Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޚިޔާލުފާޅުކުރުމުގެ މިނިވަންކަން

ރޭ ފެނިގެންދިޔައީ އެއްވެ އުޅުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތް މިންވަރު

އެއްވެ އުޅުމުގެ މިނިވަންކަން ކުރީގެ ސަރުކާރުން ދީފައެއްނުވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 5 ޖެނުއަރީ 2023 | ބުރާސްފަތި 10:14
ޕީޕީއެމުން ބޭއްވި އެއްވުން

ޕީޕީއެމުން ބޭއްވި އެއްވުން

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން މީގެ ކުރިން ހަނިކުރެވިފައި އޮތް ވާހަކައަކީ އައު ވާހަކައެއް ނޫނެވެ. ހަމަގައިމުވެސް މިފަދަ އެތައް ކަމެއް ގިނަ ބަޔަކު އަދިވެސް ހަނދާނުގައި ހުންނާނެކަން ޔަގީނެވެ. ކުރީ ސަރުކާރުގައި ސިޔާސީ ގޮތުން ގައުމު ހަލަބޮލިވާ ކޮންމެ ފަހަރަކު ގިނަ ބަޔަކަށް މަޖުބޫރުވީ ހަނުތިބޭށެވެ.

ކުރީ ސަރުކާރުން މިކަން ކުރީ އަބުރުގެ ގާނޫނު ވުޖޫދަށް ގެނެސްގެންނެވެ. މި ގާނޫނާއެކު އަބުރު ރައްކާތެރިކުރުމުގެ ނަމުގައި ޚިޔާލު ފާޅުކުރުން އެއީ މަނާކަމެއްގެ ގޮތުގައި ކަނޑައެޅިއެވެ. ސިޔާސީގޮތުން ޚިޔާލު ފާޅުކުރުންކަމުގައި ވީނަމަވެސް، އަދި ޚަބަރާއި މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން ނަމަވެސް އެތައް ހުރަހަކާ ކުރިމަތިލާންޖެހުނެވެ. އެމީހެއްގެ އަމިއްލަ ޚިޔާލު ފާޅުކުރުމަކީ ބޮޑު ކުށަކަށް ވެގެންދިޔައެވެ.

އާންމު މަސްލަހަތު ރައްކާތެރިކުރުމާއި، ފިތުނަ ފަސާދަ ނައްތާލުމަށްވުރެ ބޮޑަށް ފެނިގެން ދިޔައީ އާންމުންނާއި މީޑިއާތަކުގެ މިނިވަންކަން ނަގާލަމުން ދިޔަ މަންޒަރެވެ. މީޑިއާތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުން އެއީ އެކަމުގެ އެއް މިސާލެވެ.

ބާރުގެ ބޭނުންކޮށްގެން އެއްވުންތައް ރޫޅާލިއެވެ. ސަރުކާރާ ދެކޮޅަށް ވާހަކަދައްކާ ކޮންމެ މީހަކު ހިފައި ހައްޔަރުކުރިއެވެ. މީޑިއާއެއް ނުވަތަ ނޫސްވެރިއަކު ޖޫރިމަނާކޮށްފިނަމަ އެންމެ ކުޑަމިނުން އެ ނިންމުމެއް ހިފައިގެން ފަނޑިޔާރެއްގެ ކުރިމައްޗަށް ދިއުމުގެ ހައްގުވެސް ގެއްލުނެވެ. އޭރު ރާއްޖޭގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ގެއްލިފައި އޮތް މިންވަރަކީ މިއީއެވެ.

ދެން އޮތީ އެއްވެ އުޅުމުގެ މިނިވަންކަމުގެ ވާހަކައެވެ. 2016 ވަނަ އަހަރު ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނަށް އިސްލާހު ގެނެސް، މާލޭގައި އެއްވުން މަނާކުރީ އޭރު ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމުން ހުށަހެޅި އިސްލާހެއްގެ ދަށުންނެވެ. ޔާމީނުގެ ސަރުކާރުން އެއްވެ އުޅުމުގެ ގާނޫނަށް ގެނައި އިސްލާހުތަކަކީ އެއްވެ އުޅުމުގެ ހައްގު ހަނިވެގެން ދިޔަ އިސްލާހުތަކެއްކަން ގިނަ ބަޔަކު ގަބޫލުކުރެއެވެ.

އޭރު ބިލާ ދެކޮޅަށް ގިނަ ބަޔަކު އަޑުއުފުލަމުން ދިޔަނަމަވެސް، ބިލު ފާސްކޮށް، އޭގެ ދަށުން ސިޔާސީ ޕާޓީތަކާއި އެހެނިހެން ފަރާތްތަކާމެދު ފިޔަވަޅު އަޅާފައިވެއެވެ. އަދި އޭރުގެ އިދިކޮޅު ފަރާތްތަކަށް އެއްވެވޭނެ ނުވަތަ ޖަލްސާއެއް ބާއްވާލާނެ ތަނެއް ނުލިބިގެން އުޅެންޖެހިފައިވެއެވެ.

އެހެންނަމަވެސް މިއަދު އެހެންތޯއެވެ؟ ހަމަގައިމުވެސް ފެންނަނީ މުޅި މަންޒަރު ބަދަލުވެގެންދިޔަތަނެވެ. މިކަން ޖެނުއަރީ 4 ވީ ބުދަ ދުވަހުގެރޭ ކުރިއަށްދިޔަ ސިޔާސީ ހަރަކާތުގެ ތެރެއިން ވަރަށް ސާފުކޮށް ފެނިގެންދިޔައެވެ. ކުރިއަށްއޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް ރާއްޖޭގެ ސިޔާސީ މަސްރަހު ފޯރި ގަދަވެފައިވާއިރު، ބުދަ ދުވަހުގެރޭ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީންނާއި އިދިކޮޅު ޕީޕީއެމުން އެއް ސަރަހައްދެއްގައި ވަނީ ޖަލްސާ ބާއްވާފައެވެ.

ގައިމުވެސް އެއްކޮޅުން ޕޯޑިއަމްގައި ވާހަަކަފުޅުދައްކަން ހުންނެވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއެވެ. ވެރިކަމަކީ އެމްޑީޕީގެ ވެރިކަމެކެވެ. މަޖިލީހުގައި އޮތީ އެމްޑީޕީގެ މެޖޯރިޓީއެވެ. އެހެން ގޮތަކަށް ބުނާނަމަ، އާރާއި ބާރު އޮވެމެ، ފެނިގެން ދިޔައީ ޕޯޑިއަމްއާ މާ ދުރުނޫން ހިސާބެއްގައި ތިބެގެން އިދިކޮޅު ފަރާތްތަަކަށްވެސް އެބަޔަކު ބޭނުންވާ ޝުއޫރެެއް ފާޅު ކުރުމުގެ ފުރުސަތު ފަހިކޮށްދީފައި އޮތް މަންޒަރެވެ.

ރައީސް ސާލިހު ވާހަކަފުޅުދައްކަވަމުން ގެންދެވިއިރު، ކެނޑިނޭޅި އިިދިކޮޅު ފަރާތްތަކުގެ އަޑުވެސް ދިޔައީ އިވެމުންނެވެ. ދައްކަވަމުން ގެންދެވީ ރައީސް ސާލިހުގެ ނަންފުޅު ރިޔާސީ އިންތިޚާބުން އަނބުރާ ނެންގެވުމަށެވެ. ނަަމަވެސް ފަރުވާލެއް ނުބަހައްޓަވައި އެމަނިކުފާނުގެ ވާހަކަފުޅު ކުރިއަށް ގެންދެވިއިރު، މި ފެނިގެންދިޔައީ ޑިމޮކްރަސީގެ ރީތި މިސާލެއްކަމަށް ބުނަމުން ދިޔަ މީހުންވެސް މަދެއް ނޫނެވެ.

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2019

އެއްވެ އުޅުމުގެ ވާހަކަ ދައްކަން އިދިކޮޅުން މިއަދު ލަދުގަންނަން ޖެހޭ!

02 ޑިސެމްބަރު 2019
އެއްވެ އުޅުމުގެ ވާހަކަ ދައްކަން އިދިކޮޅުން މިއަދު ލަދުގަންނަން ޖެހޭ!
27 އޮކްޓޯބަރު 2019

މި ސަރުކާރަށްވެސް މުޒާހަރާކުރުމާއި، އެއްވެއުޅުން ގޯސްވީތަ؟

27 އޮކްޓޯބަރު 2019
މި ސަރުކާރަށްވެސް މުޒާހަރާކުރުމާއި، އެއްވެއުޅުން ގޯސްވީތަ؟
01 ސެޕްޓެމްބަރު 2019

ބޭނުންވީ ޔާމީން ޖަލަށް ލާން، އެއްވެސް މަގާމެއް ބޭނުމެއް ނޫން: ފްލެގް މޭން

01 ސެޕްޓެމްބަރު 2019
ބޭނުންވީ ޔާމީން ޖަލަށް ލާން، އެއްވެސް މަގާމެއް ބޭނުމެއް ނޫން: ފްލެގް މޭން
28 ޖުލައި 2019

އެއްވެސް މީހަކު ފުއްޕާހަމުގެ ވާހަކަ ނުދައްކަނީ ކީއްވެ؟

28 ޖުލައި 2019
އެއްވެސް މީހަކު ފުއްޕާހަމުގެ ވާހަކަ ނުދައްކަނީ ކީއްވެ؟
21 އެޕްރީލު 2019

ވައުދެއް ނުފެއްދި އޮތުމަށް ދައްކާނެ އެއްވެސް ބަހަނާއެއް ނެތް!

21 އެޕްރީލު 2019
ވައުދެއް ނުފެއްދި އޮތުމަށް ދައްކާނެ އެއްވެސް ބަހަނާއެއް ނެތް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު