ކ. މާލެ
|
8 މާރޗް 2022 | އަންގާރަ 13:58
ސްކޫލް ދަރިވަރުންނަށް މައުލޫމާތު ދެނީ
ސްކޫލް ދަރިވަރުންނަށް މައުލޫމާތު ދެނީ
ޕޮލިސް
ދިވެހި އަންހެން ފުލުހުންގެ ޚިދުމަތް
ގައުމާއިި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުވުމުގައި އަންހެނުން
 
ރާއްޖެއާއި ރާއްޖޭން ބޭރުގައި ހިންގާ ފުލުހުންގެ އެކި ތަމްރީނުތައް ފުރިހަމަކޮށްފައިވާ ގާބިލު އަންހެން ފުލުހުން އެބަތިބި
 
ފުލުހުންގެ ޚިދުމަތާއި އަލަށް ގުޅޭ އަންހެނުން އިތުރުކުރުމަށް މިހާރު ވެސް ގިނަ މަސައްކަތްތަކެއް ކުރޭ
 
ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް ދިވެހި އަންހެން ފުލުހުން ދަނީ ހަރަކާތްތެރިވަމުން

މިންތީގެ ހަމަހަމަކަން ގާއިމްކުރުމަށް ރާއްޖެއިން އަބަދުވެސް ދަނީ އެކި ފެންވަރުގައި މަސައްކަތް ކުރަމުންނެވެ. ޒަމާނެއްގައި ތަފާތު ކުރުންތައް ގެންގުޅުނު ނަމަވެސް މިހާރު އެކަން ދަނީ ބަދަލުވަމުންނެވެ. ގައުމު ކުރިއަރުވައި ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތުގައި އަންހެނުން ފެނިދާނެކަމަށް އުންމީދުކުރެވުނު ދާއިރާތަކުގެ އިސް ސަފުން މިއަދު އަންހެނުން ދަނީ ފެންނަމުންނެވެ. އެފަދަ ދާއިރާތަކުން ތަމްރީން ހޯދާ އަންހެނުންގެ ނިސްބަތްވެސް އިތުރެވެ. އެގޮތުން މިއަދު ގައުމާއި، އާއްމު ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މަސައްކަތުގެ އަމަލީ މައިދާނުން އަންހެނުން ފެންނަ މިންވަރު އިތުރުވެ ފުލުހުންގެ ޔުނީފޯމް އަޅަމުންދާ އަންހެން އޮފިސަރުންގެ ނިސްބަތް އިތުރެވެ. އަންހެން ފުލުހުން އިތުރުވަމުންދާކަން ދިވެހި އަންހެން ފުލުހުންގެ ޚިދުމަތުގެ ތެއްތިރީސް އަހަރުވީ ތާރީހުން ވެސް ހެކިދެއެވެ.

އަންހެނުން ބާރުވެރި ކުރުވުމަށް ދިވެހި ފުލުހުން ދަނީ ގިނަ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން އިދާރީ މަސައްކަތުން ފެށިގެން ފުލުހުންގެ އިސްސަފުގައި ފައިހަމަކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް ދިވެހި އަންހެން ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ދިވެހި ތާރީހަށް ބަލާއިރު، އެންމެ ފުރަތަމަ ސިފައިންނާއި ފުލުހުންގެ ޚިދުމަތުގައި އަންހެނުން ހަރަކާތްތެރިވާން ފަށާފައިވަނީ 1989 މާރިޗު 1 ވަނަ ދުވަހުއެވެ. އެގޮތުން، އެންމެ ފުރަތަމަ ސިފައިންގެ ޚިދުމަތަށް ނަގާފައިވަނީ 65 އަންހެނުންނެވެ. ފިރިހެނުންނެކޭ އެއްފަދައިން އަންހެނުން ވެސް މިދާއިރާއިން ޓްރޭނިންގުތައް ހަދައި ސިފައިންގެ ތެރޭގައި ހަރަކާތްތެރިވާން ފެށިއެވެ. އޭރު މިދާއިރާ އާއި ގުޅުނު ގިނަ އަންހެން ސިފައިން މަސައްކަތް ކުރަމުން ގޮސްފައި ވަނީ ފުލުހުންގެ ދާއިރާގައި ޕޮލިސް ހެޑްކުއާޓަރުގައެވެ. އެގޮތުން އަސްރާރް މުހައްމަދާއި، އާމިރާ ޔޫސުފް އަދި އާމިނަތު ހަނީފާއާއި، އާމިނަތު ޢަބްދުލްހާދީއާއި، ފާތިމަތު އަޒްލިފާ އަދި ޒުހުރާ އިބްރާހީމް ފަދަ އަންހެން ފުލުހުން ފާހަގަކޮށްލެވެއެވެ. މި ކަނބަލުންގެ ތެރެއިން މިހާރު ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ޒުހުރާ އިބްރާހީމް ފިޔަވައި އެހެން ކަނބަލުން ފުލުހުންގެ ޚިދުމަތުން ރިޓަޔަރ ވެފައިވީ ނަމަވެސް މި ކަނބަލުންނަކީ ވެސް ފުލުހުންގެ ތެރޭގައި ފާހަގަކޮށްލެވޭ ފަދަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ކަނބަލުންނެވެ.

ސިފައިންނާއި ފުލުހުން ވަކި ދެ މުއައްސަސާއަކަށް ބަދަލުވުމުގެ ކުރިން ސިފައިންގެ ތެރޭގައި އަދި ފުލުހުންގެ ތެރޭގައިވެސް އަންހެން ކޮމިޝަންޑް އޮފިސަރަކު ނުހުރެއެވެ. 2004 ވަނަ އަހަރު ޗީފް ސްޓޭޝަން އިންސްޕެކްޓަރެއްގެ މަގާމުގައި ފުލުހުންގެ ދާއިރާ އާއި އަލަށް ގުޅުނު އަންހެން ފުލުހަކީ ފާތިމަތު އިނާލާއެވެ. ފުލުހުންގެ ޓްރެއިނިންގ ހެދުމަށްފަހު ފުރަތަމަ ފަހަރަށް ރާއްޖޭގައި ފުލުހުންގެ އަންހެން ކޮމިޝަންޑު އޮފިސަރެއްގެ މަގާމަށް ދިވެހި ތާރީހުގައި ފާތިމަތު އިނާލާގެ ނަން ފެވިގެން ދިޔައެވެ. ފާތިމަތު އިނާލާ އަކީ މާސްޓަރ ކޯސް ފުރިހަމަކުރުމަށްފަހު ފުލުހުންގެ މަސައްކަތަށް ނުކުތް ފުރަތަމަ އަންހެން ފުލުހެވެ. އެއަށްފަހު މަޑުމަޑުން އަންހެން ފުލުހުންވެސް މިދާއިރާއަށް ނުކުންނަން ފަށައި އަދި ރާއްޖެ އާއި ރާއްޖޭން ބޭރުންވެސް ތަފާތު ކޯސްތައް ހަދަމުން ގެންދިޔައެވެ. އެގޮތުން މާސްޓަރސް ކޯސް ފުރިހަމަ ކުރުމަށްފަހު ކޮމިޝަންޑު އޮފިސަރެއްގެ މަގާމަށް އަންޔަނު ކުރެވުނު ދެ ވަނަ އަންހެން ފުލުހަކީ މިރުފަތު ފާއިޒްއެވެ. އަދި ތިން ވަނަ އޮފިސަރެއްގެ ގޮތުގައި އިޒްމިއާ ޒާހިރު ވެގެންދިޔައެވެ. މި ތިން ކަނބަލުންގެ ތެރެއިން މިހާރު ފުލުހުންގެ ހިދުމަތުގައި ހުންނެވީ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިޒްމިއާ ޒާހިރުއެވެ.

