ކ. މާލެ
|
7 މެއި 2023 | އާދީއްތަ 18:57
އެމްއާރްއެމްގެ ބައްދަލުވުން ނިންމަވައިލެއްވުމަށްފަހު ރައީސް މައުމޫނު ނުކުމެވަޑައިގަންނަވަނީ
އެމްއާރްއެމްގެ ބައްދަލުވުން ނިންމަވައިލެއްވުމަށްފަހު ރައީސް މައުމޫނު ނުކުމެވަޑައިގަންނަވަނީ
އަމްނާ އިމާދު
އެމްއާރުއެމްގެ 08 މެންބަރުން އިސްތިއުފާދެއްވުން
އެމްއާރުއެމް އިން ސަރުކާރާ ދެކޮޅު ކަމަށް ބުނެ، އެޕާޓީގެ 08 މެމްބަރުން އިސްތިއުފާދެއްވައިފި
 
ނުތަނަވަސްކަން ހިއްސާކުރި، ނަމަވެސް އިސްލާހީ ބަދަލެއް ގެނެވޭނެކަމުގެ އުންމީދެއް ނެތް
 
ސަރުކާރުން ހިންގާ ކޮންމެ ކަމަކަށް ފާޑުކިޔާ، މިއީ ބަލައިގަނެވޭނެ ކަމެއް ނޫން
 
ހީލަތްތެރި މަގުސަދުތަކެއް ހާސިލްކުރުމަށް ބަޔަކު ވަނީ ޕާޓީ ހައިޖެކްކޮށްފައި

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)އިން ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރާ ދެކޮޅު ކަމަށް ބުނެ، އެޕާޓީގެ 08 މެމްބަރުން އިސްތިއުފާދެއްވައިފިއެވެ.

އިސްތިއުފާދެއްވާފައިވަނީ ޔޫއޭއީގައި ހުންނަވާ ދިވެހިރާއްޖޭގެ ޑެޕިއުޓީ ހައިކޮމިޝަނަރު މުހައްމަދު ފައިސަލް, އެކްސްކޯ މެންބަރު އެމްއައިޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ރާއިދު, މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރު އަބްދުލްހަމީދު އަހުމަދު, ޕާޓީގެ ނައިބު ރައީސް / މޯލްޑިވްސް ގޭސްގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމު, ޒުވާނުންގެ ކައުންސިލްގެ ރައީސް، ޓޫރިޒަމް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރު، އިބްރާހީމް ފަރުހާދު، ޕާޓީގެ ތަރުޖަމާނު، ހެރިޓޭޖް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރ އިސްމާއީލް ނާއިލް ނަޝީދު، އަދި އެކްސްކޯ މެންބަރު ހަސަން ހައްޔާން އަހުމަދެވެ.

މި 08 ބޭފުޅުން އިސްތިއުފާދެއްވާފައިވަނީ 07 މެއި 2023 ވީ އާދިއްތަ ދުވަހުގެ ވަގުތެއްގައެވެ.

އިސްތިއުފާދެއްވައި ނެރުއްވި ބަޔާނުގައި ވަނީ؛ އެމްއާރުއެމްއަކީ ރާއްޖޭގައި 30 އަހަރު ވެރިކަންކުރެއްވި އަދި ރާއްޖެއަށް އުމްރާނީ އިގްތިސާދީ އަދި އިޖްތިމާއީ އެތަކެއް ކުރިއެރުންތަކެއް ގެނެސްދެއްވި ތަރައްގީގެ ބާނީ، ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އިރުޝާދުގެ މަތީން އެމަނިކުފާނު އިސްވެ ހުންނަވައިގެން އުފެއްދެވި ސިޔާސީ ޕާޓީއެއް ކަމަށެވެ. މިޕާޓީ އުފައްދަވައި، މައުމޫން ގެންގުޅުއްވި އެންމެހައި އަސާސްތަކާއި ފަލްސަފާތަކެއް ފަނޑުވަމުންގޮސް ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި ވަކި ބަޔަކު ބޭނުންވާ މަގުސަދުތަކެއް ހާސިލްކުރުމަށް ގެންގުޅޭ ހަތިޔާރަކަށް އެ ޕާޓީ ވެފައިވާކަމަށެވެ.

އެމްއާރުއެމްއަކީ މިހިނގާ ރިޔާސީ ދައުރުގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވެރިކަމަށް ގެނައުމަށް އުފެއްދި ކޯލިޝަންގައި މުހިންމު ދައުރެއް އަދާކޮށް، އަދި އެމަނިކުފާނު ވެރިކަމަށް ގެނައުމަށް ކުރެވުނު އެންމެހައި މަސައްކަތްތަކެއްގައި އަމަލީ ގޮތުން ބައިވެރިވެ، ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ސިޔާސީ ޕާޓީއެއް ކަމަށެވެ. ނަމަވެސް ފަހަކަށް އައިސް ޕާޓީގެ ބައެއް މެމްބަރުން ހަރަކާތްތެރިވަމުން ގޮސްފައިވަނީ ކޯލިޝަން ބައިވެރިއެއްގެ ގޮތުގައި ދެމިތިބެމެ, ރައީސް ސާލިހުގެ ސަރުކާރާ ކަނޑައެޅިގެން ދެކޮޅު ބައެއްގެ ގޮތުގައި ރައްޔިތުންނަށް ދެއްކުމަށް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އެމްއާރުއެމް އުފެއްދުމަށް ގިނަގުނަ މަސައްކަތްތަކެއްކޮށް، ޕާޓީއަށް އިޚުލާސްތެރިވެ، ޕާޓީގެ ރައީސް އަހުމަދު ފާރިސްއާ ތަކުރާރުކޮށް އެކި ފަހަރުމަތިން ބައްދަލުކޮށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްއާރުއެމްގެ ފަރާތުން އަމަލުކުރާނެ ގޮތެއް ނުވަތަ އުސޫލެއް އަވަހަށް ނިންމުމަށް އެދިފައިވާކަން ފާހަގަކޮށް ބަޔާނުގައި ބުނެފައިވަނީ، ވޭތުވެދިޔަ ދުވަސްތަކުގެތެރޭގައި ޕާޓީގެ އެކްސްކޯއާއި ޕާޓީގެ ސްލޮޓްތަކުގައި ސިޔާސީ އެކިއެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންތަކެއް ވަރަށް ފާޅުގައި ރައީސް ސާލިހުގެ ސަރުކާރާ ދެކޮޅަށް ތެދުވެވަޑައިގެން މަސައްކަތް ފައްޓަވާފައިވާކަމަށެވެ. އެގޮތުން ސަރުކާރުން ހިންގާ ކޮންމެ ކަމަކަށް ފާޑުކިޔައި، ރައީސް ސާލިހާއި އަދި ސަރުކާރުގެ އެކިއެކި އިސް ފަރާތްތަކަށް މަލާމާތްކޮށް އާޑަފުރައްސާރަ ކުރުމަކީ ޕާޓީގެ އެކްސްކޯގައި އާންމު ކަމަކަށް ވެގެންދިޔަ ކަމަށެވެ. އަދި މިކަން ކޮންޓްރޯލްކުރުމަށް ނުވަތަ ހުއްޓުވުމަށް އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވުމުގެ ނަތީޖާއަކީ، އެމްއާރުއެމްގެ ފަރާތުން މިވަގުތު ރައީސް ސާލިހުގެ ކެބިނެޓްގައި ތިއްބެވި 2 ވަޒީރުންނަށް ޕާޓީގެ އެކްސްކޯގައި ހުތުރުބަހުން ވަގަށް ގޮވާފައިވާކަމަށާއި، މިފަދަ ކަންކަމަކީ އެއްވެސް ހައިސިއްޔަތަކުން އެއްވެސް އުސޫލަކުން ބަލައިގަންނާނެ ކަންކަމެއް ނޫންކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޗާގޯސްގެ މައްސަލައަކީ ހުއްޖަތެއްކަމުގައި ދައްކައި، އޭޕްރީލް 30 ވަނަ ދުވަހުގެ ރޭ އެމްއާރުއެމްގެ ކުއްލި އެކްސްކޯ ބައްދަލުވުމެއް ބާއްވައި، ކަނޑައެޅިގެން ރައީސް ސާލިހުގެ ސަރުކާރުގެ ނިންމުންތަކާމެދު ދެކޮޅުވެރިވުމަށް ގޮތްތަކެއް ނިންމާފައިވާކަމަށެވެ. މި ބައްދަލުވުމުގެ މުޅި ރޫހުވެސް ހުރީ ސަރުކާރާއި ރައީސް ސާލިހުއާ ދެކޮޅަށް ޕާޓީގެ ފަރާތުން މަސައްކަތްކުރުމަށް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މިކަން ހިނގާފައިވަނިކޮށް މެއި 03 ވަނަ ދުވަހުގެ ހަވީރު، ކުރީގެ ބައެއް އެޓަރނީ ޖެނެރަލުންނާއި އަދި ކުރީގެ ސަރުކާރުތަކުގެ ބައެއް އިސް ފަރާތްތަކާއި ރައީސް ސާލިހުގެ ސަރުކާރާ އިދިކޮޅު އެންމެހާ ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް އަލިއަޅުވާލައި ބަޔާނުގައި ބުނެފައިވަނީ؛ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާނެކަން އިއުލާންކުރައްވާފައިވާ ޑރ. މުހައްމަދު މުނައްވަރުގެ އިތުރުން، ޕީޕީއެމް/ޕީއެންސީ ކޯލިޝަނާއި ޖޭޕީއާއި އެމްއެންޕީ އަދި ''ފިކުރެއްގެ ދިރުން'' ހަރަކާތުގެ ބައިވެރިންނާއެކު އެމްއާރުއެމް ތަމްސީލުކުރުމަށް އާމިނަތު ނާދިރާ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެފައިވާކަމަށެވެ. މި ބައްދަލުވުމުގައި އެމްއާރުއެމް ތަމްސީލް ކުރުމަށް ނައިބުރައީސާ ނާދިރާ ބައިވެރިވުމަކީ މުޅި ގައުމުގައި ކޮރަޕްޝަނާއި ފަސާދަ އާންމުކޮށް، ގައުމަށް ގެއްލުންތަކެއްދީ، އެތައް ބަޔަކަށް ނުހައްގުން އަނިޔާތަކެއް ދީފައިވާ ބަޔަކާއެކު އަތާ އަތްގުޅުވައިގެން ނުކުތުން ކަމަށެވެ.

ނައިބުރައީސާ ނާދިރާ މިބައްދަލުވުމުގައި ބައިވެރިވެފައިވަނީ ޕާޓީގެ އެކްސްކޯއަށް އެއްވެސް ކަހަލަ އެންގެވުމެއްނެތިކަން ފާހަގަކޮށް ބަޔާނުގައި ބުނެފައިވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި، ރައީސް ސާލިހުގެ ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި ދެމިތިބެ ކުރެވިގެންވާނެ ކަމެއް ނޫންކަމަށެވެ.

ބަޔާނުގައި ވަނީ އެމްއާރުއެމްގެ ބައެއް ފަރާތްތަކުން މިހާރު އަމަލުކުރަމުން ގެންދާ ގޮތާއި، އަދި ހީލަތްތެރި މަގުސަދުތަކެއް ހާސިލްކުރުމަށް މަސައްކަތް ކުރާ ބަޔަކު ޕާޓީ ހައިޖެކްކޮށް ތަފާތު ނުކިއްސަރު ކަންތައްތަކެއް ކުރަމުން އަންނާތީ، މެއި 03 ވަނަ ދުވަހުގެ ރޭ މައުމޫނާއި، ފާރިސްއާއެކު ދިގު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ. އެބައްދަލުވުމުގައި ވަރަށް ތަފްސީލްކޮށް ނުތަނަވަސްކަން ހިއްސާކޮށްފައިވާކަމަށެވެ. ނަމަވެސް ކުރިމަގުގައި ޕާޓީގެ ފަރާތުން އެއްވެސް ކަހަލަ އިސްލާހީ ބަދަލެއް ގެނެވޭނެކަމުގެ އެއްވެސް އުންމީދެއް ނެތްކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އެހެންކަމުން އެންމެ ރަނގަޅު އުސޫލަކީ ގަބޫލުނުކުރެވޭ ކަންކަން ހިނގާ ތަނެއްގައި, އަދި ރައުޔުތަކަށް އިހްތިރާމް ނުލިބޭ ތަނެއްގައި ނުތިބެ ނިކުތުން ކަމަށާއި، އެއްވެސް ކަހަލަ ދެކޮޅު ވެރިކަމެއް ނެތި 07 މެއި 2023ން ފެށިގެން 08 މެމްބަރުން ޕާޓީން އިސްތިއުފާދެއްވާފައިވާކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އަދި ރާއްޖޭގައި މިވަގުތު އޮތް ސުލްހަ މަސަލަސްކަމާއި އިގްތިސާދީ އަދި އިޖްތިމާއީ ހަމަޖެހުން އިތުރަށް ދެމެހެއްޓުމާއި ގައުމުގައި އިސްލާހަށް ކުރެވޭ އެންމެހާ މަސައްކަތްތަކެއްގައި އަމަލީގޮތުން ފުރިހަމައަށް ބައިވެރިވެ، ގައުމުގައި ކުރިއަށްދާ ތަރައްގީގެ އެންމެހާ މަސައްކަތްތަކެއް އޭގެ އެންމެ ފުރިހަމަ މާނާގައި ފުރިހަމަކުރުމަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ރައީސް ސާލިހަށް ތާއީދުކޮށް އެމަނިކުފާނަށް މި އިންތިޚާބު ކާމިޔާބުކޮށްދިނުމަށް މުރާލިކަމާއެކު މަސައްކަތްކުރާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
50%
0%
0%
0%
0%
50%
ކޮމެންޓް