ކ. މާލެ
|
30 ޖުލައި 2022 | ހޮނިހިރު 18:52
ރަށެއްގައި ގާއިމްކޮށްފައިވާ ފެން ޕްލާންޓެއް
ރަށެއްގައި ގާއިމްކޮށްފައިވާ ފެން ޕްލާންޓެއް
ރާއްޖެއެމްވީ
ބޯފެން ލިބުމުގެ މައްސަލަ
އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ބޯފެނުގެ މައްސަލައަށް ހައްލު ލިބިގެންދާނެ
 
ރަށްރަށުގައި ފެނުގެ ވިއުގަތައް ގާއިމްކުރުމާއި، ވާރޭފެން ރައްކާކުރާ ނިޒާމުތަކުގެ ކެޕޭސިޓީ އިތުރުކުރުމާއި، އާރްއޯ ޓެކްނޯލޮޖީގެ އެހީގައި ޕްލާންޓުތައް ގާއިމުކުރުމުގެ މަސައްކަތްތައް ކުރަމުންދޭ
 
ވާރޭފެން ރައްކާކުރާ ނިޒާމް ގާއިމްކޮށްފައިވާ ބައެއް ރަށްރަށުގައި އެ ނިޒާމްތައް އެންމެ އެކަށީގެންވާ ގޮތުގައި ބަލަހައްޓާފައެއްނުވޭ

ދިވެހިރާއްޖެއަކީ 1192 ރަށުގެ މައްޗަށް އެކުލެވޭ ކުދި އަދި ތިރި ޖަޒީރާ ރަށްތަކެއްގެ ގޮތުގައި، ގުދުރަތީ 26 އަތޮޅުގެ މައްޗަށް އެކުލެވިގެންވާ ގައުމެކެވެ. އުތުރުން ދެކުނަށް ދިގުމިނުގައި ގާތްގަނޑަކަށް 820 ކިލޯމީޓަރު ހުރި، އިންޑިޔާ ކަނޑުތެރޭގައިވާ ގައުމެކެވެ. ދިވެހިރާއްޖޭގެ އާބާދީގެ ގޮތުގައި 407،660 މީހުން، 20 އިދާރީ ދާއިރާގެ މައްޗަށް އެކުލެވޭ 188 ރަށުގައި ދިރިއުޅެމުން ދާކަން، 2014 ވަނަ އަހަރުގެ ބޯހިމެނުމުން ދައްކައެވެ.

މި ހުރިހައި ރަށްތަކަކީވެސް ކަނޑުގެ ސަތަހަ (ސީ ލެވެލް) އަށްވުރެ އެވްރެޖްކޮށް 1.5 މީޓަރު އުސްމިން ހުންނަ ރަށްތަކެކެވެ. ދިވެހިރާއްޖޭގެ ގިނަ ރަށްރަށުގައި ބިމުން ނަގާ މީރު ފެންފަށަލައިގެ ބޭނުން 20 ވަނަ ގަރުނު ފެށުމާ ހަމައަށް ބޭނުންކޮށްފައިވަނީ ބުއިމަށާއި ކެއްކުމަށާއި އަދި ގޭތެރޭގައި ކުރަންޖެހޭ ޒަރޫރީ ކަންތައްތަކަށެވެ. ގިނަ ރަށްރަށުގައި ގުދުރަތީގޮތުން އުފެދިފައިވާ މީރު ފެން ފަށަލައަކީ ވަރަށް ތުނި ފަށަލައެއްކަމަށްވެފައި، ރަށްރަށުގެ އާބާދީ އިތުރުވެ ފެން ބޭނުންކުރާ މިންވަރު އިތުރުވުމާއި، ފެންފަށަލައަށް ގެއްލުންވާފަދަ ކެމިކަލާއި ނަޖިހާއި ނަޖިސް ފެން ބިމަށް ދޫކުރުމުގެ ސަބަބުން، ގިނަ ރަށްރަށުގައި ބިމުގެ ފެން ފަށަލަ ވަނީ ބޭނުންނުކުރެވޭވަރަށް ތަޣައްޔަރުވެފައެވެ.

ނެޝަނަލް ބިއުރޯ އޮފް ސްޓެޓިކްސްގެ 2014 ވަނަ އަހަރުގެ ތަފާސްހިސާބު ތަކުން ދައްކާގޮތުގައި; ދިވެހިރާއްޖޭގެ އާބާދީގެ 87 އިންސައްތަ މީހުން ބުއިމަށް ބޭނުންކުރަނީ ވާރޭފެނެވެ. އަތޮޅުތެރޭގެ ގިނަ ބަޔަކު ބުއިމަށާއި ކެއްކުމަށް ވާރޭފެން ބޭނުންކުރަމުން ދަނީ ގޭގޭގައި ބަހައްޓާފައިވާ ފެންތާނގީތަކުންނާއި ރަށުގައި ގާއިމްކޮށްފައިވާ އިޖްތިމާއީ ފެންތާނގީތަކުންނެވެ. ދިވެހިރާއްޖެއަށް 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާއާގުޅިގެން، ވާރޭފެން ރައްކާރުމަށްޓަކައި މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް 2500 ލީޓަރުގެ ކަޅުހަމެއް ފޯރުކޮށްދީފައެވެ.

ހޫނު މޫސުމާ ގުޅިގެން، ގޭބިސީތަކުގައި ވާރޭފެން ރައްކާކުރުމަށް ބަހައްޓާފައިވާ ތާނގީތަކުން ފެން ހުސްވުމުން، އާންމު ފަރާތްތައް ބަރޯސާވަނީ ރަށުގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ އިޖްތިމާއީ ތާނގީތަކަށެވެ. އެގޮތުން، ގިނަ ރަށްރަށުގެ ތާނގީތަކުގައި ފެން ރައްކާކުރެވިފައި ހުންނަނީ އާބާދީއަށް ބޭނުންވާވަރަށްވުރެ މަދުންކަން ފާހަގަކުރެވެއެވެ. ރަށްރަށުގައި ގާއިމުކޮށްފައިވާ އިޖުތިމާއީ ފެންތާނގީތައް އާންމުގޮތެއްގައި ބޭނުންކުރަމުންދަނީ ގޭގެއަށް ބޭނުންވާ ބޯފެން ނެގުމަށާއި އެރަށެއްގެ އިގުތިސާދީ (މަސްވެރިކަންކުރާ ފަރާތްތަކާއި ދަނޑުވެރިކަންކުރާ ފަރާތްތަކުގެ) މަސައްކަތްތަކަށެވެ.

2005 ވަނަ އަހަރުން ފެށިގެން އިރުވައި މޫސުމާގުޅިގެން ފެން ލިބުން ދަތިވެފައިވާ ރަށްރަށަށް ސާފު ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. އެގޮތުން، ރަށްރަށުގައި ފެނުގެ ވިއުގަތައް ގާއިމްކުރުމާއި، ވާރޭފެން ރައްކާކުރާ ނިޒާމުތަކުގެ ކެޕޭސިޓީ އިތުރުކުރުމާއި ރިވާރސް އޮސްމޯސިސް (އާރްއޯ) ޓެކްނޯލޮޖީގެ އެހީގައި ޕްލާންޓުތައް ގާއިމުކުރުމުގެ މަސައްކަތްތައް ކުރަމުންގޮސްފައިވެއެވެ.

ފެން ފޯރުކޮށްދިނުމުގެ މަސައްކަތް 2005ން ފެށިގެން 2016 ވަނަ އަހަރާ ހަމައަށް ކުރަމުން ގެންގޮސްފައިވަނީ ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރު މެދުވެރިކޮށް، ފެން ފޯރުކޮށްދޭނެ ފަރާތެއް ބީލަން އުސޫލުން ހޮވައި އެފަރާތްތައް މެދުވެރިކޮށެވެ. މި މަސައްކަތް 2017 ވަނަ އަހަރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުގެ މެންޑޭޓަށް ބަދަލުކުރެވުނެވެ. ޔުޓިލިޓީ ކުންފުނިތަކުން ހޫނު މޫސުމުގައި ފެނަށް ޖެހޭ ރަށްރަށަށް ފެން ފޯރުކޮށްދޭނެ ގޮތާއި، މިކަމަށް ހިނގާނެ ޚަރަދާއި، ޔުޓިލިޓީތަކަށް މި މަސައްކަތް ކުރަން ފެންނަ އެންމެ އެކަށީގެންވާ ގޮތްތައް ހިމެނޭ ޕްރޮޕޯސަލެއް ހުށަހެޅުމަށް ހުރިހާ ޔުޓިލިޓީ ތަކަށް ފުރުސަތު ދެވެއެވެ.

ދިވެހިރާއްޖެއަކީ އެހެން ގައުމުތަކާ ޚިލާފަށް 2 މޫސުން (އިރުވައި އަދި ހުޅަނގު) ތަޖްރިބާކުރާ ގައުމެކެވެ. އިރުވައި މޫސުމުގައި ވާރޭވެހުން މަދުވެ، އިރުވައި މޫސުން ދިގުލައިގެން ދިއުމާގުޅިގެން ކޮންމެ އަހަރަކުވެސް ރާއްޖޭގެ ބައެއް ރަށްރަށުން ބޯފެން ހުސްވުމުން އެ ރަށްރަށަށް ސަރުކާރުންދަނީ ބޯފެން ފޯރުކޮށްދެމުންނެވެ. 2005 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް އަތޮޅުތެރޭގެ ގިނަ ރަށްރަށުން ފެން ލިބުން ދަތިވުމާއެކު، ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރު (އެންޑީއެމްސީ) މެދުވެރިކޮށް ފެން ފޯރުކޮށްދީފައިވެއެވެ.

2017 ވަނަ އަހަރުން ފެށިގެން އެންޑީއެމްސީން، ފެން ފޯރުކޮށްދިނުމާ ގުޅިގެން ކުރަމުންދިޔަ މަސައްކަތްތައް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުގެ ދަށަށް ބަދަލުކުރެވި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ކޮންމެ އަހަރަކުވެސް ފެން ފޯރުކޮށްދެމުންދާއިރު، 2005ން 2020 ވަނަ އަހަރާ ހަމައަށް ފެން ފޯރުކޮށްދީފައިވާ މިންވަރު އިތުރުވެފައިވެއެވެ. އެގޮތުން، މޫސުމީ ބަދަލުތަކުގެ ސަބަބުން އެކި އަހަރުތަކުގައި ފެނަށްޖެހޭ ރަށްރަށުގެ އަދަދާއި މިންވަރު ތަފާތުވުމުގެ ސަބަބުން، އެކި އަހަރުތަކުގައި ފެން ފޯރުކޮށްދެމުންދާ މިންވަރު ބަދަލުވަމުން ގޮސްފައިވެއެވެ.

އެހެންނަމަވެސް، އާންމު ގޮތެއްގައި އެވްރެޖްކޮށް 3168 ޓަނުގެ ފެން ކޮންމެ އަހަރަކު އަތޮޅުތެރޭގެ އެކި ރަށްރަށަށް ފޯރުކޮށްދީފައިވާކަމާއި، މި މުއްދަތުގެ ތެރޭގައި އެންމެ ގިނައިން ފެން ފޯރުކޮށްދިންކަމަށް ރިކޯޑްކުރެވިފައިވަނީ 2009 ވަނަ އަހަރުގައިކަމާއި، އެ އަހަރު 7469 ޓަނުގެ ފެން ފޯރުކޮށްދީފައިވާކަން ފާހަގަކުރެވުނެވެ. މީގެ އިތުރުން، 2011، 2016، 2019 އަދި 2020 ވަނަ އަހަރު ފެން ފޯރުކޮށްދިން މިންވަރު އެވަރެޖް މިންވަރަށްވުރެ އިތުރުކަން ތަފާސްހިސާބުތަކުން އެނގެއެވެ.

ހޫނުމޫސުމާގުޅިގެން ދިމާވާ ފެނުގެ މައްސަލަ ހައްލުކުރުމަށް އަމަލުކުރަމުން ގޮސްފައިވާ ގޮތަކީ ޓާގެޓް ވަކި ރަށްތަކެއްގައި ފެން ރައްކާކުރާ ނިޒާމް ގާއިމްކުރުމާއި ފެން ޕްލާންޓް ގާއިމްކުރުމުގެ މަސައްކަތްކުރުމެވެ. އެހެންނަމަވެސް ހުރިހާ ރަށެއްގައި ފެނުގެ ވިއުގަ ގާއިމްކުރާގޮތަށް ބަދަލުކޮށް، 2021 ވަނަ އަހަރުގެ ނިޔަލަށް 43 ރަށެއްގައި ފެނުގެ ވިއުގަ ގާއިމްކޮށް ނިންމާފައިވެއެވެ. އަދި 2023 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނުގެ ވިއުގަ ގާއިމްކުރުމުގެ މަޝްރޫއުތައް ނިންމުމަށް ކަނޑައަޅާފައިވެއެވެ.

ފެން ފޯރުކޮށްދިނުމަށް ސަރުކާރުން ކޮންމެ އަހަރަކު ކުރަމުންދާ ޚަރަދު ކުޑަކުރެވި، ފެނުގެ މައްސަލަ ދާއިމީ ގޮތެއްގައި ހައްލުކުރެވޭނީ ހުރިހާ ރަށެއްގައި ގާއިމްކުރަމުންދާ މަޝްރޫއުތައް ނިމިގެންނެވެ. މީގެ އިތުރުން، މައިގަނޑު 6 ލަނޑުދަނޑީގެ މައްޗަށް، ފެނާއި ނަރުދަމާގެ ދުރުރާސްތާ ޕްލޭން (2020-2025) އެކުލަވާލައި ދަނީ ތަންފީޒުކުރަމުންނެވެ.

ފެން ފޯރުކޮށްދިނުމުގެ މައްސަލަ ހައްލުނުވެ، ދިގު މުއްދަތެއް ހޭދަވެފައިވަނީ، ފެނުގެ އެކިއެކި މަޝްރޫއުތައް ހިންގުމަށް ރަށްތައް ކަނޑައެޅުމުގައި ފެނުގެ މައްސަލަ އެންމެ ބޮޑަށްޖެހިފައިވާ ރަށްރަށަށް އިސްކަންދީފައިނުވުމާއި، ފެން ރައްކާކުރާ ނިޒާމް ގާއިމްކުރުމަށް ހިންގާފައިވާ މަޝްރޫއުތައް ނިންމުމަށް ދިގު މުއްދަތެއް ހޭދައިވެފައިވުމާއި، ފެނުގެ މަޝްރޫއުތައް ހިންގުން ލަސްވެފައިވުމުގެ ސަބަބުންކަން މި ތަފާސްހިސާބުތަކުން އެނގެއެވެ.

މީގެ އިތުރުން، މިހެން ދިމާވަނީ ވާރޭ ފެން ރައްކާކުރާ ނިޒާމް ގާއިމްކޮށްފައިވާ ބައެއް ރަށްރަށުގައި އެ ނިޒާމްތައް އެންމެ އެކަށީގެންވާ ގޮތުގައި ބަލަހައްޓާފައިނުވުމާއި، ހޫނުމޫސުމަށް މި ނިޒާމްތައް އެންމެ އެކަށީގެންވާ ގޮތުގައި ތައްޔާރުނުކުރުމާއި، ރަށުގެ ބޭނުންތަކާ އެއްވަރަށް މި ނިޒާމްތައް އަޕްގްރޭޑް ނުކުރުމުގެ ސަބަބުންކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެއެވެ. އަދި އަތޮޅުތެރޭ ގިނަ ރަށްރަށުން ކޮންމެ އަހަރަކު ހޫނުމޫސުމާ ގުޅިގެން ފެނުގެ ދަތިކަން ތަހައްމަލްކުރަމުންދާއިރު، އޮޑިދޯނިފަހަރުގައި ފެން ބަރުކޮށްގެން އެ ރަށްރަށަށް ފެން ފޯރުކޮށްދިނުމަކީ ދެމެހެއްޓެނިވި ޚަރަދު ކުޑަ މޮޑެލްއެއް ނޫނެވެ. އަދި އަހަރުން އަހަރަށް ފެނަށްޖެހޭ ރަށްތަކުގެ އަދަދު އިތުރުވަމުންދާއިރު، މި މައްސަލައަށް ދާއިމީ ހައްލެއް ނުލިބި ދިގުލައިގެންދާނަމަ ސަރުކާރުގެ ޚަރަދު މުސްތަގުބަލުގައިވެސް އިތުރުވެގެންދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
100%
0%
0%
0%
0%
0%
ކޮމެންޓް