މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ
17 އޯގަސްޓު 2026 | ހޯމަ 10:44މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ ސައުތު ކެރޮލައިނާގެ އެޕާޓްމަންޓެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، މިހާތަނަށް ބެލި ބެލުމުން އޭނާގެ މަރުގައި ޝައްކުކުރެވޭ ކަންތައްތަކެއް ފެންނާކަށް ނެތް. ފަންނީ ދާއިރާގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ހޭޑަންއަކީ ނަފްސާނީ ދުޅަހެޔޮކަމާއި އިންސާނީ ހައްގުތަކަށް ވަކާލާތުކުރި އެކްޓިވިސްޓެއްގެ އިތުރުން، އަމިއްލަ ހަޔާތުގައި ދިމާވި ގޮންޖެހުންތަކާ ދެކޮޅަށް ހިތްވަރާއެކު މަސައްކަތްކުރި ފަރާތެއް

ކެލިފޯނިއާގެ ހޮލީވުޑްގައި ހުންނަ ޓީސީއެލް ޗައިނީޒް ތިއޭޓަރުގައި 2022 ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު ބޭއްވި، ނެޓްފްލިކްސްގެ އާ ފިލްމު "ބްލޮންޑް" ގެ ލޮސް އެންޖެލިސް ޕްރިމިއާގައި ހޭޑަން ޕެނެޓިއޭ ބައިވެރިވަނީ | ގެޓީ އިމޭޖަސް
މަޝްހޫރު ޓީވީ ސިލްސިލާތައް ކަމަށްވާ "ހީރޯސް" އަދި "ނޭޝްވިލް" އިން އާންމުންގެ މަގުބޫލުކަން ހޯދާފައިވާ އެމެރިކާގެ ބަތަލާ ހޭޑަން ޕެނެޓިއޭ އުމުރުން 36 އަހަރުގައި މަރުވެއްޖެ އެވެ. ހޭޑަން މަރުވިކަން އޭނާގެ މަންދޫބަކު ވަނީ ސީއެންއެން އަށް ކަށަވަރުކޮށްދީފަ އެވެ.
ހޭޑަންގެ ބައްޕަ ސްކިޕް ޕެނެޓިއޭ، އޭނާގެ މަންދޫބު މެދުވެރިކޮށް ސީއެންއެން އަށް ދިން ބަޔާނެއްގައި ބުނެފައިވަނީ، އެންމެންގެ ލޯބިލިބިފައިވާ ހޭޑަން ވަކިވެދިޔުމަކީ އިންތިހާއަށް ހިތާމަވެރި ކަމެއް ކަމަށެވެ. އަދި އޭނާއަކީ އޭނާ ދަންނަ އެންމެންނަށާއި، ސްކްރީންގެ ކުރިމަތިން އޭނާގެ ހުނަރު ބަލަމުންދިޔަ އެތައް މިލިއަން ބަޔަކަށް އުފާވެރިކަމާއި ލޯބި ގެނެސްދިން، އާދަޔާ ހިލާފު ހަކަތައެއް ހުރި އަލިގަދަ ތަރިއެއް ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ހޭޑަން މަރުވާން ދިމާވި ސަބަބެއް އަދި މިހާތަނަށް އެނގިފައެއް ނުވެ އެވެ. މި ހަބަރު އެންމެ ފުރަތަމަ ރިޕޯޓްކޮށްފައިވަނީ އޭބީސީ ނިއުސް އިންނެވެ.
ޑަބްލިއުއެޗްއެންއެސް އިން ގްރީންވިލް ޕޮލިސް ޑިޕާޓްމަންޓާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، ހޭޑަން ފެނިފައިވަނީ ސައުތު ކެރޮލައިނާގެ ގްރީންވިލްގައި ހުންނަ އެޕާޓްމަންޓް ކޮމްޕްލެކްސްއެއްގެ ތެރެއިން ހަބަރު ހުސްވެފައި އޮއްވަ އެވެ. އޭނާ މަރުވެފައިވާކަން އިއުލާންކުރީ އާދީއްތަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގަ އެވެ.
ޑަބްލިއުއެޗްއެންއެސް އިން ބުނި ގޮތުގައި، އަންހެނަކު ހަބަރު ހުސްވެފައި އޮތް ކަމުގެ ރިޕޯޓް ލިބުމާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ދިޔައީ މެންދުރު ގާތްގަނޑަކަށް 1:51 ހާއިރު އެވެ. އެތަނުގައި އޭނާއަށް ސިއްހީ އަވަސް ފަރުވާ ދިން ނަމަވެސް، ހޭޑަން މަރުވެފައިވާ ކަމަށް ވަނީ ކަނޑައަޅާފަ އެވެ.
ގްރީންވިލް ޕޮލިސް ޑިޕާޓްމަންޓުން މިހާރު ދަނީ ގްރީންވިލް ކައުންޓީ ކޮރޯނާގެ އޮފީހާ ގުޅިގެން މި މަރުގެ ތަހުގީގު ކުރިއަށް ގެންދަމުންނެވެ. ފުލުހުންނާ ހަވާލާދީ ޑަބްލިއުއެޗްއެންއެސް އިން ބުނެފައިވަނީ، މިހާތަނަށް ބެލި ބެލުމުން މި މަރުގައި އެއްވެސް ޝައްކުކުރެވޭ ކަމެއް ނުވަތަ މީހަކު ގަސްތުގައި ކުރި ކަމެއްގެ ނިޝާނެއް ފެންނަން ނެތް ކަމަށެވެ.
ހޭޑަން އެންމެ ބޮޑަށް މަޝްހޫރުވެގެން ދިޔައީ 2000ގެ އަހަރުތަކުގެ ފަހުކޮޅު ދެއްކި "ހީރޯސް" ސިލްސިލާގައި އަމިއްލައަށް ޒަހަމްތައް ފަސޭހަކުރުމުގެ ބާރު ލިބިފައިވާ ޗިއަރލީޑަރު ކްލެއާ ބެނެޓްގެ ރޯލުންނެވެ. މީގެ އިތުރުން "ނޭޝްވިލް" ސިލްސިލާގައި ކަންޓްރީ މިއުޒިކްގެ ޒުވާން ތަރި ޖޫލިއެޓް ބާންސްގެ ރޯލުންވެސް އޭނާ ވަނީ ބޮޑު މަގުބޫލުކަމެއް ހޯދާފަ އެވެ.
އޭނާ ވަނީ 2011 ވަނަ އަހަރު ނެރުނު "ސްކްރީމް 4" ގައި ކާބީ ރީޑްގެ ރޯލު އަދާކޮށްފަ އެވެ. އަދި އޭގެ އެތައް އަހަރެއް ފަހުން އެ ފިލްމުގެ ހަވަނަ ބައިންވެސް އޭނާ ފެނިގެންދިޔަ އެވެ. މީގެ އިތުރުން "އައި ލަވް ޔޫ ބެތު ކޫޕާ"، "ރިމެމްބަރ ދަ ޓައިޓަންސް" އަދި ޗިއަރލީޑިންގްއަށް ބިނާކޮށް އުފައްދާފައިވާ "ބްރިންގް އިޓް އޮން: އޯލް އޯ ނަތިންގް" ފަދަ ފިލްމުތަކުންވެސް އޭނާ ފާހަގަކޮށްލެވޭ ރޯލުތައް އަދާކޮށްފައިވެ އެވެ.
ހޭޑަންއަކީ 1998 ވަނަ އަހަރުގެ ފިލްމު "އަ ބަގްސް ލައިފް" ގައި ޕްރިންސަސް ޑޮޓްގެ ބަޔަށް އަޑު އެޅުމާ ގުޅިގެން، ގްރެމީ އެވޯޑަކަށް ނޮމިނޭޓްވި އެންމެ ޒުވާން ފަންނާނުންގެ ތެރޭގައި ހިމެނުނު ފަރާތެކެވެ.
ވޭތުވެދިޔަ އަހަރުތަކުގައި ހޭޑަން ވަނީ އޭނާގެ ދިރިއުޅުމުގައި ކުރިމަތިވި މަސްތުވާތަކެއްޗަށް ދެވިހިފުމުގެ މައްސަލަތަކާ ބެހޭގޮތުން ފާޅުގައި ވާހަކަދައްކާފަ އެވެ. އޭނާ ވަނީ މިއަހަރުގެ ކުރީކޮޅު "ދިސް އިޒް މީ: އަ ރެކަނިންގް" ގެ ނަމުގައި އޭނާގެ ހަޔާތުގެ މައްޗަށް ބިނާކޮށް ފޮތެއް ނެރެފަ އެވެ. އެ ފޮތުގައި ކުޑަކުދި ތަރިއެއްގެ ގޮތުގައި އުޅުމަށްފަހު ބޮޑުވެގެން އައިއިރު ކުރިމަތިވި ވިހެއުމަށްފަހު ދިމާވާ ނަފްސާނީ ބަލިމަޑުކަމާއި، މަސްތުވާތަކެއްޗަށް ދެވިހިފުމާއި، އެކަމުން އަރައިގަތުމަށް ކުރި މަސައްކަތުގެ އިތުރުން ގެވެށި އަނިޔާގެ ވާހަކަތައް ހިއްސާކޮށްފައިވެ އެވެ.
ހޭޑަން އެ މެގަޒިންއަށް ކިޔައިދީފައިވާ ގޮތުގައި، އެއް ދުވަސްވަރެއްގައި އޭނާގެ ހަންގަނޑު ރީނދޫވުމުގެ (ޖޯންޑިސް) މައްސަލަ ދިމާވެގެން ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހުނެވެ. އަދި އޭނާގެ ފުރަމޭ ފެއިލްވާން ކައިރިވެފައިވާ ކަމަށް ޑޮކްޓަރުން އޭރު ބުނި ކަމަށްވެސް އޭނާ ބުންޏެވެ.
ހޭޑަންގެ އުމުރުން 11 އަހަރުގެ އަންހެން ދަރިއަކު ހުރެއެވެ. ކާޔާ ނަމަކަށް ކިޔާ އެ ކުއްޖާއަކީ ހޭޑަންއާއި އޭނާގެ ކުރީގެ ބައިވެރިޔާ، ޔޫކްރޭންގެ ކުރީގެ މަޝްހޫރު ބޮކްސިން ތަރި ވްލަޑިމިއަރ ކްލިޗްކޯގެ ދަރިއެކެވެ.
ދަރިފުޅުގެ ބެލެނިވެރިކަން ކްލިޗްކޯއާ ހަވާލުކުރަން ޖެހުމުން ކުރެވުނު "ވަރަށް ހިތްދަތި" އިހުސާސްތަކާ ބެހޭގޮތުން 2022 ވަނަ އަހަރު "ރެޑް ޓޭބަލް ޓޯކް" ގެ އެޕިސޯޑެއްގައި ހޭޑަން ވާހަކަދެއްކި އެވެ. އޭނާ ބުނި ގޮތުގައި 2018 ވަނަ އަހަރު އެ ނިންމުން ނިންމިއިރު އޭނާ ދިޔައީ މަސްތުވާތަކެއްޗާ ހަނގުރާމަކުރަމުންނެވެ.
ހޭޑަން ވަނީ 2023 ވަނަ އަހަރު އުމުރުން 28 އަހަރުގައި މަރުވި އޭނާގެ ކޮއްކޮ، މަޝްހޫރު ވޮއިސް-އޯވަރ އާޓިސްޓް ޖެންސަން ޕެނެޓިއޭގެ މަރުގެ ހިތާމައާ ބެހޭގޮތުންވެސް ވާހަކަދައްކާފަ އެވެ.
"އަހަރެންގެ ހަޔާތުގައި އަހަރެންގެ ދެބައިކުޅަ އެއްބައި ގެއްލުމަށްވުރެ ބޮޑު ހިތާމައެއް ނެތް. އަހަރެމެންނަކީ ވަރަށް ގާތް ދެބެން. ދޮށީ މީހާގެ ހައިސިއްޔަތުން ކޮއްކޮ ރައްކާތެރިކޮށް ބެލެހެއްޓުމަކީ އަހަރެންގެ ޒިންމާއެއް. އެކަން ނުކުރެވުމުން ލިބުނު ހިތްދަތިކަން ބަޔާންކޮށްދޭންވެސް ނޭނގޭ،" މިއަހަރުގެ ކުރީކޮޅު ޖޭ ޝެޓީއަށް ދިން އިންޓަވިއުއެއްގައި ހޭޑަން ބުންޏެވެ.
އެކްޓްކުރުމާއި ލަވަކިޔުމުގެ އިތުރުން، ހޭޑަންއަކީ ނަފްސާނީ ދުޅަހެޔޮކަމާއި، ޖަނަވާރުންގެ ހައްގުތަކާއި، ތިމާވެށީގެ މައްސަލަތަކަށް ވަކާލާތުކުރާ އެކްޓިވިސްޓެއްގެ ގޮތުގައިވެސް ފާހަގަކުރެވުނު މީހެކެވެ. ވޮޝިންޓަން ޑީސީގެ ވޯޓުލުމުގެ ހައްގުތަކަށް ވަކާލާތުކުރުމާ ގުޅިގެން އެ ސިޓީގެ އޮފިޝަލުން ވަނީ އޭނާއަށް ޝަރަފު އަރުވާފަ އެވެ. އަދި 16 ސެޕްޓެމްބަރު 2011 ވަނަ ދުވަހަކީ "ހޭޑަން ޕެނެޓިއޭ ޑޭ" ގެ ގޮތުގައި އެ ސިޓީގެ މޭޔަރު ވަނީ ކަނޑައަޅުއްވާފަ އެވެ.
ރަޝިޔާގެ އުދުވާނާ ގުޅިގެން ޔޫކްރޭންގެ ރައްޔިތުންނަށް އެހީވުމަށްވެސް އޭނާ ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެގޮތުން 2022 ވަނަ އަހަރު އޭނާ ވަނީ ޔޫކްރޭންގެ ރައްޔިތުންނަށް ބޭނުންވާ ސިއްހީ ސާމާނާއި ރައްކާތެރިކަމުގެ އާލާތްތައް ހޯދުމަށް ފަންޑެއް ހުޅުވާފަ އެވެ.
ހޭޑަންގެ ސަޕޯޓަރުން އަންނަނީ "އައިސް ޕްރިންސަސް" ފިލްމުގައި އޭނާއާއެކު ފެނިގެންދިޔަ މިޝޭލް ޓްރެކްޓެންބާގްގެ މަތިންވެސް ހަނދާން އާކުރަމުންނެވެ. މިޝޭލް މަރުވީ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހު، ހަކުރު ބަލީގެ އުނދަގޫތަކާ ގުޅިގެން އުމުރުން 39 އަހަރުގަ އެވެ.









