް އުންނިކްރިޝްނަން ވަނީ ފާހަގަ ކުރައްވާފައެވެ.

ރަޝިއާގެ ނިޒާމަކީ އެންމެ ކުރީއްސުރެވެސް އެންމެ މީހެއްގެ ވަށައިގެން ބައްޓަން ކުރެވިފައި އޮތް ނިޒާމެއްކަމަށާ، އުފެދުނީއްސުރެ އެއީ ގެއްލުމެއްގެ ތެރޭގައި އޮތް ނިޒާމެއް ކަމަށްވެސް އުންނިކްރިޝްނަން ވަނީ ސިފަކުރައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދައްކަންވީ ކެނޑިޑޭޓެއްގެ ވާހަކަތޯ އެވެ؟ ނޫނީ އިންސާފުވެރި އިންތިހާބެއް ހޯދުމުގެ ވާހަކަތޯ އެވެ؟

ދައްކަންވީ ކެނޑިޑޭޓެއްގެ ވާހަކަތޯ އެވެ؟ ނޫނީ އިންސާފުވެރި އިންތިހާބެއް ހޯދުމުގެ ވާހަކަތޯ އެވެ؟

18 ނޮވެމްބަރު 2017
އާމްދަނީ ހޯދޭނެ އައު ކަންތައްތަކުން  ސަރުކާރަށް ލިބުނީ"އީ" ގްރޭޑް

އާމްދަނީ ހޯދޭނެ އައު ކަންތައްތަކުން ސަރުކާރަށް ލިބުނީ"އީ" ގްރޭޑް

26 އޮކްޓޯބަރު 2017
އިންތިގާލީ ސަރުކާރެއްތަ؟ ނޫނީ ވެރިކަމަށް މަގު ކޮށުންތަ؟

އިންތިގާލީ ސަރުކާރެއްތަ؟ ނޫނީ ވެރިކަމަށް މަގު ކޮށުންތަ؟

24 އޮކްޓޯބަރު 2017
ރައީސް ޔާމީންއަށް ލިބުނު ޕުރަކްސާރް އެވޯޑް މިއަހަރު ލިބުނީ ކާކަށް؟

ރައީސް ޔާމީންއަށް ލިބުނު ޕުރަކްސާރް އެވޯޑް މިއަހަރު ލިބުނީ ކާކަށް؟

18 އޮކްޓޯބަރު 2017
މަތިިން މާކްސް ލިބުނަސް ފްލެޓް ނުލިބުނީ ނުބައި ޖަވާބު ދިނުމުން!؟

މަތިިން މާކްސް ލިބުނަސް ފްލެޓް ނުލިބުނީ ނުބައި ޖަވާބު ދިނުމުން!؟

14 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު