ކ. މާލެ
|
23 ފެބްރުއަރީ 2022 | ބުދަ 13:25
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
އިފްތިތާހަށް ދިމާވެފައިވާ މައްސަލަތައް
އިފްތިތާހުގެ ހިންގުން ހަރުދަނާކޮށް ސްކޫލަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދިނުމަށް ގޮވާލާ ހުށަހެޅި ގަރާރު ދިރާސާކުރުމަށް ކޮމީޓީއަށް
ގަރާރު ދިރާސާކުރުމަށް ފޮނުވާފައިވަނީ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީއަށް
ގަރާރުގައި ފާހަގަކޮށްފައިވާ ގިނަ ކަންތައްތަކެއް އެޑިޔުކޭޝަން މިނިސްޓްރީން ހައްލު ކޮށްދެއްވާފައިވާ ކަަމަށް ޝިޔާމް ވިދާޅުވި
ގަރާރުގައި 18 ކަމެއް ހައްލުކޮށްދިނުމަށް ހުށަހަޅާފައިވޭ

މަދްރަސަތުލް އިފްތިތާހުގެ ހިންގުން ހަރުދަނާކޮށް ދެވޭ ތަޢުލީމުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ސްކޫލަށް ދިމާވެފައިވާ ދަތިތައް ވީހާވެސް އަވަހަށް ޙައްލުކޮށްދިނުމަށް އެދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމު ހުށަހެޅުއްވި ގަރާރު މަޖިލީހަށް ބަލައިގަނެ ގަރާރު ދިރާސާކުރުމަށް ކަމާއި ބެހޭ ކޮމިޓީއަށް ފޮނުވައިފިއެވެ.

މިގަރާރު ބަލައިގަތުމަށް ފެނޭތޯ ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 36 މެމްބަރުން ގަރާރު ބަލައިގަންނަން ފެންނަކަަމަށް ވަނީ ވޯޓުދެއްވާފައެވެ. ގަރާރު ބަލައިގަންނަން ނުފެންނަކަމަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައިނުވާއިރު ވަކިގޮތަކަށް ވޯޓުނުދެއްވާ އެއް މެމްބަރަކު އިންނެވިއެވެ. މި ގަރާރު ދިރާސާކުރުމަށް ފޮނުވާފައިވަނީ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީއަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ގަރާރަށް ހުށަހަޅުއްވަމުން ޝިޔާމް ވިދާޅުވީ މިއީ މާލެ ފިޔަވައި ރާއްޖޭގައި ހުރި އެންމެ ގިނަ ދުވަސްވީ އެއް މަދުރަސާކަމަށްވާ ނައިފަރު މަދްރަސަތުލް އިފްތިތާހަށް ދިމާވެފައިވާ މައްސަލަތަކުގެ ސަބަބުން، އެމަދުރަސާއިން ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށާއި އެމަދަރުސާގެ ޓީޗަރުންނާއި ހިންގުންތެރިންނަށް ދިމާވެފައިވާ ދަތިތަކާއި އެކަންކަމުގެ ސަބަބުން ދަރިވަރުންގެ ތައުލީމަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށްޓަކައި މިމައްސަލަތައް ވީހާވެސް އަވަހަށް ހައްލުކޮށްދިނުމަށް އެދި އިލްތިމާސްކުރުމަށްޓަކައި ހުށަހަޅާ ގަރާރެއް ކަމަށެވެ.

ޝިޔާމްގެ ގަރާރުގައި ވަނީ އިފްތިތާހު ހިންގުމަށާއި ދަރިވަރުންގެ ތައުލީމަށް އެކަންކަމުގެ ސަބަބުން ދަތިތަކާއި ކުރިމަތިވެފައިވާތީ އިފްތިތާހުގެ ސީނިއަރ މެނޭޖްމަންޓް ޓީމާއި ބައެއް ބެލެނިވެރިންނާއި ޓީޗަރުންނާއެކު ބަދަލުކުރެވުނު ޚިޔާލުތަކުގެ އަލީގައި ވަރަށް އަވަހަށް ހައްލު ކުރަންޖެހޭ ކަންތައްތަކުގެ ގޮތުގައި 18 ކަމެއް ފާހަގަކޮށްފައެވެ.

އޭގެތެރޭގައި ހިމެނެނީ އަލަށް އިމާރާތްކުރެވިފައިވާ އައު ކްލާސްރޫމް ބްލޮކް މަސައްކަތް ނިމި އެތައް މަހެއްވީއިރުވެސް އިމާރާތަށް ކަރަންޓް ލެވިފައިނެތުމުން އެތައް ކުދިންގެ ކިޔެވުމަށް ބޭނުން ނުކުރެވި ސްކޫލްގައި ޖާގައިގެ ދަތިކަން ކުރިމަތިވެފައިވުމެވެ. އަދި މިހާރު ބޭނުންކުރަމުންދާ އިމާރާތުގައި ދާއިމީ ކަރަންޓެއް ސްކޫލްގައި ނެތުމެވެ.

އަދި އައު ބްލޮކަށް ފަރުނީޗަރު ހަމަކޮށްދިނުމާއި މިހާރުވެސް ބޭނުންކުރަމުން އަންނަ ގިނަ ފަރުނީޗަރު ހަލާކުވެ ސްކޫލްގެ ދަރިވަރުންނާއި ޓީޗަރުންނަށް ބޭނުންވާ ވަރަށްވެސް ފަރުނީޗަރު ނެތުމެވެ. ކޮމްޕިޔުޓަރ ލެބޯޓްރީ މިހާރު ހުރި އިމާރާތް އެހެން އިމާރާތަކަށް ބަދަލުކޮށް ސިސްޓަމްތައް އަޕްގްރޭޑްކުރުމަށްވެސް ވަނީ ހުށަހަޅާފައެވެ.

އަދި އައު އިމާރާތުގައި ޓީޗަރުންނަށް މަސައްކަތްކުރަން ފަސޭހަކަމާއެކު ތިބެވޭނެ މާހައުލެއް ގާއިމުކޮށްދިނުމާއި ސައުންޑް ސިސްޓަމް ހަލާކުވެފައި ހުރުމުގެ ސަބަބުން ދަރިވަރުންނަށް ދޭންޖެހޭ އެނައުންސްމެންޓްތަކާއި އެސެމްބްލީ އަދި ޖަލްސާ އަދި ގަޑިހަމަވެގެން ޖަހާ ރަނގަބީލުގެ އަޑު ސްކޫލްގެ ގޯތިތެރެއަށް ނީވޭ މައްސަލަ ހައްލުކޮށްދިނުމެވެ.

ސްކޫލްގެ ބައެއް ކުލާސްރޫމްތަކަށް އިންޓަރނެޓް ނުލިބޭ މައްސަލަ ހައްލުކުރުމަށާއި ތައުލީމީ ގޮތުން ސްކޫލް، ގައުމީ އަދި ބައިނަލްއަގްވަމީ ގޮތުން މަތީ ވަނަތައް ހާސިލުކުރާ ދަރިވަރުންގެ ކާމިޔާބީ ފާހަގަކުރުމަށް މިހާރަށްވުރެ ބޮޑު އަހައްމިއްޔަތުކަމެއް ދެވޭނެ ނިޒާމެއް ގާއިމުކުރުމެވެ.

އަދި ސްކޫލްގައި ޑެޕިއުޓީ ޕްރިންސްޕަލަކު ނެތުމާއި އެކްސްޓްރާ ކަރިކިއުލަރ ހަރަކާތްތައް މަދުކަންވެސް ހުށަހަޅާފައިވެއެވެ.

މީގެއިތުރުން ސްކޫލް ޕްރިންޓިންގ ރޫމްގެ ގިނަ މެޝިނަރީސްތައް ހަލާކުވެފައިވުމުގެ ސަބަބުން ފިލާވަޅު ނަގައިދިނުމަށް ކުރަންޖެހޭ މަސައްކަތްތަކަށް ޓީޗަރުންނަށް ބޮޑު ހޭދައެއް ކުރަންޖެހުންވެސް ވަނީ ހުށަހަޅާފައެވެ.

ޝިޔާމް ވިދާޅުވީ މިދިޔަ އަހަރު ގަރާރު ހުށަހެޅުއްވުމުން ގަރާރުގައި ފާހަގަކޮށްފައިވާ ގިނަ ކަންތައްތަކެއް އެޑިޔުކޭޝަން މިނިސްޓްރީން ހައްލުކޮށްދެއްވާފައިވާކަަމަށެވެ. ނަމަވެސް އަދިވެސް ހައްލުނުވެ ހުރި ކަންކަން ހައްލުކޮށްދިނުމަށް ވަނީ އެދިވަޑައިގަންނަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް