ކ. މާލެ
|
3 އޭޕްރިލް 2022 | އާދީއްތަ 14:06
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު (ކ) ރައީސް ސޯލިހު (މ) އަދި އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޖައިޝަންކަރު (ވ) އައްޑޫގެ މަގު ހެދުމުގެ މަސައްކަތް ފައްޓަވައިދެއްވަނީ
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު (ކ) ރައީސް ސޯލިހު (މ) އަދި އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޖައިޝަންކަރު (ވ) އައްޑޫގެ މަގު ހެދުމުގެ މަސައްކަތް ފައްޓަވައިދެއްވަނީ
ފޮރިން މިނިސްޓްރީ
އައްޑޫ ސިޓީގެ ތަރައްގީ
ޝާހިދު އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅު: އައްޑުއަށް ވަރަށް ޚާއްސަ
 
އައްޑޫ ސިޓީއަށް ސަރުކާރުން ދެއްވާ ސަމާލުކަން ފެނިގެން ދިޔަ

ނިމުނު މާޗް މަހުގެ އެންމެ ފަހު ހަފްތާ ބަންދު ވެގެން ދިޔައީ އައްޑޫ ސިޓީއަށް ވަރަށް ޚާއްސަ، އުފާވެރި ހަފްތާ ބަންދަކަށެވެ. ތަރައްޤީގެ އެތައް މަޝްރޫއެއް ފެށި، ބައެއް މަޝްރޫއުތައް ނިންމުމުގެ ރަސްމިއްޔާތުތައް ބޭއްވިއިރު، މި ރަސްމިއްޔާތުތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ގެ އިތުރުން އދގެ އާއްމު މަޖިލީހުގެ ރައީސް ކަންކުރައްވަމުންގެންދަވާ ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު (ނޢޢވ) އަދި އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. އެސް ޖައިޝަންކަރު ވަޑައިގެންނެވިކަމީ އައްޑޫ ސިޓީގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ފަޚުރެކެވެ.

މިއީ ދިވެހި ސަރުކާރުން، އެހެން ގައުމެއްގެ އިސްވެރިޔަކު ބައިލޭޓަރަލް ދަތުރުފުޅެއްގައި ދިވެހިރާއްޖެއަށް ވަޑައިގަތުމުން މާލެއިން ބޭރުގައި އެބޭފުޅަކަށް މަރުޙަބާ ދެންނެވުމާއި، ބައްދަލުވުންތައް ބޭއްވުމާއި އަދި އެކިއެކި ހަރަކާތްތައް ބޭއްވި ފުރަތަމަ ފަހަރެވެ. އަދި ޝާހިދު އައްޑޫ ސިޓީ އަށް ވަޑައިގަތުމުން މިއީވެސް އައްޑޫ ސިޓީއަށް ލިބިގެން ދިޔަ ވަރަށް ބޮޑު އުފަލެކެވެ. އދގެ މެމްބަރު ހުރިހާ ޤައުމެއް ތަމްސީލްކުރާ އާއްމު މަޖިލީހުގެ ރައީސްގެ މަޤާމުގައި ހުންނެވި ބޭފުޅަކު އައްޑޫ ސިޓީއަށް ވަޑައިގަތްކަމީ ހަމަ ގައިމުވެސް އެ ސިޓީގެ ރައްޔިތުން ފަޚުރުވެރިވާނެ ކަމެކެވެ.

ޤަތަރުގެ ވެރިރަށް ދޯހާގައި އޮތް ދޯހާ ފޯރަމް ނިންމަވާލެއްވުމަށްފަހު ވަގުތުން އެއަޕޯޓަށް ވަޑައިގެން، ޚާއްސަ ފްލައިޓެއްގައި ޝާހިދު ވަޑައިގަތީ ސީދާ ގަމުގެ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ. އަދި ޑރ ޖައިޝަންކަރް އަށް މަރުޙަބާ ދެންނެވުމަށްފަހު، މަޑުކުރެއްވުމެއް ނެތި ދެ ވަޒީރުން ވަޑައިގަތީ ދެޤައުމުގެ މެދުގައި ބާއްވާ ރަސްމީ މަޝްވަރާތަކަށާއި، ޝާހިދުއާއި ޖައިޝަންކަރުގެ ބައްދަލުކުރެއްވުމަށެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު - ފޮރިން މިނިސްޓްރީ

މި ދަތުރުފުޅުގައި ރައީސް ސޯލިހް، އދގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު، އަދި ޑރ. ޖައިޝަންކަރު އިފްތިތާޙްކޮއްދެއްވި މަޝްރޫއުތަކާއެކު، އައްޑުއަށް ސަރުކާރުން ދެއްވާ ސަމާލުކަން ފެނިގެން ދިޔައެވެ. ހަމައެއާއެކު މި ދަތުރުފުޅުގައި ޝާހިދު އާއި ޖައިޝަންކަރުގެ ހާޒިރުގައި ބަދަލުކުރެވިގެން ދިޔަ އެއްބަސްވުންތަކާއެކު، ދެޤައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދެވޭނެ މަންޒަރު ވަރަށް ސާފުކޮށް ފެނެއެވެ. ސަރުކާރުން މިހާތަނަށް އަތޮޅުތެރޭގައި ހިންގާ އެންމެ ބޮޑެތި މަޝްރޫޢުތައް އައްޑޫގައި ހިންގަމުންދާއިރު، މާލެ ފިޔަވައި އިންޑިއާ ސަރުކާރުގެ އެހީގައި ހިންގާ އެންމެ ގިނަ އަދި އެންމެ ބޮޑެތި މަޝްރޫއުތައް ހިންގަމުން ދަނީވެސް އައްޑޫ ސިތީގައެވެ.

އައްޑޫ ޓޫރިޒަމް ޒޯން ހުޅުވުން - ފޮރިން މިނިސްޓްރީ

މާލެ ފިޔަވައި އެންމެ ބޮޑު އާބާދީއެއް އައްޑޫގައި އޮތްއިރު، އަދި އިގްތިސާދީ ހަރަކާތްތައްވެސް އައްޑޫގައި ހިނގަމުންދާއިރު، އައްޑޫގެ މަގުތަކުގެ ފެންވަރު ރަނގަޅުކުރަން އައްޑޫގެ ރައްޔިތުން އެދޭތާ އެތައް ޒަމާނެއް ވެއްޖެއެވެ. އެމައްސަލަ އަށްވެސް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް މި ސަރުކާރުން ފަށައި، އިންޑިއާ ސަރުކާރުގެ ލައިން އޮފް ކްރެޑިޓްގެ އެހީގައި އެމަސައްކަތް އެވަނީ ފެށިފައެވެ. 100 ކިލޯމީޓަރެއްހާ މަގު ހެދުމުގެ މަސައްކަތް ކުރަމުންދާއިރު، މިމަގުތަކަކީ އޭގެ ދަށުން ޒަމާނީ ފެންފަރަށް ފެން ހިންދުމުގެ ނިޒާމް ޤާއިމްކުރެވިފައި ހުންނާނެ މަގުތަކެވެ.

އިންޑިއާގެ ޚާރިޖީ ވަޒީރާއި އަދި ރާއްޖޭގެ ޚާރިޖީ ވަޒީރު ހުޅުއްވައިދެއްވި އައްޑޫ ސިޓީ ރީހެބް ސެންޓަރަކީވެސް މާލެ އަތޮޅުން ބޭރުގައި މިގޮތަށް ހުޅުވުނު ފުރަތަމަ މަރުކަޒެވެ. ހަމައެކަނި މާލެ ކައިރީގައި ސެންޓަރެއް ހަދައިގެން، އެ ޚިދުމަތްދޭން އުޅެގެންނެއް މިކަމެއް ނުވާނެކަމަށާއި، އައްޑޫ ސިޓީއާއި،އެނޫންވެސް ދުކުނުގެ އަތޮޅުތަކުގައި އޮތް ޑްރަގްގެ މައްސަލައަށް ޙައްލެއް ހޯދުމަށްޓަކައި މިތަނުން މަސައްކަތްތަކެއް ކުރެވިގެންދާނެކަމަށް ރައީސް ވަނީ އައްޑޫ ރައްޔިތުންނަށް ވިދާޅުވެދެއްވާފައެވެ.

މި ތަން ވެގެންދާނީ މަސްތުވާތަކެތީގެ ވަބާގައި ޖެހި، އެކަމުން މިންޖުވާން ބޭނުންވެފައި ތިބި ޒުވާނުންނާއި، އެޒުވާނުންގެ އާއިލާތަކަށް އާ އުއްމީދެއް ގެނެސްދޭނެ މަރުކަޒަކަށެވެ.

ފެންނަން އޮތީ އައްޑޫއަށް ތަރައްޤީއެވެ. އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫގަޔާއި، މުޅި ރާއްޖޭގައި ހިންގަމުންދާ މަޝްރޫޢުތަކުން ރައްޔިތުންނަށް އޮތީ އުފާވެރިކަމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް