ޒަމާނުއްސުރެ ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު ދަތިކަމަކީ ދަތުރުފަތުރުގެ ނިޒާމެވެ. ކަނޑު ހުރަސްކޮށްފައި ދަތުރުކުރަންޖެހޭނަމަ ކަންބޮޑުނުވާ އެއްވެސް ރައްޔިތަކު ނުހުންނާނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ނަމަވެސް ރާއްޖެ އުފެދިފައިވާ ގޮތުން ދަތުރު ކުރުމަށް ދިވެހި ރައްޔިތުންނަށް މަޖުބޫރުވެއެވެ. އެކިއެކި ޚިދުމަތްތައް ހޯދާށެވެ. ދަތުރުކުރުމަށް ޖާގައެއް ހޯދަން އުނދަގޫ މާއި، އަތުން ދާ ހަރަދު އިންތިހާއަށް ބޮޑުވުމަކީ ވެސް ރައްޔިތުންގެ ކަންބޮޑުވުމެކެވެ. މިކަން ބޮޑުވުންތަކަށް ހައްލު ގެނެސްދިނީ މިސަރުކާރުގައެވެ. އެއްވެސް ސަރުކާރަކުން ދެމެހެއްޓެނިވި ގޮތެއްގައި ފެރީގެ ނިޒާމެއް ގާއިމް ނުކޮށްދެވުނު ނަމަވެސް މިސަރުކާރުން މިވަނީ ރާއްޖޭގެ ރަށްތައް ގުޅުވާލަދީފައެވެ.
02 މެއި 2022 ވަނަ ދުވަހު ރައްޔިތުންނަށް އުންމީދު ގެނެސްދިނީ ހައި-ސްޕީޑް ފެރީ ނިޒާމާއެކުއެވެ. އެދުވަހު "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫއުގެ ދަށުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ރާއްޖެ ޓްރާންސްޕޯރޓް ލިންކް (އާރް.ޓީ.އެލް) ފުރަތަމަ ފިޔަވަހީގެ ޒޯން 1 (ހއ. ހދ. ށ) ގެ ދަށުން، ހދ. އަތޮޅުގެ 13 ރަށް ހިމެނޭހެން 5 ރޫޓެއްގެ ދަތުރުތައް ފެށިއެވެ.
މުޅި ރާއްޖެ ގުޅާލުމަށް މިފެށި މަސައްކަތުން "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ސަރުކާރުން އެމްޓީސީސީއާއި ހަވާލުކުރީ 17 ޖެނުއަރީ 2021 ވަނަ ދުވަހުއެވެ. އަދި ދެވަނަ އަދި ތިންވަނަ ފިޔަވަހި އެމްޓީސީސީއާއި ސަރުކާރުން ހަވާލުކުރީ 14 އޭޕްރީލް 2022 ވަނަ ދުވަހުއެވެ. ފުރަތަމަ ފިޔަވަހީގެ ޒޯން 1 (ހއ. ހދ. ށ) އަދި ދެވަނަ އާއި ތިންވަނަ ފިޔަވަހީގެ ޒޯން 2 (ނ،ރ،ބ އަދި ޅ) ޒޯން 3 (ކ،އއ،އދ، އަދި ވ) ޒޯން 4 (މ،ފ،ދ،ތ އަދި ލ) ޒޯން 5 (ގއ އަދި ގދ) ޒޯން 6 (ސ އަދި ޏ)، އާއިއެކު، ޖުމްލަ 20 އަތޮޅު ހިމެނޭހެން މުޅި ރާއްޖެއަށް އާރް.ޓީ.އެލްގެ ޚިދުމަތް ދިނުމަށް ސަރުކާރުން ނިންމިއެވެ. އަދި މި މަޝްރޫއުގެ ފޭސް 1 ގެ ދަށުން، ޒޯން 1 ގެ ހއ. ހދ. އަދި ށ. އަތޮޅަށާއި، ފޭސް 2 ގެ ދަށުން ޒޯން 2 ގެ ޅ. އަތޮޅަށް އާރް.ޓީ.އެލް ސްޕީޑް ފެރީގެ ޚިދުމަތް ދޭން ފެށިއެވެ.
އެއީ ބޮޑުތިލަދުންމަތީގެ 41 ރަށާއި ޅ. އަތޮޅުގެ 5 ރަށާއެކު، ޖުމްލަ 46 ރަށެވެ. ކުރިއަށްއޮތް ތަނުގައި، ބާކީ 16 އަތޮޅަށް ޚިދުމަތް ދޭން ފެށި މުޅި ރާއްޖެ ކަނޑުދަތުރުފަތުރުގެ އެއް ވިއުގައަކުން ގުޅާލެވޭނެ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.
މި ޚިދުމަތަށް އެއްއަހަރު ވުމާއި ގުޅިގެން އެމްޓީސީސީން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ހދ. އަތޮޅުގައި 101,802 ރައްޔިތުން، ހއ. އަތޮޅުގައި 89,993 ރައްޔިތުން، ށ. އަތޮޅުގައި 61,421 ރައްޔިތުން، އަދި ޅ. އަތޮޅުގައި 9,111 ރައްޔިތުން، އެކު ޖުމްލަ 262,327 ރައްޔިތުން އާރް.ޓީ.އެލް ސްޕީޑް ފެރީގެ ޚިދުމަތް ބޭނުންކޮށްފައިވެއެވެ. އަދި މި މުއްދަތުގައި، ހދ. އަތޮޅުގައި 4,599 ދަތުރު، ހއ. އަތޮޅުގައި 5,546 ދަތުރު، ށ. އަތޮޅުގައި 3,280 ދަތުރު، ޅ. އަތޮޅުގައި 1,076 ދަތުރު، އެކު ޖުމްލަ 14,501 ޝެޑިއުލް ދަތުރު ވަނީ ކުރެވިފައިއެވެ. ވަކިން ޚާއްސަކޮށް ނޮވެމްބަރ 2022 އިން ފެށިގެން މިހާތަނަށް އެއްވެސް ދަތުރެއް ކެންސަލް ނުކޮށް ހަފްތާގެ ކޮންމެ ދުވަހަކު އާރްޓީއެލްގެ ދަތުރުތަށް ކުރާ ކަމަށް އެމްޓީސީސީން ބުނެއެވެ.
މީގެ އިތުރުން ފުރަތަމަ ޒޯނުގެ ތިން އަތޮޅާއި ދެވަނަ ޒޯނުގެ ޅ. އަތޮޅުގައި ޚިދުމަތް ފަށާފައި ވަނީ، ޒަމާނީ، ދުވެލި ހަލުވި، އުޅަނދު ތަކެއްގައެވެ. އެގޮތުން، ކުރިއަށްވުރެ އެތައް ގުނައެއް އަވަސްކޮށް ބާރު ދުވެލީގައި މިހާރު ދަތުރުކުރެވޭނެއެވެ. އެއާކޯން ކުރެވިފައިވާ މިއުޅަނދުތައް ހުންނާނީ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން އަރާފޭބޭ ގޮތަށް އަދި ބަލިމީހުން އުފުލުމަށް ވެސް ފަސޭހަވާނޭ ގޮތަށް ފަރުމާކުރެވިފައެވެ. އަދި ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ޚިދުމަތުގައި ދަތުރުކުރާ ތިން އަހަރުން ދަށުގެ ކުޑަކުދިންނާއި، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ދަފުތަރުގައިވާ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އަދި ސްކޫލް ކުދިން ޔުނިފޯމްގައި ތިބޭނަމަ، އެކުދިންނަށް ހިލޭ ދަތުރު ކުރެވޭނެއެވެ. އުޅަނދުގައި ފާހާނާއާއި ލަގެޖް ބެހެއްޓޭނެ ޖާގަ ޚާއްސަ ކުރެވިފައި ހުންނާނެއެވެ. މިއީ، ރާއްޖޭގެ މޫސުމާ، އޮއިވަރާ، ބާންޏާއި، ރާޅަށް ރިއާޔަތް ކުރެވިގެން، ދެ މޫސުމަށް ވެސް، ފަހިވާނޭހެން ބަނދެފައިވާ، ކަނޑަށްވެސް ގަދަ އުޅަނދުތަކެކެވެ. މި ޚިދުމަތް ހަފްތާއަކު 7 ދުވަހު ރައްޔިތުންނަށް ފޯރުކޮށްދޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
