ކ. މާލެ
|
26 މާރޗް 2023 | އާދީއްތަ 16:40
ރަންތާޖު ޤުރުއާން މުބާރާތް
ރަންތާޖު ޤުރުއާން މުބާރާތް
ރާއްޖެއެމްވީ
ރަންތާޖު ޤުރުއާން މުބާރާތް
ރަންތާޖު ޤުރުއާން މުބާރާތް - ބައިވެރިންނަށް "ހިތްގައިމު މާހައުލެއްގައި އުނގެނުމުގެ ފުރުސަތު"
މުބާރާތުގެ ބައިވެރިން ބުނާގޮތުން މި މުބާރާތުގެ ތަޖުރިބާ އާއި އެހެނިހެން ޤުރުއާން މުބާރާތްތަކުގެ ތަޖުރިބާ އާއި ވަރަށް ތަފާތު
މި މުބާރާތް ރޯދަ މަހުގެ ކޮންމެ ހުކުރު ދުވަހެއްގެ ރޭ 9:30ގައި ރާއްޖެ ޓީވީން ގެނެސްދޭނެ

ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ އަގު ބޮޑު ޤުރުއާން މުބާރާތް ރަންތާޖު ޤުރުއާން މުބާރާތަކީ ހުރިހާ ގޮތަކުން ވެސް ތަފާތު ޚާއްސަ މުބާރާތަކަށް ވެގެން ދާނެކަމީ މުބާރާތުގެ ޓީމުން ފެށުނީއްސުރެ ފާހަގަކުރަމުން އައި ކަމަކެވެ. އެގޮތުން މުބާރާތް ރާވާފައި ވަނީ މުބާރާތުގެ ބައިވެރިންގެ އިތުރުން ބެލުންތެރިންނަށް ވެސް ފިލާވަޅުތައް ލިބޭގޮތަށް ކަން ފާހަގަކޮށްލެވެއެވެ. 3 ލައްކަ ރުފިޔާގެ އަގު ބޮޑު އިނާމަކާއި އެކު ކުރިއަށް ގެންދާ މި މުބާރާތުގެ ބައިވެރިން ބުނާގޮތުން މި މުބާރާތުގެ ތަޖުރިބާ އާއި އެހެނިހެން ޤުރުއާން މުބާރާތްތަކުގެ ތަޖުރިބާ އާއި ވަރަށް ތަފާތެވެ.

މުބާރާތުގެ ބައިވެރިން އެންމެ އުފަލާއި އެކު ފާހަގަކުރާ އެއްކަމަކީ މުބާރާތުގެ ބައިވެރިންގެ މެދުގައި އޮތް އެކުވެރި މާހައުލެވެ. މި މުބާރާތުގެ އޮޑިޝަން މާލޭގެ އިތުރުން ރާއްޖޭގެ 6 ސަރަހައްދެއްގައި ބާއްވާފައި ވުމާއި އެކު މުބާރާތުގެ ބައިވެރިންގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ހޮވާލެވުނު ބައިވެރިން ހިމެނެއެވެ. އެހެންނަމަވެސް މުބާރާތުގެ ތައްޔާރީތައް ކުރިއަށް ގެންދާއިރު އެ ބައިވެރިންގެ ތެރެއިން ފެނިގެން ދަނީ އެކުވެރި ގާތް ގުޅުމެކެވެ.

އެކަން ފާހަގަކޮށް މުބާރާތުގެ ބައިވެރިއެއް ކަމަށްވާ އިޖާޒަތު ހަމޫދާ "ރާއްޖެއެމްވީ" އަށް ބުނީ މުބާރާތުގެ ތައްޔާރީތައް ދަނީ ވަރަށް ފުރިހަމައަށް ކަމަށް ޤަބޫލުކުރާ ކަަމަށެވެ. އޭނާގެ ތަޖުރިބާ ހިއްސާކުރަމުން އޭނާ ބުނީ މުބާރާތުގެ ތަމްރީންތަކަށްޓަކާ ބޭނުންވާ މުދައްރިސުން ހަމަޖައްސާފައިވާ ގޮތާއި މެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި ބައިވެރިން ތިބެނީ ރަންތާޖުގެ ޓީމުން ހަމަޖައްސާދީފައިވާ މާހައުލެއްގައި ކަމަށް ވުމާއި އެކު އުފާވެރި މަޖާ މާހައުލެއްގައި އެކުގައި ޤުރުއާން ކިޔަވަން ފަރިތަކޮށްލުމުގެ ފުރުސަތު ލިބޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އަޅުގަނޑުމެން މި ތިބެނީ ޓީމުން ހަމަޖައްސާދީފައިވާ އެކޮމޮޑޭޝަންއެއްގައި. އެކި ތަންތަނުން އައިސްފައި ތިބި ކުދިން އެކުގައި ގްރޫޕް ސްޓަޑީ ހަދާލާ ވަރަށް ފުރިހަމަ. ހުރިހާ މުބާރާތެއްގައި ވެސް މިހެންވާ ނަމަ ވަރަށް އެކުވެރި މާހައުލެއްގައި ދަސްކުރެވޭނެ.
އިޖާޒަތު ހަމޫދާ

އިޖާޒަތު އާއި އެއްފަދައިން އަހުމަދު ޝުޖާއު ވެސް މި މުބާރާތުގެ ތަޖުރިބާ ފާހަގަކުރަނީ އާދަޔާ ޚިލާފު ތަޖުރިބާ އެއްގެ ގޮތުގައެވެ. އެހެން މުބާރާތްތަކާއި ޚިލާފަށް މި މުބާރާތުގެ ތެރެއިން ވަރަށް ގިނަ ކަންކަން ދަސްކުރުމުގެ ފުރުސަތު ލިބޭ ކަމަށާއި، މިއީ ތަމްރީނެއްގެ ގޮތުގައި ސިފަ ކުރެވޭ ކަަމަށް އެނާ ވަނީ ބުނެފައެވެ. އަދި ރަންތާޖު ޓީމުގެ ބައިވެރިންގެ ކަންކަން ބެލެހެއްޓުމަށް ހަަރަކާތްތެރިވާ ޓީމުން ކުރާ މަސައްކަތަށް އޭނާ ވަނީ ތައުރީފްކޮށްފައެވެ.

މުބާރާތުގެ ބައިވެރިންގެ ބެެލެނިވެރިންގެ ގޮތުގައި އެ ކުރާ މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން. މުބާރާތުގެ ތަޖުރިބާ ވަރަށް ތަފާތު، އާދަޔާ ޚިލާފު. މުބާރާތަކަށް ވުރެ ބޮޑަށް ތަމްރީނެއް ގޮތަށް ފާހަގަކުރެވެނީ. ވަރަށް ގިނަ ކަންކަން ދަސްވޭ.
އަހުމަދު ޝުޖާއު

މި މުބާރާތުގެ ތަޖުރިބާ އާއި ގުޅޭގޮތުން މުބާރާތުގެ ބައިވެރިއެއް ކަމަށްވާ އަބްދުﷲ ތާލިބު ބުނީ މިއީ ވަރަށް ތަފާތު، ރީތިކޮށް އިންތިޒާމު ކުރެވިގެންދާ މުބާރާތެއް ކަަމަށެވެ. ބައިވެރިންނާއި އެކުގައި ކުރެވެނީ ވެސް ތަފާތު ހިތްގައިމު ތަޖުރިބާ އެއް ކަަމަށް އޭނާ ވަނީ ބުނެފައެވެ.

ވަރަށް ތަފާތު، ރަނގަޅަށް ވަރަށް ބޮޑަށް ތައްޔާރުވެގެން އައިސްފައި ތިބި ކުދިން މިތާ މި ތިބެނީ. އަބަދުވެސް ޤުރުއާން ކިޔެވުމުގެ ތެރޭގައި މި އުޅެނީ. ވަރަށް ފުރިހަމަ އަށް ޕްރެކްޓިސް އެބަ ކޮށްދެވޭ.
އަބްދުﷲ ތާލިބު

މަރިޔަމް މައިސާ އިބްރާހިމް ބުނީ ރަންތާޖު މުބާރާތުގެ ކޮންމެ ބައިވެރިއަކަށް ވެސް އާ ކަންކަން ދަސްވާ ކަމަށާއި އެ ކަންކަމަކީ ހަނދާނުން ފިލުވާލަން ދަތި ކަންކަން ކަަމަށެވެ.

ރާއްޖޭގެ އިތުރަށް ރާއްޖެއިން ބޭރުގެ ޤާރީއިންގެ އެހީވެސް ތިބިދޭ. ހެނދުނު ވެސް ރޭގަނޑުވެސް ތަމްރީންތައް ލިބެމުން ދަނީ. ތަޖުރިބާ ވަރަށް ފުރިހަމަ
މަރިޔަމް މާއިސާ އިބްރާހީމް

ރަންތާޖު ޤުރުއާން މުބާރާތުގެ ފައިނަލް 20 ބައިވެރިން ގޮވާފައި ވަނީ 100 އަށް ވުރެ ގިނަ ބައިވެރިންނާއި ވާދަކޮށްގެންނެވެ. އެ ބައިވެރިންނަކީ އަބްދުﷲ ތާލިބު، މަރިޔަމް ޒަހުވާ އާދިލް، މުހައްމަދު މުސްތަފާ، އިބްރާހީމް އައުސް، ސުމާ ހުސައިން، ޝިފާޒާ ނައީމް، އަހުމަދު ސުޖާއު، ރުސްދުމް ދާއޫދު، އާސިމާ އާދަމް، އީލަފް އަހުމަދު ސޮލާހް، މަރިޔަމް މާއިސާ އިބްރާހީމް، އާމިލާ މުހައްމަދު، މުހައްމަދު ސާއީ މުބާރިކް، މަރިޔަމް އަރިން އީސާ، ފާތިމަތު ތުގާ ހަލީމް، ޔައީޝް މުހައްމަދު ނިޔާޒް، ދަހްލާން މުހައްމަދު ރިޒާ، އިޖާޒަތު ހަމޫދާ އަބްދުﷲ، އާމިނަތު ލައިޝާ ސަލީމް އަދި ލިޔޫޝާ ހަސަންއެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ރަންތާޖު ޤުރުއާން މުބާރާތް ފައްޓަވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. މި ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފާއި އިސްލާމިކް މިނިސްޓަރު އަހްމަދު ޒާހިރު އަލީ ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރަމަޟާން މަހުގެ ކޮންމެ ހުކުރު ދުވަހެއްގެ ރޭ 9:30ގައި ރާއްޖެ ޓީވީން ގެނެސްދޭ މި މުބާރާތަކީ ރާއްޖެ ޓީވީ އާއި ޔޫތް މިނިސްޓްރީ އަދި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި މުބާރާތުގެ ފަނޑިޔާރުންނަކީ އަލްޤާރީ އިބްރާހިމް ޝިފާއުއާއި އަލްޤާރީ މުހައްމަދު ތައުފީގާއި އަލްޤާރީ އަބްދުލް ވާހިދު އަބްދުﷲ، އަދި އައްޝައިޚް ނަސްރުﷲ އަލީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް