ކ. މާލެ
|
19 އޮކްޓޯބަރ 2022 | ބުދަ 10:41
ސިޓީ ކައުންސިލުން ގަހާއި އެއަށް ބޭނުންވާ ސާމާނު ވިއްކަން ހުޅުވި ފިހާރަ
ސިޓީ ކައުންސިލުން ގަހާއި އެއަށް ބޭނުންވާ ސާމާނު ވިއްކަން ހުޅުވި ފިހާރަ
މާލެ ސިޓީ ކައުންސިލް
މަގޭ ރިޕޯޓް
ކުދި ވިޔަފާރިތަކަށް ފައިން އަރާ ސިޓީ ކައުންސިލު މެޑަލް ޖެހުމުގައި
 
ގަސް ވިއްކުމުގެ ވިޔަފާރި ފެށީ ގަވާއިދާ ހިލާފަށް
 
ގަސް ވިއްކާ ވިޔަފާރިން ފަށައިގެން ކޮފީ ޝޮޕްތައް ވެސް މުއިއްޒުއަށް ބައި އަޅާގޮތަށް ހިންގާ ކަމުގެ ތުހުމަތު ކުރޭ

ކޮވިޑްގެ ވަބާއިން އަރައިގަނެ ކުދި ވިޔަފާރިތައް ކޮޅަށް ޖެހުމަށް އެ ވިޔަފާރިތަކުން އަންނަނީ ރެއާއި ދުވާލު މަސައްކަތް ކުރަމުންނެވެ. އެއްލާރި ދެ ލާރިއަށް ހަދާ އެ މަސައްކަތް ކުރަން އެތައް ބަޔަކު މަސައްކަތް ކުރަމުން އަންނަ އިރު، ސަރުކާރުން އަންނަނީ އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ހުއްޓިފައިވާ ވިޔަފާރިތަކާއި ގެއްލުން ލިބުނު ވިޔަފާރިތައް ކޮޅަށް ޖެހުމަށް އެކި ކަހަލަ މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މިއިން އެއް ބަޔަކީ ގަސް ވިއްކާ ފަރާތްތަކެވެ. ކޮވިޑްގައި ލިބުނު ގެއްލުމުން އަރައިގަތުމަށް މަސައްކަތް ކުރަމުން އަންނަ އިރު އެ ފަރާތްތަކަށް މާލެ ސިޓީން ދިނީ ވަރަށް ވެސް ބޮޑު ހަދިޔާއެކެވެ. އެމީހުންގެ ވިޔަފާރިއަށް ފައިން އަރާ އެ ވިޔަފާރިތައް ފުނޑާލުމަށް ކުރަމުން އަންނަ މަސައްކަތެވެ.

މާލޭގައި ގަސް ވިއްކާ ފަރާތްތަކާއި، ގަހަށް ބޭނުންވާ ތަކެތީގެ އެކި ކަހަލަ ވިޔަފާރިތައް ކުރަމުން އަންނަނީ މަދު ބައެކެވެ. އަދި މި ވިޔަފާރިތަކަކީ އެ ވިޔަފާރި ކުރާ މީހުންނާއި އެމީހުންގެ އާއިލާގެ ހަރަދު ބަރަދު ބަލަހައްޓަން އާމްދަނީ ހޯދާ މަގެވެ. ދަނޑުވެރިކަމުގެ ބާވަތްތަކުން ޑިއުޓީ ކުޑަކޮށް ވިޔަފާރި ވަރުގަދަކުރުމަށް ސަރުކާރުން ވެސް އެހީތެރިކަން ފޯރުކޮށްދިނީއެވެ.

ނަމަވެސް މިއަދު ފެންނަނީ އެހެން މަންޒަރެކެވެ. އެކަމުގެ ފައިދާ ނަގައިގެން ސީޓި ކައުންސިލުން އެ މަސައްކަތް ފުޅާ ދާއިރާއެއްގައި ހުއްދަ ނުނަގާ ފެށުމެވެ. މިއީ ތަނެއްގެ ބެލެނިވެރި ފަރާތުން ކުރާނެ ކަމެއް ނޫނެނެވެ. އަދި ރައްޔިތުންގެ ވިޔަފާރީގެ ތެރެއަށް ވަދެގަތުމަކީ ވެސް ކައުންސިލްތަކުން ކުރާނެ ކަމެއް ނޫނެނެވެ.

ލާމަރުކަޒީ ގާނޫނުގެ ތެރެއިން ވިޔަފާރި ކުރުމުގެ ހުއްދަ ކައުންސިލްތަކަށް ލިބިފައިވެއެވެ. އަދި އެކަން ކުރެވޭނެއެވެ. ނަމަވެސް ކައުންސިލުން ކުރާ ވިޔަފާރިއަކީ ދެން އެ ވިޔަފާރިއެއް ކުރަން ތިބޭ މީހުންނަށް އެކަމުގައި ގެއްލުންވާ ވިޔަފާރިއަކަށް ވެގެން ނުވާނެއެވެ. ނަމަވެސް އެކަމަށް ވިސްނާލުމެއް ނެތި ސިޓީ ކައުންސިލުން ގަވާއިދާ ހިލާފަށް ގަހާއި، ގަހާއި ގުޅުން ހުރި ސާމާނުގެ ވިޔަފާރި ފެށުމަކީ ދެން ތިބި ވިޔަފާރިވެރިންގެ ވިޔަފާރިތަކަށް އޮތް ގޮންޖެހުމެކެވެ.

ޤާނޫނާއި ގަވާއިދުގައި ބުނެފައިވާ ގޮތުގައި އެއްވެސް ކައުންސިލަކަށް ވިޔަފާރިއެއް ކުރެވޭނީ ލޯކަލް އޮތޯރިޓީ ކުންފުންޏެއް ރަޖިސްޓްރީ ކޮށްގެން ކަމަށެވެ. ނަމަވެސް މިހާތަނަށް އިކޮނޮމިކް މިނިސްޓްރީގެ ރެޖިސްޓްރޭޝަން ޑިޕާޓްމަންޓުގައި އެފަދަ އެއްވެސް ކުންފުންޏެއް މާލެ ސިޓީ ކައުންސިލުން ރަޖިސްޓްރީކޮށްފައެއް ނުވެއެވެ.

ސިޓީ ކައުންސިލުން މިފަދަ ޖެއްސުން އެތައް ބަޔަކަށް އަންނަނީ ކުރަމުންނެވެ. މީގެ ތެރެއިން އެއް ބަޔަކީ މަސްވެރިންނެވެ. މަސްވެރިން ބާނާ މަސް ވިއްކުމަށް މަސް މާރުކޭޓުގައި މަސް ވިއްކާ އަށިތައް ވެސް ސިޓީ ކައުންސިލުން ރުހޭ ފަރާތްތަކަށް ދީފައި އެބަހުއްޓެވެ. މަސްވެރިންނަށް އެތަނުން ލިބިފައި ހުރީ ތަންކޮޅެއް އެތެރޭގައި ހުރި އަށިތަކެކެވެ. މާލެ ސިޓީގެ މޭޔަރާއެކު ޑީލްތައް ހެދި ފަރާތްތަކަށް މަސް މާރުކޭޓަށް ވަންނަ އިރު ހުރި އަށިތައް ބައި އަޅައިގެން ވަނީ ދޫކޮށްފައެވެ.

މާރުކޭޓްގެ ގޮޅިތަކުގެ މައްސަލަ ވެސް އޮތީ މިހެންނެވެ. ގުރު ނެގުމުގެ ނަމުގައި ޕާޓީގެ ކުދިންކޮޅަށް ގޮޅިތައް ވަނީ ބަހާލާފައެވެ. އެތަނުގައި 20 އަހަރު ވަންދެން ވިޔަފާރި ކުރި މީހާ ގޮޅިއަކަށް ޝަރުތު ފުރިހަމަ ނުވެ، ރަށުގައި ހުރެގެން ބިދޭސީން ލައްވާ ވިޔަފާރި ކުރާ މީހާއަށް ގޮޅިތައް ދީފައި އެބަހުއްޓެވެ. ބިދޭސީންގެ މައްސަލައިގައި ސިޓީ ކައުންސިލުން މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމުގެ ޝަކުވާ އަކީ މާރުކޭޓުގައި ތިބި ދިވެހި ވިޔަފާރިވެރިންގެ އެންމެ ބޮޑު އެއް ޝަކުވާއެވެ.

އަނބު މޫސުމުގައި އަނބު ވިއްކާ ފަރާތްތަކަށް ކިރިޔާ ވެސް ހިޔަލެއް ލިބެން އޮންނަނީ ލޯކަލް މާރުކޭޓުގެ ގަސްތަކާ ދިމާލުންނެވެ. ނަމަވެސް ކަޓު ނެގޭ ގޮތަށް އެތަން ވަނީ ކޮފީ ޝޮޕެއް ހުޅުވަން ކުއްޔަށް ދީފައެވެ. މިހެން ގޮސް ލިސްޓު ވަރަށް ދިގެވެ. މިއަދު ރައްޔިތުންގެ ސުވާލަކީ ތޮއްޖެހިފައިވާ މާލެ ސިޓީގެ ރައްޔިތުންގެ ވިޔަފާރިތަކަށް އަތް ބާނަން ސިޓީ ކައުންސިލުން މަސައްކަތް ކުރާއިރު ވިސްނާލުމެއް ވެސް ނެތީ ބާވައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް