ޕާޓީން ވަކިވުމުން ގޮނޑި ގެއްލޭ މައްސަލައިގެ ތެެރެއަށް މެމްބަރު އަލީ ހުސައިން ތަދައްހުލްވެއްޖެ
އަލީ ހުސައިން އިންތިހާބުވީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި، މިއަދާ ހަމައަށް ޕާޓީ ބަދަލު ކުރައްވާފައެއް ނުވޭ


ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން
ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ސިޔާސީ ޕާޓީއަކުން ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ، އެ މެމްބަރު ތަމްސީލު ކުރައްވާ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ތަދައްހުލްވެވަޑައިގެންފިއެވެ.
ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު އަލީ ހުސައިން އަންގާރަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލިސް މެމްބަރުންނާ ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް އެޓާރނީ ޖެނަރަލް މުހައްމަދު އަނިލް ހުށަހަޅުއްވާފައިވާ މައްސަލައަށް ތަދައްހުލް ވުމަށް ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓުގައި ހޯމަ ދުވަހު ފެށި އެމައްސަލައިގެ ފުރަތަމަ ޝަރީއަތުގެ އަޑުއެހުމަށް ވަޑައިގެންނެވުމުން ސުޕްރީމް ކޯޓުން އެ ފުރުސަތު އަލީ ހުސައިން އަށް ދެއްވާފައެއް ނުވެއެވެ.
އަލީ ހުސައިންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންނާއި ރާއްޖޭގެ މަޝްހޫރު ގިނަ ގާނޫނީ ވަކީލުން ވެސް ވިދާޅުވަމުން ގެންދަވަނީ ބަންޑާރަ ނައިބު އަނިލް ސުޕްރީމް ކޯޓަށް އެ ހުށަހެޅުއްވި ގޮތަށް ސުޕްރީމް ކޯޓަށް ނިންމުމުގެ ބާރެއް ނޯންނާނެ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ގެެއްލޭނެ ހާލަތްތައް ގާނޫނުއަސާސީގައި ސާފުކޮށް ބަޔާން ކޮށްފައިވާއިރު، ސުޕްރީމް ކޯޓުގެ ހުކުމަކުން އެކަން ބަދަލު ނުކުރެވޭނެ ކަމަށެވެ.