ރައްޔިތުންނަށް ގިނަ ލުއިފަސޭހަތަކެއް ލިބިދޭ މި ޚިދުމަތާއެކު ގިނަ ވަޒީފާތަކެއް ވެސް އުފެދިގެން ދިޔައެވެ. އަދި ކުރިއަށް އޮތްތަނުގައި ގިނަ ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދާނެ ކަމާއި މެދު ޝައްކެތްނެތެވެ. މިއަދު ރަށުގައި ތިބެގެން ނުވަތަ އަތޮޅުގައި ތިބެގެން ވެސް މަސައްކަތް ކުރެވޭނެ ފުރުސަތު މިވަނީ ފަހިވެގެން ގޮސްފައެވެ. އެގޮތުން މިހާތަނަށް އައިރު ރާއްޖެ ޓްރާންސްޕޯޓް ލިންކް ޚިދުމަތުގެ ދަށުން ފެރީ އަދި ބަހުގެ ޚިދުމަތް ފޯރުކޮށްދިނުމަށް މިހާތަނަށް 514 މުވައްޒަފުން ދަނީ މަސައްކަތް ކުރަމުންނެވެ.
މިޚިދުމަތާއި ގުޅޭގޮތުން އެމްޓީސީސީން ބުނީ ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށް އަބަދުވެސް މަސައްކަތް ކުރާ ކަމަށެވެ. އެގޮތުން ޝެޑިއުލާ އެއްގޮތަށް ފެރީ ގަޑިއަށް ފުރުމަށާއި، ރައްޔިތުންނާއި ގާތުން ރަނގަޅު ޚިދުމަތްތަކެއް ދިނުމަށް އިސްކަންދޭ ކަމަށް އެމްޓީސީސީން ބުނެއެވެ. މީގެ އިތުރުން ކޮންމެ ތަނެއްގައި ހުރެގެން ކޮންމެ ވަގުތަކުވެސް ކޮންމެ ރައްޔިތެއްގެ އަތުގައި އޮންނަ ސްމާޓް ފޯނުން ދަތުރުގެ ޝެޑިއުލް ބަލާލެވި، ޓިކެޓް ބުކްކޮށްލެވި، އަދި ޓިކެޓަށް ފައިސާ ދެއްކޭނެއެވެ. ސްމާޓްފޯނެއް ނެތް ނަމަ ޓިކެޓްގެ ނަންބަރު ދައްކައިގެން ދަތުރުކުރެވޭނެއެވެ. ޓިކެޓް ގަތުމަށް ކަސްޓަމަރުންނަށް، އާރް.ޓީ.އެލް ވެބްސައިޓް އަދި އެޕްލިކޭޝަން ބޭނުންކުވޭނެއެވެ.
އެންމެ ޒަމާނީ ވަސީލަތްތަކާއެކު ޚިދުމަތް ދިނުމަށް މަސައްކަތް ކުރާއިރު، ހއ. ހދ. ށ. އަދި ޅ. އަތޮޅުގެ ރައްޔިތުން ކަނޑުދަތުރުފަތުރު ކުރުމުގައި މިހާރު ތަޖުރިބާ ކުރަމުންދާ ލުއިފަސޭހަކަން ތަޖުރިބާ ކުރުމަށް ރާއްޖޭގެ އެހެން އަތޮޅުތަކުގެ ރައްޔިތުން ވެސް ތިބީ ނުހަނު ބޭނުންވެފައެވެ. އެގޮތުން އަވަސް މުސްތަގުބަލެއްގައި ޚިދުމަތް ނުލިބޭ 16 އަތޮޅަށް މި ޚިދުމަތް ފެށޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފައެވެ.
މުޅި ރާއްޖެ ގުޅާލެވޭ އާރް.ޓީއެލް. ހައި ސްޕީޑް ފެރީ ޚިދުމަތަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. ރައީސްގެ ވައުދުފުޅާ އެއްގޮތަށް މި ޚިދުމަތް ފެށިގެން ދިއުމަކީ އެމްޓީސީސީގެ 42 އަހަރުގެ ދިގު ތާރީހުގައި ކަނޑުދަތުރުފަތުރުގެ ނިޒާމަށް އަންނާނެ އެންމެ ހެޔޮ ބަދަލެވެ. މި ޚިދުމަތާއެކު ރާއްޖޭގެ އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް ކުރިއެރުންތަކެއް ލިބި، ސަރަހައްދީ ގޮތުން ރައްތަކަށް ތަރައްގީއާއި ކުރިއެރުން ލިބޭނެއެވެ. އެގޮތުން ލޯކަލް ޓޫރިޒަމަށް ހެޔޮ ބަދަލުތަކެއް އަންނާނެއެވެ. ގިނަ ރަށްތަކަށް ހޯމް ސްޓޭ ޓޫރިޒަމް ފުޅާކުރުމަށް ފުރުސަތު ލިބޭނެއެވެ. އާރް.ޓީ.އެލް ސްޕީޑް ފެރީގެ ޚިދުމަތް 6 ޒޯނެއްގައި ފެށިގެން ދާއިރު، ޒަމާނީ ފެރީގެ ޚިދުމަތް ދޭ 82 އުޅަނދެއް އޮންނާނެއެވެ. 180 އަށް ވުރެ ގިނަ ފެރީ ޓާރމިނަލް ހުންނާނެއެވެ. އަދި މި އުޅަނދުތަކަށް ޙިދުމަތް ދޭނެ ބޯޓުޔާރޑު ރާއްޖޭގެ ތިން ސަރަހައްދެއްގައި ގާއިމުކުރެވިފައި ހުންނާނެއެވެ.
ރައީސް ސާލިހު، 2022 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވާ ގޮތުގައި، އެމަނިކުފާނުގެ ސަރުކާރުގެ އަމާޒަކީ، ހިންގާ މަޝްރޫއުތައް އެއީ ހަމައެކަނި ދިރިތިބުމަށްޓަކައި ކުރާ ކަންކަމުގެ އިތުރަށް، ދިރިއުޅުމުގެ މަގުކޮށައި އަލިކޮށްދޭ ވަސީލަތްތައް ކަމުގައި ހެދުމެވެ. އަދި މިއަދު އެމަނިކުފާނުގެ ބަސްފުޅުގެ ތެދުކަން ބޮޑު ތިލަދުންމަތިންނާއި ފާދިއްޕޮޅު އަތޮޅުން އެދަނީ ފެންނަމުންނެވެ. މީގެކުރިން ރައްޔިތުންނަށް ބޮޑުކަމަށްވި ދަތުރުފަތުރު ކުރުން މިއަދު މިވަނީ ފަސޭހަކޮށްދީފައެވެ. އެމްޓީސީސީން ފޯރުކޮށްދެމުންދާ ޚިދުމަތްތަކަށް ރައްޔިތުންގެ ތައުރީފާއި، ހިފެހެއްޓުމެއް ނެތް ޝުކުރު އަދާކުރާއިރު، ރައްޔިތުންގެ ޖީބަށް ލުއިވެ، އެއްރަށުން އަނެއް ރަށަށް ފަސޭހަކަމާއެކު ދަތުރުކުރެވޭ ވާހަކަ ރައްޔިތުން ނުދައްކާ ދުވަހެއް ނުދާނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
ނޯޓް: މި ރިޕޯޓަކީ އާރް.ޓީ.އެލްގެ ޚިދުމަތަށް އެއްއަހަރުވުމާއި ގުޅިގެން އެމްޓީސީސީން އާއްމުކޮށްފައިވާ ރިޕޯޓަކަށް ބަލައިގެން ލިޔެފައިވާ ރިޕޯޓެކެވެ.