ކ. މާލެ
|
29 އޭޕްރިލް 2023 | ހޮނިހިރު 15:40
ޗާގޯސް އާކިޕެލަގޯ
ޗާގޯސް އާކިޕެލަގޯ
ބީބީސީ
މަގޭ ރިޕޯޓް
މިއަށް ކިޔަނީ ގޯސް ހަދާފައި ބޮލަށް ޖެހުން
 
ޔާމީންވެސް، ނަޝީދު ވެސް ޗާގޯސް ހޯދަން މަސައްކަތް ނުކުރޭ
 
މިހާތަނަށް ދެކުނުގައި ރާއްޖެއަށް އޮތީ، ގާނޫނު އަސާސީގައި ބުނާ 12 މޭލުގެ ސަރަހައްދު

ޗާގޯސްގެ ވާހަކަ ނިކަން އަޑުގަދަކޮށް ދައްކަމުން އެބަދެއެވެ. އެކި ފަހަރު ވެރިކަން ކުރި އެކި ބޭބޭފުޅުންނެވެ. ފުންނާބު އުސްކަމަށް ދައުވާ ކުރާ އެކި ސިޔާސީ ބޭފުޅުންނެވެ. ސިޔާސީ ނުވިޔަސް އެހެންނޭ މިހެންނޭ ބުނީމަ އެބުނާހާ ގޮތަކަށް އެނބުރޭ ވަހުތާން ތައްވެސް ހަމަ އެއް ވާނަކަށް ގޮވަނީ ޗާގޮސްއެވެ.

ނަމަވެސް ފަތްފުއްތަށް ހިއްލާލީމާ ފެންނަނީ އެހެން މަންޒަރެކެވެ. ހަގީގަތުގައި އެވާހަކަ އެންމެ އަޑުގަދަކޮށް ދައްކާ އެއްވެސް ވެރިއެއް ސިޔާސީ މީހެއް ޕާޓީއެއް ވެސް މިކަމަށް ވަކާލާތުކޮށްފައި ނުވެއެވެ. ޗާގޯސްގެ މިލްކުވެރިކަމާ ގުޅޭގޮތުން ހޭ ވެސް އަހާލާފައި ނެތެވެ.

ޗާގޯސްއަކީ ކޮންބައެއްގެ ތަނެއްކަމާމެދު މީގެ ކުރިން ވަނީ ގޮތްތަކެއް ނިމިފައެވެ. އެކަން ގަބޫލުކުރަން ޖެހެއެވެ. ފުރަތަމަ ކަމަކަށް ރާއްޖޭގެ އެއްވެސް ޒަމާނެއްގައި އެއްވެސް އިރެއްގައި ދިވެހިންގެ ސިޔާދަތީ ބާރު ހިނގާ ތަނެއްގެ ގޮތުގައި އޮތް ކަމަކަށް އަޅުގަނޑުމެންނަށް ފެންނާކަށް ނެތެވެ. 1932 ގައި ގާނޫނު އަސާސީ ލިޔެވެން ފެށުނު އިރުއްސުރެން ފެށިގެން މިހާތަނަށް ސަރަހައްދު ކަނޑައެޅިގެން އައި އިރުގައިވެސް، އެއިން އެއްވެސް ގާނޫނު އަސާސީއެއްގައި އަޅުގަނޑުމެންގެ ސަރަހައްދުގެ ތެރޭގައި ޗާގޯސް ހިމެނިފައެއް ނެތެވެ.

އެހެންކަމުން މިހާ ހިސާބަށް އައި އިރުގައި ޗާގޯސް އަކީ ދިވެހިންގެ ތަނެއްކަމަށް ދައުވާކުރެވޭނެ އަދި ބުނެވޭނެ ތާރީހީ ހެއްކެއް އަދި ގާނޫނީ ގޮތުންވެސް އެކަން ބެލެވޭނެ ޖާގައެއް ފެންނާކަށް ނެތެވެ. ޗަގޯސްގެ މިލްކުވެރިކަމާ ދޭތެރޭގައި އުފެދިގެން އުޅުނު މައްސަލައަކީ އިނގިރޭސި ވިލާތާއި މޮރިޝަސްއާއި ދެމެދުގައި އުފެދިފައި އޮތް މައްސަލައެކެވެ.

މޮރިޝަސް އިނގިރޭސީންގެ އަތްދަށުގައި އޮތުމަށްފަހުގައި 1965 ވަނަ އަހަރު މޮރިޝަސްގެ ސިޔާދަތުގެ ތެރެއިން، ޗާގޯސް އިނގިރޭސީން ވަކިކުރިއެވެ. އޭގެ ފަހުން 1967 ގައި މޮރިޝަސްއަށް މިނިވަންކަން ލިބިގެންދިޔައެވެ. އެހިސާބުން ފެށިގެން ވެސް މޮރިޝަސް އިން ޗާގޯސްގެ މައްޗަށް މިލްކުވެރިކަން އޮތްކަން ވަކާލާތުކުރަމުން ދިޔައެވެ. އެހެން ގޮސް 2017 ވަނަ އަހަރު މި މައްސަލަ ނިމުނީ އދ އަށް މޮރިޝަސްއިން ހުށަހެޅި ހުށަހެޅުމަކާއި ގުޅިގެން އދ ގެ އާންމު މަޖިލީހުން މި މައްސަލަ އައިސީޖޭއަށް ފޮނުވަން ނިންމާފައެވެ.

އެއާ ގުޅިގެން އައިސީޖޭން ވަނީ ގޮތެއް ނިންމާފައެވެ. އެއީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އެ ދިނީ އިސްތިރާޖީ ލަފައެކެވެ. އެއަށްފަހުގައި އދ ގެ އާންމު މަޖިލީހުން ވޯޓަކަށް އެހިއެވެ. 6 ގައުމު ފިޔަވައި ހުރިހާ ގައުމެއް ވޯޓު ދިނީ އެއީ މޮރިޝަސްގެ ތަނެއް ކަމަށް އައިސީޖޭން ނިންމި ނިންމުމާ އެއްގޮތަށެވެ. އެ ނިންމި ނިންމުމާ އެއްގޮތަށް ދިވެހިރާއްޖެއިން އެދުވަހު ވޯޓު ދިނީ އެ ނިންމުމާ އިދިކޮޅަށެވެ. އެދުވަހު ވޯޓު ދެމުންވެސް ރާއްޖެއިން ބުނެފައިވަނީ މި ވޯޓު ދެނީ ހުށަހެޅިފައި އޮތް އަސްލު މައްސަލައާއި އިދިކޮޅަކަށް ނޫނެކެވެ.

އެއީ އިޓްލޮސްގައި އެއިރު އޮތް މައްސަލައެއް މޮރިޝަސްއިން ދައުވާ ކުރި ޗާގޯސްގެ އީއީޒެޑް ކަނޑައެޅުމާއި ގުޅޭގޮތުން، ރާއްޖެއިން އެއިރު މައްސަލައެއް ލާފައި އޮތުމާއި، އެ މައްސަލައިގައި މޮރިޝަސް އިން ކުރިއަށް ގެންދިއުމުގައި ފުރުސަތެއް ނެތްކަމަށެވެ. އެކަން އެހެން އޮތުމުން އެއަށް ބާރުދިނުމުގެ ގޮތުން ދިން ވޯޓެކެވެ. އެހެންނަމަވެސް އޭގެ ފަހުން އައިސީޖީގެ ނިންމުމާ އެއްގޮތަށް މޮރިޝަސްއިން ހުށަހަޅާފައިވާ މައްސަލަ ބެލޭނެ ކަމަށް ބުނާ އިޓްލޮސްގެ ނިންމުމެއް އެބައޮތެވެ. މާނައަކީ އިޓްލޮސްއިން އެ ނިންމި ނިންމުމަކީ މޮރިޝަސްއަށް ޗާގޮސްގެ މައްޗަށް ސިޔާދަތީ ބާރު އެބައޮތޭބުނެ ސަރަހައްދު ކަނޑައަޅަން ހުށަހަޅާފައިވާ މައްސަލައިގައެވެ.

ދިވެހިރާއްޖެއަކީ ކުރިން ވެސް މުއާހަދާތަކުގައި ބައިވެރިވެފައި ތިބި ބަޔަކަށް ވާތީ އަދި އެ މުއާހަދާތައް ތަންފީޒުކުރަމުންދާ ބަޔަކަށް ވާތީ ޗާގޯސްއާއި ބެހޭ ގޮތުން އިޓްލޮސްއާއި އައިސީޖޭން ނިންމާފައިވާ ނިންމުމަކީ އޭގައި ބައިވެރިވެފައިވާ ފަރާތްތަކުން ތަބާވާންޖެހޭ ނިންމުމެއްކަމަށް ރާއްޖެއިން ދެކެންޖެހި އެއަށް އަމަލުކުރަން ޖެހެއެވެ.

އާންމު ރައްޔިތުންނަށް އޮޅޭގޮތަށް އިދިކޮޅު ފަރާތްތަކުން މޮރިޝަސްގެ ސިޔާދަތީ ހައްގު އޮތް ޗާގޯސްއާއި ބެހޭގޮތުން ވާހަކަ ދައްކަނީ ހިޔާލީ ފޮލާތަކާއި އެ މީހުންނަށް ހެދިފައި ހުރި ގޯސްތައް ފޮރުވުމަށެވެ. ދިވެހިރާއްޖެއިން އެއްވެސް އިރެއްގައި ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު އޮތްކަމަށް ކަނޑައަޅާފައި ނުވެއެވެ. ރާއްޖޭގެ ގާނޫނު އަސާސީތައް އެހުރީ ފެންނާށެވެ. ރާއްޖޭގެ ސިޔާދަތީ ބާރު ކަނޑައެޅިގެން ލިބިފައި ހުރި ސަރަހައްދު އެނގެއެވެ. 1932 ވަނަ އަހަރުން ފެށިގެން ގާނޫނު އަސާސީ ލިޔެވެން ފެށުނީއްސުރެ އެވާހަކައެއް ނެތެވެ.

އަދި އޭގެ ކުރީގެ ޒަމާންތަކަށް ބަލާއިރުގައި ވެސް ނެތެވެ. ތަންކޮޅެއް ފަހަތަށް ޖެހިލައިފިއްޔާ، 1965 ގައި ދިވެހިރާއްޖެ މިނިވަން ދައުލަތަކަށް ވީއިރު، އެ ދެކެވުނު ވާހަކަތަކުގައި ވެސް އަދި ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ކުރެވިފައި ހުރި މަސައްކަތްތަކަށް ބަލާއިރުގައި ވެސް ޗާގޯސް އެއީ ރާއްޖޭގެ ބައެއްކަމަށް ބަލައިގެން ކުރެވިފައި ހުރި އެއްވެސް މަސައްކަތެއް ނެތެވެ.

އަޅުގަނޑުމެންނަށް ދެން ފެންނަން ހުރީ 1992 ގައި ރައީސް މައުމޫންގެ ރިޔާސީ ދައުރުގެ ތެރޭގައި އިނގިރޭސި ވިލާތާއި ރާއްޖެއާއި ދެމެދު ބައްދަލުވުންތަކެއް ބޭއްވިފައި އޮތް، އެ ބައްދަލުވުންތަކުގެ ޔައުމިއްޔާއެވެ. އޭގައި ސޮއިކުރެވިފައި އެބަހުއްޓެވެ. އެ ލިޔެކިޔުންތަކެއް ފެންނަން ހުރި ގޮތުގައި ވާހަކަ ދެކެވި އެއްބަސްވެފައިވަނީ ޗާގޯސް އާއި ރާއްޖެއާއި ދެމެދު ހަމަހަމަވާ ގޮތަށް ރޮނގެއް ދަމާ އެއްބަސްވާގޮތަކަށް އެއްބަސްވުމަކަށް އައުމަށެވެ. އެ ލިޔެކިޔުން ދިވެހި ސަރުކާރުގެ އާކައިވްސްގައި އެބަހުއްޓެވެ.

ދެން އަޅުގަނޑުމެންނަށް ފެންނަން އޮތް އަނެއް ހަގީގަތަކީ 2010 ވަނަ އަހަރު ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި ދިވެހިރާއްޖެއިން އދ އަށް ހުށަހެޅި އެކްސްޓެންޑެޑް ކޮންޓިނެންޓަލް ޝެލްފުގެ ޗާޓެވެ. ހުށަހެޅި އިރުގައި ޗާޓު ކުރެހިފައި އޮތް އިރު، ޗާގޯސް އެއީ ދިވެހިރާއްޖޭގެ ބައެއްގެ ގޮތުގައި ކަނޑައަޅާފައި ނެތެވެ. އެ ޗާޓުތައް އދ ގެ އާކައިވްގައި އެބަހުއްޓެވެ. އަދި 2011 ވަނަ އަހަރު ކުރީގެ ރައީސް ނަޝީދު މޮރިޝަސް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ޖޮއިންޓް ކޮމިއުނިކޭގައި މޮރިޝަސްއާއި ރާއްޖެއާއި ގުޅިގެން ޗާގޯސްގެ ސަރަހައްދުގެ މައްސަލައިގައި އެކުގައި މަސައްކަތް ކުރުމަށް އެއްބަސްވެފައިވެއެވެ.

އަދި އިނގިރޭސީން އެ ސަރަހައްދުގައި ގާއިމްކޮށްފައި އޮތް، އިންޑިއަން އޯޝަން ޕްރޮޓެކްޓެޑް މެރިޓައިމް ޒޯން އެއީ ދެކޮޅު ހަދަންޖެހޭނެ އެއްޗެއްކަމަށް އެއްބަސްވެފައި އެބައޮތެވެ. ދެން އަޅުގަނޑުމެންނަށް ފެންނަން އޮތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2017 ވަނަ އަހަރު އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގެ އެޑްވައިޒަރީ އޮޕީނިއަންއަކަށް ގެންދިއުމަށް ވޯޓަކަށް އެހިއެވެ. އެ ވޯޓުގައި ދިވެހިރާއްޖެއިން ވޯޓުލީ އިދިކޮޅަށެވެ.

އެހެންނަމަވެސް އައިސީޖޭގައި މި މައްސަލަ ހިނގަމުން ދިޔަ އިރުގައި، ދިވެހިރާއްޖޭގެ ފަރާތުން ޗާގޯސް އެއީ ދިވެހިރާއްޖޭގެ ތަނެއްކަމަށް ބުނެ މި މައްސަލައަށް ތަދައްހަލުވެފައި ނެތެވެ. ލިޔެކިޔުންތަކަށް ބަލާއިރު އަދި ތާރީހީ ޓައިމްލައިނަށް ބަލާއިރު، އެއީ ލިބުނު އެންމެ ފަހު ފުރުސަތެވެ. ދިވެހިރާއްޖެއިން ބައިނަލްއަގުވާމީ ކޯޓެއްގައި ނުވަތަ ޖަލްސާއެއްގައި ދިވެހިރާއްޖޭގެ ތަނެއްކަމަށް ބުނެ އަޑު އުފުލުމުގެ ފަހު ފުރުސަތެވެ. އެ ފުރުސަތު ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ބޭނުންކޮށްފައި ނެތެވެ. އެއީ އެކަން އެމަގުން ހިނގާފައި މި އެރީ އެއްވެސް ސަރުކާރަކުން ހަގީގަތުގައި ޗާގޯސްގެ މައްޗަށް ރާއްޖޭގެ ސިޔާދަތީ ބާރު އޮތްކަމަށް ގަބޫލުނުކުރާތީއެވެ.

އެހެންނަމަވެސް އިދިކޮޅު ޕާޓީތަކުން، އިދިކޮޅުގައި ތިއްބަވާއިރު އިދިކޮޅު ވާހަކަ ދެއްކުން އެއީ ކުރާނެ ކަމެކެވެ. 2017 ވަނަ އަހަރު ޔާމީންގެ ސަރުކާރުން ވޯޓުދެއްވީ މި ދެންނެވި ގަރާރާ އިދިކޮޅަށެވެ. 2019 ގައި މި ސަރުކާރުން ވޯޓު ދިނީ ހަމަ އެގޮތަށެވެ. ވޯޓު ދިނީމަ، މިހާރުގެ އިދިކޮޅު ޕާޓީ ޕީޕީއެމުން ޖަލްސާ ބާއްވާފައި ބުނެފައި މިއޮތީ މޮރިޝަސްއަށް ދެކޮޅަށް ވޯޓުދިނީތީ ސަރުކާރުން މާފަށް އެދެންޖެހޭނެ ކަމަށެވެ. އަދި މިހާރު ދައްކާ ވާހަކައަކީ މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދިނީމަ އަނެއްކާ މި ގޮތް ބަދަލުވީއެވެ.

އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ޕީޕީއެމް އޮވެގެން ކުރާ މަސައްކަތަކީ އަބަދުވެސް އިދިކޮޅު ހެދުމެވެ. އެބޭފުޅުން ވިދާޅުވި ގޮތަށް ކަންކުރިޔަސް އިދިކޮޅު، އަދި އެބޭފުޅުން ކަންކުރެއްވި ގޮތަށް ކަންކުރިޔަސް އިދިކޮޅެވެ. އެހެންވީމާ އެއްވެސް ހާލެއްގައި ދިވެހިރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ ތަނެއްގެ ގޮތުގައި، ޗާގޯސް ވާކަން އަދި ހޯދަން ވެސް މަސައްކަތް ކޮށްފައިނެތެވެ.

ކުރީގެ އެއްވެސް ސަރުކާރަކުން މި މަސައްކަތެއް ނުކުރެެއެވެ. މޮރިޝަސްއިން ލާފައިވާ މައްސަލައަށް ރާއްޖެއިން ވަދެ ކުރި ކަމަކީ ރާއްޖޭގެ އީއީޒެޑުން ބޮޑު ބައެއް މޮރިޝަސްއަށް ލިބުނަ ނުދީ ދިވެހިންނަށް އެބައި ހޯދާ ކަނޑުގެ ސަރަހައްދު ކަށަވަރުކޮށް، ގާނޫނީ ގޮތުން ބާރުވެރިކަން ހޯދީއެވެ.

Advertisement
ކޮމެންޓް