މި މަޝްރޫއުގެ ދަށުން 2.46 ކިލޯ މީޓަރުގެ އައު ރަންވޭއަކާއި، އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭނެ ޖާގައިގެ ޓާމިނަލްއެއް އިމާރާތް ކުރާނެ


ހަނިމާދޫ ބައިނަލްއަގުވާމީ ވައިގެ ބަނދަރުގެ ޑިޒައިން
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީކުރުމުގެ މަޝްރޫއަކީ ރާއްޖޭގެ އިގްތިސާދީ އަދި އިޖްތިމާއީ ތަރައްގީގައި މުހިންމު ދައުރެއް އަދާކުރާނެ ވަރަށް ހާއްސަ މަޝްރޫއެކެވެ. މި މަޝްރޫއަކީ ރާއްޖޭގެ އުތުރުގައި އިގްތިސާދީ މައި ހަބެއް ގާއިމުކޮށް މުޅި ދުނިޔެއާއި އުތުރުގެ އަތޮޅުތައް ސިދާ ގުޅާލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދެވޭ ވަރަށް މުހިންމު މަޝްރޫއެކެވެ.
މި މުހިންމު މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިގެން ދިއުމީ ބޮޑުތިލަދުންމަތީގެ ރައްޔިތުން ޒަމާނުއްސުރެ ދެކެމުން އައި ހުވަފެނުގައި ހަގީގީ ކުލަޖެހިގެން ދިއުމެވެ.
ހަނިމާދޫ ބައިނަލްއަގުވާމީ އެއަރޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމި ބައިނަލްއަގުވާމި ވައިގެ ދަތުރުފަތުރުގެ ވިއުގައާއި މި ސަރަހައްދު ގުޅިގެން ދިއުމާއެކު އުތުރުގެ އަތޮޅުތަކުގެ އިގްތިސާދީ އަދި އިޖްތިމާއީ ހަރަކާތްތައް އެތައް ގުއަނައަކަށް އިތުރުވެ ކުރިއަރައިގެންދާނެއެވެ.
ދުނިޔޭގެ ކަންކޮޅުތަކާއި އޮތް ދަތުރުފަތުރުގެ ގުޅުމުން، ލިބިގެންދާ ކުރިއެރުމުގެ ސަބަބުން ފަތުރުވެރިކަމުގެ މައި ހަބެއްގެ ގޮތުގައި އެ ސަރަހައްދު ތަރައްގީކުރުމުގެ ދޮރު ހުޅުވިގެންދާނެއެވެ. ރިސޯޓްތަކާއި ސިޓީ ހޮޓާތަކާއި ގެސްޓްހައުސްތައް ތަރައްގީކުރުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ އިންވެސްޓަރުންގެ ޝައުގުވެރިކަން އިތުރުވެ ފަތުރުވެރިކަމުގެ ސިނާއަތުގައި އެ ސަރަހައްދުގައި ކުރެވޭ އިންވެސްޓްމަންޓްތައް އިތުރުވެގެންދާނެއެވެ.
އަދި ސީދާ ފަތުރުވެރިކަމުގެ ސިނާއަތުންނާއި އެ ސިނާއަތާއި ގުޅުންހުރި ގިނަ ދާއިރާތަކުން ވިޔަފާރިއާއި އާމްދަނީއާއި ވަޒީފާގެ ފުރުސަތުތައް ތަނަވަސް ވެގެންދާނެއެވެ.
މީގެ އިތުރުން މި އެއަރޕޯޓް މެދުވެރިކޮށް ވައިގެ މަގުން ބޭރުގެ ގައުމުތަކަށް އެކްސްޕޯޓްކުރުމުގެ ފުރުސަތު ހުޅުވުމާއެކު އުތުރުއަތޮޅުތަކުގައި އުޅޭ ގިނަ ބައެއް ޝާމިލްވާ ބޮޑު ކަންނެލީގެ މަސްވެރިކަމަށް ވެސް ބޮޑު ކުރިއެރުމެއް ލިބި އާންމު ވިޔަފާރިއާއި މި ނޫންވެސް ތަފާތު ސިނާއަތްތައް ތަރައްގީކޮށް، އުތުރުގެ އިގްތިސާދު ފުޅާކުރުމަށް މި މަޝްރޫއު މުހިންމު ދައުރެއް އަދާކުރާނެއެވެ.
