ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް ދެވޭ މުއްދަތު އިތުރުކުރުމަށް ރިޔާސީ އިންތިޚާބުގެ ގާނޫނަށް އިސްލާހެއް ހުށަހަޅައިފިއެވެ.
ގާނޫނު ނަންބަރު 12/2008 (ރިޔާސީ އިންތިޚާބުގެ ގާނޫނު) އަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅުއްވީ ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފެވެ. ބިލު ހުށަހަޅާ ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ ރިޔާސީ އިންތިޚާބަށް ވާދަކުރުމަށް އެދޭ މީހުން އެކަމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށްޓަކައި ގާނޫނު ނަންބަރު 12/2008 (ރިޔާސީ އިންތިޚާބުގެ ގާނޫނު) ގައި މިހާރު ކަނޑައަޅާފައިވާ 10 ދުވަހުގެ މުއްދަތު 14 ދުވަހަށް އިތުރުކުރުމަށްޓަކައި މި ގާނޫނަށް ގެންނަންޖެހޭ އިސްލާހު ގެނައުމެވެ.
މުއްދަތު އިތުރުކުރުމަށްޓަކައި ރިޔާސީ އިންތިޚާބުގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ރ) އަށް ވަނީ އިސްލާހު ހުށަހަޅާފައެވެ. މިހާރު ހުށަހަޅާފައިވާ އިސްލާހުގައި ވަނީ 5 ވަނަ މާއްދާގެ (ހ) ނުވަތަ (ށ)ގެ ދަށުން އިލެކްޝަންސް ކޮމިޝަނުން ކުރާ އިއުލާނުގައި، ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުން އެކަމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް މަދުވެގެން 14 ދުވަހުގެ މުއްދަތެއް ދޭންވާނެ ކަމަށެވެ.
މިހާރު ގާނޫނުގައި އޮންނަނީ 5 ވަނަ މާއްދާގެ (ހ) ނުވަތަ (ށ) ގެ ދަށުން އިލެކްޝަން ކޮމިޝަނުން ކުރާ އިއުލާނުގައި، ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުން އެކަމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް މަދުވެގެން 10 ދުވަހުގެ މުއްދަތެއް ދޭންވާނެކަމަށެވެ.
ރިޔާސީ އިންތިޚާބުގެ ވަގުތު ކައިރިވެފައިވަނިކޮށް މިފަދަ އިސްލާހެއް ހުށަހަޅާފައިވައިރު، މި އަހަރުގެ ރިޔާސީ އިންތިޚާބު ބާއްވާނެ ތާރީޚެއްގެ ގޮތުގައި އީސީއިން ކަނޑައަޅާފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. އަދި ދެވަނަ ބުރަކަށް ގޮސްފި ނަމަ ބާއްވާނެ ތާރީޚެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އެ މަހުގެ 30 ވަނަ ދުވަހެވެ. އިންތިޚާބުގައި ކެނޑިޑޭޓުންނަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލުމަށް ހަމަޖެހިފައިވަނީ ޖުލައި 23 އިން އޮގަސްޓު މަހުގެ ތިންވަނަ ދުވަހާއި ހަމައަށެވެ.
ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުން އޮންނާނީ އޮގަސްޓް 9 ވަނަ ދުވަހުއެވެ. އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން ކެމްޕެއިން ކުރުމަށް އޮގަސްޓް 10 އިން ސެޕްޓެމްބަރު 8 ނިޔަލަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.