ކ. މާލެ
|
19 ފެބްރުއަރީ 2023 | އާދީއްތަ 14:38
ގެއްލިގެން ހޯދަނިކޮށް ފެނުނު އާސިރު
ގެއްލިގެން ހޯދަނިކޮށް ފެނުނު އާސިރު
އާސިރު ގެއްލުން
12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
 
އާސިރަށް ވީ ގޮތް ފުލުހުން ބުނެއެއް ނުދޭ
 
އާސިރު ފެނުނީ ހޯދާތާ 12 ދުވަސް ފަހުން
 
އާސިރު ފެނުނީ އެއާޕޯޓުގެ މުވައްޒަފަކަށް

އައްޑު އަތޮޅު، މަރަދޫފޭދޫ / ގަސްކަރަ، މުހައްމަދު އާސިރު އިސްމާއީލް ވީނުވީއެއް ނޭނގި ގެއްލުނީި ފެބްރުވަރީ މަހުގެ ހަތަރުވަނަ ދުވަހުއެވެ. ފުލުހުންނަށް އެ ކަމުގެ ރިޕޯޓް ލިބުނީ އޭގެ ޖެހިގެން އައި ދުވަހުއެވެ. ފުލުހުންނަށް ލިބުނު ރިޕޯޓަކީ ފެބްރުވަރީ ހަތަރުވަނަ ދުވަހުގެ ރޭ 7:30އިން ފަށައިގެން އާސިރުގެ ހަބަރެއް ވެފައި ނުވާ ކަމަށެވެ. އެ ހިސާބުން ފުލުހުން އޭނާ ހޯދުމުގެ މަސައްކަތް ފެށިއެވެ.

ފުލުހުން ހޯދި ހޯދުމުން ފެބްރުއަރީ 4 ވަނަ ދުވަހުގެ ރޭގަނަޑު 7:20 އެހާކަންހާއިރު ބޮޑުތަކުރުފާނު މަގު، ހުޅުމާލެ ފެރީޓާމިނަލް ކައިރިން ހުދު ކުލައިގެ ޓެކްސީއަކަށް އާސިރު އަރާ މަންޒަރު ފެނުނެވެ. އަދި ޓެކްސީ ގޮސް އެއަރޕޯޓް ޓަރމިނަލްއަށް މަޑުކުރުމުން މުހައްމަދު އާސިރު ޓެކްސީއިން ފައިބައިގެން ގޮސް ޓާމިނަލްއަށް ވަތް މަންޒަރު ސީސީޓިވީ ފުޓޭޖްތަކުން ފެނިފައިވާ ކަމަށެވެ. އެ ހިސާބުން އެ ފުޓޭޖުން ވެސް އާސިރު ގެއްލުނީއެވެ.

އެނގިފައިވާ ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މުހިންމު ބައެއް ތަންތަނުގައި ކެމެރާއެެއް ނެތެވެ. ޓެކްސީތައް ގޮސް މަޑުކުރާ ޕޮއިންޓު ފެންނަ ސީސީޓީވީ ކެމެރާއެއް ހުއްޓަސް އެއާޕޯޓުން ނުކުމެގެން މާލެއަށް ނުވަތަ ހުޅުމާލެއަށް ދާ ޓެކްސީ ކިޔޫ ކައިިރި ފެންނަ ކެމެރާއެއް ނެތްކަމަށް މައުލޫމާތު ލިބެއެވެ.

އެކަމަކު ފުލުހުން މުޅި އެއާޕޯޓު ބަލައި ހޯދިއެވެ. އާސިރު އެއްވެސް ތަނަކަށް ފުރައިގެން ދިޔަތޯ ވެސް ބެލިއެވެ. އޭނާ ދިރިއުޅޭ ގެ، ހ. އަލްޝާވިލާ ސަރަހައްދުމާލޭގެ އެކި ސަރަހައްދުތަކުގައި ހަރުކޮށްފައި ހުރި ފުލުހުންގެ ކެމެރާތަކާއި، ވެލާނާ އިންޓަނޭޝަން އެއަރޕޯޓުގައި ހުރި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ކެމެރާތަކާއި، ޓީއެމްއޭގެ ކެމެރާތަކާއި، އެއަރޕޯޓު ފެރީ ހުންނަ ސަރަހައްދުގެ ކެމެރާ ހިމެނޭހެން 150 ގަޑިއިރަށްވުރެ ގިނަ ސީސީޓީވީ ފުޓޭޖު ފުލުހުން ބެލިއެވެ. އެކަމަކު އެއްވެސް އެއާލައިނަކުން އޭނާ ރާއްޖޭން ބޭރަކަށް ނުދެއެވެ. ރާއްޖެތެރޭ ރަށަކަށް ވެސް ގޮސްފައެއް ނުވެއެވެ.

އެވަރަކުން ވެސް ފުލުހުން ނިންމައެއް ނުލައެވެ. އާސިރު އެރި ޓެކްސީގެ ޑްރައިވަރު ހޯދާ އޭނާއާ ވެސް ސުވާލު ކުރިއެވެ. އޭނާ ހޯދުމަށް އެއަރޕޯޓް ފަޅުގައި ހުރި ހުރިހާ އޮޑިދޯނިފަހަރާއި ލޯންޗްތައް ބަލައި އެސަރަހައްދުގައި އާންމުކޮށް އުޅޭ މީހުންނަށް ފޮޓޯ ދައްކައިގެން އޭނާ ފެނިފައިވޭތޯ ބަލާފައިވެއެވެ. އެކަމަކު، ވީ ކަމެއް ނެތެވެ. ގެއްލުނުތާ 10 ދުވަސް ވީއިރު ވެސް އާސިރެއް ނުފެނުނެވެ.

އާސިރު ފެނުނީ ބުރާސްފަތި ދުވަހުގެ ރޭއެވެ. ނޫސްވެރިންނަށާއި އާންމުންނަށް އޭނާ ފެނުނުކަން އެނގުނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ފުލުހުން އެ ވާހަކަ ޓްވީޓުކުރުމުންނެވެ. އެ ހިސާބުން ނޫސްވެރިންގެ ސުވާލުތައް ފުލުހުންގެ މީޑިއާ ވަޓްސްއެޕް ގުރޫޕުގައި އޮއްސަން ފެށިއެވެ. އެކަމަކު، އޭނާގެ "ހާލު ރަނގަޅު" ކަމަށް ބުނުން ފިޔަވައި އިތުރު މައުލޫމާތެއް ފުލުހުން ހިއްސާއެއް ނުކުރެއެވެ.

"ރާއްޖެއެމްވީ" އިން ބެލިބެލުމުން އެނގުނު ގޮތުގައި އެންމެ ފުރަތަމަ އާސިރު ފެނުނީ އެއާޕޯޓުގެ ގޮނޑިއެއްގައި އިންދާ އެ ތަނުގައި މަސައްކަތްކުރާ އެއާޕޯޓުގެ މުވައްޒަފަކަށެވެ. އޭނާއަށް އާސިރު ފެނި ވަރަށް ބޮޑަށް އެއީ ފުލުހުން ގެއްލިގެން ހޯދަމުންދާ މީހަކާ ވައްތަރުވެގެން އެއާޕޯޓުގައި ޑިއުޓީ ކުރާ ފުލުހެއްގެ ގާތުގައި ގޮސް ބުންޏެވެ. އެ ހިސާބުން ފުލުހުން އެތަނަށް އެޓެންޑުވީއެވެ. ގޮސް އާސިރު ގެންދިޔައީ ފުލުސް ސްޓޭޝަނަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އާސިރު ފެނުނުއިރު އޭނާގެ ސިފައަށް ވެސް ހުރީ ބަދަލުތަކެއް އައިސްފައެވެ. އޭނާ ގެއްލިގެން އާންމުކުރި ފޮޓޯތަކާއި ފެނުނުއިރު ހުރި ގޮތް ވަރަށް ތަފާތެވެ. އެކަމަކު، ފެނުނުއިރު ވެސް އާސިރު ހުރީ ވަރަށް "ފްރެޝް"ކޮށްނެވެ. ފެންވަރައި ރީތި ވެލައިގެންނެވެ. ފެނުނުއިރު ވެސް ހުރީ އޭނާ ގެއްލުނުއިރު ހުރި ހެދުމުގައެވެ.

އާސިރު ގެންގޮސް ފުލުހުން ސުވާލުކުރުމުން ވެސް އޭނާ މާ ބޮޑު ވާހަކައެއް ނުދައްކައެވެ. އޭނާ ބައެއް ފަހަރަށް "ގަބުވެފައި" އިންނަކަމަށާއި ބަހެއް ބުނަނީ މަދު ފަހަރެއްގައި ކަމަށް މި ނޫހުން އެއްކުރި މައުލޫމާތު ތަކުން އެނގިފައިވެއެވެ. އޭނާއާ ސުވާލުކޮށްކޮށް އެތައް އިރެއް ފަހުން އޭނާ ބުނީ މި ހުރިހާ ދުވަހު އޭނާ އުޅުނީ މާފަންނުގައި ކަމަށެވެ. އެކަމަކު އެއީ މާފަންނުގައި ހުންނަ ގެއެއްގައި ނުވަތަ ގެސްޓު ހައުސްއެއްގައި ކަމެއް ވެސް ނޭނގެއެވެ.

"ރާއްޖެއެމްވީ"އާ ވާހަކަ ދެއްކި މި ކަމުގެ މައުލޫމާތު އެނގޭ މީހުން ކިޔައިދިން ގޮތުގައި އާސިރަކީ ސިކުނޑީގެ ނުކުޅެދުންތެރިކަމެއް ކޮންމެވެސް ވަރަކަށް ހުންނަ މީހެކެވެ. އެކަމަކު އޭނާ އުޅުނީ އާދައިގެ ދިިރިއުޅުމެކެވެ. ހުޅުމާލޭ ފިހާރައެއްގައި އޭނާ ވަޒީފާ ވެސް އަދާކުރިއެވެ.

އެ މީހުން ކިޔައިދިން ގޮތުގައި އާސިރު އުޅެފައިވަނީ ހަމައެކަނި އެއާޕޯޓުގައި ކަމަކަށް ނުބެލެވެއެވެ. އޭނާ މާލެއަށް ވެސް އެ ތަނުގައި އުޅެފައި ގޮސްފައި ހުންނާނެ ކަމަށް ބެލެވޭކަމަށް އެ މީހުން ކިޔައިދިނެވެ. އެކަމަކު، ދެން އުފެދެނީ އެތައް ސުވާލެކެވެ.

ގެއްލިގެން ހޯދި 12 ދުވަހު، ނުވަތަ 288 ގަޑިއިރު އޭނާ ހޭދަކުރީ ކޮންތާކު ހެއްޔެވެ؟ އޭނާ ނިދީ ކޮންތާކު ހެއްޔެވެ؟ ކައިބޮއެ ފެންވަރާ ހެދީ ކޮންތާކު ހެއްޔެވެ؟ ބަޔަކު އޭނާ ރަހީނުކޮށްގެން ގެރެންޓާއެއްގެ ގޮތުގައި ރާއްޖޭން ބޭރަށް ފޮނުވަން އުޅުނީ ހެއްޔެވެ؟ ނުވަތަ އޭނާ ރަހީނުކޮށްގެން ގެންގުޅުނީ ހެއްޔެވެ؟ ބަޔަކަށް ފިލަން އޭނާ ފިލައިގެން އުޅުނީ ހެއްޔެވެ؟

މި ހުރިހާ ސުވާލެއްގެ ޖަވާބެއް އެނގޭނީ ފުލުހުންގެ ތަހުގީގު ނިމުމުންނެވެ. އެއީ ވެސް މީޑިއާއާ ހިއްސާކޮށްފިއްޔާއެވެ.

މި ކަމުގެ މައުލޫމާތު ހޯދަން ފުލުހުންނަށް އެތައް ފަހަރަކު ގުޅާ ސުވާލުކޮށްކޮށް އޭނާ ފެނުނީ ކޮންތާކުން ކަމެއް ވެސް ނުބުނެއެވެ. މިކަމާ ގުޅިގެން މާ ގިނަ ވާހަކަ ދައްކާކަށް ފުލުހުންގެ ޝައުގެއް ނެތެވެ. ނަމަވެސް އާންމުންގެ ހިތުގައި މިކަމާ ގުޅިގެން އެތައް ސުވާލެއް އެބައޮތެވެ. އެކަމަކު އެއީ ވެސް މިހާރު ވެފައި އޮންނަނީ ނޫސްވެރިންގެ ޒިންމާއަށެވެ. އެހެންވީމާ، އެއްކުރެވުނު ވަރަކަށް އެއްކޮށް އާސިރަށް ވީ ގޮތުގެ ހަގީގަތް ދޫކޮށްލަމެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
21%
9%
15%
29%
9%
17%
ކޮމެންޓް
20 ފެބްރުއަރީ 2023 | ހޯމަ 15:57
Waleed
ބަލަ އޭނަ ކިޔާނުދެންޏާ ޕޮލިހުންނަކަށްވެސް ނޭގެނެ އެއްނު