Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަޖިލިސް ހިންގުން

ދައުލަތުގެ އެއް ބާރު ހުއްޓުމަކަށް، ނިވާފަތްގަނޑަކަށް ކޮމިޓީތައް!

ކޮމިޓީތައް ހުއްޓިފައި އޮންނަތާ އެތައް ދުވަހެއް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 13 ޖޫން 2023 | އަންގާރަ 15:11
މި އަހަރުގެ ރިޔާސީ ބަޔާން އިއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިން

މި އަހަރުގެ ރިޔާސީ ބަޔާން އިއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހަކީ ތިން ބާރު ވަކިވެފައިވާ ނިޒާމެއްގެ އެންމެ މުހިންމު އެއް ބަހާއެވެ. ތިން ބާރުގެ ތެރެއިން ގާނޫނު ހެދުމުގެ ޒިންމާ އެ އިދާރާއެއްގެ ކޮނޑުގައި އެޅިފައިވާ ތަނަކީ މަޖިލީހެވެ. މަޖިލީހަކީ އާއްމު ރައްޔިތުންގެ ސީދާ އަޑު އިއްވުމަށް، ރައްޔިތުންގެ ޚާދިމުން އައްޔަންކުރާ އެފަދަ ދެވަނައެއް ނެތް އިދާރާއެކެވެ. އެހެންކަމަށް ވާއިރު މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައި އޮތް އޮތުމަކީ އާއްމު ރައްޔިތުން ނިހާޔަތަށް ކަންބޮޑުވާނެ ކަމެކެވެ. މަޖިލީހުގެ މަސައްކަތްތަކުގައި "ބުރަކި ޖެހި" މަޑުޖެހިފައި އޮތީ މަޖިލީހުގެ ސިޔާސީ ޕާޓީތަކަށް މެމްބަރުން ނިސްބަތްވާގޮތަށް އައި ބަދަލާއެކު، ކޮމިޓީތަކަށް ގެންނަންޖެހޭ ބަދަލުތައް ނުގެނެވި ލަސްވުމާ ގުޅިގެންނެވެ. އެ މަސައްކަތް ކުރަންޖެހޭ ގޮތާއި، މަޖިލީހުގެ ގަވާއިދުގައި އެކަން ކުރުމަށް ބަޔާންކޮށްފައިވާ ގޮތާމެދު މެމްބަރުންގެ މެދުގައި ޚިޔާލު ތަފާތެވެ. ގަވާއިދު މާނަކުރުމުގައި ތަފާތުވުންތަކެއް އެބަހުއްޓެވެ. އެހެންނަމަވެސް ކޮމިޓީތަކަށް މެމްބަރުން އައްޔަންކުރުމުގެ މަޝްވަރާތައް ކުރިއަށްދިޔަ ގޮތަށް ބަލައިލުމުން ސުވާލު އުފެދޭ ކަންތައްތަކެއް އެބަހުއްޓެވެ.

މަޖިލީހުގައި ދާއިމީ 17 ކޮމިޓީއެއް އޮވެއެވެ. އެއީ މަޖިލީހާ ގުޅޭ ތިން ދާއިމީ ކޮމިޓީއާއި ދައުލަތުގެ އިދާރާތަކާގުޅޭ 14 ކޮމިޓީއެވެ. މި ހުރިހާ ކޮމިޓީއެއްގެ ވެސް މެޖޯރިޓީ ކޮންޓްރޯލް ކުރަނީ އެމްޑީޕީންނެވެ. އަދި މަޖިލިސް ގަވާއިދުގެ 131 ވަނަ މާއްދާގެ (ރ)ގައި ބަޔާންކޮށްފައިވާގޮތުން ކޮމިޓީތަކަށް މެމްބަރުން އައްޔަންކުރަންޖެހޭނީ މަޖިލީހުގައި ޕާޓީތަކަށް ލިބިފައިވާ ޕަސެންޓޭޖަށް ބަލައިގެންނެވެ.

ނަމަވެސް މަޖިލީހުގެ ކޮމިޓީތައް އެކުލަވައިލުމުގެ މަޝްވަރާގެ މަރުހަލާ ވެގެން ދިޔައީ ފަސޭހަ މަރުހަލާއަކަށް ނޫނެވެ. ޕާޓީތަކަށް އައި ބަދަލާއެކު އެމްޑީޕީގެ ސުޕަރ މެޖޯރިޓީ ގެއްލުނުނަމަވެސް، އެމްޑީޕީގެ މެޖޯރިޓީ އަދިވެސް މަޖިލީހުގައި އެބައޮތެވެ. އެގޮތުގެ މަތިން ކޮމިޓީތަކުގައި އެ ޕާޓީއަށް ލިބޭ އިންސައްތަވެސް އެހެން ޕާޓީތަކަށްވުރެ މާ ބޮޑުތަން އިތުރެވެ. ނަމަވެސް މަޝްވަރާގެ މަރުހަލާގައި އިދިކޮޅު ފަރާތްތަކުން ބޭނުންވީ އެއްވެސް ކޮމިޓީއެއްގެ މެޖޯރިޓީ އެމްޑީޕީއަށް ނުދިނުމަށް ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ

މަޖިލީހުގެ ގަވާއިދުގެ 38 ވަނަ މާއްދާގެ (ހ)ގައި, ކޮމިޓީތަކުގެ ބައްދަލުވުންތައް އެ ކޮމިޓީން ކަނޑައަޅައި އިއުލާންކުރަންވާނެ ކަަމަށް ބުނެފައި އެބައޮތެވެ. އަދި ދެ ބައްދަލުވުމުގެ ދެމެދުގައި ގިނަވެގެން 14 ދުވަސް ފާއިވެގެން ނުވާނެ ގޮތުގެ މަތިން ކޮމިޓީތައް ބާއްވަންވާނެ ކަމަށްވެސް މި މާއްދާގައި ސާފުކޮށް ބުނެފައި އެބައޮތެވެ. ހަމަ އެ މާއްދާގެ (ނ)ގައި، ކޮމިޓީއެއްގައި ބިލެއް އޮތްކަމަށް ވާނަމަ އެ ކޮމިޓީން މަސައްކަތްކުރުމަކީ، މުހިންމު އުޒުރެއް ދިމާނުވާހާ ހިނދަކު ކުރަންޖެހޭ ކަމެއް ކަން އެނގެއެވެ. މީގެ އިތުރުން، ކޮމިޓީގެ މަސްއޫލިއްޔަތުގެ ދާއިރާގައި ހިމެނޭ ކަންކަން ފާސްކުރުމަށް ކޮމިޓީގެ އިތުރު ބައްދަލުވުންތައް ބާއްވަންޖެހޭކަމަށް ކޮމިޓީތަކުގެ މުޤައްރިރަށް ފެނިއްޖެނަމަ އެ ބައްދަލުވުންތައް ބާއްވާނެ ތާރީޚާއި ވަގުތު ކަނޑައަޅައި، ކޮމިޓީތަކުގެ ބައްދަލުވުންތައް ބޭއްވިދާނެކަމަށް ބުނެފައިވެއެވެ.

އަދި މަޖިލީހުގެ ގަވާއިދުގައި، މަސައްކަތް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ބާރުއަޅާ މިންވަރު އެ ގަވާއިދުގެ 149 ވަނަ މާއްދާއިން އެނގެއެވެ. އެ މާއްދާގައި، މަޖިލީހުން އެކުލަވައިލާ ކޮމިޓީތަކަކީ، އެ ކޮމިޓީތަކުގެ މަސައްކަތްތައް މެދުނުކެނޑޭނެ ގޮތެއްގެ މަތިން އެކަށީގެންވާ ހަލުއި މިނެއްގައި ހަރަކާތްތެރިވާ ކޮމިޓީތަކަކަށް ވާންވާނެ ކަމަށް ވަނީ ބުނެފައެވެ. ހަމަ އެހެންމެ، ކޮމިޓީތަކުގެ މަސައްކަތްތަކަކީ މަޖިލީހުގެ ގަވާއިދުގެ 153 ވަނަ މާއްދާގެ ދަށުން، ކޮމިޓީއަށް މައްސަލަ ފޮނުވާތާ 7 ދުވަހުގެ ތެރޭގައި މައްސަލައިގެ ސުންގަޑިއެއް ކަނޑައަޅައިގެން ކުރިއަށްގެންދާ މަސައްކަތްތަކެކެވެ. އެހެންކަމުން މަސައްކަތްތައް ކޮމިޓީތަކުގައި ޕާކްކޮށްފައި ނުވަތަ މަޑުޖެހިފައި ހުރުމުގެ ފުރުސަތު ވީހާވެސް ކުޑަކުރުމަކީ ގަވާއިދުގައި ކޮމިޓީތައް ހިންގުމުގެ ރޫހު އޮތް ގޮތްކަން އެގެއެވެ.

އެހެންނަމަވެސް މަޖިލީހުގެ މެޖޯރިޓީއާ އެއްގޮތަށް އެކުލަވައިލުމުގެ ބަދަލުގައި އެކި ފަހަރު އެކި ބަހަނާތައް ދަނީ ދައްކަވަމުންނެވެ. ބައެއް މެމްބަރުން ތުހުމަތުކުރައްވާގޮތުން، ކޮމިޓީތައް އެކުލަވާނުލައި ދިގުދަންމަމުން ދަނީ ޑިމޮކްރެޓްސް ޕާޓީ އުފެއްދެންދެންނެވެ. އަނެއްބައި ބޭފުޅުން ގަބޫލުކުރައްވާގޮތުން މިއީ ގަވާއިދުގައި ސާފުކޮށް ބަޔާންކޮށްފައި އޮތް މައްސަލައަކާމެދު ސުވާލު އުފައްދައިގެން ގަސްތުގައި މަޖިލީހުގައި މަރުތަޅު އެޅުވިފައި އޮތްކަމަށް ދެއްކުމަށް ކުރަމުންދާ ކަމެކެވެ.

ކޮމިޓީތަކުގެ މަސައްކަތްތައް ހުއްޓުމާއެކު އެއާ ވިދިގެން ދެން އައި އަނެއް ކަަމަކީ މަޖިލީހަށް ހުށަހަޅާފައި އޮތް، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ ޕާކުކޮށްފައި ބާއްވަން މަޖިލީހުގެ ރައީސް ނިންމެވުމެވެ. މަޖިލީހުގެ ގަވާއިދުގައި ވާ ގޮތުގެ މަތިން އީވާއަށް އިތުބާރު ނެތްކަމުގެ މައްސަލާގައި ނޯޓިސްވެސް ފޮނުވިއެވެ. އަދި މައްސަލަ އެޖެންޑާވެސް ކުރިއެވެ. އެ މައްސަލަ އެންމެ ފުރަތަމަ އެޖެންޑާކުރީ ޖޫން މަހުގެ 11 ވަނަ ދުވަހަށެވެ. އެހެންނަމަވެސް އެ މައްސަލަ އެޖެންޑާއިން އުނިކޮށްފައި ވަނީ މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތްތައް ނުނިމޭތީ، އާއްމު ކޮމިޓީން އެ މައްސަލާގައި ބަހުސްކުރުމުގެ ވަގުތު ކަނޑަނޭޅޭ ކަމަށް ފާހަގަކުރުމަށް ފަހުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ރ)ގައި ބުނެފައި ވަނީ އެ މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް ވަކިކުރާ ގަރާރު މަޖިލީހަށް އިއްވުމަށްފަހު އިތުރު މަސައްކަތެއް ކުރިއަށް ގެންދެވޭނީ އެ މައްސަލަ ކުރިއަށް ގެންދިއުމަށްފަހު ކަމަށެވެ. އެމްޑީޕީން ގަބޫލުކުރާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި މިހާރު އިތުރު މަސައްކަތްތައް ކުރިއަށްގެންދެވޭނީ އީވާ ވަކިކުރަން ހުށަހަޅާފައި އޮތް ގަރާރާމެދު ގޮތެއް ނިންމުމަށްފަހުގައެވެ. އެހެން މަސައްކަތްތައް އެޖެންޑާ ކޮށްގެން ކުރިއަށް ގެންދެވޭނީވެސް އެކަން ކުރެއްވުމަށްފަހު ކަމަށް އެމްޑީޕީން ވަކާލާތުކުރިއެވެ.

އެހެންނަމަވެސް އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމަށް މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ފޮނުއްވި ސިޓީފުޅެއްގައި ވިދާޅުވީ، މަޖިލީހުގައި އެހެން މަސައްކަތެއް ނުކުރެވޭނީ ގަރާރު އިއްވުމަށްފަހު ކަމަށެވެ. އެ ގަރާރު ނުއިއްވާހާ ހިނދަކު އެހެން މަސައްކަތްތައް ކުރެވޭނެކަމަށް އެ ސިޓީގައި ވިދާޅުވެފައިވެއެވެ. އެހެންކަމުން މަޖިލީހުގެ ހިންގާ ގަވާއިދުގައި އެކަން އޮތްގޮތް މާނަކުރުމުގައި މަޖިލީހުގެ އަމީން އާއްމާއި އެމްޑީޕީން ދެކޭ ގޮތް ތަފާތެވެ. އެ ނިންމުން ރަނގަޅު ނޫންކަމަށް ފެންނާތީ އެ ނިންމުން މުރާޖައާކުރުމަށްވެސް އެމްޑީޕީން އަމީން އާއްމަށް ގޮވައިލިއެވެ.

އަމީން އާއްމު ވަނީ އީވާގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ދިން ނޯޓިސް މި މަހުގެ 8 ވަނަ ދުވަހަށް ހަމަވެފައިވާތީ، އެ މައްސަލަ ވީހާވެސް އަވަހަށް އެޖެންޑާ ކުރުމަށް އަނގަބަހުން މަޖިލީހުގެ ރައީސަށް ދަންނަވާފައެވެ. އެކަން، އެމްޑީޕީއާއެކު ޖޫން 12 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އަދި މި މައްސަލާގައި ނޯޓިސް ހަމަވުމަށްފަހު އެ މައްސަލަ އެޖެންޑާ ކުރަން ޖެހޭ ކަމަށް ދެކެވަޑައިގެން، ޖޫން 13 ވީ އަންގާރަ ދުވަހުގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކުރިއެވެ. ނަމަވެސް އެ ދުވަހުގެ ޖަލްސާ ކުރިއަށް ނުގެންދެވުނީ މަޖިލީހުގެ ރިޔާސަތުގައި އިންނަވަން ނަޝީދު އުޒުރުވެރުވެވަޑައިގަތުމުންނެވެ.

މަޖިލީހުގެ ކަންކަން ވިލަރެސްކޮށް ހިންގުމުގައި އަމީން އާއްމާއި ކައުންސެލް ޖެނެރަލްގެ ޒިންމާ ވަރަށް ފުރިހަމައަށް މަޖިލީސް ހިންގުމުގެ ގަވާއިދުގައި ބަޔާންކޮށްފައި އެބައޮތެވެ. މަޖިލީހުގެ ގާނޫނާ އެއްގޮތަށް ހިންގުމުގައި އެ ދެބޭފުޅުންގެ ގާނޫނީ ޒިންމާ ވަރަށް ބޮޑުކަން، ގަވާއިދަށް ބަލާލުމުން ހާމަވެއެވެ. ކަން މިހެން އޮތްނަމަވެސް، މިހާތަނަށް އެ ދެބޭފުޅުން ދެއްވި ގާނޫނީ ލަފައާއި އިރުޝާދަށް މަޖިލީހުގެ ރިޔާސަތުން އިހުތިރާމްކުރި ކަމަކަށް، އަދި އެ ދެބޭފުޅުންގެ ގާނޫނީ ރައުޔު ފުރިހަމައަށް ރިޔާސަތުން ބަލައިގަތް ކަމަކަށް ބުނެވޭކަށް ނެތެވެ.

މަޖިލީހުގެ ގަވާއިދުގެ 22 ވަނަ މާއްދާއިން، ކައުންސެލް ޖެނެރަލްގެ ޒިންމާގެ ތެރޭގައި، މަޖިލީހާއި ގުޅުންހުރި ހުރިހާ ކަންކަމުގައި މަޖިލީހާއި މަޖިލީހުގެ ރައީސަށް، އަދި މަޖިލީހުގެ މެމްބަރުންނަށް ގާނޫނީ ލަފާ ދިނުމުގެ އިތުރުން ގާނޫނީ އެހީތެރިކަން ދިނުން ހިމެނޭކަން އެނގެއެވެ. މީގެ އިތުރުން މަޖިލީހަށް ފޮނުވާ ގަރާރުތަކާ ގުޅޭގޮތުން ކައުންސެލް ޖެނެރަލްގެ ގާނޫނީ ލަފާ ދޭންވާނެކަން މި މާއްދާއިން ސުވާލެއް ނެތް މިންވަރަށް އެނގެން އެބައޮތެވެ. އެހެންކަމަށް ވާއިރު މަޖިލީހުގެ ޖަލްސާއަށް ކޮމިޓީތައް އެކުލަވައިލުމުގެ މަސައްކަތް އެޖެންޑާކުރުމަށާއި، މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކުރުމަށް ދިން އިރުޝާދު ބަލައިނުގަނެ، އެހެން ގޮތަކަށް އަމަލުކުރުމުން އެއީ މަޖިލީހުގެ ރައީސް އެކަމާމެދު އަމިއްލަފުޅަށް ނިންމެވި ގޮތެއްކަން އެނގެއެވެ.

މީގެ އިތުރުން ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ނުގެންދެވުމަކީ އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވެންވީ ސަބަބެއް ނޫންކަމަށް މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ ވަނީ މަޖިލީހުގެ ރައީސަށް ދަންނަވާފައެވެ. ނިއުޝާގެ ސިޓީފުޅުގައި މަޖިލީހުގެ ރައީސަކީ ވަކި ފަރާތަކަށް ނުޖެހި ގާނޫނު އަސާސީއާއި މަޖިލީހުގެ ގަވާއިދާއި މަޖިލީހުގެ ނިންމުންތަކާ އެއްގޮތަށް މަޖިލީހުގެ އިދާރާއާއި މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތައް ހިންގުމުގެ އިސް ވެރިޔާކަން މަޖިލީހުގެ ގަވާއިދުގެ 2 ވަނަ މާއްދާގެ (ށ)ން އެނގޭކަމަށެވެ. އެހެންކަމުން މަޖިލީހުގެ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅުމުން، ރިޔާސަތުގައި އިންނެވުމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވިނަމަވެސް އީވާގެ މައްސަލާގައި ރިޔާސަތު ބަލަހައްޓަވަން ޖެހެނީ މަޖިލީހުގެ ރައީސްކަން ގަވާއިދުން އެނގެން އޮތްކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި މައްސަލަ ކުރިއަށް ގެންދެވިދާނެ ގޮތުގެ ގާނޫނީ ލަފާވެސް އަމީން އާއްމު ވަނީ ނަޝީދަށް އަރުވާފައެވެ.

މަޖިލީހުގެ ގަވާއިދު އެކުލެވިގެންވަނީ މަޖިލީހުގެ ރައީސަށް ބޮޑެތި ބާރުތަކަކާއެކު ޒިންމާތަކެއްވެސް ކަނޑައެޅޭނެ ހަމައަކުންނެވެ. އެ ގަވާއިދުގެ 54 ވަނަ މާއްދާގައި މަޖިލީހުގެ އެޖެންޑާ ކަނޑައެޅުމުގެ ބާރު ރައީސަށް ލިބިދީފައިވާފަދައިން، އެ އެޖެންޑާއަށް މަޖިލީހުގެ މެމްބަރުންނާއި ރައީސްވެސް އިހުތިރާމް ކުރަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ހަމައެހެންމެ މަޖިލީހުގެ ގަވާއިދުގައި، މަޖިލީހުގެ މެމްބަރުންގެ ސުލޫކީ ހަމަތަކުގެ ތެރޭގައި 66 ވަނަ މާއްދާގެ (ހ)ގައި ވެސް މަޖިލީހުގެ ގަވާއިދުގެ ރޫހަށް މެމްބަރުން އަބަދުވެސް އިހުތިރާމްކުރަން ވާނެ ކަމާއި، އެ މެމްބަރުންގެ އަމަލުތައް ބަހައްޓަންވާނީ މަޖިލީހުގެ ގަދަރާއި ޝަރަފާއި ކަރާމަތް ދެމެހެއްޓުމަށް ކަމަށް އެނގެން އެބައޮތެވެ.

އެނގޭ ކަމަކީ މިހާރު މަޖިލިސް ދާގޮތުން ގެއްލުންވަނީ އާއްމު މީހާއަށް ކަމެވެ. ގާނޫނު ހަދާ ބާރު ހިނގާ މަންޒަރު ބަލަން އެ އާއްމު މީހާ ބޭނުންވާނެކަމެވެ. އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކުރަން ދޭ އިރުޝާދަށް އަމަލުނުކޮށް، މިހާތަނަށް އަމަލުކުރިގޮތުން މިއީ އެއް ބޭފުޅެއްގެ މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން އަނެއް ބޭފުޅެއްގެ މަގާމު ދެމެހެއްޓެވުން ކަމަށް ދެކޭ މީހުން މަދެއް ނޫނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތިންބާރު ވަކިވުމުން ކަން ހިނގާގޮތް އޮޅިއްޖެއެވެ!

ތިންބާރު ވަކިވުމުން ކަން ހިނގާގޮތް އޮޅިއްޖެއެވެ!

23 މެއި 2017
ފުވައްމުލަކު ރައްޔިތުން ނިކުމެ ވޯޓު އަޅައި މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމަށް "ފާސްކޮށްފި"!

ފުވައްމުލަކު ރައްޔިތުން ނިކުމެ ވޯޓު އަޅައި މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމަށް "ފާސްކޮށްފި"!

08 މެއި 2017
ގަދަބާރުން ހޯދޭނެ އިތުބާރެއް ނޯންނާނެ!

ގަދަބާރުން ހޯދޭނެ އިތުބާރެއް ނޯންނާނެ!

17 އެޕްރީލު 2017
މަޖިލިސް ރައީސްގެ އިތުބާރު ވޯޓު – މަޖިލީހުގައި ނެގި އެންމެ ކަޅު ވޯޓު

މަޖިލިސް ރައީސްގެ އިތުބާރު ވޯޓު – މަޖިލީހުގައި ނެގި އެންމެ ކަޅު ވޯޓު

28 މާރިޗު 2017
އާރާއިބާރު ޖަމާކޮށް، ދުނިޔެ ފަހާ ދުވާ ފަރާތްތަކަށް ނަސޭހަތެއް!

އާރާއިބާރު ޖަމާކޮށް، ދުނިޔެ ފަހާ ދުވާ ފަރާތްތަކަށް ނަސޭހަތެއް!

22 މާރިޗު 2017

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު