Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޓީޗަރުންގެ މުސާރަ ބޮޑުކުރުން

ޓީޗަރުން އުދާސްތަކަށް ތަސައްލީ ގެނުވައި، އަމަލާއި ބަހުން ސަރުކާރުގެ ތަފާތު ކަން ދައްކާލައިފި

މި ސަރުކާރުން ގެންދަނީ ޓީޗަރުންގެ އުދާސްތަކުގެ އަޑު އަހަމުން އެކަންކަން ހައްލު ކޮށްދެމުން

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 1 ޖޫން 2022 | ބުދަ 14:37
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު ރެހެންދި ސްކޫލުގެ ޓިޗަރަކާ އެކު

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު ރެހެންދި ސްކޫލުގެ ޓިޗަރަކާ އެކު

މި ސަރުކާރުން ފެންނަ ތަފާތު ސިފައެއް ފާހަގަކޮށްލާނަމެވެ. ނިމިދިޔަ ސަރުކާރުތަކުން ފެނިގެން ގޮސްފައި ނުވާ ތަފާތު ސިފައެކެވެ. އެއީ، ރައްޔިތުންގެ އަޑު އެހުމެވެ. އިހުސާސްތައް ދެނެގަތުމެވެ. ކަންބޮޑުވުންތައް އޮޅުންފިލުވައި، އެ ކަންކަމަށް ހައްލު ހޯދައިދޭން މަސައްކަތް ކުރުމުގެ ސިފައެވެ. "ޖަޒީރާ ހޮޅުއަށި" އަދި "ވިއަވަތި ރާއްޖެ" ފަދަ މަހާސިންތާތަކާއި ބައްދަލުވުންތައް މެދުވެރިކޮށެވެ. ޚިޔާލާއި މަޝްވަރާ ހޯދަން އެކިއެކި ނަންނަމުގައި ބާއްވާ ބައްދަލުވުން ތަކުންނެވެ. ރައްޔިތުން ކަމަކާ ކަންބޮޑުވުން ފާޅުކޮށް، ރައީސް އޮފީހަށް ސިޓީއެއް ނުވަތަ ޕެޓިޝަނެއް ހުށަހަޅައިފި ނަމަ، އެ ކަމެއް އަޑުއަހައި އޮޅުންފިލުވައި ރައްޔިތުން އެދޭ އެ ކަމެއް ކޮށްދެވެން އޮތް ހުރިހާ މަގަކުން ސަރުކާރުން ހިނގާނެ ކަމުގެ ޔަގީން ކަން ރައްޔިތުންނަށް މިހާރު އެބައޮތެވެ. ރައްޔިތުންނަށް ޓަކައި ކޮށްނުދެވޭނެ އެއްވެސް ކަމެއް މި ސަރުކާރަކަށް ނެތެވެ.

މިއީ ވެސް، އެ ފަދަ ކަމެއްގެ ވާހަކައެވެ. މިއަދު އެންމެ އަޑުހަރުކޮށް ދެކެވެމުންދާ އެއް ވާހަކައެވެ. ބައެއްގެ ޒަމާންވީ ޝަކުވާއަކަށް މި ސަރުކާރުން ހައްލު ހޯދައިދިން ވާހަކައެވެ. ޓީޗަރުންނަށް، އެ މީހުން ކުރާ މަސައްކަތާ އެކަށީގެންވާ ވަރުގެ އުޖޫރައެއް ނުލިބޭ ކަމުގެ ޝަކުވާއެވެ. ދުވާލާއި ރޭގަނޑުން ބޮޑު ބައެއް މަސައްކަތަށް ހުސްކޮށް، އެ ކަމުގައި ހޭދަކުރާ ގިނަ ވަގުތުތަކާ ނުބައްދަލު އުޖޫރައެއް ލިބޭ ކަމުގެ ޝަކުވާއެވެ. މިއީ، 2009 ވަނަ އަހަރު ދިވެހި ސިވިލް ސަރވިސް ވުޖޫދުވި ހިސާބުން ފެށިގެން ވެސް ޓީޗަރުން ދައްކަމުން ދިޔަ ވާހަކައެކެވެ. އުފުލަމުން ދިޔަ ޝަކުވާއެކެވެ. މަސައްކަތުގައި ހޭދަ ކުރަން ޖެހޭ ވަގުތުގެ ދިގުކަމާއި މަސައްކަތުގެ މާހައުލުން ލިބެން ހުރި ވަސީލަތްތައް މަދުވުމުގެ ކަންބޮޑުވުމަކީ ޒަމާންވީ ކަންބޮޑުވުމެކެވެ. އެތަކެއް ސަރުކާރުތަކެއްގެ ދައުރު ނިމި ހިނގައްޖެއެވެ. ނަމަވެސް، އެ ޝަކުވާތަކުގެ އަޑު އިވުނު އެއްވެސް ސަރުކާރެއް، މި ނޫނީ ނެތެވެ.

ޤައުމު ބިނާ ކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރާ އެއް ބަޔަކީ ގައިމުވެސް ޓީޗަރުންނެވެ. އެ މީހުން ބުރަ މަސައްކަތަކީ އަގު ކުރެވޭނެ ވަރަށް ވުރެ ބޮޑު، އަދި މުހިންމު މަސައްކަތެކެވެ. ދުވާލާއި ރޭގަނޑުގެ ވަގުތުތައް އެ ކަމަށް ހުސްކޮށްގެން އެ މީހުން އެ ވާ ޤުރުބާނީއަކީ، ފާއިތުވެދިޔަ ސަރުކާރުތަކުން ބަލައިގަނެފައިވާ ޤުރުބާނީތަކެއް ނޫނެވެ. ކުޑަމިނުން އެ މީހުންގެ ޝަކުވާތައް އަޑުއަހައިލާނެ ސަރުކާރެއް ވެސް މީގެ ކުރިއަކުން ފެނިފައެއް ނެތެވެ. އަޑު އިވުނު ނަމަ، އެއީ މުހިންމު ކަމަކަށް ވެފައެއް ނެތެވެ. އެ ކަމަކަށް އަޅައިލުމެއް ނެތެވެ. ހިރުވާތަން ކަހައިލާނަމޭ ވެސް ކުރީގެ ސަރުކާރުތަކުގެ ވެރިންގެ ހިތްޕުޅަށް އަރާފައި ނެތީބާއޭ ސުވާލުކޮށްލަން ޖެހެނީ މި ސަބަބާ ހެދިއެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވީ ވެސް، ޓީޗަރުންގެ ކަންބޮޑުވުންތަކާއި ޝަކުވާތަކަށް ހައްލު ހޯދައިދޭނެ ކަމުގެ ޔަގީން ކަން ދެމުންނެވެ. މަސައްކަތާ އެކަށީގެންވާ ވަރުގެ އުޖޫރައެއް ދޭނެ ކަމުގެ ވައުދާ އެކުއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެ ވައުދު ފުއްދަވާނެ ތާރީޚެއް އިޢުލާނު ކުރެއްވީ، މި އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައެވެ. ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ އެތަކެއް ހާސް މުވައްޒަފުންނެއްގެ ލޮލުން އުފާވެރި ކަމުގެ ކަރުނަ ހިލިގެން ދިޔައީ، މޭ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ މީހުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް ގެންނަވާނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވެ، އެ ތާރީޚު އިޢުލާނު ކުރެއްވުމުންނެވެ. މިއަދަކީ އެ ވައުދު ފުއްދަވާ މަންޒަރު ފެންނާން އޮތް ދުވަހެވެ. އެ ދުވަހު ރައީސް ވިދާޅުވި ބަސްފުޅަކީ، އަދި އިޢުލާނު ކުރެއްވި ތާރީޚަކީ، އޮޅިގެން ވިދާޅުވެވުނު ތާރީޚަކާއި ބަސްފުޅެއް ކަމަށް ސިފަކޮށް، ރައްޔިތުންނަށް އޮޅުވައިލާން ބަޔަކު ކުރަމުން ދިޔަ މަސައްކަތަށް ނިމުމެއް ގެންނެވި ދުވަހެވެ.

ނިމިދިޔަ ސަރުކާރަކީ ތަރައްޤީއޭ ކިޔައިގެން އަޑުހަރުކޮށް ގޮވަމުން ދިޔަ ސަރުކާރެކެވެ. ނަމަވެސް، މިހާރު އޮތީ ބޮޑުމަންޒަރު ސާފުކޮށް ފެންނާށެވެ. އެ ބުނާ ތަރައްޤީއެއް ގެނައީ ވެރިންގެ ޖީބުތަކަށެވެ. ބޮޑެތި އަދަދުތަކުން ހުރިހާ މަންފާއެއް ޖަމާވަމުން ދިޔައީ އެވެރިންގެ ބޭންކު އެކައުންޓުތަކަށެވެ. ނަމަވެސް، ޒަމާން ބަދަލުވެއްޖެއެވެ. ވެރިކަން ވެސް ބަދަލުވެއްޖެއެވެ. މި ސަރުކާރުގެ ތަރައްޤީގެ އަމާޒު ވަރަށް ތަފާތެވެ. މިސްރާބު ހިފާފައި ހުރީ މީހުންގެ ސިކުނޑިއާއި ދިރިއުޅުމަށް ތަރައްޤީ ގެނެސްދިނުމަށެވެ. ރައްޔިތުން ކުރިއަރުވައި ބާރުވެރި ކުރުވުމަށެވެ. މީހުން ބިނާކޮށް، އެ މީހުންނަށް ފުދުންތެރި ދިރިއުޅުމެއް ކަށަވަރުކޮށް ދިނުމަށެވެ. އޭގެ ތެރެއިން ވެސް ފާހަގަކޮށްލެވޭ އެންމެ މުހިންމު އެއް ކަމަކީ، ޓީޗަރުންގެ އުދާސްތައް އަޑުހައި، އެ މީހުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް ގެނައުމެވެ. މި ސަރުކާރުން ޓީޗަރުންގެ އަގު ވަޒަންކުރާ ކަން އަމަލާއި ބަހުން ދައްކައި، ސާބިތުކޮށްދީފިއެވެ.

ސަރުކާރުން ކުރަމުންދާ "ޕޭ ހާމަނައިޒޭޝަން" މަސައްކަތުގެ ދަށުން ޓީޗަރުންގެ "ޕޭ ފްރޭމްވަރކް"އަށް ބަދަލު ގެނައުމަކީ ކުޑަ މަސައްކަތެއް ނޫނެވެ. ގެނެސްފައި ވަނީ ފާހަގަކޮށްލެވޭ ބޮޑު ބަދަލެކެވެ. އެ ކަން ކޮށްފައި މި ވަނީ، މުޅި ދުނިޔެއަށް ވެސް ދަތި، އުނދަގޫ ދުވަސްވަރެއްގައެވެ. ކޮވިޑް-19 ގެ އާލަމީ ވަބާގައި ޤައުމުގެ އިޤްތިޞާދަށް ބޮޑެތި ލޮޅުންތަކެއް އަރައިގެން ދިޔަ ވަގުތުގައި ވެސް، އެ މަސައްކަތަށް ބުރުލެއް އަރާފައެއް ނެތެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަނެ، ޤައުމަށް ހިންދެމުމުގެ ނޭވާއެއް ލެވުނީ އިއްޔެ މެންދުރޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ. ނަމަވެސް، މި ދަތި ދަނޑިވަޅުގައި ވެސް އެ ކަން ވެސް ކޮށްފިއެވެ.

ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާ އެއް ގޮތަށް މޭ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާފައިވާއިރު، އެއީ ބަޔަކު އުފާވާންޖެހޭ ބަދަލެއްތޯ ސުވާލު ކުރެވޭނެ ޖާގައެއް ނެތެވެ. ޕްރިންސިޕަލުންނާއި ޑެޕިއުޓީ ޕްރިންސިޕަލުންނާއި ޓީޗަރުންނާއި އެޑިއުކޭޝަނަލް ޑިވެލޮޕްމަންޓް ޕްރޮފެޝަނަލުންގެ އިތުރުން އިދާރީ އަދި ސަޕޯޓް ސްޓާފުންގެ ޖީބުތަކާއި ބޭންކް އެކައުންޓުތަކަށް އެނގުންވެއްޖެއެވެ. ޕްރިންސިޕަލުންގެ މުސާރައަށް 25% އާއި 40% އާ ދެމެދުގެ ކުރިއެރުމެއް ވަނީ އައިސްފައެވެ. އަދި، ބެޗެލަރސް ޑިގްރީ، އަދި މާސްޓަރސް ފުރިހަމަކޮށްފައިވާ ޓީޗަރުންގެ މުސާރައަށް 35% އާއި 50% އާ ދެމެދުގެ ކުރިއެރުން އައިސްފައިވާއިރު، ސަޕޯޓް ސްޓާފުންނަށް ވަނީ "ސްޕެޝަލް ޑިއުޓީ އެލަވަންސް" ލިބެން ފަށާފައެވެ. އެއާއެކު އެ މީހުންގެ މުސާރައަށް 35% ގެ ކުރިއެރުމެއް އައީއެވެ. މި ބަދަލާއެކު، ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ މުސާރައަށް ދައުލަތުން ކުރާ ޚަރަދަށް ގާތްގަނޑަކަށް 498 މިލިއަނެއްހާ ރުފިޔާ އިތުރުވީއެވެ.

ޓީޗަރުންގެ އިތުރު ކަންބޮޑުވުންތަކެއް ވެސް އެބަހުއްޓެވެ. އެއް ކަމަކީ، އައު އޮނިގަނޑަށް ހިޖުރަކުރުމުން "އެޓެންޑެންސް އެލަވަންސް" އަދި އިތުރުގަޑީގެ ފައިސާ ދިނުމުގައި ގެންގުޅޭ އުސޫލަށް އައިސްފައިވާ ބަދަލުތަކާ ގުޅޭ ސުވާލުތަކެކެވެ. އަދި، އައު އޮނިގަނޑަށް ހިޖުރަކުރި އިރު، މަޤާމުގެ ކުރިއެރުން ލިބޭން ހަމަޖެހިފައި ތިބި ޓީޗަރުންނަށް، އައު އޮނިގަނޑުގައި އެ ކަން އޮތީ ކިހިނެއްތޯ ކުރާ ސުވާލެވެ. އައު އޮނިގަނޑަށް ހިޖުރަކުރުމާ އެކު ކުރިމަތިވާ އެ ފަދަ ކަންބޮޑުވުންތައް، އަދި މައްސަލަތަކަށް ހައްލު ހޯދައިދޭން އެޑިއުކޭޝަން މިނިސްޓްރީން ވަނީ މަސައްކަތް ފަށާފައެވެ. އެ ކަމުގެ މަޝްވަރާތައް މިހާރު ވެސް ދަނީ ކުރިއަށެވެ. އެ ކަންކަމަށް ހައްލު ހޯދައިދޭން ސިވިލް ސަރވިސް ކޮމިޝަނާއި ޕޭ ކޮމިޝަނާ މަޝްވަރާ ކުރާނެ ކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. ޙަޤީޤަތުގައި މިހާރު އެކުލަވާލާފައިވާ އައު އޮނިގަނޑަކީ މާ ފުރިހަމަ އޮނިގަނޑެކެވެ. އަދި، ކުދިކުދި ރޫތައް ފިލުވައިލުމުން، އެ އޮނިގަނޑު އަދި އިތުރަށް ފުރިހަމަ ވާނެއެވެ.

ޓީޗަރުންގެ މުސާރައަށް މި ފަދަ ހެޔޮ ބަދަލެއް ގެނެވިގެން ދިއުމަކީ މީގެ ސަބަބުން އެތައް ރަނގަޅު ނަތީޖާއެއް ނިކުމެގެންދާނެ ކަމެކެވެ. އަތޮޅުތެރެއަށް ޓީޗަރުންނާއި ޕްރިންސިޕަލުން ހޯދުމުގައި ހުރި ދަތިތަކަކީ އެޑިއުކޭޝަން މިނިސްޓްރީއަށް އޮތް ޒަމާންވީ ކަންބޮޑުވުމެކެވެ. ނަމަވެސް، މުސާރައަށް މި ގެނައި ހެޔޮ ބަދަލުތަކާ އެކު ރަށްރަށުގެ ސްކޫލްތަކުގައި ހުރި ވަޒީފާތަކަށް މީހުން ހޯދުމަށް މިނިސްޓްރީއަށް ލުއިވާނެއެވެ. އެ ތަންތަނުގައި ހުސްވެފައިވާ މަޤާމުތަކަށް މިހާރު ވެސް ގިނަ ބަޔަކު ޝައުގުވެރިކަން ދަނީ ފާޅުކުރަމުންނެވެ. ހަމަ އެއާއެކު، ތަޢުލީމީ ދާއިރާއާ ގުޅެން ބޭނުންވާ މީހުންގެ އަދަދު އިތުރުވެ، މި ދާއިރާ އެތައް ހަރުފަތެއް ކުރިއަރައިދާނެ ކަން ޔަޤީނެވެ.

ޓީޗަރުންނަށް ކުރިމަތިވާ ކަންކަން ހައްލު ކޮށްދިނުމަށް މި ސަރުކާރުން ކުރި ހަމައެކަނި ކަމަކީ، އެ މީހުންގެ މުސާރަ ބޮޑުކުރުން އެކަންޏެއް ނޫނެވެ. އެ މީހުންނަކީ ތަޢުލީމާއި ތަމްރީނު ލިބިފައިވާ ބަޔަކަށް ހެދުމަށް ވެސް ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ މީހުންނަށް ގިނަގުނަ ފުރުޞަތުތަކެއް ވަނީ ހުޅުވައިދީފައެވެ. މި ގޮތުން، ޕްރިންސިޕަލުން ތަމްރީނު ކުރުމަށް ސަރުކާރުން ހުޅުވައިލައިގެން ކުރިއަށްގެންދަވާ ޕުރޮގުރާމު ފާހަގަކޮށްލެވެއެވެ. އެހިސާބުން ނިމުނީއެއް ނޫނެވެ. ޓީޗަރުންނަށް ވެސް ތަޢުލީމީ ހަރުފަތްތަކުގައި ކުރިއަރައިދާން އޮތް ފުރުޞަތުތައް ގިނަގުނައެވެ. ޑިޕްލޮމާ ފެންވަރަށް ކިޔަވާފައިވާ ޓީޗަރުންނަށް ވެސް ސަރުކާރުގެ "ހިލޭ ފުރަތަމަ ޑިގްރީ" އާ ހަމައަށް ކިޔެވުމުގައި ފުރުޞަތުގެ ދަށުން ބައިވެރިވެވޭނެއެވެ. މިހާރު ވެސް، ގިނަ އަދަދެއްގެ ޓީޗަރުން ދަނީ، އެ ފުރުޞަތުގެ ބޭނުން ހިފައި ޑިގްރީ ފެންވަރަށް މަތީ ތަޢުލީމު ހާސިލު ކުރަމުންނެވެ. މީގެ އިތުރުން ވެސް، ތަޢުލީމީ ދާއިރާއިން ކުރިއަށް ދިޔުމަށް ސަރުކާރުން ވަނީ ގިނަ އަދަދެއްގެ ސްކޮލަރޝިޕްގެ ފުރުޞަތު ވެސް ހުޅުވައިލާފައެވެ.

ޓީޗަރުންގެ މުސާރައަށް ބަދަލުގެނައުމާ ހަމައިން މި ވާހަކަ ނިންމައިލެވޭކަށް ނެތެވެ. ސަރުކާރުގެ ޕޭ ހާމަނައިޒޭޝަން މަސައްކަތްތަކުގެ ދަށުން، އެހެން ދާއިރާތަކުގެ މުސާރައާއި ވަޒީފާގެ އޮނިގަނޑުތައް ވެސް އިތުރަށް ފުރިހަމަ ކުރުމަށް އެ ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. މި އަހަރުގެ ތެރޭގައި، ޞިއްޙީ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދެއްވާނެ ކަމުގެ ހެޔޮ ޚަބަރު ވެސް ރައީސް ޞޯލިޙް ވަނީ ދެއްވާފައެވެ. މި ކަންކަމުން ދޭހަވާ ހަޤީޤަތެއް އެބައޮތެވެ. އެއީ، މި ސަރުކާރަކީ ރައްޔިތުންގެ އަޑު އަހާ ސަރުކާރެއް ކަމެވެ. ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދެއްވާ ސަރުކާރެއް ކަމެވެ. ރައްޔިތުންގެ ލާބައާއި މަންފާއަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކޮށް، ދަތުރުކުރެވެން އޮތް އެންމެ ދުރު ރާސްތާއަކަށް ވެސް ދަތުރުކުރާނެ ސަރުކާރެއް ކަމެވެ. މި ސަރުކާރުން ސާބިތުކޮށްދެމުން އެ ދަނީ، މިއީ ރައްޔިތުންގެ ޝަކުވާތައް ބޮލާލައި ޖަހާނެ ސަރުކާރެއް ނޫން ކަމެވެ. ރައްޔިތުންގެ ވިންދު އަޑުއަހައި، އެ ރައްޔިތުންނާ އެކު ތަރައްޤީގެ މަގުގައި ފައިތިލަ ސާބިތުކުރާނެ ކަމެވެ. ހަޤީޤީ ތަރައްޤީއަކީ މިއީއެވެ.

ޓީޗަރުންރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުމިނިސްޓްރީ އޮފް އެޑިއުކޭޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

08 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު