ކ. މާލެ
|
20 ފެބްރުއަރީ 2023 | ހޯމަ 13:07
އުތުރު ކޮރެއާއި ޓެސްޓުކުރި ބެލެސްޓިކް މިސައިލެއް
އުތުރު ކޮރެއާއި ޓެސްޓުކުރި ބެލެސްޓިކް މިސައިލެއް
ރޮއިޓާސް
އުތުރު ކޮރިއާއިން މިސައިލް ޓެސްޓުކުރުން
ޕެސިފިކް ކަނޑުގެ ސަރަހައްދު 'ފަޔަރިންގ ރޭންޖަކަށް' ހަދާފާނެކަމުގެ އިންޒާރު އުތުރު ކޮރިއާއިންދީފި
 
ހޯމަ ދުވަހު ޓެސްޓުކުރެވުނު މިސައިލުތަކަކީ ޓެކްޓިކަލް ނިއުކްލިއަރ ހަތިޔާރުތަކެއް
 
ހޯމަ ދުވަހު ޓެސްޓުކުރި މިސައިލްތަކަކީ މިއަހަރު އުތުރު ކޮރިއާއިން ތިން ވަނައަށް ޓެސްޓުކުރި ހަތިޔާރުތައް
 
ދެކުނު ކޮރިއާއިން ވަނީ އުތުރު ކޮރިއާއިން ކުރަމުންދާ މިސައިލް ޓެސްޓުތަކާ ގުޅިގެން އެގައުމުގެ ފަސް ކުންފުންޏަކާއި ހަތަރު މީހުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައި

އުތުރު ކޮރިއާއިން މި ވަނީ ހޯމަ ދުވަހު، އެގައުމުގު އިރުމަތީ އައްސޭރިފަށުން އިތުރު ދެ ބެލެސްޓިކް މިސައިލް ފޮނުވާލާފައެވެ. މި ދެމިސައިލް އެގައުމުން ޓެސްޓުކޮށްފައި މިވަނީ އެމެރިކާ ސިފައިން އެގައުމުގެ އަވައްޓެރި ގައުމުތަކާއެކު ކުރިއަށްގެންދާ އަސްކަރީ ހަރަކާތްތައް ހުއްޓާނުލައިފި ނަމަ ޕެސިފިކް ކަނޑު 'ފަޔަރިންގ ރޭންޖަކަށް' ބަދަލުކޮށްލާނެކަމަށް ވިދާޅުވެ އުތުރު ކޮރިއާގެ ލީޑަރުގެ ކޮއްކޯފުޅު އިންޒާރުދެއްވާފައި ވަނިކޮށެވެ.

ހޯމަ ދުވަހުގެ މިސައިލްތައް ޓެސްޓުކޮށްފައި މިވަނީ އުތުރު ކޮރިއާއިން އިންޓަރކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް (އައިސީބީއެމް) އެއް ޖަޕާންގެ ހުޅަނގު އައްސޭރި ކަނޑަށް ފޮނުވާލުމާ ގުޅިގެން މެރިކާއިން ދެކުނު ކޮރެއާ އަދި ޖަޕާނާ އެކު އާދީއްތަ ދުވަހު ވައިގެ ތަމްރީނުތައް ބާއްވަން އިއުލާނުކޮށްފައި ވަނިކޮށެވެ.

އުތުރު ކޮރިއާގެ ދައުލަތުގެ މީޑިއާއިން ވަނީ އެގައުމުން ހޯމަ ދުވަހު ދެ މިސައިލް ޓެސްޓުކޮށްފައިވާކަން ޔަގީންކޮށްދީފައެވެ. އެގޮތުން ދެ މިސައިލްގެ ތެރެއިން ފުރަތަމަ މިސައިލް އަމާޒުކޮށްފައި ވަނީ 245 މޭލު ދުރަށް ކަމަށާއި ދެ ވަނަ މިސައިލް ފޮނުވާލާފައި ވަނީ 209 މޭލު ދުރަށް ކަމަށް އެގައުމުގެ ދައުލަތުގެ މީޑިއާއިން ވަނީ ރިޕޯޓުކޮށްފައެވެ.

އެގައުމުގެ ދައުލަތުގެ މީޑިއާއިން ވަނީ ހޯމަ ދުވަހު ޓެސްޓުކުރެވުނު މިސައިލުތަކަކީ ޓެކްޓިކަލް ނިއުކްލިއަރ ހަތިޔާރުކަމަށް ފާހަގަކޮށްފައެވެ. މިއީ އިދިކޮޅު ގައުމުތަކުގެ ވައިގެ އަސްކަރިއްޔާ 'ޕެރެލައިޒް' ކުރުމުގެ ގާބިލުކަން ހުރި މިސައިލްތަކެއް ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

މިކަމާގުޅިގެން ޖަޕާންގެ ޑިފެންސް މިނިސްޓަރީން ބުނީ މި ދެ މިސައިލް ގާތްގަނޑަކަށް 100 ކިލޯމީޓަރާއި 50 ކިލޯމީޓަރުގެ އުސްމިނަށް ގޮސް ޖަޕާނުގެ އީއީޒެޑްގެ ބޭރަށް ވެއްޓުނު ކަމަށެވެ.

އުތުރު ކޮރިޔާއިން ކުރަމުންދާ މިސައިލް ޓެސްޓުތަކާ ގުޅިގެން އ.ދ. ގެ ސެކިއުރިޓީ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް އެދިފައިވާނެ ކަމަށް ޖަޕާންގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާ ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް އުތުރު ކޮރިއާ އާ ދެކޮޅަށް އިތުރު ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުމުގެ ފުރުސަތު ކުޑައެވެ. އެއީ މީގެ ކުރިންވެސް އުތުރު ކޮރިއާ އާ ދެކޮޅަށް އަޅަން މަސައްކަތްކުރި ދަތިކުރުމުގެ ފިޔަވަޅުތައް ރަޝިއާ އާއި ޗައިނާއިން ކުރިން ވީޓޯ ކޮށްފައިވާތީއެވެ. މިދަނޑިވަޅަކީ ރަޝިއާ ޔޫކްރެއިން ހަނގުރާމައިގެ މަސްރަހުވެސް ހޫނުވެފައިވާ ދަނޑިވަޅެކެވެ. އަދި ޗައިނާ އާއި އެމެރިކާގެ ގުޅުންވެސް ވަރަށް ބޮޑަށް ހީނަރުވެފައިވާ ދަނޑިވަޅެކެވެ.

އުތުރު ކޮރިއާގެ މިސައިލް ހަމަލާތައް ދެކުނު ކޮރެއާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފު ވަނީ ކުށްވެރިކުރައްވާފައެވެ. އެހެން ގައުމުތަކުގެ ނަފުރަތު އަމާޒުވާފަދަ މިފަދަ އަމަލުތައް ވަގުތުން ހުއްޓާލުމަށްވެސް ދެކުނު ކޮރިއާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފު ވަނީ ގޮވާލައްވާފައެވެ.

ދެކުނު ކޮރިއާގެ ފޮރިން މިނިސްޓްރީން ވަނީ އުތުރު ކޮރިއާއިން ކުރަމުންދާ މިސައިލް ޓެސްޓުތަކާ ގުޅިގެން އެގައުމުގެ ފަސް ކުންފުންޏަކާއި ހަތަރު މީހުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާކަން އިއުލާނުކޮށްފައެވެ. މިއީ އުތުރު ކޮރިއާގެ ނިއުކްލިއަރ ޓެސްޓުތަކަކާ ގުޅިގެން ދެކުނު ކޮރިއާއިން މިހާ އަވަހަށް ފިޔަވަޅު އެޅު ފުރަތަމަ ފަހަރުކަމަށް ބައެއް މީޑިއާތަކުން ވަނީ ފާހަގަކޮށްފައެވެ.

ދެކުނު ކޮރިއާގެ ފޮރިން މިނިސްޓްރީން ވަނީ އުތުރު ކޮރިއާއިން ހިންގަމުންދާ އަމަލުތަކުގެ ބަދަލު އެގައުމުން އަދި އުފުލަން ޖެހޭނެ ކަމަށްވެސް ބުނެފައެވެ. އަދި އެގައުމުގެ މި އަމަލުތަކުގެ ސަބަބުން ދެކުނު ކޮރިއާ އާއި އެމެރިކާގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ބާރުއެޅޭކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން އުތުރު ކޮރިއާ އާ ދެކޮޅަށް އިތުރު ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ބައިނަލްއަގުވާމީ މަސްރަހުން ލިބޭ އެއްބާރުލުންވެސް އިތުރުވެގެންދާނެ ކަމަށް ދެކުނު ކޮރިއާގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

އ.ދ. އިން ވެސް ވަނީ މިފަދަ މިސައިލް ޓެސްޓުތައް ކުރުން ވަގުތުން ހުއްޓާލުމަށް އުތުރު ކޮރިއާ އަށް ގޮވާލާފައެވެ.

މަސްރަހު ހޫނުވުން

އެމެރިކާއިން އޭޝިއާ ޕެސިފިކް ސަރަހައްދުގައި ޖަޕާން އަދި ދެކުނު ކޮރިއާ އާ ގުޅިގެން ހިންގާ އަސްކަރީ ހަރަކާތްތައް އިތުރުކުރުމާ ގުޅިގެން އެސަރަހައްދުގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންގެ އަދަދު އިތުރު ނުކުރުމަށް އުތުރު ކޮރިއާގެ ލީޑަރުގެ ކޮއްކޯފުޅު ކިމް ޔޯ ޖޮންގ ވަނީ އިންޒާރުދެއްވާފައެވެ.

އެގައުމުގެ ދައުލަތުގެ މީޑިއާ މެދުވެރިކޮށް ދެއްވި ސްޓޭޓްމެންޓެއްގައި ކިމް ޔޯ ޖޮންގް ވަނީ އުތުރު ކޮރިއާއިން ޕެސިފިކް ސަރަހައްދުގައި މިފަދަ ޓެސްޓުތައް ކުރުމުގެ އަވަސްމިނާއި ލަސްމިން ބިނާވެގެން ވަނީ އެމެރިކާ އަސްކަރިއްޔާއިން އެ ސަރަހައްދުގައި ހަރަކާތްތެރިވާ އަދަދުގެ މައްޗަށް ކަމަށް ވިދާޅުވެފައެވެ.

އެމެރިކާ އާއި ދެކުނު ކޮރިއާ ގުޅިގެން ވަނީ އެމެރިކާގެ ނިއުކްލިއަރ އެސެޓްތައް އިތުރަށް ފުރިހަމަކުރުމަށް 'ސިމިއުލޭޓެޑް ނިއުކްލިއަރ ޓޭބަލްޓޮޕް' ތަމުރީނުތަކެއް ކުރިއަށް ގެންދިއުމަށް ރާވާފައެވެ. އަދި ކޮންމެ އަހަރަކުހެން އެދެ ގައުމުން ގުޅިގެން ކުރިއަށްގެންދާ ފްރީޑޮމް ޝީލްޑް ފީލްޑް ޓްރެއިނިން މިއަހަރުގެ މާޗު މަހުވެސް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.

މިކަންކަމާ ގުޅިގެން އުތުރު ކޮރިއާގެ ފޮރިން މިނިސްޓްރީން ވަނީ މިފަދަ ކޮންމެ ތަމުރީނަކާ ގުޅިގެން ރައްދުގައި އެގައުމުން ވެސް ވަރުގަދަ، އަދި ދެނެގަންނަން އުނދަގޫ ތަމުރީނުތަކާއި ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށް ބުނެފައެވެ.

ހޯމަ ދުވަހު ޓެސްޓުކުރި މިސައިލްތަކަކީ މިއަހަރު އުތުރު ކޮރިއާއިން ތިން ވަނައަށް ޓެސްޓުކުރި ހަތިޔާރުތަކެވެ. މިދިޔަ އަހަރުވެސް އެގައުމުން ވަނީ އެކިފަހަރު މަތިން ގިނަ އަދަދެއްގެ މިސައިލް ހަމަލާތައް މިގޮތަށް ޓެސްޓުކޮށްފައެވެ. މީގެ ތެރޭގައި އިންޓަރކޮންޓިނެންޓަލް ބެލިސްޓިކް މިސައިލްތައް ވެސް ހިމެނެއެވެ.

އުތުރު ކޮރިއާ އިން ޓެސްޓުކުރި މިސައިލްތަކުގެ ވަރުގަދަކަމާ ގުޅޭގޮތުން ދެކުނު ކޮރިއާއިން ސުވާލު އުފެއްދުމާ ގުޅިގެން އެކަމުގެ ރައްދު ކިމް ޔޯ ޖޮންގ ވަނީ ދެއްވާފައެވެ. އެގޮތިން މިސައިލް ހަމަލާތައް ޓެސްޓުކޮށްފައި ވަނީ އެންމެ ރަނގަޅު ވަގުތު ބަލާފައި ކަމަށާއި އެގައުމުގެ ހަތިޔާރުތަކާއި ޓެކްނޮލޮޖީގެ ފެންވަރު ބެލުމަށްވުރެ އެ ހަމަލާތައް އެގައުމުތަކަށް އަމާޒުވެއްޖެ ނަމަ ދިފާއުވާނެ ގޮތެއް ހޯދަން މަސައްކަތްކުރުން އެގައުމުތަކަށް މުހިންމުކަމަށް ކިމް ޔޯ ޖޮންގ ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް