ގއ.ދާންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ލުއައްޔު އިބްރާހީމް ފަނޑިޔާރުކަމުގެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.
އެކަމާ ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ، ގއ.ދާންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ލުއައްޔު އިބްރާހީމް 1 ނޮވެމްބަރ 2022 އިން ފެށިގެން ފަނޑިޔާރު ކަމުގެ މަޤާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
މިގޮތަށް އަލްއުސްތާޛު ލުއައްޔު އިބްރާހީމް ހުށަހަޅުއްވާފައިވަނީ، ކޮމިޝަނަށް ހުށަހެޅިފައިވާ ދެ މައްސަލައެއް ސާބިތުވެސް ވެފައިވަނިކޮށެވެ. އެއީ ގއ.ދާންދޫ މެޖިސްޓްރޭޓް ކޯޓުގައި ވަޒީފާ އަދާކުރި މުވައްޒަފަކަށް، ގއ.ދާންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛް ލުއައްޔު އިބްރާހީމް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުކޮށްފައިވާ މައްސަލައިގެ އިތުރުން، އިސްމެޖިސްޓްރޭޓް އަލްއުސްތާޛް ލުއައްޔު އިބްރާހީމް ކޯޓުގެ ރަސްމީ ގަޑީގައި ވިޔަފާރީގައި އަމަލީ ގޮތުން ހަރަކާތްތެރިވާ ކަމަށް ބުނާ މައްސަލައެވެ.
އެ ދެ މައްސަލަ ތަޙްޤީޤަށް ސާބިތުވުމާއި ގުޅިގެން ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ކޮމިޝަނުން ނިންމައި ރައްޔިތުންގެ މަޖިލީހަށް އެ މައްސަލަ އޮތީ ހުށައަޅާފައެވެ.
މީގެ އިތުރުންވެސް، އަލްއުސްތާޛު ލުއައްޔު އިބްރާހީމްގެ އިތުރު 1 ޝަކުވާކޮމިޝަނުން ސުލޫކީ މައްސަލައެއްގެ ގޮތުގައި ތަޚްޤީޤުކުރުމުންދެއެވެ. އެއީ، ދުވަހު ކުއްޔަށް މަސައްކަތަށް ނުކުމެ އުޅުއްވާކަމަށް ތުހުމަތުކުރައްވާ ހުށަހަޅާފައިވާ މައްސަލައެކެވެ.