ކ. މާލެ
|
23 ޖޫން 2017 | ހުކުރު 10:26
އައްޑޫ ސިޓީ އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު
އައްޑޫ ސިޓީ އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު
މުހައްމަދު ޝަރުހާން
އައްޑޫސިޓީގެ ތަރައްގީ
ރައީސް ޔާމީން ދެއްކެވި އެ ހުވަފެން!
 
ރައްޔިތުން ގުނބޯ ހެއްދުމުގައި ހަމަ މިވަރެއް ނެތް
 
ރިސޯޓް ތަރައްގީ ކޮށްދޭން ބުނި، އެކަމަކު ޑިޒައިން ވެސް ނުނިމޭ
 
10 އަަރުން ބޮލަށް ވެއްޓޭނެ ކަމަށް ބުނި ތަނުގައި ހޮސްޕިޓަލް އަޅަނީ

ރައީސް ޔާމީންގެ ސަރުކާރަށް މިހާރު ހަތަރު އަހަރު ވާން ކައިރިވެފައިވާއިރު އަދިވެސް ފެނިގެން މިދަނީ ވައުދުތައް ވަމުންދާ މަންޒަރެވެ. ބްރިޖާއި އުސްއިމާރާތްތަކުގެ އަމަލީ މަސައްކަތް ފެށުން ފިޔަވައި އިތުރު އެހެން މާ ބޮޑު މަޝްރޫއެއް ފެށިގެން ކުރިއަށްދާ ކަމަށް ގަބޫލުކުރާ ރައްޔިތުން ވަރަށް މަދެވެ. ޚާއްސަކޮށް އައްޑޫ ސިޓީގެ ރައްޔިތުންނަށް ހުވަފެންދެއްކުން ވަނީ އާންމުވެފައެވެ. ރައީސް ޔާމީންގެ ސަރުކާރުން އައިފަހުން އައްޑޫ ސިޓީގެ ރައްޔިތުންނަށް ހުވަފެން ދެއްކި ގޮތުގެ ވާހަކައަކީ މިކަހަލަ ކުޑަ ރިޕޯޓަކުން ބަޔާން ކުރެވޭނެ ވާހަކަތަކެއް ނޫނެވެ.

އައްޑޫ ސިޓީގެ އިސްމެހެލަހެރެގައި ޓޫރިސްޓު ރިސޯޓެއް ތަރައްގީކުރަން ޚިޔާލީ ކުރެހުންތަކަކާ އެކު މީގެ ދެ އަހަރު ކުރިން ވަނީ އިފްތިތާހުކޮށްފަ އެވެ. މާލޭގައި ބޮޑު ރަސްމިއްޔާތެއް ބާއްވައި ދައުލަތުގެ ޓީވީން ލައިވްކޮށްގެން އެ ކުލަގަދަ ހަފްލާ ބޭއްވިތާ އެތައް ދުވަހެއް ފާއިތުވެގެން ގޮސްފައިވާއިރު އެ މަސައްކަތް އަދިވެސް ނުފެށެއެވެ. ޓޫރިޒަމް މިނިސްޓަރު ކަމަށް ވަޑައިގަތުމަށް ފަހު މޫސާ ޒަމީރު އައްޑޫ ސިޓީ އަށް ވަޑައިގެން ވިދާޅުވެފައި ވަނީ އިސްމެހެލަ ހެރެގެ ޑިޒައިނަށް ބަދަލުތަކެއް ގެންނަ ވާހަކައެވެ. އެކަމާ ގުޅިގެން ބޭރުގެ އިންވެސްޓަރަކު ރާއްޖެ ގެނެސް އެ އިންވެސްޓަރަށް އެތަން ދައްކާލާފައިވާނެ ކަމަށެވެ. މީގެ ކުރިން އެކަން އިފްތިތާހުކުރި އިރު ދެން މިހީވަނީ އިއްޔެއަކު މިއަދަކު މަސައްކަތް ފެށިދާނެ ހެންނެވެ. ނަމަވެސް މިއަދު މިވަނީ އަނެއްކާ ކުރީގެ ޑިޒައިނަށް ބަދަލުގެނެސް އަނެއްކާ އަލުން އެކަން އިފްތިތާހުކުރުމާ ހިސާބަށް ގޮސްފައެވެ.

ފާއިތުވި ސަރުކާރުތަކަށް ކަންކަން ނުކޮށްދެވޭ ވާހަކަދައްކަމުން އައީ ރައީސް ޔާމީނެވެ. އެމަނިކުފާނުގެ ވަޒީރުންނެވެ. ފަސް އަހަރުގެ ދައުރު ހަމަނުވަނީސް ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުކޮށްފައިވާއިރު ވެސް، މިއަދު އެ ވިދާޅު ވަނީ އައްޑޫ ސިޓީގެ ހަންކެނޑެގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރާނެ ކަމަށް ބުނެ އެމަނިކުފާނު އައްޑޫ ސިޓީގެ ރައްޔިތުންނަށް ހުވަފެންދެއްކެވި ކަމަށެވެ. ރައްޔިތުންގެ ތަރައްގީއަށްޓަކައި މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް އެމަނިކުފާނުގެ ވެރިކަން ބަދަލުކުރުމަކީ، އެއީ އެމްޑީޕީން އައްޑޫ ސިޓީގެ ރައްޔިތުންނަށް ހުވަފެން ދެއްކުންތޯއެވެ. ރައީސް މުހައްމަދު ނަޝީދު އައްޑޫ ސިޓީގެ ރައްޔިތުންނަށް ހުވަފެން ދެއްކުންތޯއެވެ.

ކޮންމެއަކަސް ކަންކަން ނުކުރެވުމުގެ އިލްޒާމް އެމްޑީޕީ އާއި ރައީސް ނަޝީދުގެ ބޮލުގައި އެޅުވުމަށް ފަހު ކަންކަމުން ރެކިވެވަޑައިގަންނަވާއިރު، ވެރިކަމަށް ހަތަރު އަހަރުވެގެންދިޔައިރު ހަންކެނޑެ ތަރައްގީކުރަން ބަޔަކާ ހަވާލުނުކުރީ ކީއްވެތޯއެވެ؟ އެމްޑީޕީން އެކަމަށް ހުރަސް އެޅީތޯއެވެ؟ ރައީސް މުހައްމަދު ނަޝީދު އެކަމަށް ހުރަސްއެޅުއްވީތޯއެވެ؟ މަޖިލީހުގެ މެޖޯރިޓީ އޮތީ ރައީސް ޔާމީންގެ އަތްޕުޅުގައި ނޫންތޯއެވެ. ރައީސް މުހައްމަދު ނަޝީދު އޮތީ ރައީސް ޔާމީން ބޭނުންވި ގޮތަށް ޖަލަށްލާފައި ނޫންތޯއެވެ.

އިސްމެހެލަ ހެރެ އާއި ހަންކެނޑެގައި ޓޫރިސްޓު ރިސޯޓެއް ތަރައްގީ ކުރާނެ ކަމަށް ބުނެ ރައްޔިތުންނަށް ހުވަފެން ދައްކަނީ އެވެ. ރައްޔިތުން ގުނބޯ ހައްދަނީއެވެ. ރައްޔިތުންނަށް އެ އޮޅުވާލަނީ ފަތުރުވެރިކަމުގެ ދާއިރާއިން އެކަންޏެއް ނޫނެވެ. ސިއްހީ ދާއިރާ އިން ވެސް ރައްޔިތުންނަށް އޮޅުވާލަނީއެވެ.

އައްޑޫ ސިޓީއަކީ ރެކޯޑު އަދަދަކަށް ރާއްޖޭގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގަމުން އަންނަ ސިޓީއަކަށްވާއިރު، އެ ސިޓީގެ ހިތަދޫ ރީޖިނަލް ހޮސްޕިޓަލަކީ އެންމެ އެކަށޭނަ ފަރުވާ ދެވޭގޮތަށްހުރި ތަނެއް ނޫނެވެ. އެކަމުގެ އެންމެ ބޮޑު އެއް ހެއްކަކީ އެކްސިޑެންޓެއްގައި އަނިޔާ ލިބުނު މީހަކު އެ ހޮސްޕިޓަލްގައި އެޑްމިޓްކުރާއިރަށް މާލެ ފޮނުވާލަނީ އެވެ.

މިކަން ހައްލުކުރުމަށްޓަކައި އައްޑޫ ސިޓީގައި 100 އެނދުގެ ހޮސްޕިޓަލެއް އަޅާނެ ކަމުގެ ހުވަފެން ސަރުކާރު އަދިވެސް އަންނަނީ ދައްކަމުންނެވެ. އެންމެ ފަހުން ހޮސްޕިޓަލް ހަދަން ނިންމީ ސާކްސަމިޓަށްޓަކައި ރައީސް ނަޝީދުގެ ސަރުކާރުން އިމާރާތް ކުރި އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ހައެވެ.

އައްޑޫ ސިޓީ ހިތަދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރާ އެކު އެތަން ހިމެނޭ ސަރަހައްދު ޓޫރިޒަމާ ގުޅުވައިގެން ތަރައްގީ ކުރެވޭނެ ކަމަށެވެ. އެއީ މާޒީއެވެ. ފަލްސަފާއެވެ. މިހާރު މަންޒަރު ބަދަލުވެ ރައީސް އަބްދުﷲ ޔާމީންގެ ވިސްނުންފުޅު ހުރީ އީސީސީ ހޮސްޕިޓަލަކަށް ބަދަލުކުރުމަށެވެ. އެ ބަދަލު ގެނެވެނީ ރައްޔިތުންގެ ރުހުމުގައިތޯ ނުރުހުމުގައިތޯ އެއީ މުޅިން އެހެން ވާހަކައެކެވެ.

ޔަޤީންވާ ކަމަކީ ވަކި ބޭނުމެއްގައި ބިނާކުރި ތަނެއް ހޮސްޕިޓަލަކަށް ބަދަލުކުރަން ޖެހުނު ސަބަބާ މެދު ގިނަ ބަޔަކު ސުވާލު އުފައްދަން ފެށި ކަމެވެ. ހޮސްޕިޓަލް އަޅަން ވަކި ބިމެއް ޚާއްސަކޮށްފައި ވަނިކޮށް އީސީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ޖެހުނު ސަބަބާ މެދު ގިނަ ބަޔަކު ސުވާލު އުފައްދަން ފެށުމުން ސަރުކާރުން އޭގެ ޖަވާބު ވެސް ދިނެވެ.

އީސީސީ އިން އައްޑޫގެ އިޤްތިސާދަށް ފައިދާތަކެއް ނުކުރާނެ ކަމަށް ބުނެއެވެ. ކޮންވެންޝަން ސެންޓަރަކުން އައްޑޫއަށް ލިބޭނެ ފައިދާއެއް ނެތްކަން ވިސްނައިދެވޭތޯ ސަރުކާރުން މަސައްކަތް ފެށީ 2013 ވަނަ އަހަރުން ފެށިގެންނެވެ. ރައްޔިތުންގެ ލޯމަތީގައި އެތަން "ވީރާނާ" ކޮށްލަން ދޫކޮށްފައި ބެހެއްޓީ، އީސީސީން އައްޑޫއަށް ކުރާނެ ފައިދާއެއް ނެތްކަން ވިސްނައިދޭން ކަމަށް ބުނުމުގެ ފުރުސަތު އެބައޮތެވެ.

އައްޑޫގައި 2011 ވަނަ އަހަރު ސާކް ސަމިޓް ބޭއްވި ދުވަސްވަރަކީ، ފަހުގެ ތާރީޚެއްގައި އައްޑޫގެ ރައްޔިތުންގެ އަތްމަތި އެންމެ ތިޔާގިވި ދުވަސްވަރެވެ. ސާކް ސަމިޓާ ދިމާކޮށް ފައިދާ ނުލިބޭ މީހަކު އައްޑޫގައި ނެތޭ ބުނުމަކީ ގޯހަކަށް ނުވާނެއެވެ. ސާފު ބޯފެނާއި ނަރުދަމާގެ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތުގެ ބިންގާ އެޅުނީ އީސީސީގެ ބިންގަލާއި އެކުގައެވެ. ތާރު އަޅައިގެން މަގުތަކެއް ހަދައި ބަނދަރުތައް ހަދަން ފެށުނީ ސާކް ސަމިޓަށް އީސީސީ ބިނާކުރަން ފެށުމާ އެކުގައެވެ. އެކަމަށް އައްޑޫގެ ރައްޔިތުން ދެބަހެއް ނުވާނެއެވެ.

ކޮންމެއަކަސް އީސީސީން އައްޑޫގެ އިގްތިސާދަށް ފައިދާ ކުރާނެ ކަމެއް ނުފެންނާތީ ސަރުކާރުން އެތަން ބަދަލުކުރަން ނިންމީ ހޮސްޕިޓަލަކަށެވެ. އެވެސް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ނުހޯދައި ނިންމި ނިންމުމެކެވެ. އެއީ ގަމުގައި ހުންނަ އީކުއޭޓާރ ވިލެޖްގައި އައްޑޫގައި ތިބި ޕީޕީއެމްގެ އެކްޓިވިސްޓުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި ދެކެވުނު ވާހަކައެކެވެ. އެވާހަކަ މީޑިޔާތަކަށް ތިލަވީ އޭގެ ދުވަސްތަކެއް ފަހުންނެވެ.

ދިހަ އަހަރު ދުވަހުން ބޮލަށް ވެއްޓިދާނެ ކަމަށާއި، އަޑިއަށް ހިނގައިދާނެ ކަމަށް އަދި ފެންވަރު ދަށް އިމާރާތެއް ކަމަށް ބުނެ ވާހަކަ ދެއްކި ފަރާތްތަކުން މިއަދު އީސީސީއަކީ ރަންގަނޑަކަށްވެ އެތަން ހޮސްޕިޓަލަކަށް ތަރައްޤީ ކުރަން ފެށުމަކީ، ހައިރާންކުރުވަނިވި ކަމެކެވެ.

ބިންބޮޑު އަދި ގިނަ ރަށްތައް ގުޅިފައިވާ އައްޑޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް ވެސް އޮވެފައި، ކޮންވެންޝަން ސެންޓަރަކުން އިޤްތިސާދީ ނަފާއެއް ނުލިބޭނެ ކަމަށް ސަރުކާރަށް ޤަބޫލުކުރެވުނީ ކީއްވެގެން ހެއްޔެވެ؟ އެއީ ވަކި މީހެއްގެ ވެރިކަމުގައި ބިނާކުރި ތަނަކަށް އީސީސީ ވުމުން ހެއްޔެވެ؟ ނަޝީދުގެ ވެރިކަމުގައި ބިނާކުރި ކަމުގައި ވިޔަސް އީސީސީ އަޅާފައި ވަނީ ދިވެހި ދައުލަތުގެ ފައިސާއިންނެވެ. ރައްޔިތުންގެ ފައިސާއިންނެވެ. ކޮންމެއަކަސް ރައްޔިތުންނަށް ހުވަފެން ދެއްކުމަށް މަނިކުފާނަށް ދެން މާ ގިނަ ދުވަހެއް ނެތެވެ. ވަގުތު ފާއިތުވުމުގެ ކުރިން ތި ދެއްކެވި ހުވަފެންތަކުގައި ކުލަ ޖެއްސޯތޯ ބައްލަވާށެވެ. ވެރިކަން ދިފާއު ކުރެއްވުމަށް ތި ކުރައްވާ މަސައްކަތް ފަހަރެއްގައި ކާމިޔާބުވެދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް