ކ. މާލެ
|
14 ނޮވެންބަރ 2022 | ހޯމަ 18:44
ހަކުބައްޔަށް ޓެސްޓްކުރަނީ
ހަކުބައްޔަށް ޓެސްޓްކުރަނީ
ހަކުރު ބަލި
ހަކުރު ބައްޔާމެދު އެނގެނީ ކިހާ މިންވަރަކަށް؟
ސްޓެޕް ސަރވޭ 2020-2021 ދައްކާގޮތުން، ރާއްޖޭގައި 14 އިންސައްތަ މީހުންނަށް ހަކުރު ބަލި ޖެހިފައިވޭ

ހަކުރު ބައްޔަކީ ދުނިޔޭގެ ގިނަ ބަޔަކު ތަހައްމަލުކުރަން ޖެހިފައިވާ ސިއްހީ މައްސަލައެކެވެ. ހަކުރުބަލި ހުރިކަމަށް ބެލެވެނީ މީހެއްގެ ލޭގައި ހަކުުރު ހުންނަންވީވަރަށްވުރެ އިތުރުވެފައި ހުރުމުންނެވެ. ހަކުރު ބަލީގެ ދެ ވައްތަރެއް ހުރެއެވެ. އެއީ ޓައިޕް 1 ޑައިބެޓީސްއާއި ޓައިޕް 2 ޑައިބެޓީސްއެވެ. ހަކުރު ބައްޔަކީ ލޭގައި ހަކުރު އެކުލެވޭ މިންވަރު މަތިވުމުގެ ސަބަބުން ޖެހޭ ބައްޔެކެވެ. ހަކުރު ނުވަތަ ގުލްކޯޒަކީ ހަށިގަނޑަށް ހަކަތަ ފޯރުކޮށްދޭ މައިގަނޑު މަސްދަރެވެ. ހަކުރު ބައްޔަކީ ގައިންގަޔަށް އަރާ ބައްޔެއް ނޫނެވެ. އަދި މިއީ ޖަރާސީމަކުން ފެތުރޭ ބައްޔެއްވެސް ނޫނެވެ. ހަކުރު ބައްޔަކީ މުޅިން ރަނގަޅު ނުކުރެވުނު ނަމަވެސް ކޮންޓްރޯލް ކުރެވިދާނެ ބައްޔެކެވެ.

ޓައިޕް 1 ޑައިބެޓީސް އާންމުކޮށް މެދުވެރިވަނީ ޅައުރުމުރުގައެވެ. ޓައިޕް 1 ޑައިބެޓީސްއަކީ ހަށިގަނޑުގައި އިންސިއުލިން ބޭނުންވާ ވަރަށް ނުވަތަ އެއްވެސް ވަރަކަށް ނުއުފެއްދުމުގެ ސަބަބުން ޖެހޭ ހަކުރު ބައްޔެކެވެ. ޓައިޕް 2 އާންމުކޮށް ޖެހޭނީ ބޮޑެތި މީހުންނަށެވެ. ޓައިޕް 2 ޑައިބިޓީސްއަކީ ހަށިގަނޑުގައި އިންސިއުލިން އުފެއްދި ނަމަވެސް ހަށިގަނޑު މާބޮޑަށް ފަލަވެ، ބަރުދަން ހުންނަންޖެހޭވުރެ އިތުރުވެ، ހެލިފެލިވެ އުޅުން މަދުވުމާގުޅިގެން، ހަށިގަނޑުން އުފައްދާ އިންސިއުލިން ބޭނުން ނުކުރެވޭތީ ޖެހޭ ހަކުރު ބައްޔެވެ.

މީގެ އިތުރުންވެސް އާއިލާގައި ހަކުރު ބަލީގެ މީހުން ތިބުމާއި ދުންފަތުގެ އިސްތިއުމާލުކުރުމާއި މާބަނޑު ދުވަސްވަރު ހަކުރު މަތިވުމުން މިބަލި ޖެހުމަށް މަގުފަހިވެއެވެ.

އިންޓަނޭޝަނަލް ޑައިބަޓީސް ފެޑަރޭޝަންގެ 2021 ވަނަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ދުނިތޭގެ 537 މިލިޔަން މީހުންނަކީ ހަކުރުބަލީގެ މީހުންނެވެ. މީގެ ތެރެއިން ގިނަ މީހުން ތަހައްމަލުކުރަމުން ދަނީ "ޓައިޕް 2 ޑައިބަޓީސް"އެވެ. 2021 ވަނަ އަހަރުގައި 6.7 މިލިޔަން މީހުން ހަކުރުބަލީގެ ސަބަބުން ވަނީ މަރުވެފައެވެ. ގައިންގަޔަށް ނާރާ ބަލިތަކުގެ ހިރާސްތަކަށް ރާއްޖޭގައި ހުރި މިންވަރު ދެނެގަތުމަށް ހެދިފައިވާ ސްޓެޕްސަރވޭ 2020-2021ން، 14 އިންސައްތަ މީހުން ހަކުރު ބަލި ޖެހިފައިވާކަމަށް ދައްކައެވެ.

2018 ވަނަ އަހަރު ދުނިޔޭގެ ސިއްހަތާބެހޭ ޖަމްއިއްޔާއިން ނެރެފައިވާ ރިޕޯޓުން ދައްކާގޮތުގައި ދުނިޔޭގެ 3.7 އިންސައްތަ މީހުން މަރުވަނީ ހަކުރުބަލީގެ ސަބަބުންނެވެ.

ހަކުރު ބަލީގެ ބައެއް އަލާމާތްތަކުގެ ތެރޭގައި އަވަސް އަވަހަށް ކުޑަކަމު ދާންޖެހުމާއި، ކަރުހިއްކައި ފެންބޮވުމާއި އާދަޔާ ޚިލާފަށް ބަނޑުހައިވުމުގެ އިތުރުން، ބަރުދަން ލުއިވުމާއި ވަރުބަލިވުން ހިމެނެއެވެ. ސިއްހީގޮތުން ދުޅަހެޔޮ ކާނާއާއި ބުއިންތައް ކެއުން އިޚްތިޔާރުކުރުމާއި ކެއުމުގެ ވަގުތުތަކާއި ކާ މިންވަރާމެދު ސަމާލުވުމަކީ ހަކުރު ބަލިން ރައްކާތެރިވުމަށްޓަކައި ދުރާލައި ސަމާލުކަންދިނުން މުހިންމު ކަންކަމެވެ. އަދި ހެލިފެލިވެ އުޅުމާއި ކަސްރަތުކުރުމަށް އާދަކުރުމަކީވެސް ކުރުން މުހިންމު ކަމެކެވެ.

މީގެ އިތުރުން، ހަށިގަނޑުގެ ބަރުދަން އިސްކޮޅާ އަޅައި ހުންނަންޖެހޭ މިންވަރުގައި ހިފެހެއްޓުމާއި، ދުންފަތުގެ އިސްތިއުމާލުނުކުރުމާއި، ދުންފަތުގެ ދުމުން ރައްކާތެރިވުމަކީވެސް ސަމާލުކަން ދޭންޖެހޭ ކަންކަމެވެ. ހަކުރު ބަލީގެ އެއްވެސް އަލާމާތެއް ނުވަތަ ހަކުރު ބައްޔަށް ހުށަހެޅޭފަދަ ހާލަތެއްގައި ދިރިއުޅޭނަމަ، ނުވަތަ އާއިލާގެ ތެރޭގައި ހަކުރު ބަލީގެ މީހުން ތިބިނަމަ، ޓެސްޓުތައް ހަދައި ބަލީގެ ހާލަތު ދޭތެރެ ދޭތެރެއިން ކަށަވަރުކުރަމުން ދިއުމަކީ މުހިންމުކަމެކެވެ.

ހަކުރު ބަލި ތަހައްމަލުކުރަމުންދާ މީހުން ހަކުރު ކޮންޓްރޯލްކޮށް ބައްޔާއެކު ރައްކާތެރި ދިރިއުޅުމެއް އުޅުމަށް ވަކިގޮތަކަށް ބައްޓަން ކުރަންޖެހެއެވެ. މިގޮތުން ސަމާލުކަން ދޭންޖެހޭ ބައެއް ކަންކަމުގެ ތެރޭގައި; ގަވައިދުން ބޭސް ކެއުމާއި، ބަލީގެ ހާލަތު ދެނެގަތުމަށާއި ހަކުރު ކޮންޓްރޯލް ކުރެވިފައިވާކަން ކަށަވަރުކުރުމަށް، އަދި ބަލީގެ ސަބަބުން ހަށިގަނޑުގެ ގުނަވަނަކަށް ގެއްލުމެއް ލިބޭތޯ ބެލުމަށް ހަދަންޖެހޭ ޓެސްޓުތައް ހެދުން މުހިންމެވެ. ގަވައިދުން ޑޮކްޓަރެއްގެ ނުވަތަ ސިއްހީ ޚިދުމަތްތެރިއެއްގެ ލަފާހޯދުމާއި ކެއިންބުއިން ވަކި ގޮތެއްގައި ބެހެއްޓުމާއި ކަސްރަތުކުރުންވެސް މުހިންމެވެ.

މިބަލި ތަހައްމަލުކުރަމުންދާ މީހުންނަށް ބަލި ބޮޑުނުވެ، ދިރިއުޅުން ބައްޓަން ކުރަންޖެހޭ ގޮތުގެ ފުރިހަމަ މައުލޫމާތު ލިބުމަކީ މުހިންމުކަމެކެވެ. އަދި ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް، ބަލި ހުރިކަން ބަލީގެ ކުރީކޮޅު ދެނެގަތުމުގެ ގާބިލުކަމާއި މައުލޫމާތު ހުރުމަކީ މިބަލިން ސަލާމަތްވުމަށް ކުރެވިދާނެ ކަންކަމެވެ.

ހަކުރު ބަލި ޖެހެނީ ހަށިގަނޑަށް ބޭނުންވާ މިންވަރަށް އިންސިއުލިން އުފައްދައިނުދޭތީއެވެ. ނުވަތަ އިންސިއުލިން އުފައްދައިދިންނަމަވެސް އޭގެ މަސައްކަތަށް ކޮންމެވެސް މިންވަރެއްގެ ހީނަރުކަމެއް ލިބުމާ ގުޅިގެންނެވެ. މިއިން ކޮންމެ ހާލަތެއްގައިވެސް ހަށިގަނޑުގައި ހަކުރު ނުވަތަ ގުލްކޯޒުގެ މިންވަރު ބޭނުން ނުކުރެވި އިތުރުވެގެންދެއެވެ. ހަކުރު ބަލި ކުޑަކޮށް ހުންނަމީހުން އެމީހުންގެ ލޭގައި ހުންނަ ގުލްކޯޒުގެ މިންވަރު މައްޗަށްދަނީ ކެއުމާއި ގުޅިގެން އެކަންޏެވެ. ނުކައި ހުންނައިރު ލޭގައި ހުންނަ ގުލްކޯޒުގެ މިންވަރު ހުންނާނީ އާދައިގެ މީހެއްގެ ލޭގައި ވެސް ހުންނަ މިންވަރަށެވެ. ނުވަތަ އެމިންވަރާ ގާތްކުރާ ހިސާބެއްގައެވެ.

ހަކުރު ބަލި ހުރިތޯ ބެލުމަށް ލޭޓެސްޓް ކުރުމުގައި ހެދުނު ނާސްތާ ކުރުމުގެ ކުރިންނާއި، ނާސްތާ ކުރުމަށްފަހު، 2 ގަޑިއިރު ހަމަވާއިރު ލޭޓެސްޓްކުރަންޖެހެނީ މިސަބަބަށްޓަކައެވެ. އިންސިއުލިން އުފައްދައިދޭ މިންވަރު މާބޮޑަށް މަދުވެއްޖެނަމަ ނުކައި ހުންނައިރުވެސް ލޭގައި އެކުލެވިފައިވާ ގުލްކޯޒުގެ މިންވަރު ހުންނާނީ ވަރަށް ބޮޑަށް މަތީގައެވެ. ޅައުމުރުގައި ހަކުރު ބަލި ޖެހިއްޖެނަމަ އިންސިއުލިން އުފައްދައިދިނުން ވަރަށް ބޮޑަށް ދަށަށްދެއެވެ. ނަމަވެސް މެދު އުމުރުގެ ހަށިގަނޑު މާފަލަ މީހަކަށް ހަކުރު ބަލި ޖެހުނުނަމަވެސް، އިންސިއުލިން އުފައްދާ މިންވަރު އާދައިގެ މީހަކަށްވުރެ ގިނަވެދާނެ އެވެ. ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި ހަށިގަނޑު މާބޮޑަށް ފަލަވުމަކީ ހަކުރު ބަލި ޖެހުން ވަރަށް ކައިރިކަމެކެވެ.

މިފަދަ މީހުންގެ ހަށިގަނޑުގައި ބޭނުންވާ މިންވަރަށް އިންސިއުލިން އުފައްދައިދިން ކަމުގައި ވިޔަސް ހަށިގަނޑުގައިވާ ގުލްކޯޒުގެ މިންވަރު މައްޗަށް ހިނގައިދާނެއެވެ. މިގޮތަށް ދިމާވަނީ ހަށިގަނޑުގެ މާބޮޑަށް ފަލަވުމާގުޅިގެން ހަށިގަނޑުގައި އިތުރުވަމުންދާ ގުލްކޯޒުގެ މިންވަރު ހަމަހަމަކަމާއެކު ހިފެހެއްޓުމަށްޓަކައި، ޗިސްމޭއިން އުފައްދާ އިންސިއުލިނަށް މަސައްކަތް ނުކުރެވޭތީއެވެ. މިކަމުގެ އެންމެ ބޮޑު ސަބަބަކީ ހަށިގަނޑުގައި އިންސިއުލިންގެ ބާރު ފަތުރައިދޭ، ފުރަމޭގެ ރިސެޕްޓަރ ސެލްތަކުގެ ބޭރުގައި އިންސިއުލިން ގުޅައިދޭ ތަންތަން މަދުވުމުގެ ސަބަބުން، އިންސިއުލިނަށް އެ ސެލްތަކާ ގުޅިގެން ހަރަކާތްތެރިވެ ނޫޅެވޭތީއެވެ. އަދި ފަލަމީހުންގެ ހަށިގަނޑުން ގިނަ އަދަދަކަށް ރިސެޕްޓަރތައް ހަލާކުވަމުންދާތީއެވެ. މިކަމަށް ކިޔަނީ އިންސިއުލިން ރެސިސްޓެންޓްވުން ނުވަތަ އިންސިއުލިނަށް ނުގުޑުންއެވެ.

ހަކުރު ބަލި ޖެހިފައިވާ މީހުން އެމީހުންގެ ބަރުދަން ލުއިކުރުމުން ފުރަމޭގެ ރިސެޕްޓަރ ސެލްތަކުގައިވާ އިންސިއުލިން ގުޅޭ ތަންތަން އިތުރުވެ، ހަށިގަނޑުގައި އުފެދޭ އިންސިއުލިންގެ ހަރަކާތްތައް ރަގަޅަށް ހިނގަން ފަށައެވެ. އެކަމަށްޓަކައި ހަށިގަނޑުގެ ބަރުދަން އުމުރާގުޅޭ ރަގަޅު މިންގަނޑެއްގައި ހިފެހެއްޓުމަށް އަބަދުވެސް އިސްކަންދޭންވާނެއެވެ. ހަކުރު ބަލި ޖެހިފައިވާ ބައެއް މީހުން އެމީހުންގެ ހަށިގަނޑުގައި ފުދޭ މިންވަރަށް އިންސިއުލިން އުފައްދައިދީ، ރިސެޕްޓަރ ސެލްތަކުގައި އެކަށީގެންވާ މިންވަރަކަށް އިންސިއުލިން ގުޅޭ ތަންތަން ހުރިކަމުގައި ވިޔަސް، އަދި އެ ސެލްތަކާއި އިންސިއުލިން ގުޅުނު ނަމަވެސް، އެ ސެލްތަކަށް ލިބެންޖެހޭ ސިގްނަލް ނުލިބޭނަމަ، އެއީ ހަށިގަނޑުގައި ގުލްކޯޒުގެ ބައި އިތުރުވެގެން ހިނގައިދާނެ ކަމެކެވެ.

މީހެއްގެ ކުޑަކަމުދާ ނަޖިހުގައި އާދަވެގެން ގުލްކޯޒެއް ނުހުރެއެވެ. އަދި ހަކުރު ބަލިޖެހިފައިވާ މީހެއްގެ ކުޑަކަމުދާ ނަޖިހުގައިވެސް ބަލީގެ ކުރީކޮޅުގައި ގުލްކޯޒުގެ އަސަރު ނެތި ހިގައިދާނެ އެވެ. އެއީ ބަލީގެ ކުރީ ކޮޅުގައި ގުލްކޯޒުގެ ބައި ފުރަތަމަ އިތުރުވެގެންދާނީ ލޭގެ ތެރޭގައި ކަމަށްވާތީއެވެ. ކުޑަކަމުދާ ނަޖިހުގައި ހަކުރު ހުރިކަމަށް ދައްކާނީ ބަލިޖެހޭތާ ދުވަސްކޮޅެއް ފަހުންނެވެ. މިގޮތަށް ދިމާވަނީ ގުރުދާގެ މަސައްކަތުން ލޭގެ ތެރޭގައިވާ ގުލްކޯޒުގެ ބައި ބޭރުވިޔަނުދީ ހިފެހެއްޓިފައި ހުންނާތީއެވެ. ނަމަވެސް ލޭގައިވާ ގުލްކޯޒުގެ މިންވަރު ގާތްގަނޑަށް 200 މިލިގްރާމް އިންސައްތައަށްވުރެ މައްޗަށް ހިނގައްޖެނަމަ، ގުރުދާގެ މަސައްކަތް ބޭކާރުވެ، ގުރުދާގެ ތެރޭގައިވާ ގުލްކޯޒުގެ ބައި ކުޑަކަމުދާ ނަޖިހާއި އެކުވާގޮތް ވެއެވެ.

ހަކުރު ބަލިޖެހުމަށްފަހު ގިނަ ދުވަސްވުމުން ލޮލުގެ މައްސަލަތައް ދިމާވުމަކީ ވެދާނެ ގޮތެކެވެ. ހަކުރު ބައްޔާ ވިދިގެން ހަށިގަނޑު ތަފާތު ނާރުތަކަށް ގެއްލުން ލިބެއެވެ. މީގެ އިތުރުންވެސް، ހަކުރު ބަލި ޖެހުމުން ގުރުދާއަށް ގެއްލުންވުމާއި، ފައި ހަލާކުވުމާއި، ހަމުގެ ބަލިތައް ޖެހުން ފަދަ ކަންކަން ދިމާވެއެވެ.

ހަކުރު ބައްޔަށް ފަރުވާ ދިނުމުގައި ޑޮކްޓަރުންނާއި ސިއްހީ އެހީތެރިންގެ ލަޑުދަނޑިއަކަށްވާނީ، ލޭގެ ތެރޭގައިވާ ހަކުރުގެ މިންވަރު މައްޗަށް ދިޔަނުދީ އޭގެ އެންމެ ރަގަޅު މިންގަނޑުގައި ހިފަހައްޓައި ދެވޭތޯ ބެލުމެވެ. އަދި ހަކުރު ބައްޔާ ގުޅިގެން، ހަށިގަނޑަށް އަންނަ ބަދަލުތަކާ ކުރިމަތިވާ މައްސަލަތައް ހައްލުކޮށްދެވޭތޯ ބެލުމެވެ. މިގޮތުން ބަލާއިރު ބޭސްފަރުވާގެ ގޮތުގައި ބޭނުންކުރަމުން އަންނަނީ ގުޅަބޭސް އަދި އިންސިއުލިން އިންޖެކްޝަނެވެ.

ގުޅަބޭސް ބޭނުންކުރަންޖެހޭ ބަލިމީހުންގެ ފުރަތަމަ ފަރުވާއަކަށްވާނީ ބޭނުންކުރާ ކާނާގެ ބާވަތްތައް ކޮންޓްރޯލްކޮށް ހަކުރުގެ މާއްދާ ހަށިގަނޑުގައި އިތުރުނުވާނޭގޮތަކަށް ހަމަޖެއްސުމެވެ. ބޭސް ފަރުވާ ފަށާނީ މިގޮތުން ކާމިޔާބު ވާގޮތް ނުވެއްޖެނަމަ އެވެ. އިންސިއުލިން އިންޖެކްޝަން ބޭނުންވާ ހަކުރު ބަލީގެ މީހެއްނަމަ، ޖެހޭނީ މިއިންޖެކްޝަން ޖަހާށެވެ. ކޮންމެ ބާވަތެއްގެ ހަކުރު ބަލީގެ މީހެއް ނަމަވެސް މިބަލިޖެހިފައިވާކަން އެނގުމާއެކު ކެއުމާ ދިރިއުޅުމުގެ އާދަތަކަށް ބަދަލުގެނެސް ކަސްރަތުކުރުމާއި، ގަވާއިދުން ބޭސްފަރުވާ ކުރުމަށް އިސްކަންދޭންވާނެ އެވެ.

ހަކުރު ބަލީގެ ފުރަތަމަ ވައްތަރުގެ ފަރުވާ ހަކުރު ބަލީގެ ފުރަތަމަ ވައްތަރުގެ ފަރުވާގައި ހަކުރު ބަލި ކޮންޓްރޯލްކުރުމަށް ކުރެވޭ ކަންތައްތަކުގެ އިތުރުން އިންސިއުލިން އިންޖެކްޝަން ގަވާއިދުން ޖަހަން ޖެހޭނެއެވެ.

ހަކުރު ބަލީގެ ދެވަނަ ވައްތަރުގެ ފަރުވާ; މިވައްތަރުގައި ހަކުރު ބަލި ކޮންޓްރޯލްކުރުމަށް ކުރެވޭ އަމަލުތަކަށް ރަގަޅަށް ސަމާލުކަންދީ އެކަންތައްތައް ކުރުމުން ހަކުރު ބަލި ކޮންޓްރޯލް ކުރެވެއެވެ. އެގޮތުން ކޮންޓްރޯލް ނުކުރެވިއްޖެނަމަ ގުޅަ ބޭސް ބޭނުން ކުރަންޖެހޭނެއެވެ. އަދި ބައެއް ހާލަތްތަކުގައި އިންސިއުލިންވެސް ޖަހަން ޖެހިދާނެއެވެ. އެއީ ބޭހުން ހަކުރު ބަލި ކޮންޓްރޯލް ނުކުރެވުން، ނުވަތަ ނުރައްކާތެރި ޖަރާސީމެއް ހަށިގަނޑުގައި އަށަގަތުން ފަދަކަމެއް ދިމާވުމުންނެވެ.

- ކޮމެންޓް
14 ނޮވެންބަރ 2022 | ހޯމަ 20:24
ކަހްރަބު
އަޅުގަނޑަކީވެސް އުމުރުން 13އަހަރުން ފެށިގެން އިންސިއުލިން ބޭނުން ކުރަމުން އަންނަ މީހެކީމެވެ.ނަމަވެސް އުމުރުން ދުވަސް ވާވަރަކުން ހަކުރު ދައްވެ ގިނަ ދަތިތަކަކާ ވެސް ކުރިމަތިލާން ޖެހިފައިވަނީ އެގޮތުން އަޅުގަނޑުގެ އާއިލާގެ އެއްވެސް އެހީތެރިކަމެއް ނެތި އެކަނި ދިރިއުޅުމުގަވެސް މި ވޭންތަކައި ކުރިމަތިލާން ޖެހިފަ މިވަނީ ...މުޖުތަމައުގެ ހޭލުންތެރިކަން ކުޑަ ވުމުގެ ސަބަބުން ހަކުރު ދައްވެއްޖެ ހާލަތެއްގަ އެހީތެރި ވުމުގެ ބަދަލުގަ ލިބެމުން ދަނީ ބޮޑެތި އަނިޔާތައް އެހެންވީމަ އެބަޖެހޭ ހޭލުންތެރި ކުރުމުގެ ގޮތުން ހަރަކާތްތައް ކުރިޔަށް ގެންދަން....