ތަމްރީން ޕްރޮގްރާމެއްގެ ތެރެއިން

މުޅި ރާއްޖެއަށް އަންހެން ފުލުހުންގެ ޚިދުމަތް ފުޅާވެގެން ގޮސްފައިވާ ގޮތަށް ބަލާއިރު، ވަކި މުއައްސަސާއެއްގެ ގޮތުގައި ހަމަޖެހުމާއެކު ފިރިހެން ފުލުހުންނެކޭ އެއްފަދައިން އަންހެން ފުލުހުން ވެސް އަތޮޅު ޕޮލިސް ސްޓޭޝަންތަކުގައި މަސައްކަތް ކުރަން ފެށިއެވެ. ޕޮލިސް ސްޓޭޝަންތަކުގެ އިންޗާޖުންގެ ގޮތުގައާއި ޕެޓްރޯލް މަނުންގެ ގޮތުގައެވެ. އެގޮތުން އެންމެ ފުރަތަމަ ޕޮލިސް ސްޓޭޝަނެއްގެ އިންޗާޖެއްގެ ގޮތުގައި އަތޮޅު ޕޮލިސް ސްޓޭޝަނެއްގައި މަސައްކަތްކުރި އަންހެން ފުލުހަކީ އަސްރާރު މުހައްމަދުއެވެ. އަސްރާރް މުހައްމަދު ވަނީ 2003 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށް ކ. ތުލުސްދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކޮށްފައެވެ. އަތޮޅު ޕޮލިސް ސްޓޭޝަންގެ އިންޗާޖެއްގެ ގޮތުގައި ދެ ވަނަ އަށް މަސައްކަތްކުރި އަންހެން ފުލުހަކީ މިހާރު ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި މަރިޔަމް އަޒުމާއެވެ.

އަތޮޅުތަކާއި އެއްފަދައިން މާލޭގައި ވެސް އަންހެން ފުލުހުންގެ ޚިދުމަތް ފުޅާވެގެން ދިޔައެވެ. ކުރިން ކޮމާންޑު ސެންޓަރާއި އިންވެސްޓިގޭޝަން އޮފިސަރ އަދި އެޑްމިން މަސައްކަތްތައް އަންހެން ފުލުހުން ކުރަމުން ދިޔަ ނަމަވެސް މަގުމަތީގައި ފޯރިމެރުމާއި، ކުށުގެ ވެއްޓަށް ދިއުމާއި، ކުށްވެރިން ބެލެހެއްޓުމާއި، އަދި ފޮރެންސިކް ތަހުލީލުތަކުގައާއި ވިލީ ފުލުސްތަކުގެ އިންޗާޖުކަމުން ފެށިގެން ކޮމާންޑަރުންގެ ލެވެލްގައި ވެސް އަންހެން ފުލުހުންގެ ދައުރު ދުވަހެއް ދުވަހަކަށް ފުޅާވަމުން ދިޔައެވެ.

ފުލުހުންގެ ޚިދުމަތާއި އަލަށް ގުޅޭ އަންހެނުން އިތުރުކޮށް މުޅި ރާއްޖެއަށް އަންހެން ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް މިހާރުވެސް ދަނީ ކުރަމުންނެވެ. އެގޮތުން މިއަދު ދިވެހި ފުލުހުންގެ ޚިދުމަތުގެ އިސްސަފުގައި ގިނަ އަންހެން ފުލުހުން މަސައްކަތްކުރަމުން ގެންދާއިރު، އަތޮޅު ކޮމާންޑަރުންގެ ގޮތުގައާއި ރީޖަން ކޮމާންޑަރުންގެ ގޮތުގައި ވެސް އަންހެން ފުލުހުން ހަރަކާތްތެރިވަމުން ދެއެވެ. މިއީ ދިވެހި ފުލުހުންގެ ޚިދުމަތަށް ލިބޭ ފަހުރަކާއި ޝަރަފަކަށް މެނުވީ ނުވާނެއެވެ. އަދި 2021 މާރިޗް 9 ވަނަ ދުވަހު ފުރަތަމަ ފަހަރަށް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ ރޭންކު ތިން އަންހެން ފުލުހަކަށްވަނީ ލިބިފައެވެ. އެއީ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިޒްމިއާ ޒާހިރުއާއި، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މަރިޔަމް އަޒުމާއާއި، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ފާތިމަތު ނަޝްވާއެވެ. ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ރޭންކުގެ އިތުރުން ކޮމިޝަންޑު އޮފިސަރ ރޭންކުތަކާއި ސީނިއަރ ނޮން ކޮމިޝަންޑު އޮފިސަރުންގެ ރޭންކުތަކުގައި ވެސް އަންހެން ފުލުހުން މަދެއް ނޫނެވެ. ވަކިން ހާއްސަކޮށް ޑިރެކްޓަރުގެ މަގާމާއި ހަމައަށް އަންހެން މުވައްޒަފުން ފުލުހުންގެ ޚިދުމަތުގައި މިއަދު މަސައްކަތް ކުރަމުންދެއެވެ.

މީގެ އިތުރުން ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށް ހާއްސަކޮށްގެން ފުލުހުންގެ ޚިދުމަތުން ވަނީ މޯލްޑިވްސް ވިމެން އިން ޕޮލިސިންގެ ނަމުގައި ކޮމެޓީއެއް ވެސް އުފައްދާފައެވެ. މި ކޮމެޓީއަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނުގެ މަގުސަދުތަކާއި، އިސްތިރާޖީ އަމާޒުތަކުގެ ގޮތުގައި ކަނޑައަޅާ ލަނޑުދަނޑިތައް ހާސިލުކުރުމުގައި އަންހެން މުވައްޒަފުންގެ ދައުރު ފުލުހުންގެ ތެރޭގައި ވީހާވެސް ފުޅާކޮށް، ހަމަހަމަ ފުރުސަތުތަކެއް ފަހިކޮށްދިނުމާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަކީ އަންހެނުން ޝައުގުވެރިވާނެ ވަޒީފާއެއްގެ ގޮތުގައި ކުރިއަރުވައި ދެމެއްޓުމަށް މަސައްކަތްކުރުމުގެ އިތުރުން ފުލުހުންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރކޮށްފައިވާ އަންހެން މުވައްްޒަފުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައި، ކޮމިޝަނަރ އޮފް ޕޮލިހަށް ފުލުހުންގެ ގާނޫނުން ލިބިދީފައިވާ ބާރާއި އިހުތިޔާރުގެ ދަށުން އުފައްދާފައިވާ ކޮމެޓީއެކެވެ.

ފުލުހުންގެ ޚިދުމަތުން މައުލޫމާތުދޭ ގޮތުގައި ދިވެހި އަންހެން ފުލުހުންގެ ޚިދުމަތުގެ ދުވެލި މިއަދު މިވަނީ އަތުނުޖެހޭ މިންވަރަށް ހަލުވިވެ ކުރިއަރާފައެވެ. އެގޮތުން، ރާއްޖެއާއި ރާއްޖޭން ބޭރުގައި ހިންގާ ފުލުހުންގެ އެކި ތަމްރީނުތައް ފުރިހަމަކޮށްފައިވާ ގާބިލު އަންހެން ފުލުހުންނާއި އަންހެން ސިވިލް މުވައްޒަފުން މިއަދު ދިވެހި ފުލުހުންގެ ޚިދުމަތުގައި އެބަތިއްބެވެ. ވަކިން ހާއްސަކޮށް ފުލުހުންގެ ޚިދުމަތުގައި އަންހެން ޑައިވަރުންނާއި، ޑްރައިވަރުން އަދި އަންހެން މެކޭނިކުން އަދި މާޒީގައި އަންހެނުން މަސައްކަތް ނުކުރާފަދަ ދާއިރާތަކުން ވެސް އަންހެން މުވައްޒަފުން ތަމްރީނުވާތަން ދަނީ ފެންނަމުންނެވެ. އެހެންކަމުން އަންހެނުންގެ ދައުރު ވަކި ދާއިރާއަކުން ނުފެންނާނެ ކަމަށް މިއަދު އުންމީދު ކުރުމަކީ މޮޔަކަމެކެވެ.

ނޯޓް: މިއީ ޕޮލިސް ލައިފްއިން އާއްމުކޮށްފައިވާ ލިޔުމެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ރިޕޯޓެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް