ކ. މާލެ
|
15 ފެބްރުއަރީ 2022 | އަންގާރަ 19:00
ގޮހޮރު ބުރިވި އަންހެން މީހާ
ގޮހޮރު ބުރިވި އަންހެން މީހާ
ރާއްޖެއެމްވީ
އަންހެނެއްގެ ގޮހޮރު ބުރިވި މައްސަލަ
ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
 
މަޑުމަޑުން ހާލު އަންނަނީ ރަނގަޅުވަމުން
 
މިހާރު ވަނީ ވޯޑަށް ބަދަލުކޮށްފައި
 
މާލެ ގެނެވި ފަރުވާ ނުދެވުނުނަމަ އުމުރަށް ކޮއްކޮ ގެއްލުނީސް

ދެ ފިރިހެން ދަރިންނާއެކު, އައްޑޫ ސިޓީ މަރަދޫއަށް އުފަން ނަސްރީނާ މުހައްމަދު ދިރިއުޅުން އައީ ވަރަށް އުފާވެރިކޮށެވެ. އެއާއިލާއަށް އިތުރު އުފާވެރިކަމެއް ލިބިގެންދިޔައީ އަންހެން ދަރިއަކަށް ނަސްރީނާ ބަލިވެއިން ހިސާބުންނެވެ. އެހިސާބުން ފެށިގެން މުޅި އާއިލާއައީ އެކަމަށް ތައްޔާރުވަމުންނެވެ. ގަވާއިދުން ނަސްރީނާ ޑޮކްޓަރަށް ދައްކަމުން ދިޔައެވެ. އައްޑޫ ސިޓީގައި ދިރިއުޅެމުންދާތީ ޑޮކްޓަރަށް ދައްކަމުން ދިޔައީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށެވެ. ވިހެއުމަށް ދީފައިވާ ތާރީޚާކީ ޖެނުއަރީ މަހުގެ 23 ވަނަ ދުވަސް ނަމަވެސް, 22 ވަނަ ދުވަހު ބަނޑުގައި ރިއްސަން ފެށުމާއެކު ހޮސްޕިޓަލަށް ގެންދިޔައެވެ. އެރޭގެ ވަގުތެއްގައި ސިޒޭރިއަން ހެދުމަށްފަހު ދެމައިން ވެސް ދޫކޮށްލިއެވެ. ނަމަވެސް އުފާވެރި އެވަގުތުކޮޅު ހާސްކަމަށް ބަދަލުވެގެންދިޔައީ ކުއްލިއަކަށް ނަސްރީނާގެ ހާލު ގޯސްވުމުންނެވެ. އާއިލާ މީހުން ގާތުގައި ނަސްރީނާގެ ތިން ދަރިން ބަލައި ދިނުމަށް އެދި ވަސިއްޔަތް ކުރި ހިސާބުން މުޅި އާއިލާ ގޮތްހުސްވި ކަހަލައެވެ.

ނަސްރީނާގެ ހާލަތާގުޅޭގޮތުން އޭނާގެ ބޭބެ އިބްރާހިމް ރަޝީދު ރާއްޖެ އެމްވީއަށް ބުނީ، ފުރާނަ ސަލާމަތް ކުރެވުނީ ކިރިޔާ ކަމަށާއި، މާލެ ގެނެވި ފަރުވާ ނުދެވުނުނަމަ އުމުރަށް ކޮއްކޮ ގެއްލޭނެ ކަމަށެވެ. އަދި ރަޝީދު ވަނީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ގިނަ ތުހުމަތުތަކެއް ކޮށްފައެވެ. އެގޮތުން ނަސްރީނާގެ ސިޒޭރިއަން ހެދި ޑޮކްޓަރު މީގެ ކުރިން އެފަދަ އޮޕަރޭޝަނެއްކޮށްފައި ނުވާކަމަށް ބުނެފައިވެއެވެ. ރަޝީދު ކިޔައިދިން ގޮތުގައި, ހޮސްޕިޓަލުން ވަނީ އާއިލާއަށް ނަސްރީނާއާ ގުޅޭގޮތުން ދޮގު މައުލޫމާތުދީ، ހާލަތު ސީރިއަސްވިނަމަވެސް އެކަން ސިއްރުކުރުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ހާލަތު ސީރިއަސްކަން ޔަގީންވެގެން ދިޔައީ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ދިވެހި ނަރުހަކު ދިން މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަމަށް ރަޝީދު ބުންޏެވެ.

މިހާރުގެ ހާލަތާގުޅޭގޮތުން ރަޝީދު ބުނީ, އޭޑީކޭ ހޮސްޕިޓަލުން ނަސްރީނާގެ އޮޕަރޭޝަން ކުރީ ވަރަށް ކްރިޓިކަލް ކޮންޑިޝަންގައި އޮއްވާ ކަމަށެވެ. އޮޕަރޭޝަނަށްފަހު މިމަހުގެ 11 ވަނަ ދުވަހު ވަނީ ވޯޑަށް ދޫކޮށްފައެވެ. ވޯޑުގައި ފަރުވާމުންދާއިރު މަޑުމަޑުން ހާލު އަންނަނީ ކަމަށާއި، އަދިވެސް ވެސް ހަރު ކާއެއްޗެހި ކެއުމާއި، ހިނގާބިގާވެ ނޫޅެވޭކަމަށް އޭނާ ބުންޏެވެ. އަދިވެސް ނަސްރީނާއަށް އޭނާގެ އަލަތު އަންހެން ދަރިފުޅު އުރާނުލެވޭ ކަމަށް ރަޝީދު ބުންޏެވެ.

ހާދިސާ ހިނގައިދިޔަގޮތް

41 އަހަރުގެ ނަސްރީނާ ވިހެއުމަށް ދީފައިވާ ތާރީޚަކީ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހެވެ. ނަމަވެސް ޖެނުއަރީ 22 ވަނަ ދުވަހު ރޭ ދަންވަރު ބަނޑުގައި ރިއްސާތީ ހޮސްޕިޓަލަށް ދިޔައެވެ. އެ ދުވަހު ސިޒޭރިއަން ހެދުމަށްފަހު, ދެމައިންގެ ހާލުވެސް ރަނގަޅު ކަމަށް ޑޮކްޓަރުން އާއިލާއަށް އެންގި އެވެ. އަދި ވޯޑަށް ދެމައިންވެސް ބަދަލުކުރިއެވެ. ނަމަވެސް ފާޚާނާ ނުކުރެވޭތީ އުނދަގޫތައް ކުރިމަތިވާން ފެށިއެވެ. އެކަން ޑޮކްޓަރުންނާއި ނަރުހުންގެ ސަމާލުކަމަށް ގެނައިނަމަވެސް, އެއީ ގޭސްވުމުގެ ސަބަބުން ދިމާވި މައްސަލައެއް ކަމަށް ބުނެ އެކަމަށް ބޭސް ދިނެވެ. އަދި ރަނގަޅު ކާނާ ކާންދިނުމަށް އެންގިއެވެ. އޭގެ ފަހުން މާބޮޑަށް ނޭވާލާން އުނގަދޫވިއެވެ. ހާލު ގޯސްވުމުން, އިތުރު ސްކޭނެއް ހެދުމަށް އާއިލާއިން އެދުމުން, ސްކޭން ކުރުމަށްފަހު ނަސްރީނާ ވެއްދީ އައިސީޔޫއަށެވެ. އޭރުވެސް އާއިލާއަށް އަންގަމުންދިޔައީ ޕޭޝަންޓުގެ ހާލު ރަނގަޅުކަމަށެވެ. އަދި ދެ ދުވަސް ފަހުން އައިސީޔޫއިން ނެރުނެވެ. ނަމަވެސް ހާލަތު ރަނގަޅުނުވާތީ މާލެ ފޮނުވައިދިނުމަށް އާއިލާއިން އެދުނެވެ. އަދި އެކަމަށް ހޮސްޕިޓަލުން ކުރީ އިންކާރު ކަމަށް އާއިލާއިން ބުނެއެވެ. ނަމަވެސް ހޮސްޕިޓަލްގައި ތިބި މީހުންނާ ދެކޮޅަށް ނަސްރީނާ މާލެ ގެނެސް، އޭޑީކޭއަށް ދެއްކުނީ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުއެވެ.

އޭޑީކޭއިން ބެލުމަށްފަހު ނަސްރީނާގެ ހާލު ގޯސްކަމަށް އާއިލާއަށް އެ ދުވަހު އެންގިއެވެ. ސިޒޭރިއަން ހެދި އިރު ގޮހޮރު ވަރަށް ބޮޑަށް ވީދިފައިވާ ކަމަށާއި، ބުރިނުވެ އޮތީ ކިރިޔާ ކަމަށް އޭޑީކޭއިން މައުލޫމާތު ދިނެވެ. އޭގެ ސަބަބުން ފުއްޕާމެއާއި އޯވަރީގައި ފެން ހެދި އިންފެކްޓްވެފައިވާއިރު، ކިޑްނީއަށް ވެސް ވަނީ އަސަރުކޮށްފައެވެ. ވަގުތުން އޮޕަރޭޝަންކޮށް ގޮހޮރުގެ ހަލާކުވެފައިވާ ބައި ބުރިކޮށްލީ ކަމަށް އާއިލާއިން ބުނެއެވެ. އަދި އަވަހަށް ފަރުވާ ނުދެވުމުގެ ސަބަބުން ގިނަ ސިއްހީ މައްސަލަތައް ނަސްރީނާއަށް ވަނީ ކުރިމަތިވެފައެވެ.

އޭޑީކޭ ހޮސްޕިޓަލުން ބުނީ އަވަހަށް އޮޕަރޭޝަން ކުރަންޖެހެއޭ. ހާލަތު ވަރަށް ކްރިޓިކަލްއޭ. އިރާދަކުރެއްވިއްޔާ ރަނގަޅުވާނޭ. ފުރާނަ ސަލާމަތްކުރަން ވަރަށް މަސައްކަތް ކުރާނަމޭ. ވަކިއެއްޗެއް ބުނާކަށް ނޭނގެއޭ.
އިބްރާހިމް ރަޝީދު

އަތަލު އަންހެން ދަރިއެއް ލިބުނު ނަމަވެސް މިއަދު އެ އާއިލާއަށް ވަނީ ނުތަނަވަސްކަން ކުރިމަތިވެފައެވެ. ހޮސްޕިޓަލްގެ އިހުމާލު ކަމަށް އާއިލާއިން ބުނަމުންދާއިރު، އެކަން ސިއްރު ނުކޮށް އާއިލާއަށް އެންގި ނަމަވެސް އަވަހަށް ފަރުވާ ދެވި މިހާލަތު ކުރިމަތިނުވާނެ ކަމަށް އާއިލާއިން ބުނެއެވެ. މިއަދު އާއިލާއިން ބޭނުންވަނީ އިންސާފެވެ. މަރުގެ އެތިފަހަރަކުން ސަލާމަތްވީ ކިރިއާ ކަމަށްވާއިރު، މިފަދަ ހާލަތެއް އެހެން މަޔަކަށް ކުރިމަތިވިޔަނުދިނުމަށް ފިޔަވަޅު އަޅައިދިނުމަށް އެ އާއިލާއިން އެދިފައިވެއެވެ.

މިހާރު މި މައްސަލަ ހެލްތު މިނިސްޓްރީން ދަނީ ތަހުގީގު ކުރަމުންނެވެ. މިއަދާ ހަަމައަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން އާއިލާއަށް އެއްވެސް އެއްޗެއް އަންގާފައެއްނުވެއެވެ. އަދި ނަސްރީނާގެ ރިޕޯޓު ވެސް ދޫކޮށްފައިވެއެވެ. ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން މިމައްސަލާގައި ބަހެއް ބުނާކަށް ބޭނުމެއްނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
14%
0%
62%
22%
0%
3%
ކޮމެންޓް