ކ. މާލެ
|
1 ޖެނުއަރީ 2023 | އާދީއްތަ 19:21
ރިޔާސީ ބަޔާން އިއްވާ ޖަލްސާ
ރިޔާސީ ބަޔާން އިއްވާ ޖަލްސާ
ރައްޔިތުންގެ މަޖިލިސް
2022ގައި މަޖިލިހުގެ މަސައްކަތްތައް
2022ގައި މަޖިލިހުން ކުރި މުހިންމު ބައެއް މަސައްކަތްތަކުގެ އުސްއަލިތައް
 
މަޖިލިހުގައި އަދިވެސް މުހިންމު މަސައްކަތްތަކެއް އެބަ ކުރިއަށްދޭ
 
މުހިންމު ގަރާރުތަކުގެ މަސައްކަތް މަޖިލިހުން ކޮށްފައިވޭ

2022 އަހަރަކީ ރައްޔިތުންގެ މަޖިލިހުގައި މުހިންމު މަސައްކަތްތަކެއް ކުރި އަހަރެކެވެ. އެގޮތުން ކުރި މުހިންމު ބައެއް މަސައްކަތްތަކަށް ބަލާއިރު، އިޖުތިމާއީ އިގްތިސާދީ އަދި އެ ނޫނަސް މުހިންމު ބިލްތަކާއި ގަރާރުތަކުގެ މަސައްކަތް ވަނީ ކޮށްފައެވެ.

އެގޮތުން ބަލާއިރު، ރައްޔިތުންގެ މަޖިލީހުން ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރަން ޖެހޭ ގޮތަށް ނިންމައި، ފެނާއި ނަރުދަމާގެ ބިލް މަޖިލީހުން ފާސްކޮށްފައިވަނީ ނިމިދިޔަ އެޕްރީލް މަހުގެ ތެރޭގައެވެ. އެ ބިލަކީ ސިއްހީ މައްސަލަތައް އަތޮޅުތެރޭގައި އިތުރުވެގެންދާ ދިޔުމަކީ، ފެނާއި ނަރުދަމާގެ ޚިދުމަތް އެންމެ ފުރިހަމަގޮތުގައި އަތޮޅުތެރޭގައި ލިބެން ނެތުމުން އެކުލަވާލި ބިލެކެވެ. އެހެންކަމުން މި ތަފާތު ނައްތާލައި، ރަނގަޅު ދިރިއުޅުމެއް ރައްޔިތުންނަށް ފަހިކޮށްދިނުމަށް، ފެނާއި ނަރުދަމާއަށް ސަރުކާރުން ބޮޑު އިންވެސްޓްމެންޓެއް ހަދަމުންދާކަމަށް ބިލް ފާސްކުރިއިރު ވަނީ ހާމަކޮށްފައެވެ.

މަޖިލިހުން މި އަހަރު ނިންމި މުހިންމު ނިންމުންތަކުގެ ތެރޭގައި; ވަޒީރުން މަޖިލީހުގައި ކުރާ ސުވާލުތަކަށް ޖަވާބުދެއްވަން ދޭ ވަގުތު އިތުރުކުރުން ހިމެނެއެވެ. އެ އިސްލާހު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ އިސްލާހާއެކު، ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގެ 78 ވަނަ މާއްދާގެ (ހ)ގެ ދަށުން، ވަޒީރާ އިތުރު ސުވާލުކުރުމާއި، ޖަވާބު ދިނުމުގެ ވަގުތު ކުރިއަށްގެންދާނީ، 30 މިނެޓު ވަންދެން ކަމަށް ވަނީ ނިންމާފައެވެ. އަދި އެ 30 މިނެޓު ގުނަން ފަށާނީ، ނޯޓިސް ދިން ސުވާލަށް ވަޒީރު ދޭ ޖަވާބު ދީ ނިމޭ ހިސާބުން ކަމަށްވެސް ވަނީ ކަނޑައަޅާފައެވެ. ކުރިން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު 78 ވަނަ މާއްދާގެ (ށ)ގައި ވާގޮތުން، ވަޒީރަކު ދޭ ޖަވާބަކާ ގުޅިގެން އޭނާއާ އިތުރު ސުވާލުކުރުމާއި، ޖަވާބު ދިނުމުގެ ވަގުތު ކުރިއަށް ގެންދެވޭނީ ގިނަވެގެން 20 މިނެޓަށެވެ. ނަމަވެސް 20 މިނެޓަކީ ވަޒީރަކާ ސުވާލުކޮށް ޖަވާބު ހޯދުމަށް އެކަށީގެންވާ ވަގުތެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުން ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން މި ބަދަލާއެކު ވަޒީރުންނާ ސުވާލުކުރުމަށް އިތުރު ވަގުތު ލިބިގެންދެއެވެ. މަޖިލީހުން މި ބަދަލު ގެނެސްފައިވަނީ ނިމިދިޔަ ޖޫން މަހުގެ ތެރޭގައެވެ.

ޖޫން މަހު މަޖިލިހުން ކުރި އިތުރު މުހިންމު މަސައްކަތަކަށް ބަލާނަމަ، ނޫސްވެރިއެއްގެ ހައިސިއްޔަތުން އެ ނޫސްވެރިއަކަށް އެއްވެސް ފަރާތަކުން ދީފައިވާ މައުލޫމާތުގެ މަސްދަރު ޝަރީއަތް މެދުވެރިކޮށް ނޫން ގޮތަކަށް ހާމަނުކުރެވޭނެގޮތަށް ކަނޑައަޅައި، ހެތްކާބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ ޖޫން މަހުގެ ތެރޭގައެވެ. ހެތްކާބެހޭ ގާނޫނަށް ގެނައި އިސްލާހުގައި ބުނެފައިވަނީ، ނޫސްވެރިއެއްގެ ހައިސިއްޔަތުން، އެ ނޫސްވެރިޔަކަށް އެއްވެސް ފަރާތަކުން މައުލޫމާތެއް ދީފައިވަނީ މަސްދަރު ހާމަނުކުރާނެކަމުގައި އެ ނޫސްވެރިޔާ ވެފައިވާ ވައުދެއް ނުވަތަ ދީފައިވާ ޔަގީންކަމެއްގެ މައްޗަށް ބިނާކޮށް ކަމުގައިވާނަމަ، އެ މައުލޫމާތު ދިން ފަރާތެއްގެ ރުހުމާނުލައި، އެ ފަރާތެއް ހާމަކޮށްދޭ ނުވަތަ ހާމަވުމަށް އެހީއަކަށް ވެދާނެ އެއްވެސް މައުލޫމާތެއް ހިއްސާކުރުމަށް އެ ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް އެއްވެސް ފަރާތަކުން މަޖުބޫރުކޮށްގެން ނުވާނެކަމަށެވެ. އެ ބަދަލު ގެނެސްފައި ވަނީ މަސްދަރު ހާމަކުރުމުގެ މައްސަލައިގައި، ނޫސްވެރިންނާއި ކަމާބެހޭ އިދާރާތަކުގެ ކަންބޮޑުވުން ހުރުމުންނެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ޓުއަރިޒަމް ގާނޫނަށް ގެނައި 11 ވަނަ އިސްލާހުގެ ދަށުން ގްރީން ޓެކްސް ނެގުން މަޑުޖެހިފައިވާތީ، އެކަން ހައްލުކުރުމަށް ހުށަހެޅި އިސްލާހު ވެސް މަޖިލީހުން ވަނީ ފާސްކޮށްފައެވެ. ގްރީން ޓެކްސް ނެގުން ހުއްްޓޭ ގޮތް މެދުވެރިވީ ޓޫރިޒަމް ގާނޫނަށް 11 ވަނަ އިސްލާހު ގެނައިއިރު، ގްރީން ޓެކްސް ނަގަން ފަށާ ތާރީޚެއްގެ ގޮތުގައި އޮތީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަސް އޮތުމުންނެވެ. އެއާއެކު މަޖިލީހުން ވަނީ ޓުއަރިޒަމާބެހޭ ގާނޫނުގެ 35 ވަނަ މާއްދާގެ ދަށުން ގްރީންޓެކްސް ނެގުމަށް ކަނޑައެޅިފައިވާ އުސޫލު އިތުރަށް ސާފުކޮށްދިނުމަށްޓަކައި މި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނެސްފައެވެ.

ޓެކްސްއާ ގުޅުންހުރި މަަސައްކަތްތަކުގެ ތެރެއިން މަޖިލީހުން ދެން ކުރި އެންމެ މުހިންމު މަސައްކަތަކީ ނޮވެމްބަރު މަހު ޓެކްސް ބޮޑުކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލު، ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުން ފާސްކުރުމެވެ. މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހުގެ ގެނައުމުގެ ބިލުގައި ވަނީ; މުދަލާއި އާމްދަނީން ނަގާ ޓެކްސް (ޖީއެސްޓީ) 6 އިންސައްތައިން 8 އިންސައްތައަށް ބޮޑުކުރުމަށާއި، ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ޚިދުމަތުން ނަގާ ޓެކްސް (ޓީޖީއެސްޓީ) 12 އިންސައްތައިން 16 އިންސައްތައަށް ބޮޑުކުރުމަށެވެ. އަދި މިގޮތަށް، އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޓެކްސް ނަގަން ބިލްގައި ބުނެފައިވެއެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މިނިމަމް ވޭޖް ނުވަތަ އެންމެ ކުޑަ އުޖޫރަ ދޭން ޖެހޭ ތާރީޚުގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ ތާރީޚު، މުއްދަތެއް ނެތް ގޮތަށް ފަސްކުރަން މަޖިލީހުން ވަނީ ފާސްކޮށްފައެވެ. ވަޒީފާއާބެހޭ ގާނޫނުގެ ދަށުން، މަސައްކަތްތެރިންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރަ ކަނޑައެޅުމަށް މިނިސްޓަރު ކުރާ އަމުރަށް، ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭ މަސައްކަތްތެރިންނާ ގުޅޭގޮތުން ވަޒީފާ ދޭ ފަރާތްތަކުން އަމަލުކުރުމަށް ދީފައިވާ މުއްދަތަކީ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހެވެ. އެހެންކަމުން މިހާރު ގާނޫނު އޮތް ގޮތުން ނަމަ، މި މަހުގެ 22ން ފެށިގެން ބިދޭސީންނަށްވެސް އެންމެ ކުޑައުޖޫރަ ލިބެންޖެއެވެ. މަޖިލީހުން ފާސްކުރި އިސްލާހުގައި ބުނެފައިވަނީ; ގައުމުގެ ހާލަތާއި އިގްތިސާދަށް ބެލުމަށްފަހު، ބިދޭސީންނަށް މިނިމަމް ވޭޖް ދޭން ފަށާނެ ތާރީޚެއް ސަރުކާރުން ކަނޑައަޅައި އިއުލާންކުރަން ވާނެ ކަމަށެވެ. އެގޮތަށް ބަދަލުކުރަން ނިންމީ މިވަގުތު ރާއްޖޭގެ އިގްތިސާދީ ހާލަތު ހުރިގޮތަށް ބެލުމަށް ފަހުގައި ކަމަށް ސަރުކާރުން ބުނެއެވެ.

މީގެ އިތުރުން އިންތިޚާބުތަކާއި ސިޔާސީ ޕާޓީތަކާ ގުޅުންހުރި މުހިންމު މަސައްކަތްތަކެއް މި ނިމިދިޔަ އަަހަރު މަޖިލީހުން ވަނީ ކޮށްފައެވެ. އެގޮތުން ނިމިދިޔަ އޮކްޓޯބަރުމަހުގެ ތެރޭގައި ފިންގަރޕްރިންޓް މައްސަލައާއި، ޕާޓީތަކަށް އޮޅުވާލައިގެން މީހުން ވައްދާ މައްސަލާގައި އިލެކްޝަންސް ކޮމިޝަނުން އެކުލަވާލި އިސްލާހުތައް ބިލެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކުރި ރިޕޯޓް މަޖިލީހުން ވަނީ ފާސްކޮށްފައެވެ. މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެގޮތަށް ފާސްކޮށްފައިވަނީ ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމާއި ވަކިކުރުމުގައި އަމަލުކުރަމުންދާ އުސޫލާ ގުޅިގެން އާންމުންނާއި ސިޔާސީ ޕާޓީތަކުގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލަ، ކޮމިޓީން ދިރާސާކުރުމަށްފަހުގައެވެ.

ހަމައެހެންމެ ނޮވެމްބަރު މަހުގެ ތެރޭގައި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން އަހަރަކު އެއްފަހަރު ބާއްވާގޮތަށް ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ވަނީ ފާސްކޮށްފައެވެ. ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު ހުށަހެޅުއްވި އެ އިސްލާހުގައި އޮންނަ ގޮތުން، ޑަބްލިއުޑީސީގެ ގޮނޑިއެއް ހުސްވާތާ 60 ދުވަހުގެ ތެރޭގައި އެ ގޮނޑިއަށް މެމްބަރަކު އިންތިޚާބުކުރަން ޖެހެއެވެ.

މިދިޔަ އަހަރުވެސް އަދުލު އިންސާފު ގާއިމްކުރުމާއި، ފުލުހުންނާއި ތަންފީޒީ އިދާރާތަކަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިދިނުމަށް ގާނޫނުތަކަށް ބަދަލުގެނައުމަށް މަޖިލީހުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ފާއިތުވި ނޮވެމްބަރު މަހު މަޖިލީހުން ވަނީ، ޖިނާއީ ބޮޑެތި މައްސަލަތައް ތަހުގީކުރުމަށް ފުލުހުންނަށް ލިބޭ މުއްދަތު ތިން މަސް ދުވަހަށް އިތުރުކުރެވޭގޮތަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު ފާސްކޮށްފައެވެ. މީގެ ކުރިން ޖިނާއީ އިޖުރާއަތުގެ ގާނޫނު އޮންނަ ގޮތުން މައްސަލައެއްގައި މީހަކު ބަންދުކުރާތާ 30 ދުވަހުގެ ތެރޭގައި އެ މައްސަލައެއްގެ ތަހުގީގު ނިންމައި، އެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވަން ޖެހެއެެވެ. އަދިި ތުހުމަތުކުރެވޭ ކުށަކީ ޖިނާއީ ބޮޑު ކުށަކަށް ވެފައި، އެ މައްސަލައިގެ ބާވަތުން މައްސަލައިގެ ތަހުގީގު 30 ދުވަހުގެ ތެރޭގައި ފުރިހަމަ ނުކުރެވޭނަމަ، ތަހުގީގުގެ މުއްދަތު ގިނަވެގެން އިތުރު 45 ދުވަހަށް އިތުރުކޮށްދިނުމުގެ ބާރު ޕީޖީއަށް އޮވެއެވެ.

ތަހުގީގުގެ މުއްދަތު 60 ދުވަހަށް އިތުރުކުރުމަށް ސަރުކާރުން ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފައިވާއިރު، އެ މުއްދަތު އިތުރުކޮށްދޭއިރު މުއްދަތު އިތުރުކޮށްދެވޭނީ ފަހަރަކު 15 ދުވަހަށްވުރެ ދިގުނުވާނެ ގޮތަށް ކަމަށް މައްސަލަ ދިރާސާކުރި މަޖިލީހުގެ ކޮމިޓީން ވަނީ ކަނޑައަޅާފައެވެ. އެ އިސްލާހު ފާސްކޮށްފައިވަނީ ކޮމިޓީން ފާސްކުރި ގޮތަށް، ބަދަލު ގެނައުމަކާނުލައެވެ.

މިދިޔަ އަހަރު މަޖިލީހުގެ މަސައްކަތްތައް ނިންމާލީ މި އަހަރަށް (2023 ވަނަ އަހަރަށް) 42.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކުރުމުގެ މަސައްކަތާ އެކުގައެވެ. ފިނޭންސް މިނިސްޓްރީން 2023 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ގޮތުގައި މަޖިލިހަށް ހުށަހެޅީ 42.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެހެންނަމަވެސް މި އަހަރުގެ ބަޖެޓުގެ ގޮތުގައި ސަރުކާރުން މަޖިލިހަށް ހުށަހެޅި ބަޖެޓަށް 160 މިލިއަން ރުފިޔާ އިތުރުކޮށް, ރައްޔިތުންގެ މަޖިލިހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީން ވަނީ ފާސްކޮށްފައެވެ. އެއާއެކު، މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގެ ޖުމްލައަކީ މިހާރު 42.8 ބިލިއަން ރުފިޔާއެވެ.

ނިމިދިޔަ އަހަރު މަޖިލިހަށް ހުށަހެޅި ގަރާރުތަކުގެ ތެރޭގައި ރީބްރޯޑްކާސްޓިން ވިޔަފާރީގެ ހަމަހަމަކަން ގެއްލިފައިވާތީ، ޕާލިމެންޓްރީ އިންކުއަރީއެއް ހެދުމަށް ގޮވާލައި ހުށަހެޅި ގަރާރާއި، މަދްރަސަތުލް އިފްތިތާހުގެ ހިންގުން ހަރުދަނާކޮށް، ދެވޭ ތައުލީމުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ސްކޫލަށް ދިމާވެފައިވާ ދަތިތައް ވީހާވެސް އަވަހަށް ހައްލުކޮށްދިނުމަށް އެދި ހުށަހެޅި ގަރާރާއި، އިހަވަންދިއްޕޮޅުގައި އާގުބޯޓަށް ޚިދުމަތް ފަހިކޮށްދިނުމަށް އެދި ހުށަހެޅި ގަރާރު ފާހަގަކޮށްލެވެއެވެ. އަދި ސްޓެލްކޯގެ ޖަނަރޭޓަރުތަކާއި ދުންހޮޅިތަކާއި ތެޔޮ ތާނގީތައް މީހުން ދިރިއުޅޭ ސަރަހައްދާ މާ ގާތުގައި ބެހެއްޓުމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތަކަށް ހައްލެއް ހޯދައިދިނުމަށް ހުށަހެޅި ގަރާރާއި، ޖިންސީ ގޯނާކުރުމާއި ރޭޕްކުރުމުގެ މައްސަލަތައް ރާއްޖޭގައި އިތުރުވަމުންދާތީ ހުށަހެޅި ގަރާރުފަދަ، އާއްމުންނާ ގުޅުންހުރި ގަރާރުތަކުގެ މަސައްކަތް މަޖިލިހުން ވަނީކޮށްފައެވެ.

މީގެ އިތުރުން، ގައުމުތަކަށް ސަފީރުން އައްޔަންކުރުމާއި، މިނިވަން މުއައްސަސާތަކަށް ބޭބޭފުޅުން އައްޔަންކުރެއްވުމުގައި މަޖިލީހުން މުހިންމު މަސައްކަތްތަކެއް ކޮށްފައިވެއެވެ. އަދި މަޖިލިހުގައި ކުރިއަށްދާ ބިލްތަކާއި ގަރާރުތަކުގެ ތެރޭގައި; މުހިންމު ގިނަ މަސައްކަތްތަކެއް ހިމެނޭކަން ފާހަގަކޮށްލެވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް