ކ. މާލެ
|
5 މާރޗް 2023 | އާދީއްތަ 17:51
ރަޝިއާގެ ރައީސް ވްލޭޑްމިއަރ ޕޫޓިން
ރަޝިއާގެ ރައީސް ވްލޭޑްމިއަރ ޕޫޓިން
ގެޓީ އިމޭޖަސް
ޔޫކްރެއިން ހަނގުރާމަ
ޔޫކްރެއިން ހަނގުރާމަ: ޕޫޓިންގެ އަމާޒުފުޅަކީ ކޮބާ؟ ހަނގުރާމަ ނިމޭނީ ކޮން އިރަކުން؟ ކިހިނެއް؟
 
މި ހަނގުރާމައިން ޕޫޓިން ހާސިލު ކުރައްވަން ބޭނުންފުޅު ވަނީ ކޮން ކަމެއް ތޯ
 
ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރެއިންގައި ފެށީ ހަނގުރާމަ، މިއިން ދުވަހަކު ނިމިދާނެ ކަމުގެ ކޮޅުމަތި، އަދި ފެންނާކަށްވެސް ނެތް
 
ޕޫޓިންއަކީ ސިޔާސީ މައިދާނުގައި ބާރު ހިންގަވަމުން ގެންދަވާ ލީޑަރެއް

ފާއިތުވެދިޔަ އަހަރު ދުވަހަށް އެކަނި ބަލައިލި ކަމުގައި ވީ ނަމަވެސް އެ ލީޑަރެއްގެ ނަން މީޑިއާއިން އެންމެ ގިނައިން ބޭނުން ކުރި އެއް ލީޑަރަކަށް ވާނީ ރަޝިއާގެ ރައީސް ވްލަޑްމިއަރ ޕޫޓިންއެވެ.

ޕޫޓިންއަކީ ރަޝިއާގެ ތާރީޚުގައި ޚުދުމުޚުތާރު ވެރިކަމެއް ކުރެއްވި، ޕީޓަރ ދަ ގްރޭޓް ފަދަ ވެރިންގެ ޝަޚްސިއްޔަތުން ހިތްވަރު ހޯއްދަވައިގެން ސިޔާސީ މައިދާނުގައި ބާރު ހިންގަވަމުން ގެންދަވާ ލީޑަރެކެވެ. ނަމަވެސް، މާޒީ، ހަމަ އެގޮތުގައި ތަކުރާރުވެދާނެތޯ ސުވާލު ކޮށްލަންޖެހެއެވެ. ރަޝިއާއިން 1939 ވަނަ އަހަރު ފިންލަންޑްއާ ދެކޮޅަށް ކުރި 'ވިންޓަރ ވޯރ' ނިމިދިޔަ ފަދަ ގޮތަކަށް، ރަޝިއާއިން މިހާރު ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމަ ނިމިދާނެ ތޯ ސުވާލު އުފައްދަން ޖެހެއެވެ.

މީގެ ކުރިން ބޯލްޓިކް ކަނޑުގައި އޮތް ޖަރުމަނުގެ ދަޢުލަތެއް ކަމަށްވާ ޕްރަޝިއާގެ ޖެނެރަލަކު ބުނެފައިވާ ގޮތުގައި، ހާސިލު ކުރަން ބޭނުންވާ މަޤުޞަދު ސާފު ނުވެ، އަދި އެކަން ހާސިލު ކުރާނެ ގޮތް ރޭވުމެއް ނެތި، ހަމަ ބުއްދި ހުރި އެއްވެސް މީހަކު ހަނގުރާމައެއް ނުފަށާނެއެވެ.

ބަޔަކު ޖެއްސުން ނުކޮށް އޮއްވާ، ރަޝިއާގެ އަސްކަރީ ފައުޖުތަކުން ޔޫކްރެއިންއަށް އަރާ ހަނގުރާމަ ފެށީ ޕޫޓިންގެ އަމުރުފުޅަކަށެވެ. ފެބުރުއަރި 24، 2022 ވަނަ ދުވަހު، ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރައިންގައި ފެށީ ހަނގުރާމަ، މިއިން ދުވަހަކު ނިމިދާނެ ކަމުގެ ކޮޅުމަތި، އަދި ފެންނާކަށްވެސް ނެތެވެ.

މިހާ ހިސާބުން އުފެދޭ ސުވާލަކީ، މި ހަނގުރާމައިން ޕޫޓިން ހާސިލު ކުރައްވަން ބޭނުންފުޅު ވަނީ ކޮން މަޤްޞަދެއް ތޯ ކުރެވޭ ސުވާލެވެ. އެކަން ހާސިލުކުރައްވާނީ ކިހިނަކުން ތޯ ކުރެވޭ ސުވާލެވެ. އަދި މި ހަނގުރާމަ ނިމޭނީ ކޮން ދުވަހަކުން ތޯ ކުރެވޭ ސުވާލެވެ.

ޕޫޓިންގެ އަސްކަރިއްޔާއިން ޔޫކްރެއިންއަށް އެރި އެރުމަކީ ޒިންމާދާރުކަން ކުޑަ، ދޯހަޅި އަމަލެއް ކަމަށް ނިންމަން ވަރަށް ފަސޭހަ ވެދާނެއެވެ. ނަމަވެސް ޕޫޓިންއަކީ ތާރީޚު އިލްމަށް ފަރިތަ ލީޑަރެކެވެ. އިނދަޖެހުނު ސޯވިއެޓުންގެ ވެރިކަން ކޮޅަށް ޖައްސަވަންވެސް ޕޫޓީން ހުންނެވީ ތައްޔާރަށެވެ.  

ކަން މިހެން އޮތް އިރު، ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރެއިންގެ ފަސްގަނޑުގައި ހީކުރި ވަރުގެ ކުރިއެރުންތަކެއް ނުހޯދުމާއި، މަރުވާ މީހުންނާއި ޒަޚަމްވާ މީހުންގެ ޢަދަދުތަކަށް ބަލާއިރު، ރަޝިއާއަށް އޭ ގުރޭޑް ދެވޭކަށްވެސް ނެތެވެ. ނުވިތާކަށް، ރަޝިއާގައި ކުރަމުން ދަނީ ހަނގުރާމައެއް ކަމަކަށްވެސް ޕޫޓިންގެ ސަރުކާރުން އެއްބަހެއް ނުވެއެވެ. ޕޫޓިންގެ ސަރުކާރުން ބުނާ ގޮތުގައި ރަޝިއާއިން ޔޫކްރައިންގައި ހިންގަމުންދަނީ "ހާއްސަ، އަސްކަރީ އޮޕަރޭޝަން" އެކެވެ. ކުރަމުން ދަނީ ހަނގުރާމައެއް ނޫނެވެ. މިކަން ވެގެން ދަނީ އިސްތިރާޖީ ކާމިޔާބަކަށެވެ. ސަރަޙައްދީ ގޮތުން ބައެއް، އޭނާގެ މުށުތެރެއަށް ލެއްވުމުގެ ފުރުޞަތު ފަހިވެގެން ދާތީއެވެ.

ރަޝިއާއާއި ޔޫކްރައިންއާ ދެމެދު ހަނގުރާމަ ފެށީ މީގެ އަހަރު ދުވަސް ކުރިންނެކޭ ބުނެ، ނިންމާލެވޭކަށް ނެތެވެ. މީގެ ކުރިން ރަޝިއާއިން ކްރައިމިއާ ސަރަޙައްދު ހިފުމާ، ބަފަރެއްގެ ގޮތުގައި ޑޮންބާސް ސަރަޙައްދު ނެގި ނެގުމަކީ، ރަޝިއާގެ ޙަޤީޤީ ނިޔަތް އަންގައިދޭ ކަމެއް ކަމުގައިވެސް ބުނެވިދާނެއެވެ. އެއީ ހަނގުރާމައަކާ ހިސާބަށް ދިއުމަށް ޕޫޓިން ކޮއްޓެވި މަގެއްގެ ގޮތުގައި ސިފަ ކުރެވިދާނެއެވެ.

ޕޫޓިންގެ ޙަޤީޤީ މަޤްޞަދަކީ ކޮބައިކަން ދެނެގަތުމަށްޓަކާ، ތާރީޚުގެ ތެރެއަށް ނަޒަރު ހިންގާލަން ޖެހެއެވެ.

މީލާދީން 1939 ވަނަ އަހަރުގެ ނޮވެމްބަރު މަހެވެ. އޭރުގެ ސޯވިއޭޓް ޔޫނިއަން އޮތީ ވަރަށް ނާޒުކު ފައްތަރެއްގައެވެ. ލެނިންގްރާޑް އޮތީ ފިންލަންޑް ބޯޑަރާ އެންމެ 20 މޭލު ދުރުގައެވެ. ޒިންމާ އުފުލަންޖެހޭ ޙަޤީޤީ މަސްދަރު ސިއްރުކޮށް، އިލްޒާމް އެހެން ފަރާތެއްގެ ބޮލުގައި އެޅޭ ފަދަ ގޮތަކަށް ހިންގި "ފޯލްސް ފްލޭގް" އޮޕަރޭޝަނަކަށް ފަހު ރަޝިއާއިން ފިންލަންޑްއަށް އަރާ، 'ވިންޓަރ ވޯރ'ގެ ނަމުން ނަން ދީފައި ވާ ހަނގުރާމަ ފެއްޓިއެވެ.

އަސްކަރީ ބާރުވެރިކަން ލިބިފައި އޮތެއް ކަމަކު، ސޯވިއެޓުންނަށް ލިބުނީ ބޮޑު ގެއްލުމެކެވެ. ގިނަ ބައެއްގެ ފުރާނަ ގެއްލިދިޔައިރު، އަސްކަރިއްޔާއަށް މާ ރަނގަޅަކަށް ހަރަކާތްތެރިވެވިފައެއްވެސް ނެތެވެ.

މިއަދުގެ އދގެ މަޤާމުގައި ކުރިން އޮތް ދަ ލީގް އޮފް ނޭޝަންސްއިން ވަނީ، ސޯވިއެޓުން ފިންލަންޑަށް އަރާ ހަނގުރާމަ ފެށި، ފެށުމަކީ ޣައިރު ޤާނޫނީ އަމަލެއް ކަމަށް ނިންމާ، ލީގް އޮފް ނޭޝަންސްގެ އެކި މަޤާމުތަކުން ސޯވިއެޓް ޔޫނިއަންގެ މެންބަރުން ބޭރު ކުރިއެވެ.

ނަމަވެސް، ފިންލަންޑްގެ އަސްކަރީ ފައުޖުތައް އޭރުވެސް އިންތިހާއަށް ވަރުބަލިވެފައި އޮތުމާއި، ރަޝިއާގެ އަސްކަރިއްޔާއަށް ވަރުގަދަ ހަމަލާތަކެއް އަމާޒުވެފައި އޮތުމުގެ ނަތީޖާއެއްގެ ގޮތުން، އެންމެ 3 މަސްދުވަސް ފަހުން، މޮސްކޯ ޕީސް ޓްރީޓީ ނުވަތަ ސުލްޙައިގެ އެއްބަސްވުން އެކުލަވާލިއެވެ.

ފިންލަންޑްގެ މިލްކިއްޔާތުގައި އޮތް ސަރަޙައްދުން 9 ޕަސެންޓް ދޫކޮށްލިއެވެ. ސޯވިއެޓުންނަށް އެމީހުންގެ މަޤްޞަދު ހާސިލުވިއެވެ. ޔޫކްރެއިންއާއި ރަޝިއާއާ ދެމެދު މިހާރު ހިނގަމުންދާ ކަންކަމާ ނުބައްދަލު ކަމުގައިވެސް ދެންނެވިދާނެއެވެ.

ދުނިޔެ ދުށް އެންމެ "ނުލަފާ" ލީޑަރުންގެ ތެރޭގައި ހިމެނޭ އެޑޯލްފް ހިޓްލަރު ވިލާތު ހިފުމާއި، ސައްދާމު ޙުސައިންގެ ފައުޖުތައް ކުވައިތަށް އެރި އެރުމަށް ބަލާއިރު ސުލްޙައަށް އޮތް ހަމަ އެކަނި މަގަކީ، ޚުދުމުޚުތާރުވެރިންގެ ބާރު ކަނޑުވާ، އެފަދަ ލީޑަރުން މަޤާމުން ދުރުކުރުމެވެ.

ނަމަވެސް، ރަޝިއާގެ ވެރިކަމުން ޕޫޓީން ދުރުކުރުމަކީ، ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ވަރުގެ ކަމެއް ނޫނެވެ. ޔޫކްރެއިންގެ ފަސްގަނޑުން ރަޝިއާގެ ވަސްވެސް ފޮހެނުލާހާ ހިނދަކު، ނަޞްރު ލިބުނީ ރަޝިއާއަށް ކަމަށް ޕޫޓިން ވަކާލާތު ކުރައްވާނެއެވެ.

ޕޫޓިންގެ އަސްކަރީ ފައުޖުތައް އިނދަޖެހޭ ހިސާބުން، ޔޫކްރެއިންއާއެކު ސުލްޙައިގެ އެއްބަސްވުމެއް އެކުލަވާލުމަށް ޕޫޓިން މަސައްކަތްޕުޅު ފައްޓަވާނެ ކަމަށް ބެލެވެއެވެ. ފިންލަންޑް ހަނގުރާމައިގަ ވީ ފަދައިންނެވެ.

ނަމަވެސް، ޔޫކްރެއިންގެ ވެރިކަމުގައި ހުންނެވި ވްލޮޑޮމީރް ޒެލެންސްކީއަކީ އަމިއްލަ ބިމުން އެންމެ ތަންފުކެއްވެސް ދޫކުރައްވާނެ ލީޑަރެއް ކަމަކަށް ނުބެލެވެއެވެ.  

ކަން މިހެން އޮތް ނަމަވެސް، ހުޅަނގުގެ ޤައުމުތަކުން ޔޫކްރެއިންއަށް އަސްކަރީ އެހީ ފޯރުކޮށްދެވޭނީވެސް ވަކި ވަރަކަށް ކަން، އެ ޤައުމުތަކުން ޤަބޫލު ކުރެއެވެ. ނަޞްރު ލިބެން ނެތް ހަނގުރާމައެއް ކުރުވާކަށް އެ ޤައުމުތަކަކުންވެސް ބޭނުމެއް ނުވާނެއެވެ.

އާންމު މައިދާންތަކުގައި ހުޅަނގުގެ ލީޑަރުން ޔޫކްރެއިންއަށް އެއްބާރުލުން ދެއްވި ކަމުގައި ވީ ނަމަވެސް، ފަރުދާގެ ފުރަގަހުގައި އޮތީ އެހެން ވާހަކައެކެވެ. ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޒެލެންސްކީއަށް ކުރާ ޕްރެޝަރު ހައްތަހާ ވާނީ ގަދައެވެ. ނަމަވެސް، ޔޫކްރެއިން އޮންނާނީ ކޮންމެ ހާލެއްގައިވެސް ނަޞްރު ހޯދުމުގެ ޢަޒުމުގައި ކަމަށް ލަފާ ކުރެވެއެވެ.

ބަދަލުގައި ހުޅަނގުގެ ޤައުމުތަކުން ބަލާނީ، ދިގު ދެމިގެންދާ ގޮތެއްގައި ޔޫކްރެއިންއަށް ސަލާމަތްތެރިކަން ކަށަވަރުކޮށްދެވޭތޯއެވެ. ޤައުމު އަރާސްތު ކުރުމަށް މާލީ އެހީ ދިނުންވެސް އެކަށީގެންވެއެވެ. ދެވަނަ ބޮޑު ހަނގުރާމައަށްފަހު، ވަރުގަދަ ބާރެއްގެ ގޮތުގައި ޖަރުމަނުވިލާތް ތެދުވި ފަދައިން، ޔޫކްރެއިންއަކީވެސް ވިލާތުގެ ވަރުގަދަ އިޤްތިޞާދީ ބާރަކަށް ވުމުގެ ފުރުޞަތު އޮތް ޤައުމަކަށް ވީތީއެވެ.

ދެވަނަ އަހަރުގެ ދުވަސްތައް ގުނަމުންދާ ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ޕްރެޝަރު ހައްތަހާ ދަނީ ބޮޑުވަމުންނެވެ. މީ ރަޝިއާއަށް ބަލި ޤަބޫލު ކުރެވޭނެ ހަނގުރާމައަކަށް ނުވާ އިރު، ޔޫކްރެއިންއަށް ނަޞްރު ލިބިދާނެ ހަނގުރާމައެއް ކަމަކަށްވެސް ނުބެލެވެއެވެ. ހުރިހާ ކޮޅަކުންވެސް ބާރު އަޅަމުން ދާނީ، ސުލްޙައިގެ އެއްބަސްވުމަކަށް ކަމަށް ބެލެވެއެވެ. އަދު އޮތް ހާލަތު ބަދަލު ކުރަން ފެއިލްވެއްޖެ ނަމަ، ރަޝިއާއަށް އިތުރު ބާރުވެރިކަން ލިބި، ރަޝިއާއާއެކު ޗައިނާގެ ބާރުވެރިކަންވެސް އިތުރަށް ފުޅާވެ، ބައިނަލްއަޤުވާމީ ސުލްޙައާއި ސަލާމަތްތެރިކަން ނުރައްކަލަށް ހުށަހެޅުން އޮންނާނީ މާދުރަކު ނޫނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް