ކ. މާލެ
|
7 ފެބްރުއަރީ 2022 | ހޯމަ 13:15
"އިންޑިއާ އައުޓް" ނަމުގައި ހިންގާ ހަރަކާތާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް ފޮނުއްވާފައިވާ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީއިން ދިރާސާކުރުން
"އިންޑިއާ އައުޓް" ނަމުގައި ހިންގާ ހަރަކާތާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް ފޮނުއްވާފައިވާ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީއިން ދިރާސާކުރުން
މަޖިލިސް
އިންޑިއާ އައުޓް ޙަރަކާތް
"ސިޔާސީ ވަކި މީހަކާއި ދެކޮޅަށް އަޑުއުފުލިދާނެ، ނަމަވެސް ވަކި ޤައުމަކާއި ދެކޮޅަށް އަޑުއުފުލުމުގެ ނަތީޖާ ވިސްނަންޖެހޭނެ"
އިންޑިއާ އައުޓް ކެމްޕޭނަކީ ވަކި އިމެއް ނެތި ކުރުމަށް ދޫކޮށްލެވެން އޮތް ކަމެއް ނޫން
މިފަދަ ކަންކަމުގައި ބޭރު ޤައުމުތަކުން އަމަލުކޮށް އުޅޭ ގޮތް ބެއްލެވުމަށްވެސް ރައީސް ނަޝީދު ވަނީ އެދިވަޑައިގަންނަވާފައި
ރާއްޖެ އާއި ޑިޕްލޮމެޓިކް ގުޅުން ޤާއިމު ކުރެވިފައިވާ ޤައުމުތަކާއި އިދިކޮޅަށް ޙަރަކާތްތައް ދަނީ ހިންގަމުން

ވަކި ސިޔާސީ ޕާޓީއަކާއި ދެކޮޅަށް ނުވަތަ ސިޔާސީ ބޭފުޅަކާއި ދެކޮޅަށް އަޑުއުފުލިދާނެ ކަމަށާއި، އެހެންނަމަވެސް ވަކި ޤައުމަކާއި ދެކޮޅަށް އަޑުއުފުލުމުގެ ނަތީޖާ ވިސްނަން ޖެހޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

"އިންޑިއާ އައުޓް" ޙަރަކާތާއި ގުޅިގެން ނުކުންނާނެ ނަތީޖާތައް ބެލުމަށް އެދިވަޑައިގެން 241 ކޮމިޓީއަށް އެމަނިކުފާނު ހުށައަޅުއްވާފައިވާ މައްސަލައާއި ގުޅޭގޮތުން ކޮމިޓީގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ރާއްޖެއާއި ޑިޕްލޮމެޓިކް ގުޅުން ޤާއިމު ކުރެވިފައިވާ ޤައުމުތަކާއި އިދިކޮޅަށް އިންތިޒާމުވެގެން ދިވެހިރާއްޖޭގައި ޙަރަކާތްތައް ހިންގަން ފަށައިފިނަމަ އޭގެ ސަބަބުން ރާއްޖެއަށް ލިބިދާނެ ގެއްލުމަކީ ކޮބައިތޯ ދެނެގަންނަން ޖެހޭ ކަމަށެވެ. އެގޮތުން ސިޔާސީ ޕާޓީއަކާއި، ވަކި ޝަހުސިއްޔަތަކާއި ދެކޮޅަށް ހިޔާލު ފާޅުކޮށް ޙަރަކާތްތައް ހިންގުމާއި ވަކި ޤައުމަކާއި ދެކޮޅަށް ޙަރަކާތްތައް ހިންގުމާއި ހުރި ތަފާތުތައް ދެނެގަންނަން ޖެހޭކަން ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ.

Advertisement

ރައީސް ނަޝީދު ވަނީ އެކަން ކޮމިޓީން ވީހާވެސް ރަނގަޅަށް ބެއްލެވުމަށާއި، އެކަމުގައި ކޮމިޓީން ވިސްނާގޮތް ބަލައި، ދިރާސާއެއް ހެދުމަށް އެދިވަޑައިގަންނަވާފައެވެ. އެކަންކަމުން ލިބިދާނެ ގެއްލުން ދެނެގަނެ، އެކަމުގެ ތަސައްވުރެއް އޮތުމަކީ ބޭނުންތެރި ކަމެއްކަންވެސް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މިފަދަ ކަންކަމުގައި ބޭރު ޤައުމުތަކުން އަމަލުކޮށް އުޅޭ ގޮތް ބެއްލެވުމަށްވެސް ރައީސް ނަޝީދު ވަނީ އެދިވަޑައިގަންނަވާފައެވެ.

އަޅުގަނޑަށް ފެންނަ ގޮތުގައި ޤައުމެއްގެ ސިޔާސީ ޕާޓީއަކަށްވެސް ފާޑުކިއިދާނެ، ނުވަތަ ވަކި ޝަހުސިއްޔަތަކަށްވެސް ފާޑުކިއިދާނެ، އެހެންނަމަވެސް ބައިނަލްއަޤުވާމީ ގުޅުން އުފައްދާފައި އޮތް ޤައުމަކަށް އިދިކޮޅު ޙަރަކާތްތަކެއް އިންތިޒާމުވެގެން ދިވެހިރާއްޖޭގައި ހިންގީމާ އެޤައުމު ދެކޭނެ ގޮތާއި، އެޤައުމުން ދިވެހިންނާއި ގުޅޭގޮތުން އަމަލުކޮށްފާނެ ގޮތަކާއި، މި ކަންކަމާއި ގުޅޭގޮތުން މި ކޮމިޓީގައި ނިންމުންތަކެއް އޮތުން، ނުވަތަ ދިރާސާއެއް އޮތުމަކީ ބޭނުންތެރިކަމެއްގެ ގޮތުގައި ފެންނާތީވެ، ތިބޭފުޅުން އަރިހުން އެކަމަށް އަޅުގަނޑު މި އެދުނީ، އަޅުގަނޑު އެދެނީ އެބާވަތުގެ ކަންކަން ބައްލަވާ، ވީހާވެސް ގިނަ މާހިރުންނަކާ ވާހަކަ ދައްކަވާ، ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް މިބާވަތުގެ ޙަރަކާތް ހިންގަމުންދޭތޯ، ނުވަތަ ނުދޭތޯ، މިއީ ކިހިނެއް އަޅުގަނޑުމެން ދެކޭނެ ކަމެއްތޯ، މިކަންކަމާއި ގުޅޭގޮތުން ތިބޭފުޅުން ވިސްނެވުން އަދި ތިބޭފުޅުން ދިރާސާއެއް ހައްދަވައިދެއްވުން
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު

ޚާރިޖީ ގުޅުންތަކަށް ބުރޫއަރާފަދަ އަމަލު ހިންގާނަމަ 6 މަހުގެ ޖަލު ޙުކުމެއް އައިސްދާނެ ފަދަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށްވެސް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ އިން ދަނީ ތައްޔާރުވަމުންނެވެ. "ދިވެހިރާއްޖެއިން ބޭރު ޤައުމުތަކާއެކު ޤާއިމު ކޮށްފައިވާ ޚާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރު ކުރާނެ ފަދަ އަމަލުތައް ހުއްޓުވުމުގެ ބިލު" މި ނަމުގައި ބިލެއް މިހާރު ވަނީ ޑްރާފްޓްވެސް ކޮށްފައެވެ.

ބިލުގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނެނީ ދިވެހިރާއްޖެ އާއި ބޭރު ޤައުމުތަކާއެކު ޤާއިމު ކޮށްފައިވާ ޚާރިޖީ ގުޅުންތަކާއި އެކި ޤައުމުތަކާއި އޮންނަ ގުޅުންތަކަށް ނޭދެވޭ އަސަރު ކުރާނެ ފަދަ އަމަލުތައް ހުއްޓުވައި، އެފަދަ ކަންކަމުގެ ސަބަބުން ރާއްޖެއަށް ލިބިދާނެ ގެއްލުމަކުން މި ޤައުމު ސަލާމަތް ކުރުމެވެ.

އިންޑިއާ އައުޓް ކެމްޕޭނަކީ ވަކި އިމެއް ނެތި ކުރުމަށް ދޫކޮށްލެވެން އޮތް ކަމެއް ނޫން ކަމަށާއި، އެކަން މަޖިލީހުން ބަލާނެކަމަށް އެމްޑީޕީ މެމްބަރުންވެސް ވިދާޅުވެއެވެ.

އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލު ހުކުމުން މިނިވަންވެވަޑައިގަތުމާއެކު "އިންޑިއާ އައުޓް" ހަރަކާތް ގެންދަނީ ދުވަހެއް ދުވަހަކަށް ފުޅާ ކުރައްވަމުންނެވެ. އެގޮތުން އެކި ރަށްރަށަށް ވަޑައިގެން އެ ކެމްޕޭން ހިންގަވަމުން ގެންދާއިރު، އިންޑިއާ އަސްކަރިއްޔާ މިޤައުމުން ބޭރު ކުރުމުގެ ނަމުގައި ފެށި ހަރަކާތް މިހާރު ވަނީ ބަދަލުވާން ފަށާފައެވެ. އެގޮތުން އަމިއްލަ ގޭގޭގައިވެސް އިންޑިއާ އައުޓް ޖެހުމަށް ރައީސް ޔާމީން ގޮވާލައްވާފައިވާއިރު، މިއީ ސިޔާސީ ގޮތުން ވަކި މަގުސަދެއް ހާސިލު ކުރުމަށް ހިންގަމުން ގެންދާ ހަރަކާތެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަ ކުރަމުންނެވެ.

- ކޮމެންޓް