ކ. މާލެ
|
5 ޖޫން 2023 | ހޯމަ 13:01
މި މައްސަލައާ ގުޅިގެން ފުލުހުން ކުރި ޓްވީޓް
މި މައްސަލައާ ގުޅިގެން ފުލުހުން ކުރި ޓްވީޓް
ރާއްޖެއެމްވީ
ޓެކްސީއެއް ފިލި ކަމަށް ބުނާ މައްސަލަ
ދޮޅު ލައްކަ ރުފިޔާގެ މުދާ ހަވާލުކުރީ އަމިއްލައަށް، ފުލުހުން މިހަދަނީ ދޮގުތަ؟
 
އިތުރަށް މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނޭ
 
މުދަލުގެ ވެރިފަރާތުން ވެސް ވަނީ މުހައްމަދު ވައްކަން ނުކުރާކަން ޔަގީންކޮށްދީފައި
 
އެދުވަހުގެ އިރުއޮއްސި 6:13 ހާއިރު މުދާތައް ފިހާރައަށް ވެއްދި

ފުލުހުންނަކީ ގައުމުގެ ޚިދުމަތުގައި އަބަދުވެސް މަސައްކަތް ކުރަން ތިބޭ ބައެކެވެ. ޚާއްސަ ހުވައެއް ކޮށްގެން މުޖުތަމައުއަށް ނުކުންނަނީ ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށެވެ. ނަމަވެސް ބައެއް ހާލަތުގައި އެންމެ ބޮޑަށް އާއްމު ރައްޔިތުންގެ ފާޑު ކިޔުންތައް އަމާޒުވާ އެއް މުއައްސަސާއަކީ ވެސް ފުލުހުންގެ މުއައްސަސާއެވެ. އަދި ބައެއް ފަހަރު ފުލުހުން ކުރާ ބުރަ މަސައްކަތަށް އެތައް ބައެއްގެ ތައުރީފު ވެސް ލިބެއެވެ. އެގޮތުން ދޮޅު ލައްކަ ރުފިޔާގެ މުދަލާއެކު ފިލި ޓެކްސީއެއް ފުލުހުން ހޯދި ޚަބަރަކީ ގިނަބައެއްގެ ތައުރީފު އޮހިގެން ދިޔަ އެއް ޚަބަރެވެ. ނަމަވެސް މިއީ ކަން ހިނގާފައިވާ ގޮތް ނޫންކަން ރާއްޖެއެމްވީއަށް ވަނީ ކަށަވަރުވެފައެވެ.

މިހާދިސާ ހިނގާފައިވާ ގޮތް ޓެކްސީ ޑްރައިވަރު 55 އަހަރުގެ މުހައްމަދު ހުސެއިން ވަނީ ރާއްޖެއެމްވީއާ ހިއްސާކޮށްފައެވެ. އާދައިގެ މަތިން ޖޫން މަހުގެ އެއްވަނަ ދުވަހު ވެސް މުހައްމަދު އުޅުނީ ޓެކްސީ ދުއްވުމުގައެވެ. އާމްދަނީ ހޯދުމަށް ކުރަމުންދާ މަސައްކަތަކަށްވާތީ، އެމަސައްކަތް އޭނާ ވަރަށް ފަރުވާ ބަހައްޓައިގެން ކުރެއެވެ. އެދުވަހުގެ ހަވީރު 4:30 އާއި 4:40އާ ދޭތެރޭގައި އެއާޕޯޓުން މުދާތަކެއް ޓެކްސީއަށް އެރުވިއެވެ. މުދަލުގެ ވެރިފަރާތުން މުދާތައް ގެންގޮސްދިނުމަށް އެދިފައިވަނީ މާފަންނު ބިސްބިރު ކައިރީގައި ހުންނަ ފިހާރައަކަށެވެ. ފިހާރައިގެ ނަން ބުނި ނަމަވެސް އެ ސަރަހައްދަށް ގޮސް މުހައްމަދަށް އެ ފިހާރައެއް ނުފެނުނެވެ. އަދި މުދަލުގެ ވެރިފަރާތުގެ ފޯނު ނަންބަރު ލިބިފައިނުވާތީ، ހަނދާނެ ގޮތެއް ނޭނގި ދެތިން ފަހަރު ބިސްބުރު ވަށައިގެން ބުރު ޖެހުމަށް ފަހު އޭނާ ނުކުތީ ކާރުގައި ބޮޑުތަކުރުފާނު މަގަށެވެ. އޭރު ގާތްގަނޑަށް ގަޑިން 4:57 ވެދާނެ ކަމަށް މުހައްމަދު ބުންޏެވެ. 

ހަދާނެ ގޮތް ހުސްވެ، ބޮޑުތަކުރުފާނު މަގުގައި ހުރެގެން ފުލުހުންގެ ހެޑް އޮފީހަށް ގުޅައި މައްސަލަ ރިޕޯޓު ކުރިއެވެ. މުދަލުގެ ވެރިފަރާތަށް ގުޅޭނެ ގޮތެއް ހަދައިދިނުމަށް މުހައްމަދު އެދުނެވެ. އޭރު ގާތްގަނޑަކަށް ގަޑިން ވާނީ 5:34 އެއް ކަމަށް އޭނާ ބުންޏެވެ. އަދި ގާތް ފުލުހަކާ ދިމާވެ، އެކަން ހިއްސާކުރުމުން، އިރުކޮޅަކުން މާފަންނު ޕޮލިސް ސްޓޭޝަނަށް ދިއުމަށް އެދުނެވެ. އެހެންކަމުން މުދާ ހިފައިގެން 5:55 ހާއިރު މާފަންނު ޕޮލިސް ސްޓޭޝަނަށް ދިޔަ ކަމަށާއި، އޭރު އެތަނުގައި މުދަލުގެ ވެރިފަރާތް ވެސް ހުރި ކަމަށް މުހައްމަދު ބުންޏެވެ. މާފަންނު ޕޮލިހުން އެއްވެސް ސުވާލެއް ނުކުރެއެވެ. އެތަނުން މުދަލުގެ ވެރިފަރާތާ ވާހަކަ ދައްކާ ކަންހިނގާ ދިޔަ ގޮތް މުހައްމަދު ހިއްސާކުރިއެވެ.

އެދުވަހު މައްސަލަ ހައްލުކުރުމަށްފަހު މުދާ ހިފައިގެން އެފިހާރައަށް މުދާތައް ގެންގޮސްދިނީ ވެސް މުހައްމަދެވެ. އެއްވެސް މުދަލެއް މަދުކަމަށްވާނަމަ ޒިންމާ ނަގާނެ ކަމުގެ ފުރިހަމަ ޔަގީންކަން ވެސް ދިނެއެވެ. އެދުވަހުގެ އިރުއޮއްސި 6:13 ހާއިރު މުދާތައް ފިހާރައަށް ވެއްދިކަމަށް މުހައްމަދު ބުންޏެވެ.

މިމައްސަލައާ ގުޅިގެން މުދަލުގެ ވެރިފަރާތުން ވެސް ވަނީ މުހައްމަދު ވައްކަން ނުކުރާކަން ޔަގީންކޮށްދީފައެވެ. އަދި ބިސްބުރު ވަށައިގެން ކާރު ދުއްވާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖު އެބަހުރި ކަމަށް އޭނާ ބުންޏެވެ.

ޑްރައިވަރަށް ފިހާރަ ނުފެނި މުދަލު ވެރިފަރާތަށް ގުޅޭގޮތް ނުވެ ހާސްވި ވަގުތު ފުލުހުންގެ އެހީތެރިކަމަށް އެދިގެން ވެސް އެންމެފަހު ވަގުތު ގޯސްވީ ޑްރައިވަރެވެ. ހަގީގަތް އޮޅޭގޮތަށް ފުލުހުން ޓްވީޓު ކުރުމާއި ގުޅިގެން ޓެކްސީ ދުއްވާ މީހުންނަށް އެކަމުގެ ހުތުރުނަން މިވަނީ ލިބިފައެވެ. އަދި މުހައްމަދާއި މުހައްމަދުގެ އާއިލާ ބިރުވެރިކަމަށް ގޮސްފައިވާއިރު، މުހައްމަދު ބޭނުންވަނީ ފުލުހުން އޭނާގެ ކިބައިން މައާފަށް އެދުމަށެވެ. އެއީ ފުލުހުންނަށް ހެދުނު ވަރަށް ބޮޑު ގޯހެއް ކަމަށާއި، އެކަމުގެ ސަބަބުން އޭނާގެ އަބުރު ކަތިލެވި އޭނާއާ މެދު މީހުން ދެކޭ ގޮތް ވަނީ ބަދަލުވެފައެވެ. ނަމަވެސް މުހައްމަދަކީ ދުވަހަކު ވެސް ވައްކަމެއް ކުރި މީހެއް ނޫނެއެވެ. މީގެ ކުރިން ވެސް ކަސްޓަމަރުންނަށް އޮޅިގެން ނުވަތަ ހަނދާން ނެތިގެން ޓެކްސީ ބަހައްޓާ ތަކެތި އަމާނާތްތެރިކަމާއެކު ހަވާލުކުރާ ކަމަށް އޭނާ ބުންޏެވެ.

އައްޑޫ-ހުޅުދޫއަށް އުފަން މުހައްމަދު މާލޭގައި ދިރިއުޅުމުން ދަނީ އާއިލާއާއެކުއެވެ. އެކަމުގެ ސަބަބުން އާއިލާއަށް ވެސް އަސަރުކޮށްފައިވާއިރު، މިއަދު މުހައްމަދު އިންސާފު ބޭނުންވެއެވެ. ހަގީގަތް އޮޅޭގޮތަށް ފުލުހުން ކުރި ޓްވީޓަކުން އަބުރުވެރިކަމާއެކު ދިރިއުޅެމުން އައި މުހައްމަދުގެ ފަސްބައިގައި މިއަދު މިވަނީ ލައްގަނޑެއް ޖެހިފައެވެ. މިފަދަ މައްސަލަތައް ތަކުރާރުވާނަމަ މިއީ ފުލުހުންނަށް އާއްމުން ކުރާ އިތުބާރު ގެއްލޭނެ ކަމެކެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނެފައިވަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ. އެކަމާގުޅޭ އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
10%
20%
10%
10%
50%
ކޮމެންޓް