ކ. މާލެ
|
1 އޭޕްރިލް 2022 | ހުކުރު 14:28
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ "މަސްޖިދް ޢަމީލް ޖަލީލް"
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ "މަސްޖިދް ޢަމީލް ޖަލީލް"
އިސްލާމިކް މިނިސްޓްރީ
މިސްކިތްތަކުގައި ޖާގަ އިތުރުކުރުން
ރަމަޟާން މަސް ފެށޭއިރު، ހުޅުމާލޭގެ 2 ވަނަ ފޭސްގެ މިސްކިތްތަކުގެ ޖާގަ އިތުރުކޮށް ހިޔާކުރަނީ
 
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވަގުތީ މިސްކިތުގެ ބޭރު ވަނީ ހިޔާކޮށްފައި
 
މާފަންނު އައު މިސްކިތް ހޮނިހިރު ދުވަހު ހުޅުވާނެ

ރަމަޟާން މަސް ފެށޭއިރު ހުޅުމާލޭގެ ދެވަނަ ފޭސްގެ ވަގުތީ މިސްކިތާއި ދެން ހުރި މިސްކިތްތަކުގެ ބޭރު ހިޔާކޮށް އާންމުންނަށް ފަސޭހައިން ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝާފިއު އަލީ ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގެ ފޭސް 2 ގައި ނަމާދުކުރުމުގެ އިންތިޒާމްތަކާއި ގުޅޭ ގޮތުން ރާއްޖެޓީވީގެ ފަލަސުރުހީގައި ވާހަކަފުޅުދައްކަވަމުން ޝާފިއު ވިދާޅުވީ ވަގުތީ މިސްކިތުގެ ގޯތިތެރޭގެ ބޮޑު ސަރަހައްދެއް ހިޔާކޮށް ފަސޭހަކަމާއެކު ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ދެވަނަ ފޭސްއަށް ވަދެވޭއިރު ފުރަތަމަ ޖެހޭ މިސްކިތުގެ ވެސް ޖާގަ އިތުރުކޮށް އެ މިސްކިތުގެ ފަހަތުން ބޮޑު ސަރަހައްދެއް ހިޔާކޮށްފައިވާ ކަމަށެވެ. ޝާފިއު ވިދާޅުވީ މިސްކިތުގެ އެތެރެއާއި ބޭރުގައި ރައްޔިތުންނަށް ދިމާވާ ތަކްލީފަށް ހައްލެއް ލިބިގެންދާނެކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ޝާފިއު ވިދާޅުވީ ބުރާސްފަތި ދުވަހު ދެވަނަ ފޭސްގައި ހުޅުވިގެން ދިޔަ މިސްކިތުގެ ކެޕޭސިޓީއަކީ 600 މީހުންގެ ޖާގަ ކަމަށާއި، މި މިސްކިތަކީ ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކާއި، އަންހެނުންނަށް ވެސް ނަމާދު ކުރެވޭނެ ގޮތަށް އިންތިޒާމް ހަމަޖެހިފައިވާ މިސްކިތެއް ކަމަށެވެ. އަދި ސަރުކާރުން އިމާރާތްކުރާ ކޮންމެ މިސްކިތެއް ވެސް ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އަންހެނުންނަށް ފަސޭހަކަމާއެކު ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދާނެކަން ޔަގީންކުރައްވާ ކަމަށް ވިދާޅުވިއެވެ.

ޝާފިއު ވިދާޅުވީ މިސްކިތްތަކުގެ ދަތިތައް ހުރި ދިމަދިމާލުގައި އެ ދަތިތައް ފިލުވައި ރައްޔިތުންނަށް ލުއި ފަސޭހަކޮށް ނަމާދު ކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި މަސައްކަތް ކުރަމުންދާ ކަމަށެވެ. ޝާފިއު ވިދާޅުވީ މާލެ ސަރަހައްދަށް ބަލާ އިރު، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ނަމާދު ކުރުމުގެ ދަތިކަން ހުރުމުން ބުރާސްފަތި ދުވަހުގެ މަޣްރިބް ނަމާދުން ފެށިގެން 600 މީހުންގެ ޖާގައިގެ މިސްކިތެއް ހުޅުވާ ނަމާދުކުރަން ފަށާފައިވާ ކަމަށެވެ. އަދި މީގެ އިތުރުން މާލޭގައި ރައްޔިތުން އެކަމަކަށް އެދިގެން ތިބި އެއް ކަންތައްކަމުގައިވާ ކިންގް ސަލްމާން މިސްކިތް ރަސްމީކޮށް ނުހުޅުވުނު ކަމުގައިވީ ނަމަވެސް ވަގުތީ ގޮތުން ނަމާދު ކުރަން ފަށާފައިވާއިރު، މާފަންނު އައު މިސްކިތް ހުރިތަނުގައި ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާއެކު ބިނާ ކުރެވޭ މިސްކިތް ރަމަޟާންމަހުގެ 1 ވަނަ ދުވަހުގެ އަސްރު ނަމާދުން ފެށިގެން ނަމާދުކުރެވެން ފަށާނެ ކަމަށެވެ.

މީގެ އިތުރުން ހުޅުމާލޭގައި އަމިއްލަ ފަރާތްތަކުން އަޅާ މިސްކިތެއް ރަމަޟާން މަހުގެ ފުރަތަމަ ދިހައިގެ ތެރޭގައި ހުޅުވިގެންދާނެ ކަމަށާއި، ލ ގަން މަތިމަރަދޫގައި ޒަކާތު ފަންޑުން އަޅާ ފުރަތަމަ މިސްކިތް އަޅާ މީގެ ދެދުވަހެއްހާ ދުވަސް ކުރިން ހުޅުވިފައިވާ އިރު، އައްޑޫ ސިޓީ ހިތަދޫގައި އަޅާފައިވާ މިސްކިތް ވެސް އެފަރާތާއި ގުޅިގެން ކުރި މަސައްކަތުން މިހާރު ނިމިފައިވާ ކަމަށް ޝާފިއު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް