ކ. މާލެ
|
10 ޖޫން 2022 | ހުކުރު 13:19
ކުރީގެ ރައީސް އަބްދުﷲ ޔާމީން - ހަގީގަތް އޮޅޭގޮތަށް ރައްޔިތުންނަށް އިގްތިސާދީ ނުބައި ތަސައްވުރެއް ގެންދަވަނީ ދައްކަވަމުން
ކުރީގެ ރައީސް އަބްދުﷲ ޔާމީން - ހަގީގަތް އޮޅޭގޮތަށް ރައްޔިތުންނަށް އިގްތިސާދީ ނުބައި ތަސައްވުރެއް ގެންދަވަނީ ދައްކަވަމުން
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
ރޯނުއެދުރު ނުހެދޭށެވެ.
 
އިގްތިސާދީ އަނދަވަޅަކުން އަރައިގަތުމަށް ސަރުކާރުގެ ޕްލޭނެއް އެބައޮތް
 
ބޭނުންކުރެވޭ ރިޒަރވް ރައީސް ޔާމީންގެ ވެރިކަމުގައި 50 މިލިއަން ޑޮލަރަށް ވެއްޓުނު
 
ވޭތުވެދިޔަ 10 އަހަރު ތެރޭގައި ރަސްމީ ރިޒަރވް އެންމެ ދަށްކޮށް ފެންނަނީ ރައީސް ޔާމީންގެ ވެރިކަމުގައި

ދިވެހި މިސާލު ބަހެއް އޮވެއެވެ. ހުރިހާކަމެއް ދަންނަ އެންމެ މޮޅު މީހަ ކަމުގައި ހެދިގެން އުޅޭކަމަށް މާނަ ހިމެނޭ ބަހެކެވެ. އެއަށް ކިޔަނީ ރޯނުއެދުރުވުމެވެ. އެއީ ބައެއް ފަހަރު ތިމާއަށް ތިމާއޮޅި ތިމަންނާއަކީ ހުރިހާ ކަމެއް ދަންނަ މީހާ ކަމަށް ހެދި ތިމާއަށްވުރެ މޮޅު މީހެއް ނެތް ކަމަށް ހެދިގެން އުޅޭ މީހުންނާ ދިމާލަށް ބުނެ އުޅޭ ބަހެކެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހަށް ބަލާލީމަވެސް އެފަދަ މީހުން ވެސް އުޅެއެވެ. މާމޮޅު ހިސާބުގެ އިލްމުވެރިންނާއި، އިކޮނަމިސްޓުންނަށް ހެދިގެން ބައިތުލްމާލު ދަވާލި މީހުން ވެސް ހިމެނެއެވެ. އެމީހުންގެ ވާހަކައިންނަމަ އެއީ އިގްތިސާދު ކުރުމެވެ. އެއަކުން ގެއްލުމެއް ވެސް ނެތެވެ. އަދި ކިއެއްތަ ތަރައްގީގެ ކަންކަން ތިމާ ނުރެހޭ ގޮތަކަށް ހުއްޓުވާލާ އެކަމުން ލިބޭ ގެއްލުމަކީ ވެސް ފައިދާކަމަށް އެފަދަ ފަރާތްތަކުން ދައްކަން އުޅެއެވެ.

މިފަދަ ވެރިއަކު ވެސް ރާއްޖޭގައި ވެރިކަން ކުރެއްވިއެވެ. އަދި މިހާރު މި އޮތް އިގްތިސާދީ ހާލަތުގައި ވެސް ރޯނުއެދުރު ހެދިގެން އުޅުއްވާތަން ފެނެއެވެ. އެމަނިކުފާނު ގަބޫލުކުރައްވާ ގޮތަކީ ހުރިހާ ދިވެހި ރައްޔިތުން ގަބޫލުކުރައްވާ ގޮތް ކަމަށް ނިންމަވާ އެއީ އެންމެ މޮޅު ގޮތް ކަމުގައި ދެކިވަޑައިގަންނަވައެވެ. ފަހަރުގައި ބޭބޭފުޅަކީ ފަލަކީ އިލްމުވެރިއެއްގެ ލަގަބު ލިބިވަޑައިގެން ހުންނެވި ބޭފުޅަކަށް ވުމުން، ތިމާ ވެސް ލަގަބެއް ހާސިލްކުރެއްވުމުގެ ބޭނުމުގައި އެފަދަ ވާހަކަފުޅުތައް ދައްކަވާ ކަމަށް ވެދާނެއެވެ.

މި ދެންނެވި ވެރިޔަކު ވެރިކަމުގައި ހުންނެވި ދުވަސް ވަރު ރާއްޖޭގެ ބައިތުލްމާލު ހުސްވި ވާހަކަ ބަޔަކު ދައްކާތީ އަޑުއެހީމެވެ. އަދި އެ ކަންކަން ލިޔެ ކިޔުމުން ވެސް ފެންނަން އެބައޮތެވެ. އެއީ މިހާތަނަށް ރާއްޖޭގެ ބޭނުންކުރެވޭ ރިޒަރވް ދަށްވެގެން ދިއުމާއި، އެންމެ ފަހުން މުސާރަދޭނެ ގޮތެއް ނެތި ނާށިގަނޑު ހިފައިގެން މުއްސަނދި ވިޔަފާރިވެރިންގެ ކައިރިއަށް ދިޔަ ވާހަކައެވެ. ދުރު ވިސްނޭ އިކޮނަމިސްޓެއްގެ ދުރު ވިސްނުމުގައި ނާށިގަނޑު ހިފައިގެންދާން ޖެހުމުން އެ ލަގަބު އެމީހަކަށް ކިހާ ގުޅޭތޯ ސުވާލު އުފައްދާލަން ވެސް ޖެހެއެވެ.

އިހައްރެއަކު ބޭއްވި ބައްދަލުވުމުގައި ވިދާޅުވާތީ އަޑުއެހީމެވެ. ވިދާޅުވީ ދުނިޔޭގެ އިގްތިސާދަށް އަންނަމުންދާ ބަދަލުތައް ކިތަންމެ ކައިރިން ދިރާސާކުރިޔަސް، ރާއްޖޭގެ އިގްތިސާދު މިއަދު އޮތީ ނާޒުކު ހިސާބެއްގައި ކަމަށެވެ. މުޅި ދުނިޔެއަށް އަންނަ ކަންކަން ރާއްޖެއަށް ނައިސް ނުދާނެ ކަމަށާއި، ރާއްޖެއަށް ކުރާ އަސަރުވެސް ބޮޑުވާނެކަމަށް ވިދާޅުވިއެވެ.

ދައުލަތުން ފައިސާ ހަރަދުކުރާނެ ގޮތާއި ކުރީގެ ވެރިކަމުގައި ނަގާފައިވާ ލޯންތަކާއި އަދި މިހާރު ހުރި ލޯންތަކާއި ބައެއް ކަންކަމުގެ ތަފްސީލަށް ޖެހިލާނަމެވެ. އޭގެ ކުރިން ދައުލަތުގެ ރަސްމީ ރިޒަރވް އޮތްގޮތަށް ބަލާލާނަމެވެ. 2013 ވަނަ އަހަރުން ފެށިގެން މިހާތަނަށް ދައުލަތުގެ ރަސްމީ ރިޒަރވް ހުރި ގޮތް ޗާޓުން ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް ދައުލަތުގެ ރަސްމީ ރިޒަރވް ހުރީ 829 މިލިއަން ޑޮލަރުގައެވެ.

ރަސްމީ ރިޒަރވް 2020 ވަނަ އަހަރާ އަޅާ ބަލާއިރު ދަށްވި ނަމަވެސް 2021 ވަނަ އަހަރާ އަޅާ ބަލާއިރު އެ އަދަދު ވަނީ މިއަހަރު އިތުރުވެފައެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުގައި 2018 ވަނަ އަހަރު ނިމުނު އިރު ދައުލަތުގެ ރިޒަރވް ހުރީ 712.2 މިލިއަން ރުފިޔާގައެވެ.

ކުރީގެ ސަރުކާރުގެ ފުރަތަމަ އަހަރުގައި ދައުލަތުގެ ރަސްމީ ރިޒަރވް ހުރީ 614.7 މިލިއަން ޑޮލަރުގައެވެ. ނަމަވެސް ޖެހިގެން އައި 2015 ވަނަ އަހަރު 564 މިލިއަން ޑޮލަރަށް ވެއްޓުނެވެ. އަދި 2016 ވަނަ އަހަރު މި އަދަދު 467.3 މިލިއަން ޑޮލަރަށް ވެއްޓިގެން ދިޔައެވެ. 2017 ވަނަ އަހަރު 587.3 މިލިއަން ޑޮލަރުގައި ހުރި އިރު، ވެރިކަމުގެ ފަހު އަހަރު 712.2 މިލިއަން ޑޮލަރުގައި ހުރިކަން ތަފާސް ހިސާބުތަކުން ދައްކައެވެ.

މި ސަރުކާރުގެ ފުރަތަމަ އަހަރުގައި އެކަނި ވެސް ރަސްމީ ރިޒަރވް ހުރީ 753.5 މިލިއަން ޑޮލަރުގައެވެ. ރާއްޖޭގެ ރަސްމީ ރިޒަރވް ވޭތުވެދިޔަ ތަނުގައި 1 ބިލިއަން ޑޮލަރާ ހަމައަށް ގެންދިޔައީ މި ސަރުކާރުގެ ދެވަނަ އަހަރުގައެވެ. އެއީ ކުރީ ސަރުކާރުން ނަގާފައި ހުރި ދަރަނިތަކާއި ލޯންތައް ދައްކަމުންނެވެ. 2020 ވަނަ އަހަރު 984.9 މިލިއަން ޑޮލަރުގައި ރިޒަރވް ހުރި އިރު މުޅި ދުނިޔެ ބަންދުކޮށްލި 2020 އަހަރު ވެސް ރިޒަރވް ހިފަހައްޓާ ސަރުކާރުން ނަމޫނާ ދެއްކިއެވެ. އިކޮނަމިސްޓަކަށް ނުވި ނަމަވެސް ރައީސް ސާލިހުގެ ތަސައްވުރު ސާފުވެ މަސައްކަތް ކުރައްވަން ތިއްބެވި ފަރާތްތަކުގެ ތެދުވެރިކަމާއެކު މިކަން ކާމިޔާބު ކުރެވުނެވެ.

2021 ވަނަ އަހަރު 805.8 މިލިއަން ޑޮލަރުގައި ރިޒަރވް ހުރި އިރު މިއަހަރުގެ މިހާތަނަށް ރަސްމީ ރިޒަރވް ހުރީ 829 މިލިއަން ޑޮލަރުގައެވެ. އިކޮނަމިސްޓެއް ނެތް ނަމަވެސް ދިވެހިންގެ ރަސްމީ ރިޒަރވް މިއޮތީ ކުރީ ސަރުކާރާ އަޅާ ބަލާއިރު ބޮޑު ތަފާތެއް ދައްކާފައެވެ. ރާއްޖޭގެ ރިޒާވް ހުސްވެ، ޑިފޯލްޓް ވެދާނެކަމަށް ދެކެވޭ ވާހަކަތަކަކީ ހަޤީޤަތާ ޚިލާފު ވާހަކަތަކެއްކަން މި ހިސާބުތަކުން އެކަނި ވެސް ފުދެއެވެ. މިފަދަ ވާހަކަތަކަކީ ރައްޔިތުން އަދި ބޭރުގެ އިންވެސްޓަރުންނަށް ހަޤީޤަތް އޮޅޭގޮތައް ދެއްކުމުން, ދުނިޔެ މިއޮތް ނާޒުކު ދަނޑިވަޅުގައި މުޅި ރާއްޖެއަށް އޭގެ ސަބަބުން ލިބެން ނުޖެހޭ ގެއްލުންތަކެއް ވެދާނެ ކަމެކެވެ. އިޤްތިސާދުގައި ނުތަނަވަސްތަކަން އިތުރުވެ، މާކެޓަށް އޭގެ ނޭދެވޭ އަސަރުކޮށްފާނެ ކަމެކެވެ. ނަމަވެސް އިކޮނަމިސްޓަށް މިއެއް މުހިންމެއް ނޫނެނެވެ. ހަމައެކަނި މުހިންމީ ޖީބަށް ވަންނާނެ އެއްޗަކާއި ވެރިކަމެވެ.

ބޭނުންކުރެވޭ ރިޒަރވްއަށް ބަލާލާއިރު، 2017 ވަނަ އަހަރު، އޭރު ނަގާފައި އޮތް ސަނީސައިޑް ބޮންޑް އެކީގައި ދައްކައި ނިންމައިފިއެވެ. އެއީ 2017 ވަނަ އަހަރު ނަގާފައި އޮތް 250 ޑޮލަރުގެ ބޮންޑެކެވެ. އޭގެ އެއްބައި މިދިޔަ އަހަރު ދެއްކުމަށްފަހުގައި، ބާކީއޮތް 58 މިލިއަން ޑޮލަރު އިހައްދުވަހަކު ވަނީ ދައްކާ ހަލާސްކޮށްފައެވެ. މިހާތަނަށް ޔޫޒަބަލް ރިޒަރވް ޢާންމުކޮށްފައި ހުރި ހިސާބަކީ 2013 އިން 2018އާ ހިސާބަށެވެ. 2018 ނިމުނުއިރުގައި ހުރީ 281.4 މިލިއަން ޑޮލަރެވެ. ބައެއްފަހަރު އެ ޢަދަދު އެއަށްވުރެ ދަށްވެފައި އެބަހުއްޓެވެ. އެގޮތުން، 2017 ވަނަ އަހަރު 50 މިލިއަން ޑޮލަރަށްވުރެ ދަށަށް ޔޫޒަބަލް ރިޒަރވް ގޮސްފައި ހުރިތަން ފެނެއެވެ. އެއީ ޖީ.އެމް.އާރަށް ސަރުކާރުން އޭރު ދެއްކި 250 މިލިއަން ޑޮލަރު ދައްކަންވެގެން ރިޒަރވުން ފައިސާ ނެގުމާ ގުޅިގެންނެވެ.

މޮޅު އިކޮނަމިސްޓެއް ހުންނެވި ނަމަ ބޭނުންކުރެވޭ ރިޒަރވް އިން މިހާ ބޮޑު އަދަދެއް ނުދައްކަވާ އެހެން ފޯމިއުލާއެއް ހޯއްދެވީހެވެ. ނަމަވެސް ޖަޒުބާތުގައި ރައްޔިތުންގެ ފައިސާ ދައްކަވާލެއްވީ ރައްޔިތުންގެ ކިބައިން ހޭ ވެސް އައްސަވާ ނުލައްވައެވެ. އެގްރީމެންޓަށް ބަދަލެއް ގެނައި ނަމަ ޗައިނާއަށް ވެސް ދަރާ ވިކޭކަށް ނުޖެހުނީހެވެ.

އެއަރޕޯޓް އެޅުމަށް، އޭގެ ކުރީގެ ސަރުކާރުން ޖީ.އެމް.އާރާއެކީ ހަދާފައި އޮތް އެގްރީމެންޓަކީ ވަރަށް ބޭނުންތެރި ތަރައްޤީގެ މަޝްރޫޢެކެވެ. އެކަން ހުއްޓާލި ހުއްޓާލުމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ނޭދެވޭ ބޮޑު އަސަރުތަކެއް ކޮށްފައި އެބަހުއްޓެވެ. 2015 ވަނަ އަހަރު އެހެން ނޫންނަމަ އެތާ އޮންނާނީ، އަހަރަކު 7 މިލިއަން ޓޫރިސްޓުންނަށް އާދެވޭވަރުގެ އެއަރޕޯޓެއް ތަރައްޤީ ކުރެވި، އަންނަން ފަށާފައެވެ. މިއަދު ރާއްޖެއަށް އެހެންނަމަ، 3 މިލިއަން ޓޫރިސްޓުން އަހަރަކު އަންނާނެއެވެ. މާނައަކީ ދައުލަތަށް ލިބޭ އާމްދަނީ 35 ބިލިއަނާ ގާތަށް އިތުރުވެގެން ދިޔައީހެވެ.

ޖީއެމްއެއާރުގެ އެގްރީމެންޓް އުވާލާ ދިވެހިންގެ ޖީބުން އެ ދައްކަން ޖެހުނު އެއްޗެއް ދައްކަން ޖެހުމަކީ ރާއްޖޭގެ އިޤްތިޞާދަށް ލިބުނު ވަރަށްބޮޑު ގެއްލުމެކެވެ. މޮޅު އިކޮނަމިސްޓެއްގެ ބެލުމުގެ ދަށުން މާފޮޅުވާ ކުދިންކޮޅެއް ކުރެއްވި ނުވިސްނޭ ކޮސް ކަމެކެވެ. އަނެއްކޮޅުން އެ އަދަދު އަނެއްކާ ވެސް އެހެން ބަޔަކަށް ދީގެން މިހާރު ފަށާފައި އޮތް މަޝްރޫޢު ނިންމައި، އަވަހަށް އެކަމައިގެން ކުރިއަށްދިޔުން ކަމަށްވާތީ، ދެގުނަ ހަރަދެއް އެއަރޕޯޓް ތަރައްގީކުރުމަށް އެބަހޭދަވެއެވެ. އެވެސް ބައިކުޅަ ބައި ދީގެން ކުރަން ފެށި މަސައްކަތެކެވެ. މިއީވެސް އިކޮނަމިސްޓެއްގެ ބެލުމުގެ ދަށުން ކުރިއަށްގެންދިޔަ ބޮޑު މަސައްކަތެކެވެ.

އިކޮނަމިސްޓަކަށް ނުވި ނަމަވެސް މި ސަރުކާރުން ރައްޔިތުން ބިކަ ނުކުރާނެކަން ހާމަކޮށްދިނީ ކޮވިޑްގެ ތެރޭގައަވެ. ވޭތުވެދިޔަ ދެ އަހަރު، 2020، 2021 ގައި ސަރުކާރު ހުރަސްކުރީ، އިޤްތިޞާދީ ގޮތުން ދަތި އުނދަގޫ ދުވަސްވަރެކެވެ. ކޮވިޑާ ގުޅިގެން މުޅި ދުނިޔެ ހުއްޓުމަކަށް އައެވެ. ދަތުރުފަތުރު ހުއްޓުނެވެ. އޭގެ އަސަރު ރާއްޖެއަށް ވަރަށް ބޮޑަށް ކުރިއެވެ. މުޅި އިޤްތިޞާދު ހުއްޓުމަކަށް އައެވެ.

2020 އަދި 2021 ގައި ރާއްޖޭގެ އިޤްތިޞާދު، ގާތްގަނޑަކަށް މުޅި ޖީ.ޑީ.ޕީއިން 70 ބިލިއަން ރުފިޔާވަރު ގެއްލިގެންދިޔައެވެ. މީގެތެރޭގައި، ދައުލަތުގެ ރެވެނިއު، ސަރުކާރުގެ ބަޖެޓަށް ވަންނަންޖެހޭ ފައިސާގެ ތެރެއިން ގާތްގަނޑަކަށް 35 ބިލިއަން ރުފިޔާ ނުވަދެދިޔައެވެ. ސަބަބަކީ އިޤްތިޞާދު މުޅިން ހުއްޓުމާ ގުޅިގެންނެވެ.

އެ ދަތި ހާލުގައި އިޤްތިޞާދު ހިންގައި، ރައްޔިތުންނަށް ޚިދުމަތްތައްދީ، ޞިއްޙީ ނިޒާމު އެގޮތުގައި ދެމެހެއްޓުމަށްޓަކައި ފައިސާ ބޭނުންވިއެވެ. ދައުލަތުގެ ރިޒަރވްގައި އެވަރަކަށް ފައިސާއެއް ނެތެވެ. ލޯނު ނަގަން މަޖުބޫރުވިއެވެ. ސަރުކާރުން އެކަންކޮށް، އޭރު އިޤްތިޞާދީ އިންސްޓިޓިއުޝަންތަކުން، މާލީ އިދާރާތަކުން ލަފާދެމުންވެސް ދިޔަގޮތަށް މަސައްކަތް ކުރިއެވެ. އަދި އިޤްތިޞާދު ހުއްޓުނަނުދީ، ޚިދުމަތްތައްދީ، ކުރިއަށް ގެންދިޔުމަށްޓަކައި އެވަގުތު ނަގަންޖެހޭ ލޯނު ނަގައިގެން ކުރިއަށް ގެންދިޔައެވެ.

ނެގި ލޯނުން އިޤްތިޞާދު ތެރެއަށް އަޅުގަނޑުމެންނަށް ފައިސާ ދޫކުރެވުނެވެ. ކުދި ވިޔަފާރިތައް ހިންގުނެވެ. މުސާރަދެވުނެވެ. ޞިއްޙީ ދާއިރާ، ޚާއްޞަކޮށް، ކޮވިޑުގެ ވަބާއިން ސަލާމަތް ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުނެވެ.

ރާއްޖޭގެ އިޤްތިޞާދު މި ދެންނެވި ގޮތުން އެދުވަސްވަރު، ޖީ.ޑީ.ޕީގެ ނިސްބަތުން ވަރަށްބޮޑުތަން ދަށަށް ދިޔައެވެ. 2020 ވަނަ އަހަރު ނިމުނުއިރުގައި، ޑެބްޓުން ޖީ.ޑީ.ޕީ 150 ޕަސެންޓަށް ވެއްޓުނެވެ. ލިބުނު އާމްދަނީއާ އަޅައިބަލާއިރު، އެހެން ނަމަވެސް، އެކަމުން އަރައިގަނެ، އިޤްތިޞާދު ހަމަޔަކަށް އެޅުމުގައި ކުރިއަށްދާ މަންޒަރު އެބަ ފެނެއެވެ. މިހާރުގެ ޖީ.ޑީ.ޕީ.ގެ ނިސްބަތުން ހުރީ 113 ޕަސެންޓްގައެވެ. 150 އިން 113 ޕަސެންޓަށް މިހާރު ކުރިއެރުން ލިބިއްޖެއެވެ. ސަރުކާރުގެ އަމާޒަކީ، ވީހާވެސް އަވަހަކަށް 100 ޕަސެންޓަށްވުރެ ދަށަށް މި ގެނައުމެވެ.

ދެން އިކޮނަމިސްޓު ގޮވާލައްވަމުން ގެންދަވަނީ ރައްޔިތުންނަށް އަސާސީ ހިދުމަތްވެސް ނުދިނުމަށެވެ. ލުއިފަސޭހަ ވެސް ނުކުރުމަށެވެ. މިއީ ދުނިޔޭގެ އެއްވެސް އިގްތިސާދީ މާހިރެއް ދައްކަވާނެ ވާހަކައެއް ނޫނެނެވެ. ބަލަން ތިބޭށެވެ. މި ސަރުކާރުގައި އެކަން ކުރާނެ ޕްލޭނެއް އެބައޮތެވެ. ރައްޔިތުން ބަނޑަށް ނުޖައްސާ ކުރީ ސަރުކާރުގެ ދަރަނި އަދާކޮށް އިގްތިސާދު ވެސް ކޮޅަށް ޖެހުމަށެވެ.

އިޤްތިޞާދީ ކަންތައްތަކުގައި އެކި ބޭފުޅުންގެ ޚިޔާލާއި ޑީލް ތަފާތެވެ. ބައެއްކަހަލަ ލަފާ، ބައެއްކަހަލަ ނަސޭހަތް އެކިގޮތްގޮތަށް އައިސްފައި އެބަހުއްޓެވެ. ބައެއް ފަރާތްތަކުން ބްރިޖް އެޅުން ހުއްޓާލުމަށް، ނޫނީވިއްޔާ މާލެއިން ބޯހިޔާވަހިކަން ދިނުން ހުއްޓުވާލުމަށް ގޮވަމުން މިކަހަލަ ވާހަކަވެސް އެބަ ދައްކައެވެ. ރަށްރަށުގައި ތިޔަ ހިންގާ ފެނާއި ނަރުދަމާގެ މަޝްރޫޢުތައްވެސް ހިންގުން ހުއްޓާލަން ބައެއް ސިޔާސީ ބޭފުޅުން އެބަ ވިދާޅުވެއެވެ. ކޮންމެ ރަށަކަށް 3 ކަޅުހަން ދިނީމާ، ރަށްރަށުގައި ފެންބޮއިގެން އުޅޭނެ ކަމަށް ވިދާޅުވެއެވެ.

ނަމަވެސް، ފެނާއި ނަރުދަމާގެ މަޝްރޫޢުތައްވެސް ސަރުކާރުން ކުރިއަށް ގެންދާނެއެވެ. ބަނދަރުވެސް އެއީ ބޭނުންޖެހިފައި ހުރި ކަންތައްތައް ކަމުން، އެއާ ގުޅިގެން އިޤްތިޞާދަށް ބޮޑެތި ބަދަލު އަންނާނެތީ، އެ ކަންތައްތައް އިރާދަކުރެއްވިއްޔާ ދައްޗަކާނުލައި ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ.

އިޤްތިޞާދަށް ޗެލެންޖް އެބަހުއްޓެވެ. އެއީ ޝައްކެއްނެތްކަމެކެވެ. ރިސްކްވެސް އެބަހުއްޓެވެ. ސަރުކާރުގެ ޚަރަދުތައްވެސް ކުޑަކުރަންޖެހެއެވެ. އެކަން ކުރަމުން އެބަ ގެންދެއެވެ. އަދި އިތުރު ޕްރޮޖެކްޓްތައް އިހަށް ނުފަށާ މަޑުޖައްސާލުމަކީވެސް، ކުރަން ޖެހިއްޖިއްޔާ ކުރަންޖެހޭނެ ކަމެއް ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ. މިވަގުތަކު ރާއްޖެއިން ލޯނު އަނބުރާ ދެއްކުމާއި، ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި، ތެލާއި އަދި ބޭހުގެ ބާވަތްތައް އިމްޕޯޓް ކުރުމަކަށް ދައްޗެއް ނެތް ވާހަކަ ސަރުކާރުން ދަނީ ތަކުރާރުކޮށް ރައްޔިތުންނަށް ޔަގީންކަމާއެކު ދެމުންނެވެ.

އެހެންވީމަ އުސް އިމާރާތެއްގައި ހުންނަވާ، ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވެ، ރަށްރަށުގައި ތިބި ނިކަމެތި ރައްޔިތުން މާލެއަށް ގެނެސް ސްލަމް އުފައްދަވަން އުޅުއްވި ބޭފުޅަކަށް ރައްޔިތުންގެ އިހުސާސެއް ވެސް އަދި ވަކި ގައުމެއްގެ އަވައިގައި ޖެހިގެން ބައިވަން ގެޓް ވަން ފްރީ އުސޫލު ގެންގުޅުއްވި ވެރިއަކަށް އަދި ބަޔަކަށް ވެސް މިއަދު މިކަންކަން ކުރަން ނޭނގޭނެއެވެ. ރަނގަޅުވާނީ ރޯނުއެދުރު ނުވުމެވެ.

ކޮމެންޓް