ހަނިމާދޫ އެއަރޕޯޓް ތަރައްގީކުރެވިފައިވަނީ ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއަރބަސް A320 މަރުކާގެ މަތިންދާ ބޯޓާއި، ބޮއިންގ 737 މަރުކާގެ ބޯޓު ފަހަރަށް ހިދުމަތް ދެވޭނެ މިންވަރަށްކަމަށް ވުމާއެކު، މެދު އިރުމައްޗާއި ދެކުނު އޭޝިއާއާއި، ދެކުނު އިރުމަތީ އޭޝިއާ އަދި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސީދާ ފުލައިޓްތައް ހަނިމާދޫއަށް އޮޕަރޭޓް ކުރެވޭނެއެވެ.
މީގެ ސަބަބުން ފަތުރުވެރިންނަށް ސީދާ އުތުރުގެ އަތޮޅުތަކަށް ދަތުރުކުރުމުގެ މަގުފަހިވެ، ވިޔަފާރިއާއި އެހެނިހެން ސިނާއަތްތަކަށް ބޭނުންވާ މުދާ ސީދާ މި ސަރަހައްދަށް އިމްޕޯޓްކުރުމުގެ ދޮރު ހުޅުވިގެންދާނެއެވެ.
މި މަޝްރޫއުގެ ދަށުން 2.46 ކިލޯ މީޓަރުގެ އައު ރަންވޭއަކާއި، އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭނެ ޖާގައިގެ ޓާމިނަލްއެއް އިމާރާތްކުރެވި، ބައިނަލްއަގުވާމީ ދަތުރުތަކަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް މި އެއަރޕޯޓުގައި ގާއިމް ކުރެވޭނެއެވެ.
ރާއްޖޭގެ އުތުރުން ދުނިޔޭގެ މައި ޝިޕިން ރޫޓްތަކުން ދަތުރުކުރާ ބޮޑެތި އާގުބޯޓު ފަހަރުތަކަށް ހިދުމަތްދޭ ޒަމާނީ މެރިޓައިމް ހަބެއް އުތުރުގައި ގާއިމްކުރުމަށް ސަރުކާރުން ގެންގުޅޭ ޕްލޭންތައް ތަންފީޒުކުރުމުގައި ވެސް ހަނިމާދޫގައި ގާއިމްކުރާ ބައިނަލްއަގުވާމީ އެއަރޕޯޓް މުހިންމު ދައުރެއް އަދާކުރާނެއެވެ.
އިންޑިއާގެ އގްޒިމް ބޭންކުގެ ފައިނޭންސްގެ ދަށުން ހިންގޭ 136 މިލިއަން ޑޮލަރު ނުވަތަ 2.1 ބިލިއަން ރުފިޔާގެ މި މަޝްރޫއަކީ އުތުރުގެ އަތޮޅުތަކަށް ޒަމާނީ ތަރައްގީއާއި ފާގަތިކަން ގެނެސްދޭނެ މުހިންމު މަޝްރޫއެކެވެ.
މި މަޝްރޫއަކީ އިންޑިއާއާއި ދިވެހިރާއްޖެއާއި އޮތް ގާތްގުޅުމުގެ އަލިގަދަ ހެއްކެކެވެ. މި މުހިންމު މަޝްރޫއުގެ ސަބަބުން ބޮޑުތިލަދުންމަތީގެ ތަރައްގީއަށް އިންގިލާބީ ބަދަލުތަކެއް އަންނާނެއެވެ. އަދި މިސަރަހައްދުގެ ރައްޔިތުންގެ ފުދުންތެރިކަމާއި އުފާފާގަތިކަން އެތައް ގުނައެއް އިތުރުވެގެންދާނެއެވެ.