ކ. މާލެ
|
28 ޖޫން 2017 | ބުދަ 21:27
މަޑުއްވަރީ ދައިރާގެ މެންބަރު އަމީތު
މަޑުއްވަރީ ދައިރާގެ މެންބަރު އަމީތު
މުހައްމަދު ޝަރުހާން
މިނިސްޓަރ ޝައިނީގެ މައްސަލަ
މިނިސްޓަރ ޝައިނީގެ އިތުބާރު ނެތް ކަން މިހާރު ހުށަހެޅިއަސް ފާސް ވާނެ: އަމީތު
ޕީޕީއެމް ޕާލިމެންޓް މެންބަރުން މަސައްކަތް ކުރަނީ ދަތި ހާލުގައި
ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕު މިހާރު އޮތް ގޮތަކަށް ނޯންނާނެ
މިހާރުވެސް ސިއްރުން ގައުމު އިސްލާހު ކުރުމަށް އަންނަނީ މަސައްކަތް ކުރަމުން

ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން މަޖިލީހަށް މިހާރު ހުށަހެޅިއަސް ވަރަށް ތަނަވަސް އަގުލަބިއްޔަތަކުން ފާސްވާނެ ކަމަށް މަޑުއްވަރީ ދައިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ 60 މިނެޓްގައި ވާހަކަ ދައްކަވަމުން، އަމީތު ވިދާޅުވީ، އޭނާ ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕުގައި މަސައްކަތް ކުރެއްވި ދުވަސްވަރުގައި އެންމެ ބޮޑަށް ފާހަގަކުރެވުނު ކަމަކަކީ ތަފާތު އެކި ކަންކަމުގައި ވަޒީރުންގެ ފަރާތުން އެންމެ އެކަށީގެންވާ އެެއްބާރުލުން ނުލިބުން ކަމަށެވެ.

މިދިޔަ އަހަރުގެ ބަޖެޓު ދިރާސާ ކުރުމުގައި ސަރުކާރުގެ ފަރާތުން އެންމެ އިސްކޮށް ޑރ ޝައިނީ ހުންނެވި އިރު މެންބަރުން ބޭނުންވި އެއްވެސް ބަދަލެއް ނުގެނެވުނު ކަން އަމީތު ފާހަގަކުރެއްވި އެވެ. އަމީތު ވިދާޅުވީ، މަހިބަދޫ ދާއިރާގެ މެންބަރު ތޯރިގް އެފަދަ ގޮތަކަށް ޑރ ޝައިނީއާ ގުޅޭ ގޮތުން ވާހަކަދެއްކުމަކީ އެ މެންބަރު ކުރެއްވި ވަރަށް ވިސްނުންތެރި ކަމެއް ކަމަށާއި، މިހާތަނަށް މިކަމާ ގުޅިގެން މިނިސްޓަރ ޝައިނީ ދިފާއުކޮށް އެއްޗެކޭ ވިދާޅުވިތަން ފެނުނީ މަޖިލިސްެގެ އެންމެ މެންބަރެއް ކަމަށެވެ. މިކަމުންވެސް ޝައިނީއަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގައި ތާއީދު ނެތްކަން އެނގޭ ކަމަށެވެ.

" އަދީބު ޖަލަށް ދިއުމާއި ގުޅިގެން 2017 ވަނަ އަހަރަށް ލަފާކުރާ ބަޖެޓާގުޅޭ ގޮތުން ރައީސް އޮފީހުގެ ފަރާތުން މަޝްވަރާ ކުރުމަށް އައިސްފާ ވަނީ ޑރ ޝައިނީ. އާއްމުކޮށް ބަޖެޓު ފޮނުވާ ގޮތަށް މަޖިލީހުގެ މެންބަރުން ވަރަށް ގިނަ އިސްލާހުތަކެއް ހުންނާނެ.ޑރ ޝައިނީ އިސްވެހުންނަވައިގެން ބަޖެޓް ދިރާސާ ކުރައްވަން ފެއްޓެވީމަ ހުންނަ ނަތީޖާ އަކީ، ރައީސް އޮފީހުން ކަނޑައެޅިގޮތުގެ އިތުރަށް މެންބަރަކަށް އިތުރު ގޮތެއް ނުނިންމޭނެ. އަދި މެންބަރުން ހޭލާތިބެ، ބަޖެޓަށް ގެންނަން ނިންމި އިސްލާހުތައް ރައިސް އޮފީހަށް ފޮނުވުމުން ޑރ ޝައިނީ އެކަމަށް ދެކޮޅު ހެއްދެވީ. މެންބަރުން އާދޭސް ކޮށްގެންވެސް ޝައިނީ އެބަދަލުތައް ގެންނަން އެއްބަސްނުވި." އަމީތު ވިދާޅުވި އެވެ.

އަމީތު ވިދާޅުވީ، ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕް މެންބަރުން މަސައްކަތް ކުރަނީ، ވަރަށް ދަތި ހާލުގައި ކަމަށާއި އެގޮތުން ވަޒީރުންގެ ފަރާތުން އެންމެ އެކަށީގެންވާ އެއްބާރުލުންވެސް ނުލިބޭ ކަަމަށެވެ. އެގޮތުން އެޕޮއިންޓްމެންޓަށް އެދި ތިން މަސްވެގެންދާ އިރު ވެސް ވަޒީރުންނާ ބައްދަލު ނުކުރެވޭ ކަމަށާއި، ބައެއް ބިލްތައް ފާސް ކުރުމުގައި ވަޒީރުންގެ އެންގުންތައްވެސް މެންބަރުންނާއި ހަމައަށް އަންނަ ކަމަށެވެ.

މެންބަރު އަމީތު މިހެން ވިދާޅުވެފައިވާ އިރު މަހިބަދޫ ދައިރާގެ މެންބަރު އަހްމަދު ތޯރިގްގެ ފޭސްބުކް ޕޭޖްގައި އެބޭފުޅާ ކުރެއްވި ޕޯސްޓެއްގައި ވަނީ މިނިސްޓަރ ޝައިނީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެގޮތުން ޑރ. ޝައިނީ ފިޝަރީޒް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން މަސްވެރިންނަށާއި މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ލިބިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ "ބެޔަސް ނުބެޔަސް" ސިޔާސަތު ތިން އަހަރު ވީއިރު ވެސް ކާމިޔާބު ވެފައިނުވާކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި މަސްވެރިން ބާނާ މަސް ގަނެވޭނެ އެންމެ ދަށް އަގެއް ކަނޑައެޅުމާ ބެހޭ ރެގިއުލޭޓަރީ ބޮޑީ އުފެއްދުމަށް ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްއަށް ނިސްބަތްވާ މެމްބަރުން އެދިލެއްވި އެދުންފުޅު ކުރިއަށް ނުގެންދާ ކަމަށް ތޯރިގް ވަނީ ވިދާޅުވެފައެވެ.

މިކަމަށް ޑރ ޝައިނީ އެއްޗެއް ވިދާޅުވެފައިނުވާ އިރު ރާއްޖެއެމްވީން އެކަމާ ގުޅޭ ގޮތުން މިނިސްޓަރ ޝައިނީއަށް މެސެޖު ކުރުމުން ޖަވާބުދީފައިވަނީ ހިނިފުޅުވެޑުވުމަކުންނެވެ. މިފަދަ ޖަވާބެއް ދެއްވުމާ ގުޅިގެން އަމީތު ވަނީ މިނިސްޓަރ ޝައިނީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

" ވަޒީރެއްގެ އިތުބާރު ނެތް ކަމަށް މިހާރު މަޖިލީހުން ފާސްކުރި ނަމަވެސް މެންބަރުންގެ އަތުގަ ހުރި ބައެއއް ބާރުތައް މިވަނީ ސުޕްރީމް ކޯޓަށް ގެންދެވިފަ. މިކަން މިހެން އޮތަސް ވަޒީރުން ހީފުޅުކުރައްވައިގެން ނުވާނެ ސުޕްރީމްކޯޓުންވެސް ބޭއިންސާފުން ކަމެއް ނިންމާވާނެ ކަަމަށް. އަޅުގަނޑުމެން ވަޒީރުންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގީމަ އޭގެ މާނައަކީ ރައްޔިތުން އެއޮތީ އެ ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ފާސްކޮށްފަ އޭ." އަމީތު ވިދާޅުވި އެވެ.

ޕީޕީއެމް ޕާލިމންޓްރީ ގްރޫޕުގެ މެންބަރުންގެ ތެރޭގައިވެސް ގައުމާ މެދު ވިސްނާ، ދައިރާއަށް ރަގަޅު މަސައްކަތްތަކެއް ކޮށްދެއްވަން ބޭނުންވާ ފަރާތްތަކުން އެބަ ތިބި ކަމަށާއި، އެހެންނަމަވެސް ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕު ހިންގަމުންދަނީ ތިން ހަތަރު މެންބަރުން ހިސާރުކޮށްގެން ތިބެ ކަމަށެވެ. އެހެން ނަމަވެސް އެ މެންބަރުންވެސް މަސައްކަތް ކުރަނީ ކޮންމެވެސް ބޭފުޅެއްގެ ނުފޫޒުގައި ކަމަށް އަމީތު ވިދާޅުވި އެވެ. އަދި މިއީ އިންސާފުން ކަންކަން ކުރުމަށް އެންމެ ބޮޑަށް ކުރިމަތިވެފައިވާ ދަތި ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރިއަށް އޮތް ތަނުގައި ޕީޕީއެމްގެ މަޖިލީސް މެންބަރުގެ ޓީމު މިހާރު އެ އޮތްގޮތަށް މަސައްކަތް ކުރަމުންނުދާނެ ކަަމަށާއި، މިހާރުވެސް ގައުމަށް ރަގަޅު ގޮތް އެދޭ މެންބަރު ސިއްރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. ވަގުތު ޖެހުމުން އެ މެންބަރުންވެސް ނިކުންނާނެ ކަމަށް އަމީތު ވިދާޅުވި އެވެ.

- ކޮމެންޓް