އަންހެނުންނާއި ޚާއްސަ އެހީތެރިކަން ބޭނުންވާ މީހުން ލޯނަށް އެދި ހުށަހަޅާނަމަ ޚާއްސަ ނަޒަރިއްޔާތަކުން ބަލާނެ: އެސްޑީއެފްސީ
9 އެޕްރީލު 2023 | އާދީއްތަ 12:12ލޯނަށް އެދި ހުށަހެޅުމުން އެވެލުއޭޓް ކުރާ މަރުހަލާގައި އެފަދަ މީހުންނަށް ބަލާ، ލުއިތައް ދޭނެ


ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރު ޒީނާދު އަހުމަދު ވާހަކަދައްކަވަނީ
އަންހެނުންނަށާއި، ޚާއްސަ އެހީތެރިކަން ބޭނުންވާ މީހުން ލޯނަށް އެދި ހުށަހަޅާނަމަ ޚާއްސަ ނަޒަރިއްޔާތަކުން ބަލާ ކަމަށް އެސްއެމްއީ ޑިވެލޮޕްމަންޓް އެންޑް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ން ބުނެފިއެވެ.
ރާއްޖެޓީވީގައި ވާހަކަދައްކަވަމުން އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރު ޒީނާދު އަހުމަދު ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. ގިނަ ބަޔަކު ލޯނަށް އެދި ހުށަހަޅާއިރު، އަންހެނުންނަށާއި، ޚާއްސަ އެހީތެރިކަން ބޭނުންވާ މީހުންނަށް ޚާއްސަ ނަޒަރިއްޔާތަކުން ބަލާ ކަމަށް އޭނާ ވިދާޅުވިއެވެ. ޒީނާދު ވިދާޅުވީ ލޯނަށް އެދި ހުށަހެޅުމުން އެވެލުއޭޓް ކުރާ މަރުހަލާގައި އެފަދަ މީހުންނަށް ބަލާނެ ކަމަށާއި، ވަރަށް ބޮޑެތި ލުއިތަކެއް ދޭނެ ކަމަށެވެ.
އަންހެނުން ބާރުވެރިކުރުވުމަށް ގިނަ މަސައްކަތްތައް ކުރާކަން ފާހަގަކުރައްވައި ޒީނާދު ވިދާޅުވީ އަންހެނުން ވިޔަފާރީގެ ދާއިރާގައި ކުރިއަށް ދިއުމަށް ގިނަ ލޯނުތަކެއް ދޫކޮށްފައިވާ ކަމަށެވެ.
ޒީނާދު ވިދާޅުވީ އެސްޑީއެފްސީން ލޯނު ހޯދުމަށް އެހެން ބޭންކްތަކާއި އަޅާބަލާއިރު ލުއިވާނެ ކަމަށާއި، ލޯނަށް އެދި ހުށަހެޅުމާއި އެ ޕްރޮސަސްދާ ގޮތްވެސް ކަސްޓަމަރުންނަށް ފަސޭހަވާނެ ކަމަށެވެ.
އެސްޑީއެފްސީން ލޯނުތައް ދޫކުރަނީ ހަތަރު ޕަސެންޓާއި ނުވަ ޕަސެންޓާ ދެމެދު އިންޓަރެސްޓް ރޭޓެއްގައި، ގިނަވެގެން 10 އަހަރުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށެވެ. ލޯނު ދޫކުރާ އިންޓަރެސްޓް ރޭޓާއި މުއްދަތު ކަނޑައަޅަނީ ލޯނު ދޫކުރާ ވިޔަފާރީގެ ރިސްކު އަދި ފީޒިބިލިޓީ އަށް ބެލުމަށް ފަހު އެވެ.






